ސަރުކާރުގެ ތިން ޔުުޓިލިޓީ ކުންފުނީގެ ވެރިން މިއަދު ދެއްވި ވީޑިއޯ މެސެޖްގެ ތެރެއިން (ފޮޓޯ/ޕީއެސްއެމް)

ފެނާއި ކަރަންޓުގެ ޖޫރިމަނާ މައާފްވާނީ ހިދުމަތުގެ އަގު ދެއްކުމުން: ކުންފުނިތައް

މައާފް ކުރުމަށް ހަމަޖެހިފައި ވަނީ މިދިޔަ އަހަރުގެ ނިޔަލަށް ނުދައްކާ ހުރި ޖޫރިމަނާ

ކަރަންޓާއި ފެން ބިލް ނުދެއްކި ގިނަ ދުވަސްވެގެން އަރާފައިވާ ޖޫރިމަނާތައް މާފުކޮށްދޭނީ އެ ހިދުމަތްތަކަށް ނުދައްކާ ހުރި ފައިސާ ދެއްކުމުން ކަމަށް ޔުޓީލިޓީ ކުންފުނިތަކުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އާންމު ގޭބީސީތަކުގެ ފެނާއި ކަރަންޓް ބިލުގެ ޖޫރިމަނާ މައާފްކުރުމަށް ސަރުކާރުން ނިންމިކަން މިދިޔަ ހޮނިހިރު ދުވަހު ރައީސް މުހައްމަދު މުއިއްޒު ވަނީ އިއުލާން ކުރައްވައިފަ އެވެ.  

އެކަމާ ގުޅިގެން ކުންފުނިތަކުގެ ބޯޑުން ނިންމާފައިވާ ކަންކަމާއި އިތުރު ތަފްސީލުތައް މިއަދު އެ ކުންފުނިތަކުން ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ވީޑިއޯ މެސެޖެއްގައި ވަނީ ހާމަ ކޮށްފަ އެވެ.

ބުނީ ކީކޭ؟ - "ރައިސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނީ ޖޫރިމަނާ މާފްކޮށްދެއްވުން ކަމަށްވާތީވެ، ކަރަންޓް ވެސް އަދި ފެން ވެސް ބޭނުންކުރެއްވުމުގެ ސަބަބުން އެއަށް އަރާފައިވާ އަގު، އެ އެގު ދެއްކުމުން އެ ޖޫރިމަނާ މާފްވަނީ،" އެ ވީޑިއޯ މެސެޖުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން ވިދާޅުވި އެވެ.

ތަފްސީލު -  މަތީން ވިދާޅުވީ އެ ފައިސާ ބަހާލައިގެން ދެއްކުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި:

  • މާފް ކުރަނީ މިދިޔަ އަހަރުގެ ނިޔަލަށް ހުރި ޖޫރިމަނާތައް؛ މި އަހަރުގެ މިދިޔަ ތިން މަހުގެ ޖޫރިމަނާއެއް ނުހިމެނޭނެ

  • ފައިސާ ދެއްކުމަށް ކުންފުންޏާ އެކު ހަދަން ޖެހެނީ އެގްރިމަންޓެއް؛ އެއްކޮށް ފައިސާ ދެއްކުމަށް ދަތިވާ މީހުންނަށް ބަހާލައިގެން ދެއްކުމަށް އެގްރިމަންޓެއް ހެދިދާނެ

"މި ލުއި ފަސޭހަކަން އެމްޑަބްލިއުއެސްސީން ރައްޔިތުންނަށް ދޭން ފަށާނެ 1 އެޕްރީލުން ފަށައިގެން މި އަހަރުގެ ނިޔަލަށް،" މަތީން ވިދާޅުވި އެވެ.

އާންމު ގޭބިސީތަކުގެ ފެން ބިލު ނުދެއްކި ގިނަ ދުވަސްވެފައިވާ 3،000އެއްހާ ކަސްޓަމަރުން މިދިޔަ އަހަރުގެ ނިޔަލަށް އުޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މަތީން ވިދާޅުވިގޮތުގައި އެއީ ގާތްގަނޑަކަށް 17 މިލިއަން ރުފިޔާގެ ޖޫރިމަނާ އެވެ.

"ދެން ފެނުގެ އަގަށް މި އަރަނީ 45 މިލިއަން [ރުފިޔާ]. އެހެންކަމުން ކުންފުންޏަށް، މި ޖޫރިމަނާ މައާފްވެގެންދާއިރު، 45 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ،" އެއް އަހަރުވެފައިވާ ބިލުތަކުގެ ފައިސާގެ އަދަދު އެކަނި ވެސް 37 މިލިއަން ރުފިޔާއަށް އަރާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.

މި ވީޑީއޯ މެސެޖްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އާއި ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް ރަޝިދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މުއާޒް ވިދާޅުވީ، ރައީސްގެ ނިންމެވުން ތަންފީޒު ކުރުމަށް މިހާރު އިދާރީ ކަންކަން ފުރިހަމަކުރަމުންދާ ކަމަށެވެ. އަދި މިއީ، އެތައް ރައްޔިތުންނެއް ދަރަންޏަކުން ސަލާމަތްވެ، އެތައް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

"ހަގީގަތުގައި މި ބިލްތައް ނުދެއްކި އޮތީ ޖޫރިމަނާގެ ވަރަށް ބޮޑު ބައެއް މީގައި އެކުލަވައިފައި ވާތީ. އެހެންވީމަ، ޖޫރިމަނާ މައާފް ވެގެން ދިޔައިމަ ކުންފުންޏަށް ވެސް އަދި އާންމު ރައްޔިތުންނަށް ވެސް ފައިދާވެގެންދާނެ،" ރާއްޖޭގެ ގިނަ ރަށްތަކެއްގައި ކަރަންޓާއި ފެނުގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކުންފުނީގެ ވެރިޔާ މުއާޒް ވިދާޅުވި އެވެ.

ކޮމެންޓް (1)

ސްޓީކޯ

27 މާރިޗު 2024
ޖޫރިމަނާބައި ނުދައްކާ ބިލުގެ ދެން އޮތް ބައި ދެއްކޭތަ؟ ސްޓެލްކޯ އެޕުން ދެެއްކެނީ ބިލް ޖުމްލަ އިންނަ ވަރަށް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް