ގުޅީފަޅު ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްުޔާތުގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

ގުޅިފަޅު

ގުޅިފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

މި ބިން ހިއްކަނީ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމަށާއި މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް

ކ. ގުޅިފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން، ވިޔަފާރި ބަނދަރު ތަރައްގީކުރުމަށާއި މާލޭގެ ރައްޔިތުންނަށް ބިން ދިނުމަށް އެ ފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ރަސްމީކޮށް ފައްޓަވައިދެއްވައިފި އެވެ. 

ވީ ކިހިނެއް؟ - ގުޅިފަޅު ބިން ހިއްކުމުގެ ދެވަނަ ފިޔަވަހި ވެސް ހަވާލުކޮށްފައި ވަނީ، ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރި ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ އެވެ. ޖުމްލަ 130.4 މިލިއަން ޑޮލަރު (2.01 ބިލިއަން ރުފިޔާ)އަށް އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ މިދިޔަ ޖެނުއަރީގަ އެވެ.

ތަފްސީލް - މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަމަލީ ގޮތުން ފެށުމަށް މިއަދު އެ ތަނުގައި ބޭއްވި ރަސްމިޔާތުގައި، ޕްރޮޖެކްޓް ޑިރެކްޓަރު މަހުޖޫބް ޝުޖާއު ވިދާޅުވީ، ދެވަަނަ ފިޔަަވަހީގެ ދަށުން ޖުމްލަ 150 ހެކްޓަރުގެ ބިން އެ ރަށަށް އިތުރުކުރާނެ ކަމަށެވެ.

ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ދަށުން ބިން ހިއްކަނީ މާލޭގެ އުތުރު ފަރާތުގައި ހިންގަމުން އަންނަ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމަށެވެ. އަދި މާލޭ މީހުންނަށް ގޯތި ދިނުމަށް ހިންގާ 'ބިންވެރިޔާ' ސްކީމުގެ ދަށުން ވެސް 2،000އަށް ވުރެ ގިނަ ގޯތި އެ ތަނުން ދޭން ނިންމާފައިވެ އެވެ.

ގުޅިފަޅު ޕޯޓްގެ މަޝްރޫއު:

  • ގުޅިފަޅުގައި ހަދަނީ އަހަރަކު 400،000 ކޮންޓެއިނަރު ބޭލޭވަރުގެ ޕޯޓެއް

  • ބަނދަރަށް 80 ހެކްޓަރުގެ ބިން ބޭނުންވޭ

  • އެއް ފަހަރާ 3 ބޯޓް ކައިރިކޮށް މުދާ އަރުވާ ބޭލޭނެވަރުގެ ބަނދަރެއް

  • ބަނދަރު ގުޅިފަޅުގައި ހެދުމަށް އިންޑިއާގެ އެގްޒިމް ބޭންކުން 300 މިލިއަން ޑޮލަރު (5 ބިލިއަން ރުފިޔާ) ލޯނެއް ދޭނެ

  • ގުޅިފަޅު ބަނދަރުގެ މާސްޓާ ޕްލޭނާއި ކޮންސަލްޓެންސީ މަސައްކަތް އަދި ކުރިން ހިއްކުމަށް ސަރުކާރުން 842 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ

އެނގުން މުހިންމު - ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ބޮސްކާލިސްއާ ހަވާލުކޮށްގެން 192 ހެކްޓަރުގެ ބިން ވަނީ މީގެ ކުރިން ހިއްކައިފަ އެވެ. އެ މަސައްކަތް ބިޑަކާ ނުލާ އެ ކުންފުންޏާ ހަވާލުކުރީ 53 މިލިއަން ޑޮލަރު (817.26 މިލިއަން ރުފިޔާ) އަށެވެ.

މީގެ އިތުރުން، އެމްޓީސީސީއާ ހަވާލުކޮށްގެން ވެސް ގުޅިފަޅުން ބިން ހިއްކާފައިވެ އެވެ. އެގޮތުން 80،000 ކިއުބިކް މީޓަރުގެ ބިން ހިއްކާފައިވަނީ 8.9 މިލިއަން ރުފިޔާ އަށެވެ.

ގުޅިފަޅުން ބައެއް ހިއްކުމަށް ސަރުކާރުން ވަނީ އޭބީއެން އެމްރޯ ބޭންކާއި ޔޫރަޕިއަން އެކްސްޕޯޓް ޓްރޭޑް ބޭންކް އަދި އައިއެންޖީ ބޭންކާ އެކު ލޯނު އެއްބަސްވުމެއްގައި ޖޫން 2022ގައި ސޮއިކޮށްފަ އެވެ. އެއީ 101 މިލިއަން ޔޫރޯ (1.6 ބިލިއަން ރުފިޔާ)ގެ ލޯނެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް