ފަޒްލޫން: ޔޯގާ ދުވަހު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އޭނާ ހައްޔަރުގައި ބެހެއްޓުމަށްފަހު މިއަދު ވަނީ ދޫކޮށްލާފައި.

ޝަރުތުކުރުމަށް ފަހު ފަޒްލޫން ދޫކޮށްލައިފި

ޔޯގާ ހަރަކާތަށް އަމާޒުކޮށް ހިންގި ހަމަނުޖެހުމުގައި ބައިވެރިވުމަށް ދައުވަތު ދީ އެކަމުގައި އިސް ދައުރެއް އޭނާ އަދާ ކުރި ކަމަށް ތުހުމަތު ކުރޭ
21 ޖުލައި 2022

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގެ ތެރެއަށް ވަދެގަނެ ހަމަނުޖެހުން ހިންގި މައްސަލައިގައި ތުހުމަތު ކުރެވޭ ދީނީ އިލްމުވެރިޔާ ފަޒްލޫން މުހައްމަދު މިއަދު ބަންދުން ދޫކޮށްލައިފި އެވެ.

މައްސަލައިގެ ފެށުން - މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަ ކުރަން ހަރަކާތެއް ބާއްވަނިކޮށް، ޝަހާދަތުގެ ދެ ކަލިމަ ލިޔެފައި ހުރި ދިދަތަކެއް ހިފައިގެން ތިބި ބަޔަކު ވަނީ ފުލުހުންގެ ސަފުތައް ފޫއަޅޫވާލައި ގަލޮޅު ދަނޑަށް ވަދެގަނެ ބައެއް މީހުންނަށް ހަމަލާ ދިނުމުގެ އިތުރުން އެ ތަނުގައި ހުރި ބައެއް ތަކެއްޗަށް ވެސް ގެއްލުން ދީފަ އެވެ.

އެ އެއްވުމުގައި އެކި ގޮތްގޮތުން ބައިވެރިވި ކަމަށް ބުނެ 20އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރި އިރު، އެކަމުގައި އިސް ދައުރެއް އަދާ ކުރި ކަމަށް ބުނެ ފަޒްލޫން ވެސް ހައްޔަރު ހައްޔަރު ކުރި އެވެ. އަދި ކޯޓުން ގެންދިޔައީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަމުންނެވެ.

ބުނީ ކީކޭ؟ - ފުލުހުން ބުނީ، ފަޒްލޫންގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ޝަރުތު ކުރުމަށް ފަހު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް، އެއީ ކޮން ޝަރުތުތަކެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

ޔޯގާ ދުވަހުގެ ހަމަނުޖެހުމާ ގުޅިގެން ފަޒްލޫންގެ އިތުރުން ދީނީ އިލްމުވެރިޔާ އާދަމް ނިޝާމް ވެސް ހައްޔަރު ކުރި އެވެ. މިދިޔަ އަންގާރަ ދުވަހު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ އިތުރު 16 ދުވަސް ޖަހައިފަ އެވެ.

ތަފްސީލް - އިސްލާމިކް މިނިސްޓްރީން ވަނީ ޔޯގާ ހަމަނުޖެހުމާ ގުޅިގެން ފަޒްލޫން އާއި ނިޝާންގެ ދީނީ ތަގުރީރު ދިނުމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފަ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ފަޒްލޫންއަށް ކުރެވޭ ތުހުމަތުތަކަކީ:

  • ޔޯގާ ހަރަކާތަށް އަމާޒުކޮށް ހިންގި ހަމަނުޖެހުމުގައި ބައިވެރިވުމަށް ދައުވަތު ދިނުން

  • އެކަމުގައި އިސް ދައުރެއް އަދާކޮށްފައިވުން

  • ހަމަނުޖެހުން ހިންގައިގެން ހައްޔަރު ކުރި މީހުންގެ ދިފާއުގައި ވާހަކަ ދައްކައި އެ ކަމަށް އެ މީހުން ހިތްވަރު ދީފައިވުން

  • ހައްޔަރު ކުރި މީހުންގެ މައްސަލަ ބަލަން ތިބި ފަނޑިޔާރުންނަށް ނިސްބަތްކޮށް "ތަކްފީރީ ސީއާއިން" ސޯޝަލް މީޑިއާގައި މުހާތަބުކޮށްފައިވުން

މިނިސްޓްރީން ބުނި ގޮތުގައި، ނިޝާންއަށް ކުރެވޭ ތުހުމަތުތަކަކީ:

  • ޔޯގާ ހަރަކާތަށް އަމާޒުކޮށް ހިންގި ހަމަނުޖެހުމުގައި ބައިވެރިވުމަށް ދައުވަތު ދީފައިވުން

  • އެކަމުގައި އިސް ދައުރެއް އަދާކޮށްފައިވުން

އެނގުން މުހިންމު - ޔޯގާ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތަކީ އިންޑިއަން ކަލްރަލް ސެންޓަރާއި ޔޫތު މިނިސްޓްރީ ގުޅިގެން ހިންގި ހަރަކާތެކެވެ. އެ ހަރަކާތުގައި އާންމުންގެ އިތުރުން، ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން ހަރަކާތްތެރިވި އެވެ.




އިތުރު އާޓިކަލް

އިތުރު އާޓިކަލް