ކެންޑިޑެސީ ބާތިލުކުރި ހަސަން ޝިޔާމް އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް ޖަލީލް އަދި ޕާޓީގެ އިސްވެރިންނާ އެކު (ފޮޓޯ/ އެމްޑީޕީ)

އެމްޑީޕީ

ކެންޑިޑެސީ ބާތިލުކުރި ހަސަންގެ ތާއީދު އެމްޑީޕީގެ ޖަލީލަށް

ހަސަން އަމިއްލަގޮތުން ކުރިމަތިލެއްވީ ޕީއެންސީން އޭނާއަށް ފުރުސަތު ނުދިނުމުން؛ ދަރަންޏެއް އޮތުމުން އޭނާގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ބާތިލް ކުރީ މިއަދު

މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން މެދު ހެންވޭރު ދާއިރާއަށް ކުރިމަތިލެއްވި ހަސަން ޝިޔާމް (ވީބީ ހަސަން)ގެ ކެންޑިޑެސީ ބާތިލު ކުރުމުން އެ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް އަލީ ޖަލީލު (އިބޫ ޖަލީލު) އަށް ތާއީދުކުރަން އޭނާ ނިންމައިފި އެވެ.

އެނގުން މުހިއްމު - ހަސަން ޝިޔާމްގެ ކެންޑިޑަސީ މިއަދު ބާތިލުކޮށްފައިވަނީ، އެ މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން، އޭނާއަކީ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާ މީހަކަށް ވުމުން ކެންޑިޑޭޓެއްގެ ޝަރުތު ހަމަނުވާ ކަމަށް ކޯޓުން ނިންމުމުންނެވެ.

ވީ ކިހިނެއް؟ - ކެންޑިޑެސީ ބާތިލު ކުރުމުން އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރައްވާކަން ހަސަން ޝިޔާމް އިއުލާނު ކުރެއްވީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިއަދު ފުލުހަށް ހާޒިރުކުރުމުން، އެ ސަރަހައްދަށް އެއްވެ ތިބި އެމްޑީޕީގެ އިސްވެރިންނާ ބައްދަލު ކުރައްވަ އެވެ.

އެ ސަރަހައްދުގައި ޝިޔާމް ވަނީ ޖަލީލުއާ ބައްދަލުކުރައްވައި، އޭނާއާ އެކު ފޮޓޯއާއި ވީޑިއޯ ވެސް ނަންގަވައިފަ އެވެ. ޖަލީލުގެ ކެންޑިޑޭޓު ނަންބަރު ހަތަރެއް ދައްކަވައި ތާއީދު ހާމަކުރައްވާފައިވާ ވީޑިއޯތަކުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި މާލެ ސިޓީގެ މޭޔަރު އަލީ އާޒިމްގެ އިތުރުން އެމްޑީޕީގެ ގިނަ މެމްބަރުން ވެސް ބައިވެރިވާތަން ފެނެ އެވެ.

އެނގުން މުހިއްމު - ހަސަން ޝިޔާމްގެ ކެންޑިޑަސީގެ ސައްހަކަމާ މެދު ސުވާލު އުފައްދައި ކެންޑިޑަސީ ބާތިލުކޮށްދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ، މިހާރުގެ މެމްބަރު އަލީ އާޒިމްގެ ކޮއްކޮ އިލްޔާސް އަހުމަދު އެވެ. އެ މައްސަލަ ޝިޔާމްއާ ދެކޮޅަށް ސުޕްރީމް ކޯޓުން ނިންމީ އޭނާގެ ސާބިތު ދަރަންޏެއް އޮތުމުންނެވެ.

"ހަސަން ޝިޔާމްއަކީ ސާބިތު ދަރަންޏެއް އޮވެ، ދަރަނި ދައްކަމުން ނުދާ މީހެއްކަން ސާބިތުވާތީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ފުރިހަމަނުވާ މީހެއް ކަމަށް ކަނޑައަޅަން ފެނެ އެވެ،" ސުޕްރީމް ކޯޓުން އިއްވި ހުކުމުގައިވެ އެވެ. 

ފާހަގަކޮށްލެވޭ - މަޖިލިސް އިންތިހާބުގައި ޝިޔާމް ފުރަތަމަ ކެމްޕޭން ކޮށްފައި ވަނީ ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ވާދަކުރުމަށެވެ. ނަމަވެސް، އޭނާ ހިމެނުނީ ޕާޓީގެ ތެރޭގައި "ފިތުނަ އުފައްދާ" ކަމަށް ބުނެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ނުދިން ކެންޑިޑޭޓުންގެ ތެރޭގަ އެވެ.

އެކަމުގެ ސަބަބުން އޭނާއަށް ތާއީދު ކުރައްވާ ބައެއް މީހުން ޕީއެންސީގެ މެމްބަރުކަމުން ވަކިވެފައި ވެސް ވެ އެވެ. އެއަށް ފަހު އޭނާ މަޖިލިސް އިންތިހާބަށް ކުރިމަތިލެއްވީ އަމިއްލަގޮތުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް