ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ރައްޔިތުންގެ މަަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ (ފޮޓޯ/ރައްޔިތުންގެ މަޖިލީސް)

މެންބަރު ސަނީފް

ރިޝްވަތުގެ އިނގިލި ދިއްކުުރުމުން، ސަނީފްގެ ރުޅިގަނޑު ޝާހިދަށް

ސަނީފަށް ރިޝްވަތުގެ ތުހުމަތު އަމާޒުވީ، ރޯދަ މަހުގެ ފަހަށް އިންތިހާބު ލަސްކުރާ ބިލުގެ ވޯޓުގައި އޭނާ ބައިވެރިނުވުމުން

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ފަސްކުރަން އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދެވަނަ ފަަހަރަށް ފާސްކުުރަން މަޖިލީހުގައި ނެގި ވޯޓުގައި އެދުވަހު ޖަލްސާއަށް ހާޒިރުވުމަށް ފަހު، ވޯޓުގައި ބައިވެރިވެވަޑައިގެންފައި ނުވަނީ ރިޝްވަތު ނަންގަވައިގެން ކަމަށް އޭނާއަށް ތުހުމަތުކުުރުމުން އެކަމުގެ ނުރުހުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދަށް، ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުﷲ ސަނީފް ފާޅުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - މިިދިޔަ މަހު 28ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި ނެގި އެ ވޯޓުގައި ސަނީފް ހިމެނޭ ގޮތަށް އެމްޑީޕީގެ ތިން މެންބަރަކު ވޯޓުގައި ބައިވެރިވެވަޑައިގެންފައި ނުވަނީ ސަރުކާރުން ބޮޑެތި ރިޝަވަތު ހުށަހަޅައިގެން ކަމަށް ރަޖިސްޓްރީނުކޮށް ހިންގާ ވެބްސައިޓަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ސަނީފް ރުޅިގަނޑު އަމާޒުކުރީ، މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ކުރިއަށް ދިޔަ އެންޓި ޑިފެކްޝަން ބިލުގެ ބަހުސް ތެރޭގަ އެވެ.

ތަފްސީލު - އެބިލަށް ބަހުސް ކުރައްވަމުން ޝާހިދަށް އަމާޒު ކުރައްވައި ސަނީފް ވިދާޅުވީ 'އެންމެ ބޮޑު ޕާޓީ'ގެ ރައީސަކަށް މިހާރު ހުންނެވީ އެއްވެސް މީހަކު ކުރިމަތިނުލުމުން 'އިއްތިފާގުން ހޮވިފައިވާ ރައީސްއެއް' ކަމަށެވެ.

އެގޮތަށް އެކަން ދިމާވީ، ސަނީފް ވިދާޅުވި ގޮތުގައި، ކުރިއަށް މަޖިލިސް އިންތިހާބު އޮތުމުން ޕާޓީގެ ގައުމީ މަޖިލިސް މެންބަރުންނަށް އެ އިންތިހާބު މުހިންމުވުމުންނެވެ. އެހެންވެ ޝާހިދު އެ މަގާމަށް ގެންނަން މުޅި ޕާޓީ އެއްކޮށް ބޭނުން ނުވިކަމުގައި ވިޔަސް، ލީޑާޝިޕުން ބޭނުންވާ ގޮތަށް ގައުމީ މަޖިލިސް މެންބަރުން ވެސް "ހަނު ތިބެން" މަޖުބޫރުވީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފަދަ ކަންކަމަކީ [ނުވަތަ] މިފަދަ ހީލަތްތެރި ރޭވުންތަކުން ޕާޓީގެ ރައީސްގެ މަގާމަށް މީހުން އައްޔަން ކުރުމަކީ އެ ޕާޓީއެއްގެ ދޭތެރޭގައި އޮންނަ ސައްހަކަން ގެއްލިގެން ހިނގައިދާނެ ކަމެއް،" އެންޓި ޑިފެކްޝަނެއް ބިލެއް ފާސްކުރާއިރު، ޕާޓީތައް ވެސް ހަރުދަނާވާން ޖެހޭކަން ފާހަގަކުރައްވައި ސަނީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އައިސް މީގެ ކުރިން އޮތް އެންޓި ޑިފެކްޝަން ގާނޫނު އުވާލި ކަމަށެވެ. އަދި އެކަން ކުރީ އެމްޑީޕީއަށް ފައިދާވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ގާނޫނު އުވާލާކަށް ނުޖެހޭ. އެ ގާނޫނަކީ ހަރުދަނާ ކުރަން ޖެހޭ ގާނޫނެއް،" ސަނީފް ވިދާޅުވި އެވެ. 

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އޭރުގެ ފޮރިން މިނިސްޓަރު އަދި މިހާރު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު (ފޮޓޯ/އެމްޑީޕީ)

އެއާ އެކު ދެން ވިދާޅުވީ "މިއަދު ވެސް ސާބިތުކަމާ އެކު މިހުރީ އެމްޑީޕީގައި" ކަމަށެވެ. އައަށް ފަހު ދެން ވެސް ކުރިއަށް ގެންދިޔައީ އޮތް ހިތްހަމަނުޖެހުމުގެ ޝުއޫރުތަކެވެ.

"އާ ސަރުކާރު އައިސްގެން ވަޒީރުން ރުހުން ދިން ވޯޓުގައި، އެމްޑީޕީ މެންބަރުން ރިޝްވަތު ނަގައިގެން ރުހުން ދިން އިރު، އަދި އެ ވޯޓަށް ފިލިއިރުގައި މިއާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދެއްކި އެއްވެސް ލީޑަރެއް އެމްޑީޕީގައި ނެތް،" ވަރަށް ރުޅުވެރިވަކަމާ އެކު ހަރު އަޑުން ސަނީފް ވިދާޅުވި އެވެ.

"މިއާ އެއްކޮށް ޕާޓީ ވިއްސިވިހާލިވެ ޕާޓީ ދެކަފިވެގެން ދިޔައިރުގައި އަޅުގަނޑުމެން ތްރީލައިން ވިޕް ނޫން ވިޕަށް ވޯޓު ނުދިނީމާ އަޅުގަނޑުމެންގެ ވާހަކަ ދެއްކީމާ މިއީ ލަދުވެތި ކަމެއް."

އެނގުން މުހިންމު - ވަޒީރުންނަށް ރުހުން ދޭން ނެގި ވޯޓުގައި އެމްޑީޕީގެ ވިޕްލައިންނާ އެއްގޮތަށް ސަނީފް ވޯޓު ދެއްވި އެވެ. އެ ވޯޓުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއަށް ރުހުން ނެތް ކަމަށް ވޯޓު ދެއްވި ދެ މެންބަރުންގެ ތެރޭގައި ވެސް އޭނާ ހިމެނިވަޑައިގަންނަވަ އެވެ. 

އެމްޑީޕީގެ ޕީޖީން ރުހުން ނުދޭން ނިންމީ ހަތަރު ވަޒީރަކަށެވެ. ނަމަވެސް އެމްޑީޕީގެ ބައެއް މެންބަރުން ވިޕްލައިންއާ ހިލާފުވުމުން ރުހުން ނުލިބުނީ ހަމައަކަނި އޭގެ ތެރެެއިން ތިން ވަޒީރަކަށެވެ.

ސަނީފް ތުހުމަތުކުރެއްވި ގޮތުގައި އެ ވާހަކަ އެގޮތަށް ފަތުރަނީ، ޝާހިދާ ގުޅުން އޮންނަ ނޫހަކުންނެވެ. ނަމަވެެސް އެ ނޫހުގެ ނަމެއް އޭނާ ވިދާޅެއް ނުވެ އެވެ. 

"ޕާޓީގެ މެންބަރުން ފަޒީހަތް ކުރުމަކީ މިތަނުގައި ހުރެގެން، ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ހުރެގެން އަޅުގަނޑު ކުށްވެރިކުރާ ކަމެއް،" ސަނީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީ މިގޮތަށް ނުހިންގޭނެ ކަމަށެވެ. ނަމަވެސް އެ ހިސާބުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އޭނާގެ ވާހަކަ ހުއްޓުވައި، ބިލަށް ބަހުސްކުރައްވަން އެދިވަޑައިގެންނެވި އެވެ. 

މަޖިލިސް ޖަލްސާގެ ރިޔާސަތުގައި ރައީސް މުހައްމަދު އަސްލަމް (ފޮޓޯ/ މަޖިލިސް)

"އަޅުގަނޑު މިގޮތަށް ވާހަކަ ދެއްކީ މިފަދަ ބިލެއް އަންނަ އިރު، ޕާޓީތައް ހަރުދަނާވުމަކީ މުހިންމު ކަމެއް ކަމަކަށް ވާތީ. އެންޓި ޑިފެކްޝަން ގާނޫނެއް އަންނަ އިރު، މެންބަރެއްގެ އެ ވަކިކުރުމުގެ ބާރު ޕާޓީއަކަށް ދޭއިރު، އެ ޕާޓީ ހަރުދަނާ ނުވެ އޮވެއްޖިއްޔާ އަޅުގަނޑުމެންގެ މެންބަރަކަށް އެ ޕާޓީއަކުން ހަދާނެ ގޮތެއް ނޭނގޭނެ،" އޭނާ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ސަނީފް ވާދައެއްނުކުރައްވަ އެވެ. އެމްޑީޕީގެ ޕްރައިމަރީއަށް ވެސް އޭނާ ކުރިމައްޗެއް ނުލައްވަ އެވެ. އެ ދާއިރާއަށް  އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވީ ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަން އެވެ.

"އަޅުގަނޑު އެދެނީ، މި މަޖިލީހުން މިއަށް ގޮތެއް ނިންމައި ރިޝްވަތުގެ ކަޅު ފައިސާގައި ޖެހޭ ހަގީގީ މީހުން އެނގޭނެ ގޮތަށް މިކަން ނިންމައިދިނުން،" ސަނީފްގެ ވާހަކަ ނިންމާލައްވަމުން ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް