އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިރު، އެ މިނިސްޓްރީގައި އޭނާ އާ އެކު އެންމެ އަރިސްކޮށް މަސައްކަތް ކުރެއްވި މުހައްމަދު ހައްސާން (ވ) ފަރާތުގައި
އަލީ ވަހީދުގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހުންނަށް އަޅަން ޖެހޭ ފިޔަވަޅު އަޅާނެ: ޕީއެންސީ
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޖިންސީ ގޯނާގެ މައްސަލާގައި ލީކްވެފައިވާ ބަޔާންތަކުގައި މިހާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ޕީއެންސީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުން މިއަދު މިގޮތަށް ބުނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމެޕްއިނާ ގުޅޭ ގޮތުން އެ ޕާޓީ އޮފީހުގައި ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި 'ދައުރު'ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކެމްޕެއިން ތަރުޖަމާނު ހީނާ ވަލީދެވެ.
ތަފްސީލު - އެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ހުޅުވާލުމުގެ ކުރިން ހީނާ ކަންބޮޑުވުން ފާޅުުކުރެއްވީ އަލީ ވަހީދުގެ ޖިންސީ ގޯނާ ކުރިމަތިވި ކަމަށް ބުނާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ތަހުގީގަށް ދީފައިވާ ބަޔާންތައް ލީކުވެ، އެ މައްސަލާގައި އެމްޑީޕީން މިހާތަނަށް ބަހެއް ބުނެފައި ނުވާތީ އެވެ. އަދި އަލީ ވަހީދުގެ ޓިކެޓް އަތުނުލާތީ އެކަމާ ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
-
އިތުރަށް ކިޔާލަން: އަލީ ވަހީދުގެ ޓިކެޓް އަތުނުލާތީ ޕީއެންސީން ކަންބޮޑުވުންފާޅުކޮށްފި
މަގާމުތަކުގައި ތިބި މީހުންނަށް ކުރެވޭ ތުހުމަތަކީ ކޮބާ؟
ލީކްވެފައިވާ ބަޔާންތަކުގައިވާ ގޮތުން، އޭރު ޓޫރިޒަމް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހައްސާން، އަލީ ވަހީދު އެ "ޖަރީމާތައް" ހިންގުމަށް ވަރަށް ބޮޑަށް އެކި ގޮތް ގޮތުން އެހީތެރިވެދީފައިވާ ކަމަށް ތުހުމަތު ކުރެެވެ އެވެ.
އަލީ ވަހީދުގެ ޖިންސީ ގޯނާގެ މައްސަލަ 2020ގައި ފެންމަތިވުމާ އެކު އޭރު ކަނޑާލި ސިޔާސީ މީހުންގެ ތެރޭގައި ހައްސާން ވެސް ހިމެނެ އެވެ. ހައްސާންއާ ގުޅޭ ގޮތުން ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި:
-
އަންހެން މުވައްޒަފަށް މަސްތުވާތަކެތި ދޭން އުޅުން
-
އަލީ ވަހީދުގެ އޯޑަރަށް އެކި ކަންކަން ކުރުން؛ އޭގެ ތެރޭގައި އަންހެން މުވައްޒަފުންނާ ވާހަކަ ދައްކައިގެން އެމީހުން އަލީ ވަހީދުގެ ކޮޓަރިއަށް ފޮނުވުމާއި ރިސޯޓަށް ފޮނުވުން ހިމެނޭ
-
މި ބަޔާންތައް އެ އަންހެނުން ލައްވާ އަނބުރާ ނެގުމަށް ހައްސާން މަސައްކަތް ކުރި ކަމަށް
ހައްސާންއަކީ މިހާރު މި ސަރުކާރުގައި ރައީސް އޮފީހުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅެކެވެ.
އޭގެ އިތުރުން އޭރު އަލީ ވަހީދުގެ ބޮޑީގާޑަކަށް ހުރި އެމްއެންޑީއެފްގެ އަހްމަދު ކިޔާ މީހަކު ވަނީ ކޮވިޑް ތެރޭ މިނިސްޓްރީގެ މުވައްޒަފުން ތިބި މާގިރި ހޮޓެލްގެ ކޮޓަރިއަކަށް ޕެޕާ ސްޕްރޭ ޖަހައިފަ އެވެ. އަދި އޭގެ ކުރިން، މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި ކަމަށް ވެސް ބަޔާންތަކުގައިވެ އެވެ.
ހީނާ ބުނީ ކީކޭ؟
އެ ބަޔާންތަކުގައި ހައްސާން އާއި ބޮޑީގާޑަށް ވެސް ތުހުމަތުތަކެއް ހުރި އިރު، މިއަދާ ހަމައަށް ސަރުކާރުން އެ ދެ ބޭފުޅުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައިވާނެތޯ އެހުމުން ހީނާ ވިދާޅުވީ:
-
"އެކަމުގައި އެއްވެސް ކަހަލަ މައްސަލައެއް އަޅުގަނޑުމެންނަށް ސާބިތު ކުރެވޭ ފަރާތެއްވާ ނަމަ، ސަރުކާރުގެ ސްޓޭންޑަކީ ލިބެން ޖެހޭ އަދަބު ލިބޭނެ"
-
"ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ރައީސުލްޖުމްހޫރިއްޔާ މިފަދަ ކަންކަމުގައި އެއްވެސް ފަރާތަކާ ތަފާތެއް ނުކުރައްވާނެ. އެއްވެސް މީހަކާ ތަފާތު ނުކޮށް އެ މައްސަލާގައި ފިޔަވަޅު އަޅުއްވާނެ،"
އެއާ އެކު ހީނާ ވިދާޅުވީ ދައުވާތައް އަނބުރާ ގެންދެވީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކަމަށެވެ. އަދި ނޫސްވެރިން ކިބައިން އެދިވަޑައިގެންނެވީ އެ މައްސަލަ އަލުން ބައްލަވާނެތޯ އެ އޮފީހާ ސުވާލު ކުރުމަށެވެ.
"އެެހެންވީމަ އަޅުގަނޑުމެން [ޕީއެންސީން] ގޮވާލަން ބޭނުންވޭ ޕީޖީއަށް މި މައްސަލަ ތަހުގީގުކޮށްދެއްވާށޭ. އެއީ ބަޔާންތައް އެހުރީ ލީކްވެފައި. ބަޔާންތަކުގައި އެހުރީ ކަންބޮޑުވާ ވާހަކަތަކެއް،" ޕީޖީއަށް އަމާޒުކޮށް، ހީނާ ވިދާޅުވި އެވެ.
"އެހެންވީމަ ތަފާތު ކުރުމެއް ނެތި، އޭގައި ޝާމިލުވާ ފަރާތްތައް ނުވަތަ އޭގައި އެއްވެސް މައްސަލައެއް އޮތް ފަރާތަކަށް ދައުވާތައް ކުރެވެން ޖެހޭނެ އަދި ހައްގު އަދަބު ލިބެން ޖެހޭނެ."
އެ މައްސަލާގައި އަލީ ވަހީދާ ދެކޮޅަށް ޕީޖީން އުފުލި ދައުވާ އަނބުރާ ގެންދިޔައީ، އެ މައްސަލާގައި ޝާމިލުވާ އަންހެން މުުވައްޒަފުންގެ ބަޔާންތައް އެމީީހުން އަނބުރާ ގެންދިއުމުން ކަމަށް ޕީޖީން އޭރު ބުންޏެވެ.
އެ ބަޔާންތަކުން ތުހުމަތުތަކެއް އަމާޒުވުމުގެ ސަބަބުން އޭގެ ބަދުނާމު ސަރުކާރަށް ވެސް ރައްދުވާކަން ފާހަގަކޮށް، ވަގުތީ ގޮތުން ނަމަވެސް ހައްސާން އާއި ބޯޑީގާޑަށް ފިޔަވަޅު އަޅަން ނުވިސްނަވަންތޯ ތަކުރާރުކޮށް އެހުމުން ހީނާ އެންމެ ފަހުން ވިދާޅުވީ، "ސަރުކާރުން އެކަމާ ވިސްނަަވާފައި، އަޅުއްވަން ޖެހޭ ފިޔަަވަޅެއް އަޅުއްވާނެ" ކަމަށެވެ.
ކޮމެންޓް (1)
އައްސަދު އަލީ