ރައީސް މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ނ. ކެނދިކުދުޅޫ ކައުންސިލާ ބައްދަލުކުރައްވަނީ
ކެނދިކުޅުދޫ ކައުންސިލާ ދެކޮޅަށް އެލްޖީއޭއިން ނެރުނު ބަޔާން މަޖިލިސް މެމްބަރުންނަށް ކަމަކު ނުދިޔަ
ރައީސް މުހައްމަދު މުއިއްޒު މިހާރު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކަށް ފާޑުކިޔާ ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ގަރާރު ބާތިލު ކުރަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނެރުނު ބަޔާނާ މެދު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިތްހަމަޖެހިވަޑައި ނުގެން ވާހަކަ ދައްކަވައިފި އެވެ.
މައްސަލައިގެ ފެށުން: ކެނދިކުޅުދޫ ކައުންސިލުން ގަރާރު ނެރުނީ ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ، ރަަސްމީ ދަތުރުފުޅުގެ ނަމުގައި ރައީސް މުއިއްޒު ކެމްޕޭނު ހަރަކާތްތައް ހިންގަވާ ކަމަށް ބުނެ އެވެ.
އެ ގަރާރުގައި ބުނިގޮތުގައި:
-
މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ރައީސް މުއިއްޒު ކެނދިކުޅުދުއަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރު ނިސްބަތްވާ ޕާޓީއަށް ތާއީދު ހޯދަން ވަނީ ވާހަކަފުޅު ދައްކަވާފައި
-
ސިޔާސީ ހަރަކާތެއްގެ ގޮތަށް ސިފަކޮށް، މުއިއްޒު ވާހަކަ ދެއްކެވީ، ކައުންސިލުން ބުނިގޮތުގައި، އެތަނުގެ ރަސްމީ ބައްދަލުވުމެއްގައި. އެހެންވެ، ކައުންސިލުން އެކަން ކުށްވެރިކުރި.
އެކަމަކު އެ ގަރާރު ނެރުނުތާ 15 މިނިޓްގެ ތެރޭގައި، އެލްޖީއޭއިން ވަނީ ގަރާރު ބާތިލު ކުރުމަށް އެދިފަ އެވެ. އަދި ފަހުން ކެނދިކުޅުދޫ ކައުންސިލަރުން ވަނީ، އެލްޖީއޭގެ ނިންމުމާ މެދު ހިތްހަމަ ވަޑައިނުގެން، އަނގަމަތީ ޓޭޕް އަޅުއްވައިގެން އިހްތިޖާޖް ކުރައްވާފަ އެވެ.
އެލްޖީއޭ އާއި ކެނދިކުޅުދޫ ކައުންސިލާ ދެމެދު ހިނގި މި މައްސަލަ ބަލައިދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވަނީ ލާމަރުކަޒީ ކޮމިޓީއަށް ހުށަހަޅުއްވާފަ އެވެ.
އެ ކޮމިޓީއަށް ލިޔެކިޔުމުން ޖަވާބުދާރީ ވަމުން އެލްޖީއޭއިން ބުނީ:
-
ކައުންސިލްތަކުން ނިންމާ ނިންމުންތަކާއި ގަވައިދުތައް، ގާނޫނީ އިމުން ބޭރުވެެގެން ނުވާނެ ކަމަށް
-
ކައުންސިލްތަކުގެ ނިންމުންތަކާއި ގަރާރުތައް ވާންވާނީ ކައުންސިލަށް މަތިކޮށްފައިވާ ހިދުމަތްތަކާ ގުޅިގެން އެ އިދާރާއަށް ލިބިފައިވާ ބާރުގެ ތެރެއިން ނިންމާ ނިންމުންތަކަކަށް
-
ކައުންސިލްތަކަކީ ސަރުކާރުގެ ފަށަލައެއް؛ އެހެންވެ، ކައުންސިލްތަކުން ހިންގާ ހަރަކާތްތަކާއި ހިދުމަތްތައް ދާން ޖެހޭނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް
-
އަދި އެހެން މުއައްސަސާއެއްގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަމަކާ މެދު ގޮތް ނިންމައި، ނޫސް ބަޔާން ނެރުމަކީ ކައުންސިލްތަކަށް ލިިބިފައިވާ ބާރެއް ނޫން
ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު، ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޔާޒާއި ކޮމިޓީގައި ދެން ތިބި މެމްބަރުން ވަނީ އެލްޖީއޭގެ ބަޔާނާއި ވާހަކަތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން ވާހަކަ ދައްކަވާފަ އެވެ. ބައެއް މެމްބަރުން އެ ބަޔާން ކުށްވެރިކުރެއްވި އެވެ.
އަލީ ނިޔާޒު ވިދާޅުވީ ކައުންސިލްތަކުން ކުރާ އެންމެ ކަމެއްގެ ވާހަކަ، އެލްޖީއޭއިން ތަކުރާރުކޮށް ފާހަގަކޮށްފައިވީ ނަމަވެސް ކައުންސިލްތަކަކީ އެއަށް ވުރެ ފުޅާ މެންޑޭޓެއްގެ ތެރޭގައި ހިންގާ ތަންތަން ކަމަށެވެ. އެގޮތުން އަމިއްލައަށް ފައިސާ ހޯދައިގެން ވިޔަފާރިކޮށްގެން، އަމިއްލައަށް ހިދުމަތްތައް ފުޅާކުރުމުގެ ބާރުލިބޭ ޝަހުސެއް ކަމަށް ވާއިރު، ސަރުކާރުގެ ފަށަލައެއްގެ ގޮތަށް އެލްޖީއޭއިން ސިފަކޮށްފައިވާތީ އެކަމާ އޭނާ ސުވާލު އުފެއްދެވި އެވެ.
"އަޅުގަނޑަކަށް މާނައެއް ނުކުރެވޭ އެއީ ސަރުކާރުގެ ފަށަލައެއް ކަމަކަށް. އަދި ސުޕްރީމްކޯޓުން ކޮށްފައިވާ ހުކުމަކުން ވެސް އެގޮތަށް ދޭހަވަނީ،" އެޓާނީ ޖެނެރަލް އާއި އދ. ފެންފުށީ ކައުންސިލާ ދެމެދު ޖެހުނު މައްސަލައެއްގައި ސުޕްރީމް ކޯޓުން 2022 ވަނަ އަހަރު ކުރި ހުކުމެއްގައި ބަޔާންކޮށްފައިވާ ވާހަކަތައް އިއްވަމުން ނިޔާޒް ވިދާޅުވި އެވެ.
"...އެހެންވެ، ދާއިރާއާ ގުޅޭ ކަންކަމުގައި ތަމްސީލު ކުރާނީ ކައުންސިލުން އަމިއްލައަށް."
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވީ މިއީ ސިޔާސީ ކުރަން އުޅެފިއްޔާ ވަރަށް ބޮޑުވެސް ކުރެވިދާނެ ކަމެއް ކަމަށާއި އެކަމަކު ރީތިކޮށް މައްސަލަ ނިންމުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"ބައްދަލުވުމެއްގައި ރައީސަކު ނޫނީ ވަޒީރަކު ނުވަތަ މެމްބަރަކު ދައްކާނެ ވާހަކައެއް އެނގޭނީ އެ ބޭފުޅަކަށް. އެކަމަކު މީގެ ކުރިން ވެސް ސިޔާސީ ނޫން އިވެންޓުތަކުގައި އެބަހުރި މި ފަދަ ވާހަކަތައް ދައްކާފައި،" ޝިޔާން ވިދާޅުވި އެވެ.
"ކެމްޕޭންގެ ބޭނުމަކު ވެސް [މި ފަދަ ވާހަކައެއް] ނުދެއްކޭނެ. އަދި އެލްޖީއޭއަކަށް ނޭންގޭނެ ގަރާރު ބާތިލް ކުރާކަށް ވެސް."
ބައެއް މެމްބަރުން ސިފަ ކުރެއްވި ގޮތުގައި ގަރާރު ބާތިލު ކުރަން އެންގުމަކީ، ކައުންސިލަށް ލިބިފައިވާ ގާނޫނީ ބާރުގެ ތެރެއަށް އެލްޖީއޭއިން ނާޖާއިޒް ގޮތެއްގައި ވަނުމެވެ.
މި މައްސަލައާ ގުޅޭގޮތުން ކޮމެޓީއިން ވަކި ގޮތެއް ނުނިންމަ އެވެ. ހުރިހާ މެމްބަރުންނަށް ވެސް އެއްބަސް ވެވުނީ އެލްޖީއޭ އާއި ކެނދިކުޅުދޫ ކައުންސިލްގެ މެމްބަރުން ކޮމިޓީއަށް ހާޒިރު ކުރައްވައިގެން ދެން މައްސަލަ ކުރިއަށް ގެންދިޔުމަށެވެ.