މެދު ހެންވޭރު ދާއިރާއަށް ވާދަކުރައްވާ ހަސަން ޝިޔާމް (ފޮޓޯ/ސޯޝަލް މީޑިއާ)

ހަސަން ޝިޔާމްގެ ކެންޑިޑަސީ ބާތިލުކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

ދަރަންޏެއް ސާބިތުވެ ދައްކަމުން ނުދާ މީހަކަށް މެމްބަރު ކަމަށް ކުރިމަތިނުލެވޭނެ ކަމަށް ގާނޫނު އަސާސީގައި ހިމަނާފައިވަނީ ވަރަށް މާތް މަގުސަދެއްގައި ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވޭ

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު މެދު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ހަސަން ޝިޔާމްގެ ކެންޑިޑަސީ ބާތިލުކުރަން ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފި އެެވެ. 

ވީ ކިހިނެއް؟ - ހަސަން ޝިޔާމްގެ ކެންޑިޑަސީގެ ސައްހަކަމާ މެދު ސުވާލު އުފައްދައި ކެންޑިޑަސީ ބާތިލުކޮށްދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ، މިހާރުގެ މެމްބަރު އަލީ އާޒިމްގެ ކޮއްކޮ އިލްޔާސް އަހުމަދު އެވެ.

ހަސަން ޝިޔާމް އާއި އީސީއާ ދެކޮޅަށް އިލްޔާސް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ޝިޔާމްގެ ކެންޑިޑަސީ އީސީން ބަލައިގެންފައިވަނީ، ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާ މީހަކަށް ވުމުން ކެންޑިޑޭޓެއްގެ ޝަރުތު ހަމަނުވާއިރު ކަމަށެވެ.

މި މައްސަލާގައި ހުކުމް ކުރަން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، ހަސަން ޝިޔާމްގެ ކެންޑިޑަސީ ބާތިލުކޮށްފައިވަނީ، އެ މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

"ހަސަން ޝިޔާމްއަކީ ސާބިތު ދަރަންޏެއް އޮވެ، ދަރަނި ދައްކަމުން ނުދާ މީހެއްކަން ސާބިތުވާތީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ފުރިހަމަނުވާ މީހެއް ކަމަށް ކަނޑައަޅަން ފެނެ އެވެ،" ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު އިބްރާހީމް އިއްވި ހުކުމުގައިވެ އެވެ. 

ބުނީ ކީކޭ؟ - ފަނޑިޔާރު މުހައްމަދު އިބްރާހިމްގެ ރައުޔުގައި ވިދާޅުވީ:

  • ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ދަރަނި ނުދައްކާ އޮތް މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މަގާމަށް ކުރިމަތިނުލެވޭނެކަން ގާނޫނު އަސާސީން އެނގޭ ކަމަށް

  • ހަސަން ޝިޔާމަކީ ދަރަނި ދައްކަންޖެހޭ މީހެއްގެ ގޮތުގައި ނުބެެލުމަށް ހައި ކޯޓުގެ ގަޒިއްޔާގައި ފާހަގަކޮށްފައިވިޔަސް، ހަމަ އެ ގަޒިއްޔާއިން އޭނާއަކީ ސާބިތު ދަރަންޏެއް ސާބިތުވެ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާ މީހެއްކަން ސާފުވޭ

  • އަދި އެ ދަރަންޏަކީ އޭނާގެ މައްޗަށް މައާފުކޮށްދީފައިވާ ދަރަންޏެއްކަން ވެސް އެނގެން ނެތް

  • އެހެންކަމުން ހައިކޯޓުގެ ގަޒިއްޔާގައި ދަރަނި ދައްކަންޖެހޭ މީހެއްކަމަށް ނުބެލުމަށް ބުނާ ބުނުމަށް އެކަނި ބަލައިގެން ހަސަން ޝިޔާމްގެ ކެންޑިޑަސީ ބަލައިގަންނަން އިލެކްޝަންސް ކޮމިޝަނަށް ނިންމިދާނެ ކަމަކަށް ނުދެކެން

  • މިކަންކަން މިހެން ހުރުމުން ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމުގެ ޝަރުތު ހަސަން ޝިޔާމްގެ ކިބާގައި ފުރިހަމަވާކަމަށް ބަލެން ނެތް

މި ރައުޔުއަށް ދެން މި މައްސަލާގައި ފަންޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އާއި ހުސްނުއްސުއޫދު ވެސް ތާއީދުކުރެއްވި އެވެ. 

މެމްބަރުންގެ ޝަރުތުގެ ގޮތުގައި ސާބިތު ދަރަނީގެ ވާހަކަ އޮތީ މާތް މަގުސަދެއްގައި

އިލިޔާސްގެ ފަރާތުން އީސީއާ ދެކޮޅަށް މި މައްސަލަ ހުށަހެޅީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ)އަށް ރިއާޔަތްކޮށެވެ. އެ މާއްދާގައި ވާ ގޮތުން:

  • އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވާ ނަމަ އެ މީހަކަށް މަޖިލީހުގެ އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެ

މި މައްސަލައިގައި ޖަވާބުދާރީވަމުން އީސީގެ ފަރާތުން ވަކީލު މަހްފޫޒު ސައީދު ޝަރީއަތުގެ މަޖިލީހުގައި މީގެ ކުރިން ވިދާޅުވެފައިވަނީ، މެމްބަރުންގެ ޝަރުތުތަކުގެ ތެރޭގައި ސާބިތު ދަރަނި ރައްޔިތުންގެ މަޖިލީހުން ހިމަނާފައި އޮތީ ސިޔާސީ ސަކަރާތެއްގެ ތެރެއިން ރަނގަޅު ނިޔަތެއްގައި ނޫން ކަމަށާއި އެއީ ޖެއްސުމަށް ކޮށްފައި އޮތް ކަމެއް ކަމަށެވެ.

އެކަމަށް މިއަދު ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ރައްދުދީފައިވެ އެވެ. އެގޮތުން ފަނޑިޔާރު މުހައްމަދު އިބްރާހިމްގެ ރައުޔުއަށް ތާއީދުކުރައްވައި، ސުއޫދު އިއްވެވި ރައުޔުގައި ވިދާޅުވީ، ގާނޫނު އަސާސީގައި މެމްބަރުންގެ ޝަރުތުގެ ގޮތުގައި ސާބިތު ދަރަނީގެ ވާހަކަ ހިމަނާފައި އޮތީ ވަރަށް މާތް މަގުސަދެއް ހާސިލުކުރުމަށް ކަމަށެވެ. އަދި އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައި މެމްބަރުންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނާފައި އޮންނަ ޝަރުތެއް ކަމަށެވެ.

ސުއޫދު ވިދާޅުވީ:

  • ގާނޫނު އަސާސީގައި އެ މާއްދާ ހިމަނާފައިވަނީ 'އިންސްލްމަސީ' ގާނޫނެއް ރާއްޖޭގައި ނެތުމުން؛ އަދި ވެސް އެފަދަ ގާނޫނެއް ރާއްޖޭގައި ނެތް

  • އެހެންކަމުން މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކެންޑިޑަސީ ބާތިލުވޭތޯ ބެލުމަށް ހަދަންޖެހެނީ ނުހަނު ސާދާ ޓެސްޓެއް

  • އެއީ އެ މީހަކީ ފައިސާ ދެއްކުމަށް ހުކުމް ކޮށްފައިވާ މީހެއްތޯ އަދި އެ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާނަމަ އެ މީހަކު އެހުރީ ޑިސްކޮލިފައި ވެފައި

  • ހަސަން ޝިޔާމްގެ މައްޗަށް އަށް މަސް ދުވަސްތެރޭ ފައިސާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައެއް ނެތް

  • ދަރަނި ދައްކަން އަންގާފައި އޮތީ ހަސަން ޝިޔާމް ހިމެނޭހެން އެހެން ގިނަ ބައެއްގެ މައްޗަށް ކަމަށްވިޔަސް، އެދަރަނި ދެއްކުމުން ހަސަން ޝިޔާމް އިސްތިސްނާވާނެ ހާލަތެއް ނެތް

"ދެން ފަހެ ބަޔާންވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން ހަސަން ޝިޔާމަކީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ)ގެ 1ވަނަ ނަންބަރާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގާނޫނުގެ އަށް ވަނަ މާއްދާގެ (ނ)ގެ 1ގައި ބުނާ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ މީހެއްގެ ގައިގާ ފުރިހަމާވާންޖެހޭ ޝަރުތު ފުރިހަމަވާ މީހެއް ނޫން ކަމުގައި، އަދި ރައްޔިތުންގެ މަޖިލީހުގެ 2024ގެ އިންތިހާބުގައި އޭނާ ވާދަކުރުމުގެ ހުއްދަދީ އޭނާގެ ކެންޑިޑަސީ ބަލައިގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާތިލުކަމަށް މި މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާފީމެވެ." ސުޕްރީމް ކޯޓުގެ ހުކުމުގައި ވެއެވެ.

ހަސަން ޝިޔާމްގެ މައްޗަށް އޮތް ދަރަނީގެ ތަފްސީލް

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ފަރާތުން ކްރިސްޓަލް ލެގޫން ރިޒޯޓްސްއަށް 16 ފެބްރުއަރީ 2006ގައި 10 މިލިއަން ޑޮލަރުގެ ލޯނެއް ދޫކުރި އެވެ. އަދި 18 ޖޫން 2008ގައި 64 މިިލިއަން ޑޮލަރުގެ ލޯނެއް ވެސް ދޫކުރި އެވެ. އެ ދެ ލޯން ދެއްކުމުގެ ޔަގީންކަން ބޭންކަށް ދީފައިވަނީ، ހަސަން ޝިޔާމް ހިމެނޭހެން 11 މީހެކެވެ.

ނަމަވެސް އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ އެސްބީއައިއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން އެ 11 މީހުންގެ މައްޗަށް ހުކުމް ކޮށްފައިވަނީ:

  • 23 މިލިއަން ރުފިޔާ އާއި އެ ފައިސާ އަދާކުރާ ދުވަހާ ހަމައަށް އަރާ އިންޓްރެސްޓާއި ޖޫރިމަނާ ފައިސާ 29 އޮގަސްޓް 2015އިން ފެށިގެން އަށް މަސް ތެރޭ ދެއްކުމަށް

  •  މި ފައިސާ ނުދެއްކޭ ނަމަ ދެ ލޯނަށް ރަހުނުކޮށްފައިވާ، 'އެރިޔަދޫ އައިލެންޑް ރިޒޯޓް' އާއި 'މާފުށި ޕިކްނިކް އައިލެންޑް' ވިއްކާލުމުގެ ހުއްދަ އެސްބީއައިއަށް ލިބިގެންވާ ކަމަށް

  • އެ ހުކުމަށް ފަހު ވެސް ފައިސާ ދައްކަމުން ނުދާތީ އެސްބީއައިއިން އަލުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށް، ރަހުނު ވިއްކާލުމަށް ފަހު، ކޯޓުން ގެރެންޓަރުން ދައްކަން ޖެހޭ ފައިސާ ކަނޑައެޅުމާ ހަމައަށް ތަންފީޒުކުރަން ޖެހޭ ސާބިތު ދަރަންޏެއް ނެތް ކަމަށް އަމުރުކޮށްދިނުމަށް ހަސަން ޝިޔާމްގެ ފަރާތުން ހުށަހެޅި

  • ނަމަވެސް އެ އަމުރު ސިވިލް ކޯޓުން ނެރެނުދިނުމުން ހައްގަށް އުނިކަން އަންނަކަމަށް ބުނެ ހައި ކޯޓަށް އޭނާ މައްސަލަ ހުށަހެޅި

  • އެ މައްސަލާގައި މިދިޔަ މަހުގެ 13ގައި ހައި ކޯޓުން ވެސް ވަނީ ސިވިލް ކޯޓުގެ އަމުރަށް ތާއީދުކޮށްފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް