ކ. ކާށިދޫގައި އެހެލާފައި ހުރި ދޯނިތަކެއްގައި ރޯވެ މިރޭ އަނދަނީ. (ފޮޓޯ/ކާށިދޫ ކައުންސިލް)

ކާށިދޫގައި އެހެލާފައި އޮތް ދެ ދޯންޏަކާއި ބޮއްކުރައެއް އަނދައި ހުލިވެއްޖެ

އަލިފާން ރޯވީ މީހުން ދިރިއުޅޭ ސަރަހައްދެއްގައެއް ނޫން

ކ. ކާށިދޫގައި އެހެލާފައި އޮތް ދެ ދޯންޏެއްގައި ރޯވެ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފި އެވެ.

ވީ ކިހިނެއް؟ - މިރޭ 12:30 ހާއިރު އެއް ދޯނީގައި ހުޅުހިފައި، ދެވަނަ ދޯންޏެއްގައި ރޯވެ، އެ ދެ ދޯންޏާ ކައިރީގައި އެހެލާފައި ހުރި ބޮއްކުރާއެއްގައި ވެސް ރޯވި އެވެ.

ތަފްސީލް - އަލިފާނުގެ ހާދިސާ ހިނގަމުންދިޔަ އިރު އެ ސަރަހައްދުގައި ހުންނެވި ކާށިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވިދާޅުވި ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

"ފުރަތަމަ އެއް ދޯނީގައި އަލިފާން ރޯވެގެން އަނެއް ދޯންޏަށް ހުޅުގަނޑު އެރީ، މިހާރު ނިއްވާލެވޭ ވަރަށް ވުރެ ބޮޑަށް ހުޅުގަނޑު އޮތީ ދެ ދޯނީގައި ވެސް ހިފާފައި،" އަނދަމުންދިޔަ ވަގުތު ވާހަކަދައްކަވަމުން އާމިރު ވިދާޅުވި އެވެ.

"އޭގެ އިތުރުން، ފުރަތަމަ ރޯވި ދޯނީގެ ކައިރީގައި އޮތް ކުޑަ ބޮއްކުރާ ސައިޒުގެ ވަރަށް ކުޑަ ދޯންޏެއް ވެސް ވަނީ އަނދާފައި."

ކ. ކާށިދޫގައި އެހެލާފައި ހުރި ދޯނިތަކެއްގައި ރޯވެ މިރޭ އަނދަނީ. (ފޮޓޯ/ކާށިދޫ ކައުންސިލް)

ގެގަނޑު ލައި މަސް ދޯނި ގޮތަށް ހަދާފައިވާ ބޮޑު ދެ ދޯނި ބޭނުންނުކޮށް އެތަނުގައި އެހެލާފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"2021 އިން ފެށިގެން އެ ދެ ދޯނި އެހަލާފައި އޮތީ އެތާ. މި ރަށަށް މަރާމާތަށް ގެނައި ގޮތަށް މަސައްކަތެއް ނުކޮށް ގަވައިދާ ހިލާފަށް ބާއްވާފައި އޮތީ ވެސް. ކައުންސިލުން މީގެ ކުރިން ނަގަން ވެސް އެންގި،" އާމިރު ވިދާޅުވި އެވެ. 

އަލިފާނުގެ ހާދިސާ ހިނގީ މީހުން ދިރިއުޅޭ ސަރަހައްދެއްގައެއް ނޫނެވެ. ނަމަވެސް އެތަނާ މާ ދުރު ނޫން ހިސާބެއްގައި ޕެޓްރޯލް ޝެޑެއް ހުރެ އެވެ.

އާމިރު ވިދާޅުވި ގޮތުގައި ވައި ހުރި ގޮތުން އެ ހިސާބަށް އަސަރުކުރާނެ ކަމަކަށް ނުބެލެވެ އެވެ. 

ކޮމެންޓް (1)

އަމީރު

19 މާރިޗު 2024
ނަގަން އެންގީމަ ނުނެގީމަ މާ ފަސޭހަ ގޮތަކަށް ނެގީތަ ތީ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް