އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް 18 ޖުލައި 2023 ގައި ގަލޮޅު ދަނޑުގައި ނޫސްވެރިންނާ ވާހަކަދައްކަވަނީ (ދައުރު ފައިލް ފޮޓޯ/ހުސެއިން ސުނޭން)

ސިވިލް ކޯޓު

އެއް ލައްކަ ޑޮލަރުގެ ދަރަންޏެއް ދެއްކުމަށް އެފްއޭއެމްގެ މައްޗަށް ހުކުމެއްކޮށްފި

އެ ފައިސާ އެއް އަހަރު ތެރޭ ބަހާލައިގެން ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވޭ

އެއް ލައްކަ ޑޮލަރުގެ ބޮޑު ދަރަންޏެއް ދެއްކުމަށް، މާލީ މައްސަލަތަކެއްގެ ތެރޭ ފިތިފައި އޮތް ރާއްޖޭގެ ފުޓްބޯޅަ އިދާރާ (އެފްއޭއެމް)ގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމެއް ކޮށްފި އެވެ.

ވީ ކިހިނެއް؟ - ބީހައިވް ހޮޓެލްސް ކުންފުނީގެ ފަރާތުން އެފްއޭއެމްއާ ދެކޮޅަށް  މިދިޔަ އަހަރު ޖުލައި މަހު ދައުވާ ކުރީ، އެ ކުންފުންނަށް އެ އިދާރާއިން ދޭން ޖެހޭ 102،186 ޑޮލަރު (1.6 މިލިއަން ރުފިޔާ) ހޯދުމަށް އެދި އެވެ. އެގޮތުން:

  • އެ ކުންފުނިން  އެފްއޭއެމްއަށް ދީފައިވާ ހިދުމަތްތައް ދައްކަން ޖެހޭ ފައިސާ، އެއްބަސްވުމާ އެއްގޮތަށް އެ އިދާރާއިން ދައްކާފައި ނުވާ ކަމަށް ދައުވާގައި ބުނެފައިވޭ

  • އެހެންވެ، އެ ކުންފުނިން އެދިފައި ވަނީ ގެއްލުމުގެ ބަދަލަށް ފައިސާ ނުދައްކާ ފާއިތުވާ ކޮންމެ ދުވަހަކަށް ޖޫރިމަނާގެ ގޮތުގައި އަރާ %2ގެ ފައިސާގެ މިންވަރުއެކީ އެއްފަހަރާ އެފްއޭއެމްއަށް ދެއްކުމަށް

ތަފްސީލު - މި މައްސަލައިގައި ސިވިލް ކޯޓުގެ ގާޒީ ފައިސަލް އާދަމް މިއަދު ނެރެއްވި ހުކުމްގައި ކަނޑައެޅުއްވީ، ބީހައިވް ހޮޓެލްއަށް އެފްއޭއިމްއިން ދައްކަންޖެހޭ 102،186 ޑޮލަރަކީ އެ އިދާރާއިން އެ ކުންފުންޏަށް ދޭން ޖެހޭ ފައިސާ ކަމަށެވެ. 

އެ ފައިސާ މިއަދުން ފެށިގެން އެއް އަހަރު ތެރޭ، ބަހާލައިގެން ދެއްކުމަށް ކޯޓުން ހުކުމްކޮށްފައިވެ އެވެ. ނަމަވެސް ކުންފުނިން އެދިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ހުކުމްގައި ކަނޑައަޅާފައި ނުވެ އެވެ.

އެފްއޭއެމްއިން އެ މައްސަލައިގައި ދިފާއުގައި ބުނެފައި ވަނީ ބީހައިވްއަށް ދައްކަން ޖެހޭ 102،186 ޑޮލަރަކީ ދައްކަން ޖެހޭ ފައިސާކަން އެ އިދާރާއިން ވެސް ގަބޫލު ކުރާ ކަމަށެވެ. ނަމަވެސް ގެއްލުމުގެ ބަދަލު ދޭން އެފްއޭއިމްއިން އިންކާރުކޮށްފައިވެ އެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ:

  • ބީހައިވްއިން ހޯދުމަށް އެދިފައިވާ ބަދަލަކީ ނިސްބަތުން ދުވާލަކަށް ބޮޑު އަދަދެއް

  • އަދި ގެއްލުމުގެ ގޮތުގައި ދުވާލަކަށް %2އަށް ޖެހޭ މިންވަރުގެ ގެއްލުމެއް ބީހައިވް ބަޔާންކޮށްފައި ނުވޭ

  • އޭގެ އިތުރުން، އެއް ގެއްލުމަކީ އެފްއޭއިމް އިން މީގެ ކުރިން އެއްބަސްވެފައިވާ ގެއްލުމެއްވެސް ނޫން

ފާހަގަކޮށްލެވޭ ކަމެއް - ބީހައިވްއަށް 5 ލައްކަ ރުފިޔާ ދައްކަން ވެސް ސިވިލް ކޯޓުން މިދިޔަ ނޮވެމްބަރު މަހު އެފްއޭއެމްގެ މައްޗަށް ހުކުމްކޮށްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް