ޑްރޯން ހިދުމަތް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު އަދި ގައްސާން (ފައިލް ފޮޓޯ/ ގައްސާން)
ޑްރޯން ގަތުމާ ގުޅޭ ތަފްސީލްތައް 241 ކޮމިޓީއަށް ހާމަކުރަން ތައްޔާރު: ގައްސާން
ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބަލަހައްޓަން ސަރުކާރުން މި ފަހުން ގަތް ޔޫއޭވީ ނުވަތަ އަސްކަރީ ޑްރޯންތަކުގެ މުއާމަލާތާ ގުޅޭ ތަފްސީލް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ، 241 ކޮމިޓީއަށް ހާމަކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ގައުމީ ސަލާމަތަށްޓަކައި ކަމަށް ވިދާޅުވެ އެ މައުލޫމާތު އާންމުކޮށް ހާމަނުކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެ މައުލޫމާތު ހާމަކުރުމަށް ގައްސާންގެ ކިބައިން އެދުނީ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެވެ.
އިދިކޮޅު ޑިމޮކްރެޓްސްގެ ރައީސް ސުވާލުކުރެއްވީ ސަރުކާރުން ގަތް ޑްރޯންތަކުގެ އަދަދާއި އެއިން ޑްރޯނެއްގެ އަގު ވިދާޅުވެ ދެއްވުމަށެވެ.
ބުނީ ކީކޭ؟ - "މިކަހަލަ ފޯރަމެއްގައި އެއްވެސް ގައުމެއްގައި ދިފާއީ ގޮތުން ކުރާ ހަރަދުތަކުގެ ތަފްސީލު ހާމަކުރުމަކީ، ކުރާ ކަމެއް ނޫން. އެ މައުލޫމާތު މި ތަނުގައި [މަޖިލިސް ޖަލްސާގައި] އާންމުކުރުމަށް އަޅުގަނޑު އުޒުރުވެރިވަން،" ހަސަންގެ ސުވާލަށް ޖަވާބު ދެއްވަމުން ގައްސާން ވިދާޅުވި އެވެ.
"241 ކޮމިޓީގައި ސިއްރު ޖަލްސާއެއްގައި މި މައުލޫމާތު އަޅުގަނޑުމެންނަށް ހާމަކުރެވިދާނެ."
ތަފްސީލު - އެ ޑްރޯންތައް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ކަމުގެ ތުހުމަތު އިދިކޮޅުން ދަނީ ކުރަމުންނެވެ. އެ ތުހުމަތުތައް ރައީސް މުއިއްޒު ވަނީ ދޮގުކުރައްވާފަ އެވެ. އެ ތުހުމަތުތަކާ ގުޅޭ ގޮތުން ގައްސާން މިއަދު ވިދާޅުވީ:
-
ޑްރޯން ގަތުމުގެ މުއާމަލާތަކީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުން އަދި ގަވައިދުތަކުގެ ދަށުން ދެ ފުށް ފެންނަކަން ކަށަވަރުކުރުމަށް ކަނޑައަޅާފައިވާ ހުރިހާ އުސޫލެއްގެ ތެރެއިން ކޮށްފައިވާ މުއާމަލާތެއް
"މިކަމުގެ ލިޔެކިޔުންތައް ހުންނާނެ. އަދި ބައްލަވަން ބޭނުންވާ ތަހުގީގީ އިދާރާތަކުން ބައްލަވަން ބޭނުންފުޅުވިއްޔާ ހުންނާނެ. އެކަން ކުރެވިފައި ވަނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން،" ގައްސާން ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއް ނުކޮށް އެ ހޭދަ މުހިންމު އެހެން ކަންކަމަށް ކުރުމަށް ދޭދޭ ގައުމުތަކާ އެކު ރަނގަޅު ޑިޕްލޮމެޓިކް ގުޅުމެއް އުފައްދައިގެން އެ ގައުމުތަކުގެ އެހީއާ އެކު ކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅެންތޯ ހަސަން ލަތީފް ގައްސާންއާ ސުވާލު ކުރެއްވި އެވެ. އަދި އެ މަޝްވަރާ ރައީސް މުއިއްޒަށް ގައްސާން ނުދެއްވާނެތޯ ވެސް ހަސަން އެއްސެވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ގައްސާން ވިދާޅުވީ، ހުރިހާ ގައުމަކާ ވެސް ގާތް ގުޅުންތަކެއް އެބަ އޮތް ކަމަށެވެ. އަދި ރާއްޖެއާ "ދުޝްމިން އެއްވެސް ގައުމެއް ނެތް" ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ޑިޕްލޮމެޓިކް ގުޅުން އޮތަސް، "ބައެއް ކަންތައްތަކަކީ އަމިއްލައަށް ކުރަން ޖެހޭ ކަންކަން" ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކުރުމަކީ، ދިވެހިން ކުރަން ޖެހޭ ކަމެއް،" ރައީސްގެ ވިސްނުންފުޅަކީ ވެސް އެއީކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވި އެވެ.
'އެއްވެސް ގައުމަކުން ހިލޭ ޑްރޯން ދޭން ހުށަހަޅާފައެއް ނެތް'
އެމްޑީޕީން ބުނެފައިވާ ގޮތުން އެ ސަރުކާރުގައި ރަހުމަތްތެރި ގައުމަކުން ހިލޭ ޑްރޯން ދިނުމަށް އޭރު އޮތީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭގެ ބައެއް މަޝްވަރާތައް ވެސް ކުރިއަށް ދިޔަ ކަަމަށް އެ ޕާޓީގެ އޮފިޝަލުން ވިދާޅުވެފައިވެ އެވެ.
ނަމަވެސް އެކަމާ ބެހޭ ގޮތުން ދާންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުﷲ ޔައުގޫބު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އެކަން ގައްސާން ދޮގުކުރެއްވި އެވެ.
"އިއްޒަތްތެރި މެންބަރަށް ލިބިވަޑައިގެންފައި ތިހުރީ ހުސް ކަމުނުދާ މައުލޫމާތު. އެއްވެސް ރަނގަޅު މައުލޫމާތެއް ނެތް... އެއްވެސް ގައުމަކުން ހިލޭ ޔޫއޭވީ ދޭކަށް އެއްވެސް ކަމެއް ކުރެވިފައެއް ނެތް،" އެއީ ކިހިނެއް ލިބިފައިވާ މައުލޫމާތެއްތޯ ސުވާލު އުފައްދަވަމުން ގައްސާން ވިދާޅުވި އެވެ.
ކޮމެންޓް (1)
ޢައްސާން ހަބޭސް