ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށް ދަނީ (ފޮޓޯ/ރީޖަނަލް އެއާޕޯޓްސް)
މަޝްރޫއުތައް ބަދަލުކުރުން ހުއްޓާލައި، މަގޫދޫ އެއާޕޯޓުގެ މަސައްކަތް ފަށަން އެމްޑީޕީ އިން ގޮވާލައިފި
ސިޔާސީ ބޭނުމަށް މަޝްރޫއުތައް އެއް ރަށުން އަނެއް ރަށަށް ބަދަލު ކުރުން ހުއްޓާލައި، ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ފަށަން އިދިކޮޅު އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި އެވެ.
ވީ ކިހިނެއް؟ - މަގޫދޫގައި އެމްޑީޕީގެ ސަރުކާރުން އަޅަން ފެށި އެއާޕޯޓްގެ މަސައްކަތް ހުއްޓާލައި، އެ ރަށާ ކައިރީގައި އޮންނަ ނިލަންދޫގައި އެއާޕޯޓް އަޅަން އުޅޭ ކަމަށް ބުނެ މަގޫދޫ ކައުންސިލާއި ރައްޔިތުން ވަނީ އަޑު އުފުލައިފަ އެވެ. އެކަމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.
ތަފްސީލު - މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ބުނެ، އެމްޑީޕީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުރީ ސަރުކާރުން 2022 ވަނަ އަހަރު ފެށި މަގޫދޫ އެއާޕޯޓުގެ %70 ޕަސެންޓު މިދިޔަ އަހަރުގެ ނޮވެމްބަރު 15 އާ ހަމައަށް ނިމިފައިވާ ކަމަށެވެ.
އެހެން ނަމަވެސް މި ސަރުކާރުން ސިޔާސީ ބޭނުމަކަށް، ރައީސް މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކޮށްދެއްވުމުގެ ބޭނުމުގައި އެ މަޝްރޫއު އެއްކޮށް ހުއްޓާލާފައިވާތީ އެކަން ކުށްވެރިކުރާ ކަމަށް އެމްޑީޕީ އިން ބުންޏެވެ.
ރައީސް މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ ވާދަކުރައްވަނީ ނިލަންދޫ ދާއިރާ އަށެވެ.
އެމްޑީޕީ އިން ބުނީ ދައުލަތުގެ ވަސީލަތްތައް އެއްވެސް ރޭވުންތެރިކަމެއްނެތި، ތަރައްގީއަށް ހުރަސްއެޅޭ ގޮތަށް ބަދަލުކުރަމުން ދިޔުމަކީ އެ ޕާޓީ އިން ކަންބޮޑުވާ ކަމެއް ކަމަށެވެ.
"މިކަމުން ދައުލަތުގެ މާލިއްޔަތަށާއި ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ވަރަށް ބޮޑަށް ގެއްލޭނެ ފަދަ ކަމެއްކަން ފާހަގަކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި ބުނީ ނިލަންދޫގައި އެއާޕޯޓުއަޅަން ނިންމައި، އެ މަސައްކަތް ފެށީ އީއައިއޭ ވެސް ނުހަދާ ކަމަށެވެ. އަދި އަވަސް އަރުވާލައިގެން އެ މަޝްރޫއު ފެށީ ރައީސްގެ ކޮއްކޯފުޅަށް އިންތިހާބު ކާމިޔާބުކޮށްދޭން ވެގެން ކަމަށް އެމްޑީޕީ އިން ގަބޫލުކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"އަދި މިއީ ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށް، ފާފުއަތޮޅާއި ރާއްޖޭގެ ތަރައްގީއަށް ކަނޑައެޅިގެން ގެއްލުންވާ ގޮތަށް ދައުލަތުގެ ހަޒާނާއިން އިސްރާފުކުރުންކަން ފާހަގަކޮށް އެކަން ހަރުއަޑުން ކުށްވެރިކުރަމެވެ." އެމްޑީޕީ އިން ބުންޏެވެ.
އެ ޕާޓީ އިން ބުނީ މިފަދަ ކަންކަމަކީ ދިވެހި ދައުލަތް ހިންގުމުގެ ތެރެއިން މިދިޔަ ފަސް އަހަރު ފޮހެލެވިފައިވާ ކަންކަން އަލުން އިއާދަވުންކަން ހިތާމައާ އެކު ފާހަގަ ކުރާ ކަމަށެވެ.
ތަރައްގީގެ މަޝްރޫއުތައް މިގޮތަށް ބަދަލުކުރުމާއި ހުއްޓާލުން ގާނޫނީ ގޮތުން މެދު ނުކެނޑި ކުރިއަށް ގެންދެވޭނެ ގާނޫނީ ހައްލެއް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގައި އެ ޕާޓީ އިން ހޯދައިދޭނެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.