އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ނޫސްވެރިންނާ ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ މުހައްމަދު އަމާން)

ފުލުހަށް ހާޒިރުކުރީ އިންތިހާބާ ދިމާކޮށް އަބުރުކަތިލާ، ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދަން: ފައްޔާޒް

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، އާރުޑީސީ ހިޔާނާތުގެ މައްސަލައާ އޭނާ ގުޅުވަން މަސައްކަތް ކުރައްވަނީ ރައީސް މުއިއްޒުގެ އެދިވަޑައިގަތުމުގެ މަތިން ހޯމް މިނިސްޓަރު އިހުސާން

އޭނާ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ، ސަރުކާރުން ރާވައިގެން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދިމާކޮށް އިދިކޮޅު ޕާޓީގެ އިސްވެރިންގެ އަބުރު ކަތިލައި، ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދަން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ތުހުމަތު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އަށް ލިބިފައިވާ 14 މިލިއަން ރުފިޔާއަށް މިދިޔަ ސަރުކާރުގައި ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލާގައި ތަހުގީގަށް ސުވާލު ކުރުމަށްޓަކައި ފައްޔާޒް ވަނީ މިއަދު ހެންވޭރު ދަނޑު ކައިރީ ހުންނަ ސާޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުކޮށްފަ އެވެ.

ފުލުހުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށްފަހު އެ އިމާރާތުން ނުކުމެ ވަޑައިގެން ފައްޔާޒް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އޭނާ ފުލުހަށް ހާޒިރު ކޮށްފައިވަނީ ސީދާ ރައީސްގެ އެދިވަޑައިގެންނެވުމުގެ މަތިން، ހޯމް މިނިސްޓަރު އަލީ އިހުސާން ކަމަށެވެ.

ބުނީ ކީކޭ؟ - "ފުލުހުން އަޅުގަނޑާ ސުވާލު ކުރީ 2022 ވަނަ އަހަރު ސެޕްޓެމްބަރު މަހު އަޅުގަނޑާ ގުޅުންހުރި ބައެއްގެ ކުންފުންޏަކުން ނަގާފައި އޮތް ލޯނަކާ ބެހޭގޮތުން. އެއީ160،000ރ.،" ފައްޔާޒް ވިދާޅުވި ގޮތުގައި، އެ ކުންފުންޏަކީ އާރުޑީސީއާ އެކު ވިޔަފާރި ކުރާ ކުންފުންޏެކެވެ.

ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ވިދާޅުވި ގޮތުގައި:

  • ފުލުހުން ބުނުވަން އުޅުނީ، ފައްޔާޒް އަށް ލޯނު ދީފައި އޮތް ކުންފުންޏަކީ އާރުޑީސީއާ އެއްކޮށް ވިޔަފާރީގެ މުއާމަލާތު ކުރާ ކުންފުންޏެއް ކަމަށް އަދި އާރުޑީސީގެ މުއާމަލާތްތަކުގެ ތެރެއިން އެ ކުންފުންޏަށް ފައިސާ ލިބިފައިވާ ކަމަށް

  • ފައްޔާޒް ވިދާޅުވީ، ފުލުހުން ބަލަންޖެހޭނީ އެ ކުންފުނިން އާރުޑީސީއާ އެކު ކުރާ މުއާމަލާތްތަކަކީ ގާނޫނާ އެއްގޮތަށް ކޮށްފައިވާ ކަމެެއްތޯ

"އެއީ އަޅުގަނޑަކާ ފުރަތަމަ ކަމަކާ ބެހޭ ވެސް ކަމެއް ނޫން،" ފައްޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑާ އެ ސުވާލު ކުރަންޖެހޭ ސަބަބެއް އަޅުގަނޑަކަށް ނޭނގެ. ރައީސް އޮފީހުގެ ވެބްސައިޓުގަ އާއި އޮޑިޓަރު ޖެނެރަލް ހުށަހަޅާ ފައިނޭންޝަލް ރިޕޯޓުގައި އެ ކުންފުނިން އަޅުގަނޑު އެ ލޯނު ނަގާފައިކަން ހާމަކޮށް، އެސެޓް ޑެކްލެރޭޝަންގައި ލާފަ އޮތް އެއްޗެއް [އެއީ]."

މި ހާލަތުގައި އެފަދަ މައްސަލައެއްގައި އޭނާ ފުލުހަށް ހާޒިކޮށް ސުވާލު ކުރުމުގެ ބޭނުމަކީ، ފައްޔާޒް ގަބޫލުކުރައްވާ ގޮތުގައި، މަޖިލިސް އިންތިހާބު ކުރިމަތީގައި އޮއްވާ، "ތާކުންތާކު ނުޖެހޭ" ގޮތަކަށް އިދިކޮޅު ޕާޓީތަކުގެ އިސް މީހުން ފުލުހަށް ހާޒިރުކޮށް ބިރުވެރިކަން އުފައްދަން މަސައްކަތް ކުރުމެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި:

  • ވޭތުވެދިޔަ ފަސް އަހަރު ފުލުހުންގެ އިދާރާ އަކީ ޕްރޮފެޝަނަލް ސްޓޭންޑަޑެއްގައި ޒަމާނާ ގުޅޭ ގޮތަށް ކުރިއަށް ގެންދިޔުމަށްޓަކައި ވަރަށް ބުރަ މަސައްކަތެއް އަދި ވަރަށް ގިނަ ހަރަދުތަކެއް ކުރެވުނު 

  • އެހެން ނަމަވެސް މިއަދު މި ފެންނަނީ އެމްޑީޕީން ވެރިކަމާ ދުރުވިތާ ހަތަރު މަސް ވީ އިރުގައި އެކަން ސޮއްސާލައިގެން ގޮސްފައިވާތަން

 "... ރައީސް މުއިއްޒުގެ ރިކުއެސްޓުގެ މަތިން ހެޕީ މާކެޓު އިހުސާން ކުރާ ކަމެއް މިކަމަކީ. އެހެން ނަމަވެސް ވަރަށް ސާފުކޮށް އޮތް ކަމެއް. ހާމަކޮށްފައި އޮތް ކަމެއް ބޮޑު ކަންތައްގަނޑަކަށް ހަދައިގެން ރައްޔިތުންގެ މެދުގައި އަޅުގަނޑުމެންގެ އަބުރު ކަތިލަން ކުރި ކަމެއް،" ފައްޔާޒު ތުހުމަތު ކުރެއްވި އެވެ.

ފާހަގަކޮށްލެވޭ - ފުލުހުންނަށް މައުލޫމާތު ދެއްވުމަށްފަހު ފައްޔާޒް ވަނީ އެކަމާ ގުޅިގެން އެކްސްގައި ޕޯސްޓެއް ވެސް ކުރައްވާފަ އެވެ. އެ ޕޯސްޓުގައި ވެސް އޭނާ ފާހަގަކުރެއްވީ ހަމަ އެއް ވާހަކަ ތަކެކެވެ.

"މި ތަހުގީގު ހިންގުމުގައި ސަރުކާރުގެ ބޭނުމަކީ އަޅުގަނޑަށް އަނިޔާވެރިވާ މަންޒަރު ދައްކައިގެން އެކަމުން ދިވެހި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުން،" ފައްޔާޒް ވިދާޅުވި އެވެ.

"ސިޔާސީ ބޭނުމަށް ފުލުހުންގެ އިދާރާ ބޭނުންކުރުމަކީ ފުލުހުންގެ އާންމު ވާޖިބު އަދާކުރުމަށް ހުރަސް އެޅޭނޭ ކަމެއް. އެފަދަ ނޭއްގާނީ ކަންކަން ހުއްޓާލުމަށް އިލްތިމާސްކުރަން."

އެނގުން މުހިއްމު - ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވުމާ އެކު ވެސް، މިއީ ސިޔާސީ ބޭނުމަށް ކުރާ ކަމެއްކަމަށް ފައްޔާޒް ތުހުމަތު ކުރައްވާފައިވެ އެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވެފައިވަނީ، ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ފަސް މަންޒަރު - ފުލުހުން އާރުޑީސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގުކުރާކަން އާންމުކުރީ، މި މަހު 3 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މިއީ އެ އިދާރާއިން 2022އިން ފެށިގެން ބަލަމުން އަންނަ މައްސަލައެއްކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބަލަމުން އަންނަނީ އާރުޑީސީގެ އެކައުންޓުގައި ހުރި ފައިސާ، އެތަނުގެ ސީނިއާ މަގާމެއްގައި ހުރި މުވައްޒަފައެއްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްގެން، އެ ފައިސާ އެކި މީހުންނަށާއި ކުންފުނިތަކަށް ޖަމާކުރި ކަމަށް ބުނާ މައްސަލައެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް