ފަޒްލޫން: ޔޯގާ ދުވަހު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އޭނާ ހައްޔަރުގައި ބެހެއްޓުމަށް ފަހު ވަނީ ދޫކޮށްލާފައި.

ހައި ކޯޓު

ފަޒްލޫން މިނިވަން ކުރުމުން ދައުލަތުން ހައި ކޯޓަށް

ފަޒްލޫން ބަންދުން ދޫކޮށްލީ މިދިޔަ ބުރާސްފަތި ދުވަހު
25 ޖުލައި 2022

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގެ ތެރެއަށް ވަދެގަނެ ހަމަނުޖެހުން ހިންގި މައްސަލައިގައި ތުހުމަތު ކުރެވޭ ދީނީ އިލްމުވެރިޔާ ފަޒްލޫން މުހައްމަދު ބަންދުން ދޫކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން މިއަދު ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

މައްސަލައިގެ ފެށުން - މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަ ކުރަން ހަރަކާތެއް ބާއްވަނިކޮށް، ފުލުހުންގެ ސަފުތައް ފޫއަޅޫވާލައި ގަލޮޅު ދަނޑަށް ވަދެގަނެ ބައެއް މީހުންނަށް ހަމަލާ ދިނުމުގެ އިތުރުން އެ ތަނުގައި ހުރި ބައެއް ތަކެއްޗަށް ވެސް ގެއްލުން ދިން މައްސަލައިގައި ހައްޔަރު ކުރި 20އަށް ވުރެ ގިނަ މީހުންގެ ތެރޭގައި ފަޒްލޫން ވެސް ހިމެނެ އެވެ.

އޭނާ ހައްޔަރުކޮށްގެން ކޯޓުން ބަންދު ކުރަމުންދިޔަ ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ ޝަރުތުކޮށްފައި އޭނާ ބަންދުން ދޫކޮށްލުމަށެވެ.

ވީ ކިހިނެއް؟ - ހައި ކޯޓުގެ ވެބްސައިޓުގައިވާ މައްސަލަތަކުގެ ރަޖިސްޓްރީން ފެންނަ ގޮތުގައި، ފަޒްލޫން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައި ވަނީ މިއަދު އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ.

ފަޒްލޫން ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފުކޮށްފައި ވާއިރު، އޭނާއާ އެކު ހައްޔަރު ކުރި ދީނީ އިލްމުވެރިޔާ އާދަމް ނިޝާންގެ ބަންދު އަމުރުތައް އޭނާގެ ފަރާތުން ވަނީ އިސްތިއުނާފު ކުރަން ހައި ކޯޓަށް ހުށަހަޅައިފަ އެވެ. ނިޝާން އަދިވެސް ހުރީ އެ މައްސަލައިގައި ބަންދުކޮށްފަ އެވެ.

ތަފްސީލް - އިސްލާމިކް މިނިސްޓްރީން ވަނީ ޔޯގާ ހަމަނުޖެހުމާ ގުޅިގެން ފަޒްލޫން އާއި ނިޝާންގެ ދީނީ ތަގުރީރު ދިނުމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފަ އެވެ.

އެނގުން މުހިންމު - ޔޯގާ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތަކީ އިންޑިއަން ކަލްރަލް ސެންޓަރާއި ޔޫތު މިނިސްޓްރީ ގުޅިގެން ހިންގި ހަރަކާތެކެވެ. އެ ހަރަކާތުގައި އާންމުންގެ އިތުރުން، ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން ހަރަކާތްތެރިވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް