ފައްޔާޒު އިސްމާއިލް އެމްޑީޕީގެ އޮފީސް ބޭރުގައި (ދައުރު ފައިލް ފޮޓޯ/ހުސައިން ސުނޭން)

ފައްޔާޒު އާރުޑީސީގެ ހިޔާނާތުގެ ތަހުގީގަށް ހާޒިރުކުރަނީ

ކުރީގެ އެކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވި ގޮތުގައި އެނާއަށް ކުރަނީ އެއްވެސް އަސާސެއް ނެތް، ސިޔާސީ ތުހުމަތެއް

އާރުޑީސީގެ 14 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ހާޒިރުވާން ފުލުހުން މިއަދު ޗިޓް ފޮނުވައިފި އެވެ.

ވީ ކިހިނެއް؟ - މި މައްސަލައިގެ ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ފައްޔާޒަށް ޗިޓް ފޮނުވާފައި ވަނީ މާދަމާ މެންދުރު ފަހު 3:00އަށް ހާޒިރުވާށެވެ. އޭނާ އެކްސްގައި ކުރެއްވި ޕޯސްޓަކާ އެކު، އެ ޗިޓު ވެސް ހިމެނުއްވި އެވެ.

ޗިޓުގައިވާ ގޮތުން:

  • މި މައްސަލައިގައި ފައްޔާޒު ހާޒިރު ކުރަނީ އާރުޑީސީގެ ހިޔާނާތުގެ ފައިސާއިން ފައްޔާޒަށް މާލީ މަންފާއެއް ލިބިފައިވާ ކަމަށް ތުހުމަތުކުރެވޭތީ

ބުނީ ކީކޭ؟ - "އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށުނީ. އާރުޑީސީއިން ހިޔާނާތެއް ވެއްޖެކަމަށް ބުނެ ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން،" އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހިންނެވި ފައްޔާޒު އެ ޕޯސްޓުގައި ވިދާޅުވި އެވެ.

"އަޅުގަނޑަށް ތުހުމަތެއް ކުރެވިދާނޭ ފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަން ސާބިތުކަމާ އެެކު ދަންނަވަން. ސިޔާސީ ސަބަބަކަށްޓަކައި ހިންގާ ތަހުގީގަކަށް ވިޔަސް މި ތަހުގީގަށް އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ."

ފައްޔާޒު ގޮވާލެއްވީ ސިޔާސީ ކެމްޕޭނުތަކަށް ގައުމީ މުއައްސަސާތައް ބޭނުން ކުރުން ހުއްޓާލުމަށެވެ.

ފަސް މަންޒަރު - ފުލުހުން މި މައްސަލަ ތަހުގީގުކުރާކަން އާންމުކުރީ، މި މަހު 3 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މިއީ އެ އިދާރާއިން 2022އިން ފެށިގެން ބަލަމުން އަންނަ މައްސަލައެއްކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބަލަމުން އަންނަނީ އާރުޑީސީގެ އެކައުންޓުގައި ހުރި ފައިސާ، އެތަނުގެ ސީނިއާ މަގާމެއްގައި ހުރި މުވައްޒަފައެއްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްގެން، އެ ފައިސާ އެކި މީހުންނަށާއި ކުންފުނިތަކަށް ޖަމާކުރި ކަމަށް ބުނާ މައްސަލައެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް