ރާޅުގަނޑު ސަރަހައްދުގައި އެމްޑީޕީއިން ބޭއްވި ތަރާވީސް ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. (ފޮޓޯ/އެމްޑީޕީ ކެމްޕޭން ޓީމް)
ސޯލިހު ރައީސްއަށް: ތިޔަ އުޅުއްވަނީ އެހެން ރައީސުން ކޮށްދިން ކަންކަން ފޮރުވަން
މިދިޔަ އެމްޑީޕީގެ ސަރުކާރުގައި އިއުލާންކޮށް، ވެރިކަން ނިމުނު އިރު އަމަލީ މަސައްކަތް ވެސް ފަށާފައި ހުރި ބައެއް މަޝްރޫއުތަކަކީ މި ސަރުކާރުގެ މަޝްރޫއުތައް ކަމަށް ދައްކަން ދޮގު ހަދައި، އޮޅުވާލަމުން ގެންދާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީއިން ރާޅުގަނޑު ސަރަހައްދުގައި ރޭ ބޭއްވި ތަރާވީހު ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ސޯލިހު އިޝާރާތް ކުރެއްވީ އެމްޑީޕީގެ ސަރުކާރުން ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރަން މާލެ ސަރަހައްދުން ބިން ހިއްކި މަޝްރޫއުތަކަށެވެ.
ސޯލިހު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ނުދޭތާ ޒަމާންތަކެއްވީ ފަހުން އެކަމަށް ހައްލެއް ހޯދުމަށް އެމަނިކުފާނުގެ ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.
ބުނީ ކީކޭ؟ - "އެގޮތުން ގުޅިފަޅުން 190 ހެކްޓަރު ހިއްކަން ނިންމީ. ގިރާވަރުފަޅުން 160 ހެކްޓަރަށް ވުރެ ބޮޑު ތަނެއް ހިއްކަން ނިންމީ. ހުޅުމާލޭގެ ތިން ވަނަ ފިޔަވަހީގައި 60 ހެކްޓަރަށް ވުރެ ބޮޑު ބިމެއް ހިއްކަން ނިންމީ. އޭގެ އަމަލީ މަސައްކަތް ފަށައިގެން ބާރަށް ކުރިއަށްދާނެ އަޅުގަނޑުމެން ވެރިކަމުން ފޭބިއިރު،" ސޯލިހު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވެރިކަމުން ފޭބިއިރު ގުޅިފަޅުން ފުރަތަމަ ފިޔަވަހީގައި 40 ހެކްޓަރު ހިއްކައި، ދެ ވަނަ ފިޔަވަހީގައި 60 ހެކްޓަރު ހިއްކާ ނިންމާފައި ވާނީ. މިއަދު އެކަން ވެސް އޮޅުވާލުމަށްޓަކައި މަސައްކަތް ކުރަމުން އެބަގެންދޭ."
ތަފްސީލު - ސޯލިހު ވިދާޅުވީ މިހާރު ގުޅިފަޅުގައި ހިއްކަމުން އެ ގެންދަނީ ރައީސް މުހައްމަދު މުއިއްޒު އަލަށް ހިއްކަން ވިދާޅުވި ބިން ކަމަށް ބުނެ މި ސަރުކާރުން ވާހަކަ ދައްކަމުން ގެންދާތީ، އެކަމާ ބެހޭގޮތުން އެމަނިކުފާނާ ވެސް މީހުން ސުވާލު ކުރަމުން އަންނަ ކަމަށެވެ.
"މިހާރު އެންމެ ބޮޑަށް ދައްކާ އެއް ވާހަކައަކީ އެ ވާހަކަ. މާލޭ ރައްޔިތުންގެ މުއިއްޒު، ގުޅިފަޅު ހިއްކައިދޭ ވާހަކަ. ބުހުތާނު ދޮގު. ދޮގުމައްޗަށް ދޮގު. ކައިރީގައި ތިބި ކުޑަކުދިން ލައްވާ ވެސް ދޮގުހަދަން ފަރިތަކުރަމުން އެ ގެންދަވަނީ،" ސޯލިހު ވިދާޅުވި އެވެ.
"މިހާރު ހިއްކަމުން އެ ގެންދަނީ އަޅުގަނޑުމެންގެ ވެރިކަމުގައި އައިއެންޖީ ނަގާފައިވާ ލޯނެއްގެ ދަށުން ހިއްކަމުންދާ ބިން. ޕްލޭނާ އެއްގޮތަށް، ޝެޑިއުލްއާ އެއްގޮތަށް އެކަން ކުރަމުން އެ ދަނީ. ޖޫން މަސް އަންނައިރު އެތަން އޮންނާނީ މުޅިން ނިމިފައި. މިއާ މި ސަރުކާރަކާ އެއްވެސް ގުޅުމެއް ނެތް."
ކުރީގެ ސަރުކާރުން ފެށި ގުޅިފަޅާއި ގިރާވަރުފަޅުން ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭގޮތުން މި ސަރުކާރުން ނިންމާފައިވަނީ އެ ދެ ތަނުން ވެސް އިތުރަށް ބިން ހިއްކުމަށެވެ.
"އެކަން ކުރިއަށް ގެންދަވަން ވީ. ފައިސާ ހޯދައިގެން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި އިތުރަށް ގުޅިފަޅު ހިއްކަންވީ. އެހެން ނަމަވެސް ދޮގު ހަދައިގެން އޮޅުވާލައިގެން، މިހާރު އެ ކުރަމުންގެންދާ މަސައްކަތަކީ ތިމަންނަ ވެރިކަމަށް އައިސް ކުރި މަސައްކަތެކޭ ބުނީމަ އެ ގަބޫލެއް ނުކުރާނެ، އެއީ އޮޅުވާލުން. އެއީ ދޮގު އެ ހަދަނީ،" ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ދެން އިޝާރާތް ކުރެއްވީ އެމްޑީޕީ ސަރުކާރުން ގޯތި ދޫކުރުން ނިންމި އުތުރުތިލަ ފަޅަށެވެ.
"އުތުރުތިލަފަޅު އެ ވަނީ ބޭރުގެ ބަޔަކަށް ދަނޑުވެރިކަން ކުރަން އެގްރިމަންޓެއް ހަދާދީފައި ކަމަށް އަޅުގަނޑަށް މި އަޑު އިވެނީ. ބިން ހިއްކައިގެން އެ ތަނުގައި ދަނޑުވެރިކަން ކުރަން. ރާއްޖޭގައި ނެތީތޯ ދަނޑުވެރިކަން ކުރާނެ ރަށްރަށް؟" ސޯލިހު ވިދާޅުވި އެވެ.
"މިއީ ވެސް ޖެއްސުން ކުރުން. ބޯހަރުކަން. ގޮތް ދޫނުކުރުން. އެހެން ބަޔަކު މި ރާއްޖޭގައި ކޮށްފައި އޮތް ކަމެއް ނެތް ކަމަށް ދެއްކުމަށްޓަކައި. ތިމަންނަ އެކަނިކަން މި ރާއްޖޭގައި ހުރި މީހަކީ، ކަމެއް މީހުންނަށް ކޮށްދޭ މީހަކީ ތިމަންނަ އެކަނި ކަމުގައި ދެއްކުމަށްޓަކައި ހަދާހާ ދޮގު."
ކޮމެންޓް (3)
ކޮންކޮން
ފީލިންގ
ޑޮންޑޮން