ބަރްޝާ (ކ) އާއި އޭނާގެ ފަލަސްތީނުގެ އެކުވެރިޔާ ނަދާ

ފަލަސްތީން

ފަލަސްތީނު އެކުވެރިޔާ ސަލާމަތްކުރަން ދިވެހި ދަރިވަރަކު ދެއްކީ މިސާލެއް

މިސްރުގައި ކިޔަވާ ދިވެހި ދަރިވަރު ބަރްޝާ، ދިވެހި އެހެން ދަރިވަރުންނާއި އާންމު ދިވެހިންގެ އެހީގައި ގާޒާއިން ނެރެ މިސްރަށް ގެންދިޔައީ އޭނާގެ އެކުވެރި ނަދާ، މިހާރު ބަލަނީ ނަދާގެ މަންމަ ވެސް ނެރެވޭތޯ

ރަހުމެއް ކުލުނެއް ނެތި، އިންސާނިއްޔަތު ކަމުގެ ހުރިހާ އިމެއް ފަހަނައަޅައި އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ސޯޝަލް މީޑިއާއިން ބަލަން ގިނަ ބަޔަކު ތިބީ ދެން ކުރެވޭނެ ކަމެއް ނެތް ކަމަށް ހީކޮށެވެ. އެ މީހުންގެ ނަޒަރުގައި، ބަނޑުހައި ހޫނުކަމާއި ހިތް ފަޅައިގެން ދާވަރުގެ ކެކުޅުންތަކަށް ތަސައްލީއެއް ހޯދައިދެވޭނެ ދެން އިތުރު ގޮތެއް ނެތެވެ.

އެކަމަކު މިސްރުގައި ކިޔަވަމުން އަންނަ މި ދިވެހި ދަރިވަރު ސާބިތުކޮށްދިނީ، ދިވެހިންގެ އެހީތެރިކަަން އޭގެ ހައްގުވެރިންނަށް ވާސިލްވާ ކަމެވެ. ދިވެހިންގެ ދީލަތި ކަމާއި ލޯބި، އަދި ހަމްދަރުދީން ފުރާނަތަކެއް ސަލާމަތް ކުރެވިދާނެ ކަމެވެ. އެއަށް ވުރެ ބޮޑަށް، ދިވެހި ދަރިވަރު މަރިޔަމް ބަރްޝާ ދައްކައިދިނީ، ރަހުމަތްތެރިކަމުގެ ރީތި މިސާލެކެވެ.

ބަރްޝާ އާއި އޭނާގެ އެކުވެރި ނަދާ

މީގެ ދެ އަހަރު ކުރިން ފެށިގެން، މިސްރުގައި ކިޔަވަމުން އަންނަ ބަރްޝާގެ އެންމެ ގާތް އެއް އެކުވެރިޔަކީ ފަލަސްތީނުގެ ނަދާ މަހްމޫދު އަބްދުﷲ އެވެ. އެ ގުޅުން އެހާ ވަރުގަދަވީ، ބަރްޝާ ބުނިގޮތުގައި، އޭނާގެ ދާއިރާ މައިކްރޮބަޔޮލޮޖީ ކިޔަވާ އިތުރު ދިވެހި ދަރިވަރަކު އަޒްހަރު ޔުނިވަސިޓީގައި ނެތުމުންނެވެ. އަދި އެ ކްލާހުގައި ވެސް ބޭރު މީހުންނަށް ތިބީ އެ ދެ ދަރިވަރުން އެކަންޏެވެ. އެކަމަކު ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމަށް ބުނަމުން ގާޒާއަށް ދިޔަ ނަދާ، 7 އޮކްޓޫބަރުގައި، ހަމާސް-އިޒްރޭލު ހަނގުރާމަ ފެށުމާ އެކު ތާށިވީ އެވެ.

ނަދާ ދިރިއުޅެނީ، ދެކުނު ގާޒާގެ ސިޓީއެއް ކަމަށްވާ ހާންޔޫނިސްގަ އެވެ. އިޒްރޭލުގެ ރަހުމެއް ނެތް ހަމަލާތައް، މާ ގިނަ ދުވަހެއް ނުވެ އެ ސިޓީއަށް އަމާޒުވި އެވެ. މީހުން ދިރިއުޅޭ އިމާރާތެއް، ހޮސްޕިޓަލެއް، މިސްކިތެއް ނުބަލައި އިޒްރޭލުން ބޮން އަޅަމުން ދިޔައިރު، ބަރްޝާ ހުރީ ރަހުމަތްތެރިޔާގެ ހާލާ މެދު ކަންބޮޑުވެފަ އެވެ. އެކުވެރިޔާ ދިރިހުރިތޯ ބަލަން ކޮށްލާ މެސެޖަށް ވެސް، އެތެރޭގެ މުއާސަލާތީ ހިދުމަތްތައް ކެނޑެމުން ދާތީ، ޖަވާބު ލިބެނީ ދެތިން ހަފުތާ ފަހުންނެެވެ.

"އަޅުގަނޑުމެންނަށް ކިރިޔާ އޭނާ ދިރިހުރިކަން ޔަގީންކޮށްލެވެނީ. އެކަމަކު އެހެން މެސެޖްކޮށްލާ ފަހަރަކު ވެސް ނަދާ ރޮއެރޮއެފައި އޭނާގެ ހާލަތު ކިޔައިދޭ،" ބަރްޝާ، 22، ބުންޏެވެ.

ބަރްޝާ އާއި އޭނާގެ އެކުވެރި ނަދާ

"އޭނާ ހުރީ ވަރަށް ބިރުގަނެފައި. ދެން ސަލާމަތް ނުވެދާނެއޭ ވެސް ބުނޭ."

ރަހުމަތްތެރިޔާގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދޭނެ ގޮތެއް ބަރްޝާއަކަށް ނޭނގެ އެވެ. އެކަމަކު އޭނާ ދިޔައީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ގާޒާއަށް އެހީ ފޮނުވަމުންނެވެ. ބަރްޝާ އިސްވެ ހުރެ، އަޒްހަރު ޔުނިވަސިޓީގައި ދެން އުޅޭ ދިވެހި ކިޔަވާ ކުދިން ވެގެން، ދިވެހި އާއްމުންގެ އެހީ ހޯދައިގެން އެއިން ތަކެތި ގަނެ ފޮނުވަމުންނެވެ. އެކަމަކު މި އެހީތެރިކަން، އެކުވެރިޔާއަށް ވާސިލްވާ ކަމެއް ނުވަތަ ނޫން ކަމެއް ވެސް އޭނާއަކަށް ނޭނގެ އެވެ.

ފުރާނަ ސަލާމަތްކޮށްދިނުމަށް އެދި ނަދާ އެންމެ ފުރަތަމަ ބަރްޝާއަށް މެސެޖް ކުރީ، މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އޭރު އޭނާ ވަނީ ހާންޔޫނިސް އިން ނުކުމެ، ރަފަހްއަށް ބަދަލުވެފަ އެވެ. ގަދަބާރުން، ބިރު ދައްކައިގެން އެތައް ހާސް މީހުން، އެ މީހުންގެ ގެދޮރުން ނެރެ އިޒްރޭލުން އެތަންތަނަށް ބޮން އެޅީ އެވެ. ނަދާ އުޅެ ބޮޑުވި ގެ ވެސް ސުންނާފަތިކޮށްލި އެވެ.

ވަރަށް ހާލުގައި، ޓެންޓުގައި އުޅެމުން ދިޔަ ނަދާ ރަހުމަތްތެރިޔާ ކައިރިން އެ ދުވަހު އެދުނީ އެތަނުން ނުކުމެ މިސްރަށް ދިޔުމަށް އެހީތެރިވެދިނުމަށެވެ. އެކަމަކު ފަލަސްތީނު މީހުންނަށް ބޯޑަރު ހުރަސްކޮށް މިސްރަށް އެތެރެ ވެވެނީ، އެކަންކޮށްދޭ ޓްރެވަލް އެޖެންސީއަށް ފައިސާގެ ބޮޑު އަދަދެއް ދެއްކުމަށް ފަހު އެވެ. ނަދާ އާއި އޭނާގެ މަންމަ މިސްރަށް އެތެރެ ވުމަށް ބޮލަކަށް 1،000 ޑޮލަރު ދައްކަން ޖެހެ އެވެ.

"ގާޒާއަށް އެހީވުމަށް ދިވެހިން ފޮނުވާ ފައިސާ އަޅުގަނޑުމެންެގެ އަތުގައި ހުރި. އެކަމަކު ނަދާއަކީ އަޅުގަނޑުގެ ރަހުމަތްތެރިއެއް ކަމަށް ވުމުން، އެ ފައިސާ އެކަމަށް ހަރަދު ކުރާކަށް ނުކެރުނު. އަދި އާއްމުންގެ އެހީއަށް ވެސް އެދޭކަށް ނުކެރުނު،" ބަރްޝާ، 22 ބުންޏެވެ.

"ދެން އަޅުގަނޑުމެން މިތަނުގައި އުޅޭ ދިވެހި ކުދިން ވެގެން 2،000 ޑޮލަރު އެއްކުރަން ނިންމީ."

އެކަމަކު މިސްރުގައި ޑޮލަރުގެ ރޭޓު މަތިވެފައި އޮތް މިންވަރުން، އެ އަދަދަށް ފައިސާ އެއްކުރުމަކީ ފަސޭހަ ކަމަކަށް ނުވި އެވެ. އެ ފައިސާ ހަމަނުވެ އުޅެނިކޮށް، ފަލަސްތީނުން މީހުން މިސްރަތަށް އެތެރެވާން ނަގާ އަދަދު ބޮލަކަށް 1،000 ޑޮލަރުން 5،000 ޑޮލަރަށް މަތިކުރި އެވެ. ނަދާގެ ދެމައިން، ހަނގުރާމައިގެ މައިދާނުން ނުކުތުމަށް 10،000 ޑޮލަރު ބޭނުންވެ އެވެ.

އެހާ ތަނުން ދެން ބަރްޝާއަށް ޖެހުނީ އަމިއްލަ އާއިލާގެ އިތުރުން އާއްމު ދިވެހިންގެ އެހީއަށް އެދޭށެވެ.

'ފުރާނައެއް ސަލާމަތްކޮށްދިނުމަށް' އެދި ފައިސާ އެއްކުރުމުގެ ކެމްޕޭނެއް ބަރްޝާ ފެށިއިރު، ނަދާގެ ހަބަރެއް އޭނާއަކަށް ނުވެ އެވެ. ދިރިހުރި ކަމެއް ވެސް ނޭނގެ އެވެ. އޭނާގެ ހިތް އޮތީ، ބިރުން ތެޅިތެޅި އެވެ. 

މިސްރަސް ނަދާ އެތެރެކުރަން ހިންގި މުއާމަލާތް
ގާޒާގެ ހަނގުރާމައިން ނަދާ ސަލާމަތްކުރުން

"އެކަމަކު ދެ ދުވަސް ފަހުން ނަދާ ގުޅާފައި ބުނެފި ތިމަންނަ މިހުރީ މިސްރުގައޭ. އެ ވަގުތު ވީ އުފާ ބުނެދޭން ވެސް ނޭނގޭ،" ބަރްޝާ ބުންޏެވެ.

ފައިސާ އެއްނުކުރެވެނީސް ނަދާއަށް މިސްރަށް ވަދެވުނީ، ކިޔަވާ ކުދިންނަށް ދިން ލުޔެއްގެ ދަށުން 1،000 ޑޮލަރު ދައްކައިގެންނެވެ. އެކަމަކު އޭރު އަދި ފައިސާ ހަމަނުވާތީ ނަދާގެ މަންމަ ރަފަހްގައި ތާށިވީ އެވެ.

ދިވެހިންގެ އެހީއާ އެކު، ނަދާގެ މަންމައަށް ދައްކަން ޖެހޭ 5،000 ޑޮލަރު ބަރްޝާ ހޯދި އެވެ. އެ ފައިސާ ހިފައިގެން ނަދާ ގާތަށް ދިޔައީ ވެސް އޭނާ އެވެ. ދިވެހިންގެ ދީލަތިކަން ފެނިފައި ނަދާއަށް ގަދައަށް ރޮވުނީ އެވެ.

ނަދާގެ މަންމައަށް ފައިސާ ދެއްކި ނަމަވެސް، ބޯޑަރު ހުރަސްކޮށް މިސްރަށް މީހަކު އެތެރެ ކުރެވެނީ 30 ދުވަހުންނެވެ. ނަދާގެ ބަހުން ނަމަ، އީދު ތެރޭގައި ރަފަހްއަށް ގަދައަށް ބޮން އަޅަން އިޒްރޭލުން ދަނީ ތައްޔާރުވަމުންނެވެ. އެހެންވެ އެ މީހުން ދުއާކޮށްލަ ކޮށްލާ ތިބީ، ނަދާގެ މަންމައަށް އެތަނުން ސަލާމަތުން ނުކުމެވޭނެ އިރަކަށެވެ.

ހެޔޮ ހާލުގައި ނަދާއަށް މިސްރަށް އެތެރެވެވުނީތީ، ބަރްޝާ އާއި އޭނާގެ އެހެން އެކުވެރިން ވެގެން މިދިޔަ އަންގާރަ ދުވަހު ރޯދަ ވީއްލުމެއް އިންތިޒާމްކުރި އެވެ. އެކަމަކު ހަމަ އެ ދުވަހު ހަބަރު ލިބުނީ، ރަފަހަށް ދިން ހަމަލާތަކުގައި ނަދާގެ ކާފަ ޝަހީދުވި ހަބަރެވެ. ވޭތުވެ ދިޔަ ނުވަ މަސް ދުވަހު ނަދާ އުޅުނީ އޭނާގެ ކާފައާ އެކުގައި ކަމަށް ވުމުން، އެއީ އޭނާއަށް ލިބުނު ބޮޑު ހިތާމައެކެވެ.

"ނަދާ ސަލާމަތް ކުރެވިއްޖެ. އިރާދަކުރެއްވިއްޔާ އޭނާގެ މަންމަ ވެސް އަޅުގަނޑުމެންނަށް ސަލާމަތް ކުރެވޭނެ. މި ދަނޑިވަޅު އަޅުގަނޑު ޝުކުރު އަދާކުރަން ބޭނުން އެހީތެރިވެ ދިން ހުރިހާ ދިވެހިންނަށް،" ބަރްޝާ ބުންޏެވެ.

"ބުނެލަން ބޭނުންވަނީ އަޅުގަނޑުމެންނަށް ފުރާނައެއް ސަލާމަތް ކުރެވިއްޖެއޭ."

ނަމޫނާ ދިވެހި ދަރިވަރުންތަކެއް

އިޒްރޭލުން ސުންނާފަތި ކުރަމުން ދިޔަ ގާޒާއާ އިންވެގެން އޮތީ މިސްރެވެ. ބޮން އަޅައި، އެތައް ބަޔަކު މަރަމުން ދިޔަ އެތަނާ، އެއްގޮތަކުން ބަލާއިރު ދުރެއް ނޫނެވެ. އެހެންވެ، އޭގެ ބަރު، މިސްރުގައި ދިރިއުޅޭ އިހުސާންތެރި، ދީލަތި ދިވެހިންނަށް ވަޒަން ކުރެވެ އެވެ.

މިސްރުގައި ތިބި ދިވެހި ދަރިވަރުން ގާޒާއަށް ފޮނުވަން ހޯދާފައިވާ އެހީގެ ތަކެތި

"އަޅުގަނޑުމެންނަށް ގަބޫލުކުރެވުނު ކޮންމެވެސް ކަމެއް ކުރަން ޖެހޭނެކަން. ފަލަސްތީނާ އެހާ ކައިރީގައި ތިބޭއިރު އެ މީހުންނަށް އެހީވުމަކީ ޒިންމާއެއްކަން،" ބަރްޝާ ކިޔައިދިނެވެ.

ހަނގުރާމަ ފެށިއިރު، އެ މީހުން ގާޒާއަށް ފޮނުވީ ސެނިޓަރީ ޕެޑްސް އެވެ. އަމިއްލަ އަތުން ހަރަދުކޮށްގެން، ފިހާރައަށް ގޮސް ޕެޑްސް ގަނެގެން، އިތުބާރު ހިފޭ ޖަމިއްޔާތައް މެދުވެރިކޮށެވެ.

އެއަށް ވުރެ އެހީ ބޮޑުކުރުމުގެ ގޮތުން، މިސްރުގައި އުޅޭ ދިވެހި ކިޔަވާ ކުދިން ވެގެން ފައިސާ އެއްކުރަން ފެށި އެވެ. އެންމެ ފުރަތަމަ ކޮންމެ ކުއްޖަކު ވެސް އެ ކުއްޖެއްގެ އަތުން ފައިސާ ލައި، އެއަށް ފަހު އެ ކުދިންގެ އާއިލާތައް އޭގައި ހިމެނި އެވެ. އަދި އޭގެ ފަހުން އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލި އެވެ.

ބަރްޝާ ބުނިގޮތުގައި އާއްމުންގެ އެހީއަށް އެދުނުތާ ތިން ދުވަސް ތެރޭގައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ މީހުން ސަދަގާތް ކުރި އެވެ. އެކަމަކު އެހާ ގިނަ ފައިސާ މާރުކޮށްގެން ނަގަން ދަތިވުމުން، ވަގުތީ ގޮތުން ފަންޑު ބަންދުކޮށްގެން ދެން އެ މީހުން ފެށީ އެއަށް ތަކެތި ގަންނާށެވެ. ޕެޑުގެ އިތުރުން، ހަނޑޫ، ހަކުރު ފުށާއި ފެން ކަހަލަ އެއްޗެހި ގަނެ، އެއްކޮށްފައި ބެހެއްޓުމުން، އެ މީހުން އެހީ ފޮނުވާ ޖަމިއްޔާ ޓީއެފްޖީ އިން އެ ތަކެތި ބަލާ، ޓްރަކެއް ފޮނުވަ އެވެ. އެއީ އެހީ ހިފައިގެން، ފަލަސްތީނުގެ އެތެރެއަށް ވަދެވޭ މަދު ޖަމިއްޔާތަކުގެ ތެރެއިން އިތުބާރު ހިފޭ އެއް ޖަމިއްޔާ އެވެ.

ސަދަގާތް ކުރުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައި، އެ ފައިސާއިން ބަރްޝާމެން ދިޔައީ ތަކުރާރުކޮށް ތަކެތި ފޮނުވަމުންނެވެ. ވޭތުވެ ދިޔަ ހަ މަސް ތެރޭގައި ފަސް ލައްކައެއްހާ ރުފިޔާގެ އެހީ ދިވެހިން ދީފައިވާއިރު، އެ ފައިސާއިން ތަކެތި ގަނެ، މިހާތަނަށް ނުވަ ބުރެއްގެ މަތިން އެހީގެ ސާމާނު ވަނީ ބަރްޝާމެން ގާޒާގެ އެތެރެއަށް ފޮނުވައިފި އެވެ.

ހާލަތު އޮތް ގޮތުން އެހީ ހިފައިގެން ގާޒާއަށް އެތެރެ ވެވެނީ މަދު އުޅަނދުތަކަކަށެވެ. ކުރިން ދުވާލަކު 500 އުޅަނދަށް ވަދެވުނަސް، މިހާރު އެ އަދަދު ވަނީ 40 އަށް މަދުކޮށްފަ އެވެ. އެކަމަކު ދިވެހިންގެ އެހީތެރިކަން ފޯރުކޮށްދޭ ޓީއެފްޖީން މިހާރު އަންނަނީ ވައިގެ މަގުން ކާބޯތަކެތި ފޯރުކޮށްދެމުންނެވެ. އެހެންވެ، ބަރްޝާމެން ދޭ ޔަގީންކަމަކީ ދިވެހިން ފޯރުކޮށްދޭ އެ އެހީތެރިކަން ގެއްލިގެން ނުދާ ކަމެވެ.

އަމާނާތްތެރިކަމާ އެކު، ލޯތްބާ އެކު ދިވެހިންގެ އެހީތެރިކަން ފަލަސްތީނުގެ ރައްޔިތުންނަށް ރައްދުކޮށްދޭ ކަމެވެ.

އެހީ ޖަމާކުރާނެ އެކައުންޓް: 

  • 7730000434491 ރުފިޔާ 

  • 7730000374165 ޑޮލަރު 

  • ނަން: މަރިޔަމް ބަރްޝާ 

ކޮމެންޓް (19)

މުޙައްމަދު

25 މާރިޗު 2024
ނަދާ އާއި ކައިވެނި ކުރަންބޭނުން
8 6

މޮޔަވީތަ؟

25 މާރިޗު 2024
@މުޙައްމަދު ސާބަސް! ބޭނުންހާ ހުރިހާ ކަމެށް ނުވާނެ.
4 1

ހިތް

25 މާރިޗު 2024
@މުޙައްމަދު ނިޔަތް ރަނގަޅު ނަމަ ގޯހެއް ނޫން. ހާލަތުން ކުއްޖާ ސަލާމަތް ކޮށްދިނުމުގެ ހެޔޮ ނިޔަތުގައި ކުރާނަމަ ހަމަ ކުރަންވީ
3 0

50ޓަނު

24 މާރިޗު 2024
އަދިވެސް ސައުދީން ބަހާ ކަދުރު ކާން ދިވެހިން ހެވިފަ ތިބެންވީތޯ؟؟ ނޫނީ މިކަލަ ކޮންމެވެސް ގޮތަކަށް އެބިމުން މީހަކު މިނިވަން ކުރުން މަސައްކަތް ކުރުން ވީނޫންތޯ!!
46 1

އަހުމަދު

24 މާރިޗު 2024
@50ޓަނު ސައުދީން އެހީ ނުވެޔޭ ބުނީ ކާކު؟ ކިހިނެއްވެގެން ތި އުޅެނީ؟
1 14

ކިޔުންތެރިޔާ

24 މާރިޗު 2024
@50ޓަނު އެކައުންޓް ނަންބަރު ޚަބަރުގެ އެންމެ ފަހު ފޮޅިވަތްތަކުގައި އެބައިން.
5 1

ޗުއްޕި

24 މާރިޗު 2024
މި ކުއްޖާގެ އެކައުންޓު ނަންބަރާ އެއްކޮށް ޖަހާލަދިން ނަމަ ހާދަ ގިނަބަޔަކަށް އެހީ ވެވުނީހޭ!! ޕުލީޒް ހޯދައިދީ ! އެހީވާން ބޭނުން ވަރަށް.
32 2

✌🏻އަ

24 މާރިޗު 2024
@ޗުއްޕި އިންސްޓާގްރާމް ގައި އިންނާނެއެވެ.
0 1

ތފސލ

24 މާރިޗު 2024
@ޗުއްޕި ފޭސްބުކްގަ އިގެރޭސި ބަހުން’މަރިޔަމް ބަރްޝާ ، ޖަހާލީމާ އަންނާނެ މިކުށްޖާގެ ޕުރޮފައިލް. އެ ބަލާލީމާ ފެންނާނެ އެހީ ފޯރު ކުރަން ފޮނުވަންވި އެކައުންޓްތަށް. ގިނައިން ފަންޑްގެ ހުރިހާ ތިފްސީލް ހުންނަނީ މިކުދިންގެ އިންސަޓަގުރާމްގަ އަޕްޑޭޓް ކޮށްފަ. އިގެރޭސިން ‘ ބަ_ރްޝާ_’ ޖަހާލީމާ ފެންނާނެ
4 0

ސޮބާ

24 މާރިޗު 2024
@ޗުއްޕި ބަލާބަލަ އާޓިކަލް ނިމޭތަން. އެކައުންޓް ނަމްބަރ އެއޮތީ
8 1

ބަރްޝާ

25 މާރިޗު 2024
@ޗުއްޕި ރަނގަޅައް ލޯ ހުޅުވާލަބަލަ
2 1

ލޯހުޅުވި

25 މާރިޗު 2024
@ބަރްޝާ ތީހަމި ބަރްޝާތަ؟
4 2

ޚާޖަރް

26 މާރިޗު 2024
@ޗުއްޕި އާރޓިކަލްގެ ފަހަތުގައި ލިޔެފައި އެބައިން
0 0

އެހީވާން ބޭނުން

24 މާރިޗު 2024
ކޮބާތަ ތި މީހުންގެ އެކައުންޓް ނަންބަރ އެހީވާން ބޭނުން އިތުބާރުކުރެވޭ ބައެއް މެދުވެރިކޮށް ޕްލީޒް
24 1

ތފސލ

24 މާރިޗު 2024
@އެހީވާން ބޭނުން ފޭސްބުކްގަ އިގެރޭސި ބަހުން’މަރިޔަމް ބަރްޝާ ، ޖަހާލީމާ އަންނާނެ މިކުށްޖާގެ ޕުރޮފައިލް. އެ ބަލާލީމާ ފެންނާނެ އެހީ ފޯރު ކުރަން ފޮނުވަންވި އެކައުންޓްތަށް. ގިނައިން ފަންޑްގެ ހުރިހާ ތިފްސީލް ހުންނަނީ މިކުދިންގެ އިންސަޓަގުރާމްގަ އަޕްޑޭޓް ކޮށްފަ. އިގެރޭސިން ‘ ބަ_ރްޝާ_’ ޖަހާލީމާ ފެންނާނެ .
13 0

ޣުބް

24 މާރިޗު 2024
ޣައްޒާގެ ހާލާމެދު ވަރަށް ދެރަވޭ އެހެން ނަަމަވެސް މި ދިވެހި ކުދިންގެ ވާހަކަ އިވިފައި ވަރަށް އުފާވެއްޖެ. މިކަހަލަ އިހުލާސްތެރި ކުދިން މިގައުމަށް ބޭނުމީ. ސުކުރިއްޔާ މި ހަބަރު ގެނެސްދިނީތީ.
46 1

މިސްރު އެޖެންޓު

24 މާރިޗު 2024
ޙެސްކިޔާފަ ޑޮލަރު ނަގާ ޓްރެވަލް އެޖެންޓު ގެ މުދަލުގައި ބަރަކާތް ނުލައްވާނެ ކަން އޭނަ އަށް އިނގޭބާ؟ ނިކަމެތި އިންސާނުން ތަކެއްގެ ނާޖާއިޒު ފައިދާ ނަގަނީ
25 5

ދިވެހިބަސް

24 މާރިޗު 2024
@މިސްރު އެޖެންޓު "އިނގޭބާ" އެއް ނޫން ދެލޯފުޅާ. "އެނގޭބާ" ދިވެހިބަސް ހެޔޮގޮތަށް ބޭނުންކުރައްވާ!
13 3

ެއޭޭއާުރުބިން ޔޫސުފު

27 މާރިޗު 2024
@މިސްރު އެޖެންޓު އަހަރެންމީ ނަދާ ނަމަ ފުރަތަމަ މިސުރަށް ފޮނުވާ ސަލާމަތްކުރާނީ މަންމަ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް