ޔޯގާ ހަމަނުޖެހުން ހިންގުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން އެ ހަރަކާތުގެ ބައިވެރިންނާއެކު ޝެއިހް ފަޒްލޫން އަދި ނިޝާން މަގުމަތީގައި

ޔޯގާ މައްސަލާގައި ޖިނާއީ ދައުވާ އުފުލާފައިވާ ނިޝާން އާއި ފަޒްލޫނަށް އަލުން ހުއްދަދީފި

އެ ދެ މީހުންގެ ހުއްދަ އަލުން ދީފައިވަނީ އިއްޔެ؛ މިހާރު ބަންދުން ދޫކޮށްލާފައި ތިބި ނިޝާން އަދި ފަޒްލޫންގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން ހިތްވަރު ދިނުމުގެ ދައުވާ

މީގެ ދެ އަހަރު ކުރިން ބައިނަލްއަގުވާމީ ޔޯގާ ޑޭ ފާހަގަ ކުރުމަށް ހިންގި ހަރަކާތެއްގެ ތެރެއަށް ބަޔަކު ވަދެގަނެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކޮށް ޖިނާއީ ދައުވާ އުފުލައި، އަދި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ހިފެހެއްޓި، ފަޒްލޫން ބިން މުހައްމަދު އާއި އާދަމް ނިޝާންއަށް ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އަލުންދީފި އެވެ.

ވީ ކިހިނެއް؟ - ފަޒްލޫން އަދި ނިޝާން ހައްޔަރުކޮށް ދައުވާ އުފުލީ 21 ޖޫން 2022ގައި ހިންގި ޔޯގާ ހަމަަނުޖެހުމުގައި އިސް ދައުރެއް އަދާކޮށްފައިވާ ކަމަށް ތުހުމަތުކޮށެވެ. މިހާރު ބަންދުން ދޫކޮށްލާފައިވާ އެ ދެ ބޭފުޅުންގެ މައްޗަށް ވެސް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އެވެ. 

އެ މައްސަލާގައި ފުލުހުން ހިންގި ޖިނާއީ ތަހުގީގާ ގުޅިގެން އެ ދެ ބޭފުޅުންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓީ 23 ޖޫން 2022ގަ އެވެ. ނިޝާން މިއަދު ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ، އެ ހުއްދަ އަނބުރާ ދީފައިވާކަން ހާމަކުރައްވައިފަ އެވެ.

"އަލްހަމްދު ލިއްލާހި. މިދިޔަ ސަރުކާރުން ހިފެހެއްޓި އަޅުގަނޑުގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ މި ސަރުކާރުން ވަނީ އިއްޔެ އަލުން އަނބުރާ ދީފައި. މި ފުރުސަތުގައި އިސްލާމިކް މިނިސްޓްރީއަށް، ވަކިން ހާއްސަކޮށް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން،" ނިޝާންގެ ޕޯސްޓުގައިވެ އެވެ.

ބުނީ ކީކޭ؟ - ނިޝާންގެ އިތުރުން ފަޒްލޫންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް އިއްޔެ އަނބުރާ ދީފައިވާކަން އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ 'ދައުރު' އަށް ކަށަވަރުކޮށްދީފަ އެވެ.

ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އަނބުރާ ދިންކަން އަންގައި މިނިސްޓްރީން އެ ދެބޭފުޅުންނަށް ފޮނުވާފައިވާ ސިޓީގައި ވާގޮތުން އެ ހުއްދަ އަނބުރާ ދީފައިވަނީ، ރާއްޖޭގައި ދީނީ ތަގުރީރު ކުރުމާއި ވައުޒުބުނުމާއި ދީނީ ހުކުމްތައް ބަޔާންކުރުމުގައި މިނިސްްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވާއިދުތަކަށް އިހުތިރާމް ކުރުމަށް އެެއްބަސްވުމާ އެކު އެވެ.

ޝެއިހް އާދަމް ނިޝާން (ކ)، އަދި ފަޒްލޫން މުހައްމަދު (ވ)

ފާހަގަކޮށްލެވޭ ކަމެއް - ނިޝާން އާއި ފަޒްލޫންގެ ހުއްދަ މިދިޔަ ސަރުކާރުގައި ހިފެހެއްޓި ސަަބަބެއް ކަމަށް ބުނެފައިވަނީ:

  • އެ ދެ ބޭފުޅުންގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވި، ޖިނާއީ ތަހުގީގެއް ހިންގަމުންދާކަން ފުލުހުން މިނިސްޓްރީއަށް އަންގާފަވާތީ 

  • އެގޮތުން ގަލޮޅު ރަސްމީ ދަނޑުގައި ހިންގި ހަރަކާތަށް އަމާޒުކޮށް ފުލުހުންގެ ސަފުތައް ފޫއަޅުވާލައި، ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ، ދައުލަތުގެ މުދަލަށް ގެއްލުންދީ، ދައުލަތުގެ ވަޒީރުންނާއި އިއްޒަތްތެރިން އަދި އެކުވެރި ދައުލަތްތަކާއި ބައިނަލްއަގްވާމީ ޖަމާއާއަތްތަކުގެ ޑިޕޮލޮޓުންނާއި މަންދޫބުންނަށް ހަމަލާދީ ހަމަނުޖެހުން ހިންގި އެއްވުމަށް ދައުވަތު ދީ، އެ އެއްވުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ކަމަށް

  • އެ ހަމަނުޖެހުން ހިންގައިގެން، ހައްޔަރުކުރި ފަރާތްތަކުގެ އަމަލުތަކަށް ހިތްވަރުދީ އެ އަމަލުތައް ދިފާއުކޮށް، އެ މީހުންގެ މައްޗަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅުއްވި ފަނޑިޔާރުންނަށް ނިސްބަތްކޮށް "ތަކްފީރީ ސީއާއިން" ކަމަށް ސޯޝަލް މީޑިއާގައި މުލާތުކޮށްފައިވާކަން އެނގެން އޮންނާތީ 

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން 22 ޖޫން 2022 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ ތެރެއިން. (ފޮޓޯ/އިންޑިއާ އެމްބަސީ)

އެނގުން މުހިންމު - މިހާރު ބަންދުން ދޫކޮށްލާފައިވާ މި ދެ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަދި ވެސް އޮތީ ކްރިމިނަލް ކޯޓުގަ އެވެ. ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާ ހުރެ އަޑުއެހުންތައް ބޭއްވުން ވަރަށް ބޮޑަށް މަދުވެފައިވާއިރު، މި މައްސަަލައިގެ އަޑުއެހުންތައް ވެސް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.

އެ ދެ ބޭފުޅުންގެ ހުއްދަ އަނބުރާ އިއްޔެ ދިން އިރު، އެ ދެ ބޭފުޅުން ހައްޔަރުކުރުމާ އެކު، ބަންދުން ދޫކޮށްލުމަށް ގޮވާލި މީހުންގެ ތެރޭގައި މިހާރުގެ އިސްލާމިކް މިނިސްޓަރު ޝަހީމް ހިމެނިވަޑައިގަންނަވަ އެވެ.

ކޮމެންޓް (1)

މަރުދުރުގެ ދަރި

11 މާރިޗު 2024
މިއީ ޝަރުއީ ނިޒާމަށް، ރައްޔިތުންގެ މަޖިލީހަށް ބޯލަނބާ ސަރުކާރެއް ނޫން. މުޅިން ވެސް ގޮންޖެހުން. ޖިނާއީ ދައުވާއެއް އުފުލާފައިވާ ބަޔަކު، އެ މީހުންގެ މައްޗަށް ކުށްސާބިތުވުން ނުވަތަ ނުވުން، ނުނިމި ވަނިކޮށް ކުރީގެ ހަރުފަތަށް ނެގުމަކީ ހަޔާތްކުޑަކަމެއްް. މި ވަރުގެ ބަޔަކަށް ރައްޔިތުންގެ މަޖިލީސް ދިނުމުން ވާނެ ގޮތް ދެން ވިސްނަވާ؟
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް