ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)

ރައީސް އޮފީސް

ރައީސް އޮފީހުގެ ތަރުޖަމާނެއް ނެތި ދެ މަސް ދުވަސް

އެންމެ ފަހުން އެ މަގާމުގައި ހުންނެވި ޝަހީބުގެ އަހްލާގީ މައްސަލަތަކެއް ފެންމަތިވުމުން މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހު

ރައީސް އޮފީހުގެ ތަރުޖަމާނެއް ނެތި، މިއަދަށް ދެ މަސް ވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ރައީސް އޮފީހުގެ ފުރަތަމަ ތަރުޖަމާނުގެ މަގާމުގައި ހުންނެވި، މުހައްމަދު ޝަހީބް އެމަގާމުން ވަކިކޮށްފައި ވަނީ މިދިޔަ 31 ޑިސެމްބަރުގަ އެވެ. އޭގެ ފަހުން އަދި މިހާތަނަށް އެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފައެއް ނުވެ އެވެ.

ތަފްސީލު - މިދިޔަ މަހު ކުރީކޮޅު ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލްއާ 'ދައުރު'ން ސުވާލު ކުރުމުން އޭރު އޭނާ ވިދާޅުވީ މާ ލަސްތަކެއް ނުވެ ތަރުޖަމާނެއް އައްޔަން ކުރެވޭނެ ކަމަށެވެ.

ތަރުޖަމާނުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުން ލަސްވުމަކީ ނޫސްވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެވެ. މިދިޔަ ތިން މަސް ދުވަހު ސަރުކާރާ ބެހޭ ބައެއް ކަންކަމުގެ މައުލޫމާތު ހޯދަން ނޫސްވެރިން ގުޅަން ޖެހެނީ ހަލީލަށެވެ. ނަމަވެސް ގިނަ ފަހަރު ހަލީލަށް ގުޅައިގެން ވެސް އެ މައުލޫމާތުތައް ލިބިމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ނޫސްވެރިން ބުނެ އެވެ.

"ބައެއް ފަހަރު ހަލީލު، ރައީސްގެ ދަތުރުފުޅެއްގައި އުޅޭ އިރު އެއްވެސް ގޮތަކަށް ނުގުޅޭނެ. ދެން އެ ދުވަހަކު ޖަވާބެއް ނުލިބި ދާނީ. ނޫނީ ބައެއް ފަހަރު ހޯދާ މައުލޫމާތު ވެސް ފަހުން ދެއްވާނެ ކަމަށް ވިދާޅުވެ، ދެ ހަފްތާ ތިން ހަފްތާ ވާއިރު ވެސް ނުލިބޭ ފަހަރު ވެސް އާދޭ،" ރައީސް އޮފީހުގައި އޮންނަ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އާންމުކޮށް ބައިވެރިވާ ނޫސްވެރިޔަކު ބުންޏެވެ.

"ފޯނު ނަގާނެ ބަރާބަރަށް. އެކަމަކު ކަމަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން ބުނާނެ އަޅުގަނޑު ތިކަން ބަލައިލާނަމޭ. ދެން އޭގެ ޖަވާބެއް ނުލިބޭ،" އެހެން ނޫސްވެރިއެއްގެ ކަންބޮޑުވުން ހިއްސާ ކުރަމުން ބުންޏެވެ.

ރައީސް އޮފީހުގެ ތަރުޖަމާނަށް ހާއްސަކޮށްފައިވާ އެކްސްގެ އެކައުޓުން އެންމެ ފަހުން މިދިޔަ ޑިސެމްބަރު މަހު 22ގައި ކުރި ޕޯސްޓް

ފާހަގަކޮށްލެވޭ ކަމެއް - މި ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅުން ފެށިގެން ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތަކާ ގުޅޭ ގޮތުން މީގެ ކުރިން ރައީސް އޮފީހުން ހަފްތާއަކު އެއް ފަހަރު ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވެ އެވެ. ނަމަވެސް މިހާރު އެފަދަ ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވާތާ ދެ މަސް ދުވަސް ވެއްޖެ އެވެ.

އޭގެ އިތުރުން، ރައީސް މުއިއްޒު ވެސް ރައީސް އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވާތާ މިހާރު ގާތްގަނޑަކަށް ތިން މަސް ދުވަސް ވެއްޖެ އެވެ. އެންމެ ފަހުން އެމަނިކުފާނު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރެއްވީ 5 ޑިސެމްބަރުގަ އެވެ.

މި ސަރުކާރުގެ ފުރަތަމަ ތަރުޖަމާނު، ޝަހީބު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން (ފައިލް ފޮޓޯ/ ރައީސް އޮފީސް)

ފަސް މަންޒަރު - ރައީސް އޮފީހަށް ފުރަތަމަ ތަރުޖަމާނެއްގެ ގޮތުގައި ޝަހީބް އައްޔަންކޮށްފައި ވަނީ ވެސް ވެރިކަމަށް މަހެއް ވާން އުޅެނިކޮށް، 13 ޑިސެމްބަރުގަ އެވެ. މަގާމަށް އައްޔަން ކުރިތާ މަހެއް ނުވެ، އެ މަހު 31ގައި ޝަހީބު ތަރުޖަމާނުކަމުން ވަކިކޮށް، ބަދަލުކޮށްފައި ވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް