އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު: އެ ހިޔާނާތުގެ ތުހުމަތު މީގެ ކުރިން އޭނާއަށް ކުރެވިފައިވޭ (ދައުރު ފޮޓޯ/ހުސައިން ސުނައިން)

ބޮޑުން ހިމެނޭ އާރުޑީސީގެ 14 މިލިއަންގެ ހިޔާނާތެއް ބަލަނީ؛ އޭސީސީ ވެސް ގުޅިއްޖެ

ފުލުހުން ބުނެފައި ވަނީ އެ މައްސަލައިގައި ތުުހުމަތު ކުރެވެނީ ތިން މީހެއްގެ މައްޗަށް ކަމަށް؛ އެހެން ނަމަވެސް އެ އަދަދު އަދިވެސް ބޮޑުވެދާނޭ ކަމަށް ފުލުހުން ބުނި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އުފެއްދި ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ވަރަށް ގިނަ ފައިސާއަށް އެ ކުންފުނީގެ މުވައްޒަފުންތަކެއް ހިޔާނާތްތެރިވެ އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިއަދު ބުނެފި އެވެ. 

ވީ ކިހިނެއް؟ - އާރުޑީސީގެ ފައިސާއަށް އެ ކުންފުނީގެ މުވައްޒަފުންތަކެއް ހިޔާނާތްވެފައިވާ ކަމަށް ތުހުމަތުކުރެވި ސެޕްޓެމްބަރު 2022ގައި ބަލަން ފެށި މައްސަލައިގައި އޭސީސީއާ ގުޅިގެން ތަހުގީގު ކުރިއަށް ގެންދަން ނިންމިކަން ހާމަކުރަން ފުލުހުން މިއަދު ވަނީ އެ ކޮމިޝަނާ ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ.

ތަފްސީލް - އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ސުޕްރިޓެންޑެންޓް އަހުމަދު ނާފިޒު ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ތަހުގީގަށް ފާހަގަވެފައި ވަނީ: 

  • އާރުޑީސީގެ ތިން މީހެއްގެ އެކައުންޓަށް އެކި ފަހަރުމަތިން 14 މިލިއަނެއްހާ ރުފިޔާ ޖަމާކޮށްފައިވާ ކަމަށް 

  • އާރުޑީސީގެ ފައިސާ މުވައްޒަފުންނާއި އެހެން ވެސް ބައެއް ފަރާތްތަކުގެ އެކައުންޓްތަކުގައި ދައުރުކޮށްފައި ވަނީ ދައުލަތުގެ ފައިސާ ދައުރުކުރަން ޖެހޭ އެންމެ އަސާސީ ކަންކަން ވެސް ފުރިހަމަނުކޮށް ދައުލަތުގެ ފައިސާ ދައުރުކުރަން ނުޖެހޭ ގޮތްގޮތަށް

  • ފައިސާ ޖަމާވި މުވައްޒަފުންގެ އެކައުންޓަށް ޖަމާވި ފައިސާތައް އެ މީހުންނާ ގުޅުން ހުރި މީހުންނާއި އޭރުގެ ސަރުކާރުގެ ބައެއް މަގާމުތަކުގައި ތިބި ފަރާތްތަކާ ގުޅުން އޮންނަ ކުންފުނިތަކަށް ޖަމާކޮށްފައިވޭ؛ އެއަށް ފަހު ޖަމާކުރި ކުންފުނިތަކުން އެ ސަރުކާރުގެ ސިޔާސީ ބައެއް އިސް ބޭފުޅުންނަށް އެ ފައިސާ ޖަމާކޮށްފައި އެބަހުރި ކަމަށް ވިދާޅުވި

"އެކެއްގެ އެކައުންޓަށް 216 ޓްރާންސެކްޝަން ހަދާފައި. އެއީ 11 މިލިއަން ރުފިޔާގެ ވާހަކަ މިދައްކަނީ. އެހެންވެ، ގިނަ ޓްރާންސެކްޝަންތަކެއްގެ ވާހަކަ މި ދެއްކެނީ. މިއީ ވަރަށް ގިނަ ބަޔަކު ބައިވެރިވާ ކަމެއް މިއީ،" ނާފިޒު ވިދާޅުވި އެވެ. 

އިކޮނޮމިކް ކްރައިމް ޑިޕާޓުމަންޓުގެ ހެޑް ސްޕްރިންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ނޫސްވެރިންގެ ބައްދަލުވުމުގައި

އާރުޑީސީގެ ފައިސާތައް ދައުރުކުރި ގޮތުގެ މިސާލެއް ވެސް ނާފިޒު ދެއްވި އެވެ. އޭނާ ވިދާޅުވީ ކުންފުންޏަކަށް 390،000ރ. އާރުޑީސީން ޖަމާކުރި އެވެ. އެއަށް ފަހު އެކުންފުނިން ވަނީ އެ ފައިސާގެ ތެރެއިން 160،000ރ. ގާތް މީހުންނަށް ފޮނުވާފައި ކަމަށް ނާފިޒު ވިދާޅުވި އެވެ. 

އެ ބައްދަލުވުމުގައި ފުލުހުން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް އަބްދުﷲ ރަޝީދު ވިދާޅުވީ އެ މުއާމަލާތްތަކާ ގުޅިގެން ފާހަގަވެފައި ހުރި ކަންކަމާ ގުޅޭ ހެކި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައިގައި ދައުވާ ކުރެވޭނެ އިރެއް އަދި ނޭނގޭ ކަމަށާއި އެވަރަށް ހެކި ހޯދުމަށް ފުލުހުން ބުރަ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ހިޔާނާތް، ކޮރަޕްޝަން، ލޯންޑަރިން ފާހަގަވެފައިވޭ: އޭސީސީ

ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީސީން ބައިވެރިވި އަލީ އާދަމް ވިދާޅުވީ އާރުޑީސީގެ ފައިސާތަކެއް އެ ކުންފުނީގެ މުވައްޒަފުންތަކެއްގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ އަމިއްލަ ބޭނުންތަކުގައި ބޭނުންކޮށް ހިޔާނާތާއި މަނީލޯންޑަރިން އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބޭނުންކޮށްފައިވާކަން މިހާތަނަށް ތަހުގީގަށް ފާހަގަވެފައިވާ ކަމަށެވެ. 

އޭނާ ފާހަގަކުރެއްވި ގޮތުގައި އެ މައްސަލަ އޭސީސީން ބަލަން ފެށީ ދައުލަތުގެ އިދާރާއަކުން އެކަން އެ ކޮމިޝަންގެ ސަމާލުކަމަށް ގެނައުމުންނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް