ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ (ފޮޓޯ/ ރައްޔ)

ގިނަ ބަޔަކު ގަބޫލުކުރަނީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލެން ޖެހޭނެ ކަމަށް: ސާވޭ

އެޗުއާރުސީއެމުން ހެދި ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން %73 މީހުން އެގޮތަށް ގަބޫލުކުރާ ކަަމަށް ވަނީ ބުނެފައި
3 އޭޕްރީލު 2024

ވަކި ޕާޓީއެއްގެ ކެންޑިޑޭޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހޮވުމަށް ފަހު ޕާޓީ ބަދަލުކޮށްފި ނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލެން ޖެހޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާކަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ހެދި ސާވޭއަކުން ދައްކައިފި އެވެ.

ވީ ކިހިނެއް؟ - ކުރިއަށް އޮތް މަޖިލިސް އިންތިހާބާ ބެހޭ ގޮތުން މައުލޫމާތު އެއްކޮށް، އިންތިހާބާ ގުޅުން ހުރި ނިޒާމީ މައްސަލަތަކާ މެދު އާންމުންގެ ހިޔާލު ހުރި ގޮތް ދެނެގަތުމަށް އެޗްއާރުސީއެމް އިން ވަނީ މިފަހުން ސާވޭއެއް ހަދާފަ އެވެ.

ތަފްސީލް - ރާއްޖޭގެ އެކި ކަންކޮޅުތަކުން އެކި އުމުރުފުރާގެ ދެ ޖިންސުގެ 1،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި މި ސާވޭގެ ނަތީޖާ އެ ކޮމިޝަނުން އިއްޔެ އާންމުކޮށްފައިވާ އިރު، ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން %73 މީހުން ގަބޫލުކުރަނީ ޕާޓީ ބަދަލުކުރާ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލެން ޖެހޭނެ ކަމަށެވެ.

ގޮނޑި ގެއްލެން ޖެހޭނެ ކަމަށް ގަބޫލުކުރަންތޯ ކުރި ސުވާލަށް ސާވޭގައި ދީފައިވާ އޮޕްޝަންތަކުގެ ނަތީޖާ:

  • ވަރަށް ބޮޑަށް ގަބޫލުކުރަން: %47

  • ގަބޫލުކުރަން: %26

  • މެދުމިން: %11

  • ގަބޫލެއް ނުކުރަން: %13

  • އެއްވެސް ވަރަކަށް ގަބޫލެއް ނުކުރަން: %3

އެޗްއާރުސީއެމްގެ ސާވޭ ރިޕޯޓުގައި ވާ ގޮތުގައި، އިންތިހާބުގެ ކުރިން އެ ކޮމިޝަނުން ކުރަމުން އަންނަ ދަތުރުތަކުގެ ބައްދަލުވުންތަކުގެ ތެރެއިން ވެސް، މަޖިލިސް މެމްބަރެއް ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލެންވާނެ ކަމަށް ގިނަ މީހުން ގަބޫލުކުރާކަން ފާހަގަކުރެވެ އެވެ.

އާންމުން އެގޮތަށް ގަބޫލުކުރާ ސަބަބުތަކުގެ ތެރޭގައި އެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ:

  • މިހާރު ކުރިއަށްދާ 19 ވަނަ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ޕާޓީ ބަދަލުކޮށްފައިވުން

  • ޕާޓީ ބަދަލުކުރި މެމްބަރުންނަށް ސިޔާސީ ފަރާތްތަކާއި ނޫސްވެރިންގެ ފަރާތުން ކޮރަޕްޝަންގެ ތުހުމަތު ކޮށްފައިވުން

އެނގުން މުހިއްމު - މެމްބަރުކަމަށް ހޮވުމަށް ފަހު ޕާޓީ ބަދަލުކުރާ މައްސަލަ ބޮޑުވެ، މެންބަރުކަމުގެ ގޮނޑި ގެއްލުން އިހްތިޔާރީކަމެއްގެ ގޮތުގައި ހަދައި މިދިޔަ އާދިއްތަދުވަހު މަޖިލީހުން ވަނީ އެންޓި ޑިފެކްޝަން ބިލު ފާސްކޮށްފަ އެވެ.

އެގޮތުން މެމްބަރުކަމުން އިސްތިއުފާ ދޭން ޖެހޭނެ ހާލަތްތައް ކަމަށް ބަޔާންކޮށް، އެ ބިލުގައި މައިގަނޑު ތިން ހާލަތެއް ހިމަނާފައިވެ އެވެ. އެއީ:

  • 1-

    ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރު ކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި އެކަން އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުވުން

  • 2-

    އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވުން

  • 3-

    އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުން

ބިލުގައިވާ ގޮތުން އެ ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މެންބަރަކު "މެންބަރުކަމުން އިސްތިއުފާ ދޭންވާނެ" އެވެ. އިހްތިޔާރީ ކަމެއްގެ ގޮތުގައި އެ އިިބާރާތް ލިޔެފައިވާއިރު، އިސްތިއުފާ ނުދީފި ނަމަ، އަމަލު ކުރާނެ ގޮތެއް ބަޔާންކޮށްފައެެއް ނުވެ އެވެ.

ފާހަގަކޮށްލެވޭ - ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލެން ޖެހޭ ކަމަށް ގަބޫލުކުރުމުގެ އިތުރުން ވެސް އެޗްއާރުސީއެމްގެ ސާވޭގައި އިންތިހާބާ ގުޅޭ އިތުރު ކަންކަމުގައި ވެސް އާންމުންގެ ހިޔާލު ހޯދި އެވެ. އެގޮތުން ފާހަގަކޮށްލެވޭ ނަތީޖާތަކުގެ ތެރޭގައި:

  • މިހާރަށް ވުރެ މަޖިލިސް މެމްބަރުންގެ އަދަދު މަދުކުރަން ޖެހޭ ކަމަށް %68 މީހުން ދެކޭ

  • މިހާރުގެ މަޖިލީހުގައި އަންހެނުން މަދުކަމަށް %63 މީހުން ގަބޫލުކުރޭ؛ %9 މީހުން ގަބޫލުކުރާ ގޮތުގައި އަންހެނުން މަޖިލީހުގައި ތިބެގެން ނުވާނެ

  • ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހުންނާ އެއްފަދައިން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމުގެ ފުރުސަތު އޮތްކަމަށް %50 އަށް ވުރެ ގިނަ މީހުން ގަބޫލުކުރޭ

  • މިނިވަންކަމާ އެކު އިލެކްޝަންސް ކޮމިޝަން މަސައްކަތް ކުރާ ކަމަށް %43 ގަބޫލުކުރޭ، ނަމަވެސް %57 މީހުން ގަބޫލެއްނުކުރޭ

  • ވޯޓަށް ނުފޫޒު ފޯރުވަން ފައިސާ އާއި ތަކެތި ބެހިކަން އެނގިފައިވާ ކަމަށް %59 މީހުން ބުނި

  • ވޯޓު ލުމުގެ ހައްގު އޮންނަންވާނީ އެމީހެއްގެ ދާއިމީ އެޑްރެސް އޮންނަ ދާއިރާއަށް ކަމަށް %60 މީހުން ގަބޫލުކުރޭ؛ ދިރިއުޅޭ ދާއިރާއަށް ވޯޓު ލެވެން ޖެހޭނެ ކަމަށް ގަބޫލުކުރަނީ %40

އިތުރު އާޓިކަލް

އިތުރު އާޓިކަލް