ނީނާ (އަސްލު ނަމެއް ނޫން) އޭނާގެ ހަތަރު އަންހެން ދަރިންނާ އެކު: ފިރިމީހާގެ އަނިޔާތަކުން ސަލާމަތްވެ، މިހާރު އޭނާ ދިރިއުޅެމުން އަންނަނީ އެހެން ރަށެއްގައި، ކުއްޔަށް ތަނެއް ހިފައިގެން. (ފޮޓޯ/މަމްސް އެއިޑް)

ގެވެށި އަނިޔާ

އަނިޔާވެރި ދިރިއުޅުމަކުން ސަލާމަތްވީ ކިރިޔާ

ފިރިމީހާގެ އިންތިހާ ދަރަޖައިގެ އަނިޔާވެރިކަމުން ސަލާމަތްވި ނަމަވެސް އެ ފަސްމައިން އަދިވެސް އުޅެނީ ނިކަމެތި ދިރިއުޅުމެއް

ނީނާ (އަސްލު ނަމެއް ނޫން)ގެ ހަޔާތުގެ ވާހަކަ ކިޔައިދޭ ނަމަ މުޅިންހެން އޮތީ ނިކަމެތިކަމާއި ހިތްދަތިކަމުގެ ވާހަކަ އެވެ. އެކަމަކު އަމިއްލަ ދިރިއުޅުމުގައި ޖެހުނު ލައްތައް އޭނާ އެހެން މީހުންނަށް ދައްކަން ބޭނުންވީ، އެއިން އިބުރަތެއް ލިބިގަތުމަށެވެ. އަދި ހަތަރު އަންހެން ދަރިންނާ އެކު ބިކަވެފައިވާ ދިރިއުޅުމަށް އެހީއެއް ހޯދުމަށެވެ.

ނީނާ ކިޔައިދިން ގޮތުގައި ޒަރޫރީ ބޭނުންތައް ކިރިޔާ ފުދިގެން ބޮޑުވި އިރު، ވަރަށް ޅައުމުރުގައި އޭނާއަށް އާއިލާގެ ޒިންމާތަކާ ހަވާލުވާން ޖެހިއްޖެ އެވެ. އުމުރުން އެންމެ 15 އަހަރުގައި ގޭގެއަށް ގޮސް މަސައްކަތްކޮށްދީ، ކުޑަކުދިން ބަލައިގެން ގޭގެ ހަރަދުބަރަދު ފޫބައްދަން ޖެހުނެވެ.

އެކަމަކު ދުނިޔޭގެ މާބޮޑު ހޭވެރިކަމެއް ނުވަނީސް، ދިރިއުޅުމުގެ މައިދާނަށް ނުކުންނަން ޖެހުމުން އިސާހިތަކު އޭގެ ކުލަތަކުގައި އޭނާ ޖެހުނެވެ. ނަތީޖާއަކަށްވީ، އުމުރުން 16 އަހަރު ނުވަނީސް ނަހަލާލަށް ބަލިވެއިނުމެވެ.

ނީނާގެ ހަޔާތުގެ އެންމެ ކަޅު ސަފުހާތަކުގެ ގޮތުގައި އޭނާ ސިފަ ކުރަނީ، ދުނިޔޭގެ ދަޅަތަކަށް ހެއްލި އޭނާއަށް ކުރެވުނު އެ ކުށެއް ނޫނެވެ. އެކަމަކު އެ ދަރިފުޅުގެ ބައްޕައާ ފަހުން ކައިވެނިކޮށް، އެތައް އަހަރެއް ވާންދެން އޭނާ ތަހައްމަލު ކުރަން ޖެހުނު އަނިޔާވެރިކަމެވެ.

މިއީ، މަންމައިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ މަމްސް އެއިޑްއަށް ނީނާ ކިޔައިދިން އޭނާގެ ވާހަކަ އެވެ. އަނިޔާވެރި ފިރިއެއްގެ އަތްދަށުވެ، އެ ދަލުން ސަލާމަތްވާނެ ގޮތެއް ނޭނގި، އިތުރަށް ދަލުގައި ބަނދެވި، ހަޔާތް އެފުށްމިފުށަށް ޖެހުނު ގޮތް އޭނާ ތަފްސީލުކޮށް ކިޔައިދިނެވެ.

ނީނާ (އަސްލު ނަމެއް ނޫން) އޭނާގެ ހަތަރު އަންހެން ދަރިންނާ އެކުގައި (ފޮޓޯ/މަމްސް އެއިޑް)
ނީނާ (އަސްލު ނަމެއް ނޫން) އޭނާ ކުއްޔަށް ހިފައިގެން އުޅޭ ތަނުގެ ބަދިގޭގައި (ފޮޓޯ/މަމްސް އެއިޑް)

ނީނާ ކިޔައިދިން ގޮތުގައި އުމުރުން 18 އަހަރުވުމުން، ދަރިފުޅުގެ ބައްޕައާ ކައިވެނިކޮށް މާގިނަ ދުވަސްތަކެއް ނުވެ ދެވަނަ ދަރިފުޅަށް ބަނޑުބޮޑުވި އެވެ. އެކަމަކު އުފާވެރިކަމަށް އުއްމީދުކޮށްގެން، ފިރިމީހާގެ ރަށުގައި ފެށި އެ ހަޔާތަށް ދެން އެޅުނީ އެހެން އަންހެނެއްގެ ހިޔަންޏެވެ. ގެވެށި އަނިޔާގެ ޝިކާރައަކަށް އޭނާ ވާން ފެށީ އެހާ ހަމައިންނެވެ. އަދި އަންހެން މީހާގެ އެދުމަށް، ފިރިމީހާ އޭނާ ވަރިކުރުމުން ދެ ދަރިންނާ އެކު އޭނާ ބިކަވި އެވެ.

އަމިއްލަ ރަށަށް ބަދަލުވެ، އަމިއްލަ އާއިލާއާ އެކު ދިރިއުޅުން ކުރިއަށް ގެންދެވޭތޯ ބެލި ނަމަވެސް، ނީނާގެ އާއިލާއަކީ ފެށުނީއްސުރެ ނިކަމެތި ބަޔަކަށް ވުމުން، އާއިލާއަށް އިތުރު ބުރައަކަށް ވާކަށް އޭނާ ބޭނުމެއް ނުވި އެވެ. ދަރިންގެ ބައްޕައާ ދެވަނަ ފަހަރަށް އޭނާ ގުޅުނީ އެހެންވެ އެވެ.

އެކަމަކު އެއީ ނީނާއަށް އެޅުނު ޅައެއްޗެކެވެ. އަމިއްލަ ރަށުގައި ދިރިއުޅުން ފެށުމާ އެކު، ފިރިމީހާ ބަދަލުވެ، ލޯބި ލިބޭނެ ކަމަށް ހީކުރެވުނު ނަަމަވެސް ކަންތައްވީ އޭގެ އިދިކޮޅަށެވެ. ފިރިމީހާ މަސްތުވާތަކެތީގެ ދަލުގައި ޖެހި، ގިނައިން ހަމައިން ނުހުންނަ ދުވަސްތައް ގިނަވާން ފެށީ އެވެ.

ނީނާ ބުނިގޮތުގައި އެ ދުވަސްތަކުގައި އިންތިހާ ދަރަޖައިގެ އަނިޔާތަކާ އޭނާއަށް ކުރިމަތިލާން ޖެހުނެވެ. މަގުމަތީގައި ވެސް ތަޅައިގަނެ، ބޯ ފަޅާލައި، ފާރުގައި ޖައްސާ ގައިން ލޭކޮށާލަންދެން ފިއްތާލި އެވެ. އެ މަންޒަރުތައް ރަށުގެ މީހުންނަށް ފެނި ރިޕޯޓު ކުރި ނަމަވެސް، "މާބޮޑު ކަމަކަށް ނުފެންނާތީ" ފުލުހުން މައްސަލަ ދޫކޮށްލީ އެވެ.

މަސްތުވާތަކެތީގެ ދަލުގައި ފިރިމީހާ ބަނދެވެމުން ދިޔަ ވަރަކަށް އޭނާގެ އަނިޔާވެރިކަން ވެސް ދިޔައީ ހައްދުން ނައްޓަމުންނެވެ.

ނީނާ (އަސްލު ނަމެއް ނޫން) ކުއްޔަށް ހިފައިގެން އުޅޭ ތަންކޮޅުގައި ބައެއް ސާމާނު ބަހައްޓާފައި (ފޮޓޯ/މަމްސް އެއިޑް)
ނީނާ (އަސްލު ނަމެއް ނޫން) ދިރިއުޅެމުންދާ ތަނުގެ ހާލަތު

"ނޭވާލާން އުނދަގޫވެގެން ބައެއް ރޭރޭ ހޭލެވޭ އިރު [އޭނާ] އެބަހުރޭ އަހަރެންގެ ކަރުގައި ވަޅި ޖައްސައިގެން ކާއްތާލަ ކާއްތާލާ. ދެން ހޭލެވުނީމަ، ދަންވަރުގެ ވަގުތުގައި މަންމަމެން ކައިރިއަށް ލާރި ހޯދަން ފޮނުވާނެ،" އޭރު ތިންވަނަ ކުއްޖެއް ވެސް ލިބިފައިވާ ނީނާ ކިޔައިދިނެވެ.

"ވަޅިން ބިރުދެއްކުމުން އެ ނޫން ގޮތެއް ނެތީމަ ދަނީ. ނުދާން އުޅެފިއްޔާ ގައިގެ އެތަން މިތަނުގަ ފައިންނާއި އެއްޗެހިން ތަޅާ، ތަޅުންގަނޑު މައްޗަށް ޖަހާ ހަދާނެ."

ނީނާ ކިޔައިދިން ގޮތުގައި ފިރިމީހާ ކާން އިންދާ އެއްޗެއް ބުނެވުނަސް، ތަށި ނަގައި އޭނާއާ ދިމާއަށް ހޫރާލަ އެވެ. އެއް ދުވަހު އޭނާގެ ފޯނަށް ރަހުމަތްތެރިއަކު މެސެޖް ކުރުމުން، އަނިޔާކޮށް، ފައިގެ ތިން ތަނުން ބިންދާލި އެވެ. ހަމަ އެ ދުވަހު، މޫނުމަތީގައި ނިޔަފަތި އަޅައި، މޫނުން ހަން ދުއްވާލި އެވެ. ހިނގާފައި ދާއިރު، އިސްއުފުލާލައި ތަނެއް ބަލައިލައިފި ނަމަ ލޮލަށް އިނގިލި ކޮއްޕާލަ އެވެ. އެހެން ދާއިރު، މީހަކާ އަނގައިން ބުންޏަސް، ނޫނީ މީހަކު ގޮވާލުމުން ޖަވާބު ދިނަސް އެ މީހަކު ފަސް ދިނުމާ އެކު އަނގަމަތީގައި ޖަހައި، ފަޅާލަ އެވެ.

ނީނާ (އަސްލު ނަމެއް ނޫން) އޭނާ ކުއްޔަށް ހިފައިގެން އުޅޭ ތަނުގެ ބަދިގޭގައި (ފޮޓޯ/މަމްސް އެއިޑް)
ނީނާ (އަސްލު ނަމެއް ނޫން) އުޅޭ ގޭގެ ފާހާނާ ތެރެ

ދިރިއުޅުމުގެ އެހާ ހަމައިން އޭނާ ހުރީ، ރަހުމަތްތެރިއަކު ވެސް ނެތި އެކަނިވެރިވެފަ އެވެ. އެ މަންޒަރުތައް ރަށުގެ މީހުންނަށް ފެނުނު ނަމަވެސް ފިރިމީހާގެ އަނިޔާވެރިކަން އެނގޭތީ، އެކަކަށް ވެސް އޭނާ ހުއްޓުވަން ނުކެރޭ ކަމަށް ނީނާ ބުންޏެވެ.

"ހުރިހާ ކަމެއް ވެސް ތަހައްމަލު ކުރަމުން ދިޔައީ އަޅުގަނޑު އެކަނިމާއެކަނި،" އޭނާ ބުންޏެވެ.

ގެވެށި އަނިޔާ އާއި ޖިންސީ އަނިޔާގެ ޝިކާރައަކަށްވެ، އެ ދިރިއުޅުމުން ނުކުންނާނެ ގޮތެއް ނޭނގިފައި އިންދާ ނީނާއަށް ހަތަރުވަނަ ދަރިފުޅު ވެސް ލިބުނެވެ. ފުލުހާއި ޖެންޑާ މިނިސްޓްރީން އެތައް ފަހަރަކު މައްސަލަ ބެލި ނަމަވެސް އަލިމަގެއް ނުފެނުނެވެ. އުމުރުން ދުވަސްވެ، މަންމަގެ ގައިބާރު ކެނޑިފައިވާއިރު، އެއްބަނޑު އެއްބަފާ އެހެން މީހުން ވެސް އުޅެމުން ދިޔައީ، ނީނާ ބުނިގޮތުގައި، އެމީހުންގެ އަމިއްލަ ހާލައިގެންނެވެ. ލިބޭ އަނިޔާއަށް ކެތްކުރުން ނޫން ގޮތެއް އޭނާއަކަށް އެ ވަގުތަކު ނެތެވެ.

އެކަމަކު އެ ހުރިހާ ކަމަާ ކުރިމަތިލައި، މާތް ﷲއާ ވަކީލުކޮށްލައިގެން ނީނާ އެ ދިރިއުޅުމުން ނުކުތީ އޭނާއަށް ލިބެމުން ދިޔަ އަނިޔާތައް ދަރިންނާ ހަމައަށް ފޯރަން ފެށުމުންނެވެ. މަސްތުވާތަކެތީގެ އަޅަކަށް ވެފައިވާ ބަފަޔަކާއި އޭނާގެ އަނިޔާތަކުގެ ސަބަބުން ދަރިންގެ ދިރިއުޅުން ވެސް އަޒާބަކަށްވާން ފެށުމުންނެވެ.

ފިރިމީހާގެ ވަކިތަކުން ސަލާމަތްވާން ނީނާ ދިޔައީ، އޭނާ އުޅެބޮޑުވި ރަށް ދޫކޮށް، މަންމަގެ ރަށަށެވެ. އާއިލީ ހިޔާވައްސެއް ނެތް އެ ރަށުގައި، ދަރިންނާ އެކު ނީނާ ދިރިއުޅެން ފެށީ ފަޅު ގެއެއްގަ އެވެ. އެ ރަށުގައި އުޅޭ ބޮޑުބޭބެއެއްގެ އާއިލާއިން ދިއްކޮށްލާ ކާއެތިކޮޅު، ފަސްމައިން ކެއީ، ބަހާލައިގެން ލިމިޓްކޮށްގެންނެވެ. ދަރިންނަށް ގިނައިން ދޭން ވެގެން ނީނާ ގިނަ ދުވަސްދުވަހު ހުންނަނީ ނުކަ އެވެ. ދަރިންނާއި އޭނާގެ ޒަރޫރީ ގިނަ ބޭނުންތައް ދަނީ ނުފުދި އެވެ. އެކަމަކު އެއީ ވެސް، ނީނާ ސިފަ ކުރިގޮތުގައި، އިމްތިހާނެކެވެ.

ފިރިމީހާގެ ވަކިތަކުން ސަލާމަތްވެ، އެހެން ރަށެއްގައި އުޅުމުގެ ނަސީބު ލިބުމާ އެކު އޭނާގެ ގިނަ ވަގުތުތައް ހޭދަކުރީ އަޅުކަމުގަ އެވެ. ނީނާ ބުނިގޮތުގައި އޭގެ ފަހުން މަޑުމަޑުން ރަހުމަތްތެރިން ލިބި، ނަފްސާނީގޮތުން ވެސް އޭނާ އާއި ދަރިން ދިޔައީ ހަމައަކަށް އެޅެމުންނެވެ.

އެއް ފަޅު ގެއިން އަނެއް ފަޅު ގެއިން ދިރިއުޅެމުން އައިސް، މިހާރު އޭނާ އުޅެނީ މީހެއްގެ ގޭގައި ކުއްޔަށެވެ. ރައްކާތެރިކަން ލިބޭ ގޮތަށް ހުރި އެތަނުގެ ކުއްޔަށް 3،000 ރުފިޔާ ހަރަދުވާއިރު އެ ފައިސާ ދައްކަނީ އެކަނިވެރި މައިންގެ ގޮތުގައި އޭނާއަށް ލިބޭ 4،000 ރުފިޔާގެ އިނާޔަތުންނެވެ. ބިލްތައް ދެއްކުމަށް ފަހު ކުދިންގެ ކަންކަމަށް ބާކީ އަތުގައި އޮންނަނީ އެންމެ 400 ރުފިޔާ އެވެ.

ނީނާ ސިފަ ކުރާގޮތުގައި އަހަރުތަކެއް ފަހުން ނަމަވެސް، ފިރިމީހާގެ އަނިޔާވެރިކަމުން އޭނާ ސަލާމަތްވީ ކިރިޔާ އެވެ. ބީރައްޓެހި ރަށެއްގައި، ފަޅު ގެތަކެއްގައި އުޅެގެން ނަމަވެސް ހަތަރު އަންހެން ދަރިން ގޮވައިގެން އަބުރުވެރި ދިރިއުޅުމެއް އޭނާއަށް ފެށިއްޖެ އެވެ. މާލީ ގޮތުން ފިޔަވައި ހުރިހާ ކަމަކުން އޭނާ މިނިވަންވެއްޖެ އެވެ. ދަރިންނަށްޓަކައި އަނިޔާތަކަށް ކެތްކުރި ނަމަވެސް، އެކަމުން ސަލާމަތްވެ، ހިމާޔަތް ހޯދުނީތީ މިހާރު އޭނާ އުފާވެ އެވެ.

އެކަމަކު މަމްސް ޖަމްއިއްޔާ އިން ދެކޭގޮތުގައި މިއީ ނީނާގެ އަތުގައި އެހެން މީހުން ހިފަންވީ ވަގުތެވެ.

ނީނާއަށް އެހީވުމަށް:

  • 7730000562469 މަމްސް އެއިޑްގެ ރުފިޔާ އެކައުންޓް

  • 7730000562470 މަމްސް އެއިޑްގެ ޑޮލަރު އެކައުންޓް

މަމްސް އެއިޑްގެ އަމާޒަކީ ނީނާއަށް ކުރިއަށް އޮތް 12 މަސް ދުވަހުގެ ކުއްޔާއި އެ މުއްދަތުގައި އާއިލާއަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ އެއްކުރުމެވެ. އޭގެ ސަބަބުން، ނީނާއަށް މިހާރު ލިބެމުންދާ އެކަނިވެރި މައިންގެ އެލަވަންސް ފަހަށް ރައްކާކޮށް، އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމަށް އެހީއަކަށް ވާނެ ކަމަށް އެ ޖަމިއްޔާއިން ދެކެ އެވެ.

މަމްސް އެއިޑް އިން މީގެ ކުރިން ވަނީ، އާއްމުންގެ އެހީއާ އެކު، ނިކަމެތި އެތައް އާއިލާއެއްގެ ދިރިއުޅުން ބަދަލުކޮށްލާފަ އެވެ. އެގޮތުން ބައެއް އާއިލާތަކަށް ދިރިއުޅޭނެ ގެ އަޅައިދީ، ދިގު މުއްދަތަކަށް އެހީ ލިބޭނެ ގޮތް ވަނީ ފަހިކޮށްދީފަ އެވެ.

ކޮމެންޓް (11)

މޮހޮޖް

9 ފެބްރުއަރީ 2024
ޖެންޑާއިން ކުރަންޖެހޭ މަސައްކަތް މަމްސް އިން ކުރަން ޖެހިފައި. މުސާރަ ނެގި ކުދިން ކީއްބާ ކުރަނީ
11 0

އަސްލު

8 ފެބްރުއަރީ 2024
މިވަރު ވާއިރު ވެސް ދައުލަތުން ފިޔަވަޅެއް ނޭޅުނު. ސަރުކާރެއް އޮތުމުގެ ބޭނުމެއް އެބަ އޮތްތަ؟
26 1

ކަތްދަ

9 ފެބްރުއަރީ 2024
@އަސްލު ދަރިފޫ! ނިކަމެއްޗަކަށް އިންސާފެއް ލިބޭ ތަނެއް ނޫނޭ މީ. އިންސާފެއް ލިބޭނެނަމަ އަހަރެންނަށް ލިބުނީސް. ކިތައް މައްސަލަ، ކިތައް ފަހަރު، ކިތައް އަހަރު ހުށަހެޅީ. ހަމަ އެއްކަލަ ފިރިމީހާ ނުފޫޒުގަދަ ރައްޓެހިންނާ ގުޅައިގެން މައްސަލަ ހިންދާލަނީ. އޭނަގެ ކުށުގެ ރިކޯޑެއްވެސް ނޯންނާނެ ދުވަހަކުވެސް. އެކަމަކު އޭނަގެ ފަތުގަ ލިޔުއްވާފަ ހުރި ކަންކަން ނުފޮހެވޭނެތާ. އެކަންކަމަށް އިންސާފު ލިބޭނެ ދުވަހަށް މި އިންނަނީ.
9 0

ޙައްވަ

8 ފެބްރުއަރީ 2024
މިހެން އުޅެފަ އެފިރިހެންމީހާ ޖަހާ ތަނުން އަންހެން މީހާ ވެސް ޖަހައިގެން އޭނަ މަރުވެއްޖެއްޔާ ގޯސްވަނީ އަންހެން މީހާ. އެއްފަހަރު ޖެހީމަ ނިދާފަ އޮއްވަ އަތް ބިންދާލަބަލަ.
24 1

ކަތްދަ

9 ފެބްރުއަރީ 2024
@ޙައްވަ އާނ! އެކަހަލަ އަންހެނަކު އެބަހުރި ޖަލުގަވެސް. ގެވެށި އަނިޔާއަށް ކެތްނުވެގެން، އިންސާފެއް ނުލިބިގެން އަންހެންމީހާ ޖެހި ބޮނޑިން ފިރިމީހާ މަރުވީމަ.
11 0

އަބްދުﷲ زحރ

8 ފެބްރުއަރީ 2024
އެފަދަ އަނިޔާވެރިވާ މީހަކާއި އެކު ގިނަ ދަރިންތަކެއް ހޯދީ ކީއްވެތޯ ހަމަ އުފެދޭ ސުވާލެއް. މާތްﷲ ތި އާއިލާއަށް އުފާ ފާގަތި ދިރިއުޅުމެއް ދެއްވުން އެދި ދުޢާ ކުރަން.
7 27

ޢަސިސަ

8 ފެބްރުއަރީ 2024
@އަބްދުﷲ زحރ އަދި ކަލޭ ބާލިޣު ނުވާތީ ނޭގެނީ
31 2

ސާބަހޭ ބޭފުޅާ

8 ފެބްރުއަރީ 2024
@އަބްދުﷲ زحރ އަދިވެސް މި ގޯސ
4 0

ސާބަހޭ ބޭފުޅާ

8 ފެބްރުއަރީ 2024
@އަބްދުﷲ زحރ އަދިވެސް މި ގޯސްވީ އެ ނިކަމެތި އަންހެން މީހާ އެއްނުން...
23 0

ޏާއްކޮ

8 ފެބްރުއަރީ 2024
@އަބްދުﷲ زحރ އެއީ އެބިއުޒިވް ގެވެށިއަނިޔާގެ ގުޅުމެއްގައި ބެދިފަ ތިބޭ މީހުންނަށް ދިމާވާ ގޮތް. ތަޅާ އަނިޔާކުރަން ފަސް ނުޖެހޭ މީހާ ޖިންސީ އަނިޔާ ކުރަން ފަސްޖެހޭނެތަ؟ ބޭނުން ވިޔަސް ނުވިޔަސް ދެން ބަލިވެ އިންނާނީ. އަނިޔާލިބޭ ފަރާތުގެ އިހުތިޔާރުގައި ވާ ކަމެއް ނޫނޭ އެއީ.
29 2

ޢަބްދުﷲ

8 ފެބްރުއަރީ 2024
@އަބްދުﷲ زحރ ކޮމެންޓު ކުރުމުގެ ކުރިން އާޓިކަލް ކިޔާލިނަމަދޯ؟ ޔޫޓިއުބުން ބަލާބަ "ކްރިމިނަލް ސެކްސް އޮފެންޑަރސް" ނީނާ ހިތްވަރު ގަދަކުރާތި. މާކަނޑުގަ ފަތަމުންގޮސް އަދި ކިރިޔާ ހިކިފަސްތަނަކު ތިޔަ ފައިޖެހުނީ. ދެން އިންޝާ ﷲ ރަނގަޅުވާނެ. ޅަފުރާގަ ކުރެވުނު ކުށަށް ތައުބާވެ ދެން އެފަދަ "ޖަނަވާރެއް" ގެ އަތްދަށުނުވާން ޢަޒުމް އާކުރޭ. ގުޑްލަކް ނީނާ އެން ފެމިލީ
35 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް