އީސީގެ ވަކީލު މަހްފޫޒް ސައީދު ސުޕްރީމް ކޯޓުގެ މިއަދުގެ ޝަރީއަތުގައި ވާހަކަދައްކަވަނީ

ކެންޑިޑޭޓުންގެ ޝަރުތުތަކުގެ ތެރޭގައި ސާބިތު ދަރަނި ހިމަނާފައި އޮތީ ސިޔާސީ ސަކަރާތެއްގެ ތެރެއިން ޖެއްސުމަށް: އީސީގެ ވަކީލު

މަހްފޫޒް ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަކީ ވިޔަފާރިވެރިން ކަމުން މީހަކަށް ދައްކަން ޖެހޭ ދަރަންޏެއް އޮވެދާނެ ކަމަށާއި، އެއީ ދައްކަން ޖެހޭ ވާހަކަައެއް ވެސް ނޫން ކަމަށް

އިންތިހާބުތަކަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ޝަރުތުތަކުގެ ތެރޭގައި ސާބިތު ދަރަނީގެ ވާހަކަ ރައްޔިތުންގެ މަޖިލީހުން ހިމަނާފައި އޮތީ ސިޔާސީ ސަކަރާތެއްގެ ތެރެއިން ރަނގަޅު ނިޔަތެއްގައި ނޫން ކަމަށާއި އެއީ ޖެއްސުމަށް ކޮށްފައި އޮތް ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ވަކީލު، މަހްފޫޒް ސައީދު މިއަދު ސުޕްރީމް ކޯޓުގައި ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މަހްފޫޒް މިހެން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު މެދު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ހަސަން ޝިޔާމްގެ ކެންޑިޑަސީގެ ސައްހަކަމާ މެދު ސުވާލު އުފައްދާ، މިހާރުގެ މެމްބަރު އަލީ އާޒިމްގެ ކޮއްކޮ އިލްޔާސް އަހުމަދު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގަ އެވެ.

ހަސަން ޝިޔާމް އާއި އީސީއާ ދެކޮޅަށް އިލްޔާސް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ޝިޔާމްގެ ކެންޑިޑަސީ އީސީން ބަލައިގެންފައިވަނީ، ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާ މީހަކަށް ވުމުން ކެންޑިޑޭޓެއްގެ ޝަރުތު ހަމަނުވާ ކަމަށް ބެލުމެއް ނެތި ކަމަށެވެ.

ބުނީ ކީކޭ؟ - އެ މައްސަަލައިގެ އަޑުއެހުންތައް ފަށަން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އީސީގެ ފަރާތުން ދައުވާއަށް ޖަވާބުދާރީވަމުން އެ ކޮމިޝަންގެ ވަކީލު މަހްފޫޒް ސައީދު ވިދާޅުވީ ހަސަން ޝިޔާމްގެ ފަރާތުން ކެންޑިޑަސީ ފޯމު ހުށަހެޅިއިރު އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮތުމުން އެއީ އޭނާ މިވަގުތު ދައްކަން ޖެހޭ ދަރަންޏެއް ނޫންކަން ސާބިތުކޮށްދޭން، އެ މައްސަލާގައި ހައި ކޯޓުން އިއްވި ހުކުމް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

ހަސަން ޝިޔާމްގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ނަމަވެސް އޭނާއަކީ މިވަގުތު އެ ދަރަނި ދައްކަން ޖެހިފައި އޮތް މީހެއް ކަމަށް ބަލައިގެންނުވާނެ ކަމަށް އެ ހުކުމުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް މަހްފޫޒް ވިދާޅުވި އެވެ. އީސީން ކެންޑިޑަސީ ބަލައިގަތީ އެކަމަށް ރިއާޔަތްކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ މެދު ހެންވޭރު ދާއިރާއަށް ވާދަކުރައްވާ ހަސަން ޝިޔާމް (ފޮޓޯ/ސޯޝަލް މީޑިއާ)

އިލިޔާސްގެ ފަރާތުން އީސީއާ ދެކޮޅަށް މި މައްސަލަ ހުށަހެޅީ ގާނޫނުއަސާސީގެ 73ވަނަ މާއްދާގެ (ނ)އަށް ރިއާޔަތްކޮށެވެ. އެ މާއްދާގައި ވާ ގޮތުން:

  • އަދާކުރާން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވާ ނަމަ އެ މީހަކަށް މަޖިލީހުގެ އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެ

މި މާއްދާ ގާނޫނުއަސާސީގައި ހިމަނާފައި އޮތުމުގެ ބޭނުމާ ގުޅޭ ގޮތުން މިއަދުގެ އަޑުއެހުމުގައި އެ މައްސަލައިގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ހުސްނުއްސުއޫދު ސުވާލުކުރެއްވި އެވެ. ޖަވާބުގައި މަހްފޫޒް ތަފްސީލުކޮށްދެއްވީ ގާނޫނުގައި އެ މާއްދާ ލިޔަން މެދުވެރިވި ސަބަބެވެ.

އެގޮތުން އޭނާ ވިދާޅުވީ:

  • ސިޔާސީ އެކިއެކި ވާހަކަތައް ލިޔާ 'އައްޑުއަސް' މަޖައްލާއިން 2004ގައި ސާބިތު ދަރަނި އޮތް މެމްބަރުންގެ ލިސްޓެއް އާއްމުކުރި

  • އެ ލިސްޓާ ގުޅިގެން އެ ލިސްޓުގައި ނަން އޮތް މެމްބަރުންގެ މެމްބަރުކަމާ މެދު ސުވާލު އުފައްދާ ބޮޑު ބަހުސްއެއް މަޖިލީހުގައި ފެށި

  • ފުރަތަމަ އެއްބަސްވެވުނީ ސާބިތު ދަރަންޏެއް އޮތް މީހަކަށް މެމްބަރުކަމަށް ކުރިމަތިނުލެވޭ ގޮތް ހެދުމަށް؛ އެގޮތަށް ގާނޫނުއަސާސީގައި ލިއުނު

  • ދެން އެކަން ފަހުން އަނެއްކާވެސް އިސްލާހުކުރީ ސާބިތު ދަރަންޏެއް އޮތަސް، މެމްބަރުކަމުގެ ޝަރުތު އުނިވާނީ ދަރަންޏަށް ފައިސާ ނުދައްކާ ކަމަށްވާ ނަމަ ކަމަށް

މަހްފޫޒު ވިދާޅުވީ ސާބިތު ދަރަނީގެ ވާހަކައަކީ، ކޮންމެހެން ދައްކަން ޖެހޭނެ ވާހަކައެއް ވެސް ނޫން ކަމަށެވެ. އެއީ މަޖިލިހުގެ މެމްބަރުންނަކީ ވިޔަފާރި ކުރާ މީހުންނަށް ވުމުން ދައްކަން ޖެހޭ ފައިސާ އޮތުން އެކަށީގެންވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ސާބިތު ދަރަނީގެ ޝަރުތު އޮތީ، އޭނާ ވިދާޅުވި ގޮތުގައި، ސިޔާސީ މަގުސަދެއް ހާސިލުކުރަން ދައްކަން ފެށި ވާހަކައެއްގެ ގޮތުގަ އެވެ.

"ހަމަ ސީދާ ސިޔާސީ ސަބަބަކަށް ޖެއްސުންކުރުމުގެ ނިޔަތުގައި ފެށުނު ވާހަކައެއް. އެ ވާހަކަ މެމްބަރުންނަށް ދޫނުކުރެވި އޭގައި އަޅައިގަނެ މެމްބަރުން ހަމަ މީގެ ތެރޭގައި ތާށިވީ. އެއީ ގާނޫނުއަސާސީގައި މި ވާހަކަ ހިމެނިފައި އޮތް ގޮތް،" މަހްފޫޒް ވިދާޅުވި އެވެ.

"ހަގީގަތަކީ، އިއްޒަތްތެރި ފަނޑިޔާރު، މި މާއްދާއިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހާސިލުކުރަން ބޭނުންވި މާތް މަގުސަދެއް ނެތް. އެވާހަކަ އައިސް މިއޮތީ ހަމަ ސިޔާސީ ސަކަރާތެއްގެ ތެރެއިން." 

މި މައްސަލާގައި މިއަދު އީސީން އެދުނީ ހަސަން ޝިޔާމްގެ ކެންޑިޑަސީ ބަލައިގަތީ ރަނގަޅަށް ކަމަށް ނިންމައިދިނުމާ އެކު، ސުޕްރީމް ކޯޓުން އެ މައްސަލާގައި ވަކި ގޮތެއް ނިންމާއިރު، ސާބިތު ދަރަންޏަކަށް ކޯޓުގެ ހުކުމަކުން ފައިސާ ލެއްވުމާއި، އެ ފައިސާއަށް ޒިންމާވުމާ މެދު އޮތް ފަރަގު އަދި، އެމީހެއްގެ މަދަނީ ހައްގުތަކަށް ކުރާނެ އަސަރުތަަކަކީ ކޮބައިކަން ތަފްސީލުކޮށްދިނުމާ އެކު އުސޫލުތަކެއް ކަނޑައަޅައިދިނުމަށެވެ.

މިގޮތަށް އީސީން އެދުނީ ޝިޔާމްގެ މައްޗަށް ސާބިތުވެފައިވާ ދަރަނީގެ ޒިންމާ އިތުރު ނުވަ މީހަކު ވެސް އުފުލަން ޖެހިފައިވުމެވެ. އެއިން ކޮންމެ މީހަކު ވަކިވަކިން ދައްކަން ޖެހޭ ވަކިވަރެއް ކޯޓު ހުކުމުން ބަޔާންކޮށްދީފައި ނުވާއިރު، އެއީ ހަސަން ޝިޔާމް އެކަނި ޒިންމާވެ ދައްކަން ޖެހޭ ގޮތަށް އޮތް ދަރަންޏެއް ނޫންކަން ވެސް މަހްފޫޒް ފާހަގަކުރެއްވި އެވެ. 

އީސީގެ ވަކީލު މަހްފޫޒް ސައީދު(މ) ސްޕްރީމް ކޯޓުގެ މިއަދުގެ ޝަރީއަތުގައި

ހަސަން ޝިޔާމްގެ މައްޗަށް އޮތް ދަރަނީގެ ތަފްސީލް

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ފަރާތުން ކްރިސްޓަލް ލެގޫން ރިޒޯޓްސްއަށް 16 ފެބްރުއަރީ 2006ގައި 10 މިލިއަން ޑޮލަރުގެ ލޯނެއް ދޫކުރި އެވެ. އަދި 18 ޖޫން 2008ގައި 64 މިިލިއަން ޑޮލަރުގެ ލޯނެއް ވެސް ދޫކުރި އެވެ. އެ ދެ ލޯން ދެއްކުމުގެ ޔަގީންކަން ބޭންކަށް ދީފައިވަނީ، ހަސަން ޝިޔާމް ހިމެނޭހެން 11 މީހެކެވެ.

ނަމަވެސް އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ އެސްބީއައިއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން އެ 11 މީހުންގެ މައްޗަށް ހުކުމް ކޮށްފައިވަނީ:

  • 23 މިލިއަން ރުފިޔާ އާއި އެ ފައިސާ އަދާކުރާ ދުވަހާ ހަމައަށް އަރާ އިންޓްރެސްޓާއި ޖޫރިމަނާ ފައިސާ 29 އޮގަސްޓް 2015އިން ފެށިގެން އަށް މަސް ތެރޭ ދެއްކުމަށް

  •  މި ފައިސާ ނުދެއްކޭ ނަމަ ދެ ލޯނަށް ރަހުނުކޮށްފައިވާ، 'އެރިޔަދޫ އައިލެންޑް ރިޒޯޓް' އާއި 'މާފުށި ޕިކްނިކް އައިލެންޑް' ވިއްކާލުމުގެ ހުއްދަ އެސްބީއައިއަށް ލިބިގެންވާ ކަމަށް

  • އެ ހުކުމަށް ފަހު ވެސް ފައިސާ ދައްކަމުން ނުދާތީ އެސްބީއައިއިން އަލުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށް، ރަހުނު ވިއްކާލުމަށް ފަހު، ކޯޓުން ގެރެންޓަރުން ދައްކަން ޖެހޭ ފައިސާ ކަނޑައެޅުމާ ހަމައަށް ތަންފީޒުކުރަން ޖެހޭ ސާބިތު ދަރަންޏެއް ނެތް ކަމަށް އަމުރުކޮށްދިނުމަށް ހަސަން ޝިޔާމްގެ ފަރާތުން ހުށަހެޅި

  • ނަމަވެސް އެ އަމުރު ސިވިލް ކޯޓުން ނެރެނުދިނުމުން ހައްގަށް އުނިކަން އަންނަކަމަށް ބުނެ ހައި ކޯޓަށް އޭނާ މައްސަލަ ހުށަހެޅި

  • އެ މައްސަލާގައި މިދިޔަ މަހުގެ 13ގައި ހައި ކޯޓުން ވެސް ވަނީ ސިވިލް ކޯޓުގެ އަމުރަށް ތާއީދުކޮށްފައި؛ ނަމަވެސް އޭނާއަކީ އެ ދަރަނި ދައްކަން ޖެހޭ މީހެއް ކަމަށް މިހިދަށް ނުބެލުމަށް ވެސް ހައި ކޯޓުން ކަނޑައަޅާފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް