ކޮންގްރެސް ޕާޓީގެ އިސް ލީޑަރުން ކަމުގައިވާ ސޯނިއާ ގާނދީ، މައްލިކަރްޖުން ކަރްގެ އަދި ރާހުލް ގާނދީ: ރާއްޖެއާ އެކު އޮންނަ ގުޅުން އަލުން ރަނގަޅު ކުރަން އެ ޕާޓީ އިން ވަނީ މެނިފެސްޓޯގައި ހިމަނާފައި.

ރާއްޖެ-އިންޑިއާ

ރާއްޖެ-އިންޑިއާ ގުޅުންް އަލުން ރަނގަޅުކުރުން ކޮންގްރެސް ޕާޓީގެ މެނިފެސްޓޯގައި ހިމަނައިފި

އިންޑިއާގެ އާންމު އިންތިހާބު އޮންނާނީ މި މަހުގެ 19 އިން 1 ޖޫންގެ ނިޔަލަށް

އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ މެނިފެސްޓޯގައި، ރާއްޖެ އާއެކު ގުޅުން އަލުން ރަނގަޅު ކުރުމަށް ވައުދުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގެ، ލޮކް ސަބާގެ އިންތިހާބަށް ކޮންގްރެސް ޕާޓީ އިން ހުށަހަޅާފައިވާ މެނިފެސްޓޯގައި، އެ ޕާޓީއަށް ވެރިކަން ލިބިއްޖެ ނަމަ ގެންގުޅޭނެ ހާރިޖީ ސިޔާސަތުތަކުގެ ތެރޭގައި، އިންޑިއާއާ އެންމެ އަވައްޓެރި ގައުމުތަކާ އެކު އޮންނަ ގުޅުންތަކަށް އިތުރު ސަމާލުކަމެއް ދިނުން ހިމަނާފައިވެ އެވެ.

ތަފްސީލު - ބަންގްލަދޭޝްއާ އެކު އިގްތިސޯދީ އަދި ސަގާފީ ގުޅުން އިތުރަށް ބަދަހިކޮށް، ސްރީ ލަންކާ އަށް ދޭ އެހީތެރިކަން އިތުރުކުރުމާ އެކު، ރާއްޖެ އާއި އިންޑިއާއާ ދެމެދު ހީނަރުވެފައިވާ ގުޅުން އަލުން ރަނގަޅުކުރާނެ ކަމަށް އެ މެނިފެސްޓޯގައިވެ އެވެ.

އަދި މިޔަންމާ ރައްޔިތުންގެ އިންސާނީ ހައްގުތައް ހޯދައިދިނުމަށް އެ ގައުމާ އެކު މަސައްކަތްކުރުމާއި ނޭޕާލާއި ބޫޓާނާ އެކު އޮންނަ ހާއްސަ ގުޅުމަށް ދޭ އިސްކަން އާލާކޮށް، އިންޑިއާއަށާއި އެ ދެ ގައުމަށް ފައިދާހުރި ކަންކަމަށް ގުޅުން ބަދަހިކުރުން ވެސް ވަނީ ހިމަނައިފަ އެވެ.

ފަސްމަންޒަރު - ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ބަދަހި ގުޅުމެއް އޮތް ނަމަވެސް ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު އެ ގުޅުމުގައި ވަނީ ކުނިޖެހިފަ އެވެ. 

'އިންޑިއާ އައުޓް'ގެ ނަމުގައި ޕީޕީއެމް-ޕީއެންސީ އިން ހިންގި ކެމްޕެއިނެއްގެ ތެރެއިން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު ވަނީ އިންޑިއާއަށް ރާއްޖެ "ބުލީކުރުމުގެ" ހުއްދައެއް ނެތް ކަމަށް ވިދާޅުވެ، އެ ގައުމުގެ ނަން ނުގެންނަވައި، ހޫނު ރައްދެއް ދެއްވައިފަ އެވެ. 

ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަކީ ރައީސް މުއިއްޒުގެ އިންތިހާބީ ވައުދެކެވެ. އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ ހުރިހާ ސިފައިން ފޮނުވާލާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި އިންޑިއާއަށް ބަރޯސާވާން ޖެހޭ މިންވަރު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެމަނިކުފާނު ވަނީ އިއުލާންކުރައްވައިފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ނިސްބަތްކޮށް ދިވެހި ސަރުކާރުގެ އޮފިޝަލުންތަކެއް ބަދުބަސް ވިދާޅުވުމަކީ ދެ ގައުމުގެ ނުތަނަވަސްކަން މިފަހުން އިތުރުވާން މެދުވެރިވި ސަބަބެކެވެ. އެއާއެކު އިންޑިއާ ފަތުރުވެރިން ރާއްޖެ ނައުމަށް ގޮވާލައި އެ ގައުމުގައި ބޮޑު ކެމްޕޭނެއް ފަށައި، އަހަރު ފެށުނު ފަހުން ރާއްޖެ އައި އިންޑިއާ ފަތުރުވެރިންގެ އަަދަދު ފާއިތުވި އަހަރާ އަޅާބަލާއިރު ވަނީ ދަށަށް ގޮސްފަ އެވެ.

އެނގުން މުހިއްމު - އިންޑިއާގެ އާންމު އިންތިހާބު އޮންނާނީ މި މަހުގެ 19 އިން 1 ޖޫންގެ ނިޔަލަށެވެ. ހަތް ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ އިންތިހާބުގެ ނަތީޖާ 4 ޖޫންގައި އިއުލާނު ކުރާނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް