ރައީސް މުހައްމަދު މުއިއްޒު ނ. އަތޮޅަށް ފެބުރުއަރީ މަހު ކުރެއްވި ދަތުރުފުޅުގައި ނ. ކެނދިކުދުޅޫ ކައުންސިލާ ބައްދަލުކުރެއްވުމުގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)

ކައުންސިލް އިމާރާތްތައް އަޅާނެ ރަށްތައް ކަނޑައަޅާނެ އުސޫލު އާންމުކޮށްފި

ލާމަރުކަޒީ ދުވަހު ދެއްވި ހިތޯބުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ، މުޅި ރާއްޖޭގެ ކައުންސިލް އިދާރާތަކުުގެ އޮފީސް އިމާރާތްތައް ބާވެ ޖާގައިގެ ދަތިކަން ދިމާވެފައިވާތީ އެ މައްސަލަ ހައްލު ކުރަން މަސައްކަތް މަޝްރޫއެއް ފައްޓަވާނެ ކަމަށް

ރަށްރަށުގައި ކައުންސިލް އޮފީސްތައް އިމާރާތް ކުރަން ރައީސް މުހައްމަދު މުއިއްޒު މިދިޔަ މަހު އިއުލާނު ކުރެއްވި މަޝްރޫއުގެ ދަށުން އޮފީސް އިމާރާތްތައް އަޅާނެ ރަށްތައް ކަނޑައަޅާނެ ކްރައިޓީރިއާ އާންމު ކޮށްފި އެވެ.

ވީ ކިހިނެއް؟ - ސިޓީސް އެންޑް ލޯކަލް ގަވަމެންޓް މިނިސްޓްރީ އިން އިއްޔެ ވަނީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ކުރިއަށް ގެންދަން ނިންމާފައިވާ އެ މަޝްރޫއުތައް ހިންގާނެ ރަށްތައް ކަނޑައެޅުމަށް މާކްސް ދޭނެ ގޮތް ކަނޑަައަޅައި އެ ކްރައިޓީރިއާތަކާ މެދު އެއްވެސް ޝަކުވާއެއް އޮތް ނަމަ އެ ޝަކުވާ އަށް ވެސް ހުޅުވާލައިފަ އެވެ.

ތަފްސީލް - މިނިސްޓްރީގެ އިއުލާނުގައި އާންމުކޮށްފައިވާ މާކްސް ދޭނެ އުސޫލުގައިވާ ގޮތުން؛

  • ރަށުގެ އާބާދީ - 20 މާކްސް

  • ކައުންސިލުގެ ވަސީލަތްތައް - 20 މާކްސް

  • އިމާރާތުގެ ހާލަތު - 20 މާކްސް

  • ކައުންސިލަރުން މަސައްކަތް ކުރާނެ ޖާގަ - 10 މާކްސް

  • މުވައްޒަފުން މަސައްކަތް ކުރާނެ ޖާގަ - 10 މާކްސް

  • އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންގެ ޖާގަ - 10 މާކްސް

  • ކަންގަތި އެވޯޑް ލިބިފައިވުން - 10 މާކްސް

ލާމަރުކަޒީ ދުވަހު ދެއްވި ހިތޯބުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ މުޅި ރާއްޖޭގެ ކައުންސިލް އިދާރާތަކުުގެ އޮފީސް އިމާރާތްތައް ބާވެ ޖާގައިގެ ދަތިކަން ދިމާވެފައިވާތީ އެ މައްސަލަ ހައްލު ކުރަން ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުން އޮފީސް އިމާރާތްތަކެއް އެޅުމުގެ މަޝްރޫއެއް ފައްޓަވާނެ ކަމަށެވެ.

ގިނަ ކައުންސިލްތަކުގައި މަސައްކަތްކުރާނެ ޖާގައެއް ވެސް ނެތް ކަމަށާއި ފާއިތުވި 13 އަހަރު ކައުންސިލްތަކުގެ އުމްރާނީ ތަރައްގީއަށް ސަމާލުކަން ދީފައި ނެތް ކަމަށް އެ ހިތޯބުގައި ރައީސް ފާހަގަ ކުރެއްވި އެވެ.

"އެހެންކަމުން ކައުންސިލްތަކުގެ އިމާރާތްތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދީގެން، އިންވެސްޓާ ފައިނޭންސްގެ އުސޫލުން ކައުންސިލް އިދާރާތަކުގެ އުމްރާނީ ތަރައްގީއަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް އަޅުގަނޑު ގަސްތުކުރާ ވާހަކަ ދަންނަވަން. އަމާޒަކީ ކައުންސިލްތަކަށް ގާނޫނީ ވާޖިބު އަދާކުރެވޭނެ، ރައްޔިތުންނާ އެކު މަޝްވަރާކޮށް، ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް އުފައްދައިދިނުން،" ރައީސް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް