ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން އެންމެ ފުރަތަމަ ގޯތި ކަނޑައިދިން މިހާއާ މިއަދު ގޯތި ހަވާލުކުރަނީ. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

ގުޅިފަޅުން ގޯތި ކަނޑައި ހަވާލުކުރަން ފަށައިފި

ގުޅިފަޅުން ގޯތި ދޭ ސަރަހައްދުގައި އަންނަ އަހަރުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތް ފަށައި އަހަރެއް ތެރޭ ނިންމާލާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނި
5 ސެޕްޓެމްބަރު 2023
1

ސަރުކާރުން ހިންގާ ބިންވެރިޔާ މަޝްރޫއުގެ ދަށުން ގުޅިފަޅުން ގޯތި ލިބޭ މީހުންގެ ގޯތިތައް ކަނޑައި ހަވާލުކުރަން މިއަދު ފަށައިފި އެވެ.

ތަފްސީލު - ގުޅިފަޅުގައި ބޭއްވި ރަސްމިއްޔާތެއްގައި އެންމެ ފުރަތަމަ ހަވާލު ކުރީ 2،450 އަކަ ފޫޓުގެ ގޯއްޗެކެވެ. މިއަދު 21 މީހަކާ ގޯތި ވަނީ ހަވާލުކޮށްފަ އެވެ. އޭގެ ތެރޭގައި އެކި ސައިޒުގެ ގޯތި ހިމެނެ އެވެ.

އެނގުން މުހިއްމު - ގޯތި ދޫކުރަން ފެށީ ކުރިން ގުޅިފަޅުގައި ހިއްކާފައިވާ ސަރަހައްދާ އިންވެގެން މި ސަރުކާރުން ހިއްކާފައިވާ އާ ބިމުންނެވެ.

ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ ގުޅިފަޅުން ގޯތި ކެނޑުމުގެ މަސައްކަތް، ނޮވެމްބަރުގެ ކުރިން ނިންމައި އެންމެންނާ ގޯތި ހަވާލުކުރާނެ ކަމަށެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން އެންމެ ފުރަތަމަ ގޯތި ކަނޑައިދިން މިހާއާ މިއަދު ގޯތި ހަވާލުކުރަނީ. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

އާރިފް ވިދާޅުވިގޮތުގައި ގުޅިފަޅުގައި މީހުން އާބާދުވުމުގެ ކުރިން ފެނާއި ނަރުދަމާ ގާއިމް ކުރުމަށް އާބަންކޯ އާއި ޕްލޭނިން މިނިސްޓްރީން މިހާރު ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރުން އިންފްރާސްޓްރަކްޗާ އާއި އާންމުންނަށް ބޭނުންވާނެ ވަސީލަތްތައްް ގާއިމް ކުރުމަށް ވެސް ދެ ފަރާތުން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ފެނާއި ނަރުދަމާ ގާއިމް ކުރުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި އެކަމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި އަހަރެއްގެ ތެރޭގައި އެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

"ނަރުދަމާ އަދި ފެނާ އެކީހެން މަގުތައް އެޅިގެން ދާނެ. ދެން، އެހެން ވަސީލަތްތައް މިސާލަކަށް ސްކޫލާ އެއްޗެހި ލަސްވެގެން ހިނގައިދާނެ،" އަކްރަމް ވިދާޅުވި އެވެ.

"އެކަމަކު ފުރަތަމަ އަސާސީ ބޭނުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ފުރިހަމަ ވެގެންދާނެ."

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ފުރަތަމަ ގޯތިތައް ކަނޑައި ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި އަކްރަމް މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން 2،218 ގޯތި ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެއީ:

  • އަށް މީހުންނަށް ވުރެ ގިނަ މީހުންގެ އެޕްލިކޭޝަންތަކަށް ނުވަ ގޯތި

  • ހަތް މީހުންގެ އެޕްލިކޭޝަންތަކަށް 22 ގޯތި

  • ހަ މީހުންގެ އެޕްލިކޭޝަންތަކަށް 49 ގޯތި

  • ފަސް މީހުންގެ އެޕްލިކޭޝަންތަކަށް 154 ގޯތި

  • ހަތަރު މީހުންގެ އެޕްލިކޭޝަންތަކަށް 476 ގޯތި

  • ތިން މީހުންގެ އެޕްލިކޭޝަންތަކަށް 690 ގޯތި

  • ދެ މީހުންގެ އެޕްލިކޭޝަންތަކަށް 558 ގޯތި

  • އެކަކުގެ އެޕްލިކޭޝަންތަކަށް 260 ގޯތި

ކޮމެންޓް (1)

ވިސްނާ

5 ސެޕްޓެމްބަރު 2023
މިއަދުތޯ މިކަން ކުރަންވީ؟
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް