ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް (ދައުރު ފޮޓޯ/ އަބްދުﷲ އިޔާން(

ގެވެށި އަނިޔާ

ގެވެށި އަނިޔާއާ ގުޅޭ އަމުރު ހޯދުން އިތުރަށް ފަސޭހަކޮށްފި؛ ޝަމީމް ވިދާޅުވަނީ ދެން ކޯޓު ދޮށަށް ހިނގަން ނުޖެހޭނެ ކަމަށް

ޕީޖީ ހުސެއިން ޝަމީމް ވިދާޅުވި ގޮތުގައި ފޯމު ފުރުމުގެ ކަންކަން އެ އޮފީހުގެ ޕޯޓަލުގެ ތެރެއިން ކުރި ނަމަވެސް، ފޯމުގައި ހުރި މައުލޫމާތުތައް ޕީޖީ އޮފީހަކަށް ނޭނގޭނެ ކަމަށް

ގެވެށި އަނިޔާއިން ރައްކާތެރިކޮށްދިނުމުގެ އަމުރަށް އެދުން އިތުރަށް ފަސޭހަކޮށް، އަނިޔާ ލިބޭ ހާލަތެއްގައި ހުރި މީހާ، ފޯމު ހިފައިގެން ކޯޓު ދޮށަށް ހިނގަން ޖެހުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިގޮތަށް ވިދާޅުވީ ޝަމީމްގެ ބްލޮގުގައި އެކަމާ ގުޅޭ ގޮތުން ލިއުއްވި ލިއުމެއްގަ އެވެ. އެ ލިއުމުގައި ވާ ގޮތުން، ޕީޖީ އޮފީހުގެ މި އަހަރުގެ އެއް އަމާޒަކީ، ކުށުގެ ޝިކާރައަކަށް ވާ މީހުންނަށް، ދައުލަތުގެ އިދާރާތަކުން އަޅައިލާ މިންވަރު ރަނގަޅުކޮށް، ދުނިޔޭގެ ފެންވަރުގެ ވިކްޓިމް ސަޕޯޓް ސާވިސްއެއް އުފެއްދުމެވެ.

މިކަމާ ބެހޭ ގޮތުން 4 ޑިސެމްބަރުގައި، ކަމާ ބެހޭ ހުރިހާ ދާއިރާއެއް ހިމެނޭ މަސައްކަތު ބައްދަލުވުމެއް ބާއްވައި، އެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި، މަޝްވަރާކުރި ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ މި އަހަރު އޮތީ، އެ މަސައްކަތު ބައްދަލުވުމުގައި ނިންމި ކަންކަން ތަންފީޒުކުރުން ކަމަށެވެ.

އެގޮތުން ތަންފީޒުކުރަން ފަށާ ކަންކަމުގެ ގޮތުގައި ވިދާޅުވީ:

  • ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރަށް އެދޭ ފޯމު ޕީޖީ އޮފީހުގެ ވެބްސައިޓުން ފަސޭހައިން ހުށަހެޅޭ ގޮތް މިހާރު ވަނީ ހަދާފައި

  • އަނިޔާ ލިބޭ މީހުންނަށް، އެމީހުންގެ މައްސަލަތައް ކުރިއަށްދާ ގޮތް ނޭނގޭ މައްސަލަ ހައްލުކުރަން، މައްސަލައެއްގައި ވިކްޓިމެއްގެ ގޮތުގައި ހިމެނޭ މީހުންނަށް ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލްގެ ތެރެއިން އެމީހެއްގެ މައްސަލަ ހިނގާ ގޮތް މިހާރު ބަލައިލެވޭނެ 

  • އެޕޯޓަލުގެ ތެރެއިން ޕީޖީ އޮފީހާ ރައްކާތެރިކަމާ އެކު މުއާމަލާތު ވެސް ކުރެވޭނެ

  • ގާނޫނީ ދާއިރާގައި ވިކްޓިމުންނަށް އޮތް ގާނޫނީ ފަރުވާތަކަކީ ކޮބައިކަން، ދިވެހި ބަހުން ލިޔެ، ފެންނަން ނުހުންނަ މައްސަލަ ހައްލުކުރުމަށް، ޕީޖީ އޮފީހުގެ ވެބްސައިޓުގައި އެތަފްސީލުތައް މިހާރު ފެންނަން ހުންނާނެ

އަނިޔާލިބޭ ހާލަތެއްގައި ހުރި މީހާ، ފޯމު ހިފައިގެން ކޯޓު ދޮށަށް ހިނގަންޖެހުން މިހިސާބުން ނިމުމަކަށް އައީއެވެ

ޕްރޮސެކިއުޓަ ޖެނަރަލް ހުސެއިން ޝަމީމް

ބުނީ ކީކޭ؟ - ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރަށް އެދޭއިރު، އެފަދަ މީހުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އަނިޔާ ލިބޭ މީހެއްގެ ހައިސިއްޔަތުން ހުންނަ ހާލަތުގެ ގޮތުން، ފޯމު ފުރުމާއި، ކޯޓަށް ހިނގުމުގައި ކުރިމަތިވާ ދައްޗެވެ. 

ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމު، ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލްގެ ތެރެއިން ފުރޭނޭ ގޮތް މިއަދު ހަމަޖައްސާފައިވަނީ މިކަން ހައްލުކުރަން އެ އޮފީހުން ކުރަމުންދިޔަ މަސައްކަތުގެ ތެރެއިންނެވެ.

އެކަމަށް އެދޭނެ ގޮތް ޝަމީމްގެ ބްލޮގުގައި ތަފްސީލުކޮށްދެއްވާފައި ވެސް ވެއެވެ. އެގޮތުން:

  • ޕީޖީ އޮފީހުގެ ވެބްސައިޓަށް، އެމީހެއްގެ އީފާސް ލޮގްއިން އިން ވަނުމުން، އެޕްލިކޭޝަންތަކުގެ މެނޫއިން "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދުން" ކިޔާ ޓެބެއް އޮންނާނެ 

  • އެޓެބަށް ފިތާލުމުން އޮންލައިންކޮށް، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމު ފުރޭނޭ ގޮތް ހަމަޖެހިފައި ހުންނާނެ 

  • ފޯމުގައި ފުރަން ޖެހޭ އަސާސީ ބައިތައް (މިސާލަކަށް، ނަމާއި އެޑްރެހާއި އީމެއިލާއި އެނޫން ވެސް އީފާސްގައި ހުރި މައުލޫމާތު) ހުންނާނީ އޮޓޮމެޓިކުން ފުރާފައި؛ އިތުރަށް ފުރަން ޖެހޭނީ އެމީހަކަށް ދިމާވި ހާދިސާއާ ބެހޭ މައުލޫމާތު އެކަނި

  • ގެވެށި އަނިޔާ ލިބޭ ހާލަތެއްގައި ހުރި މީހަކަށް، ރައްކާތެރި މާހައުލަކަށް ދެވުމުން އެ ފޯމު އޮންލައިންކޮށް ފުރައިލުމަށް ފަހު ފޮނުވަން ބޭނުންވާ ކޯޓުގެ ނަން ނެގުމުން، އެ ކޯޓެއްގެ އީމެއިލް އެޑްރެހަށް ފޯމު ފޮނުވައިލަދިނުމުގެ ހިދުމަތް ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލުން ދޭނެ 

  • އެފޯމު ކޯޓަށް ދާނީ ޕީޖީ އޮފީހުގެ އީމެއިލަކާ އެކު. އެ އީމެއިލުގައި އޮންނާނީ، ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލަށް ލިބުނު ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމު، މި އީމެއިލާ އެކު ފޮނުވި ކަމަށް 

  • ކޯޓުން އެފޯމު ޕްރޮސެސްކުރުމުގެ ކަންތައް ފަސޭހަކޮށްދިނުމުގެ ގޮތުން، ޕީޖީ އޮފީހުގެ ގަވަމަންޓް ޕޯޓަލުގެ ތެރޭގައި ކޮންމެ ކޯޓަކަށް ހަދައިދީފައިވާ ލޮގްއިން އިން، އެކޯޓަށް ހުށަހަޅާފައި ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމު ބަލައިގަނެ، ޕްރޮސެސް ކުރެވޭނެ 

  • އޮންލައިން ޕޯޓަލްގެ ތެރެއިން އެފޯމު ބަލައިގަތުމަށް، ނުވަތަ އިސްލާހުކުރަން ނުވަތަ ބަލައިނުގަތުމަށް ނިންމައިފި ނަމަ، އެކަން ސަބަބާ އެކު ލިޔަން ޖެހޭނެ

  •  ކޯޓުން ނިންމާ ނިންމުމާއި އެނިންމުން ނިންމި ސަބަބު، އީމެއިލަކުންނާއި ފޯމު ހުށަހެޅި މީހާގެ އޮންލައިން ޕޯޓަލުގެ ތެރެއިން ފެންނާން ހުންނާނެ 

  • ފޯމު ހުށަހެޅި މީހާ އާއި ކޯޓާ ކުރެވޭ މުއާމަލާތުތައް ވެސް ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލްގެ ތެރެއިން ކުރެވޭނެ އިންތިޒާމު ހުރީ ހަމަޖެހިފައި

  • ގަވަމަންޓް ޕޯޓަލުގެ ތެރެއިން ފޯމު އިސްލާހުކުރަން ކޯޓުން އަންގައިފި ނަމަ، އިސްލާހުކުރަން ޖެހޭ ތަންތަން ފާހަގަކޮށްދޭން ޖެހޭނެ؛ އޮންލައިން ޕޯޓަލްގެ ތެރެއިން ފޯމު އިސްލާހުކޮށް އަލުން ހުށަހެޅުމުގެ ހިދުމަތް ވެސް ދޭނެ

"އަނިޔާ ލިބޭ ހާލަތެއްގައި ހުރި މީހާ، ފޯމު ހިފައިގެން ކޯޓު ދޮށަށް ހިނގަން ޖެހުން މި ހިސާބުން ނިމުމަކަށް އައީ އެވެ،" ޝަމީމް ލިއުއްވި އެވެ.

އޭނާ ވިދާޅުވީ ފޯމު ފުރުމުގެ ކަންކަން އެ އޮފީހުގެ ޕޯޓަލުގެ ތެރެއިން ކުރި ނަމަވެސް، ފޯމުގައި ހުރި މައުލޫމާތުތައް ޕީޖީ އޮފީހަށް ނޭނގޭނެ ކަމަށާއި، ފޯމުގައި ހުރި ކަންކަމަކީ ފޯމު ފުރާ މީހާ އާއި ކޯޓާ ދެމެދު ކުރާ މުއާމަލާތެއް ކަމަށެވެ. ޕީޖީ އޮފީހުން ކޮށްދޭ ހަމައެކަނި ކަމަކީ، އެ ފޯމު ފުރައިލުމުގެ ކަންތައް ލުއި ފަސޭހަކޮށްދީ، އަދުލު އިންސާފަށް ވާސިލުވާން ހުރި މަގުތައް ފަސޭހަކޮށްދިނުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެކެނީ، އެންމެން ގުޅިގެން ކުރާ، މި ހުރިހާ މަސައްކަތަކުން، ގެވެށި އަނިޔާ ތަހައްމަލުކުރަމުންދާ އެންމެ މީހެއްގެ ހަޔާތަށް ހެޔޮ ބަދަލެއް އަތުވެއްޖެ ނަމަ، އަޅުގަނޑުމެން މިކަމަށް ހޭދަކުރާ ފައިސާ އާއި ވަގުތުގެ އަގު ލިބުނީ ކަމަށެވެ. ރާއްޖޭގެ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ހުއްޓަސް ވެސް، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އަނިޔާ ލިބޭ މީހުންނަށް އާދަޔާ ހިލާފު، ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ދޭ ގައުމެއްގެ ގޮތުގައި ރާއްޖޭގެ ނިޒާމު ހެދުމަކީ އަޅުގަނޑުމެން އެންމެންގެ އަމާޒެވެ،" ލިއުން ނިންމާލައްވަމުން ޝަމީމް ވިދާޅުވި އެވެ.

އެނގުން މުހިންމު - ގެވެށި އަނިޔާއިން ރައްކާތެރިވުމާ ގުޅޭ ފޯމު ހުށަހެޅުމުގެ ކަންކަން ފަސޭހަކޮށްދިންއިރު، އެ މަސައްކަތުގެ ތެރެއިން މިދިޔަ މަހު ވަނީ، ފޯމު ކޯޓަށް ހުށަހަޅާއިރު ކުރިން ނަގަމުން އައި 25ރގެ ފީ ނުނަގާ ގޮތަށް ވެސް ހަދައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް