ރާއްޖޭގައި ކޮންމެ ތިން އަންހެނަކުން އެކަކު ގެވެށި އަނިޔާއާ ކުރިމަތިލާ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އަންހެނުން

ގެވެށި އަނިޔާއިން ސަލާމަތްވާން އުނދަގޫވާ ބައެއް ސަބަބުތައް

ދަންނަ މީހަކަށް ގެވެށި އަނިޔާ ކުރިމަތިވާކަން އެނގޭ އިރަށް އަވަހަށް ބައިވެރިޔާއާ ވަކިވުމަށް އޭނާއަށް ޕްރެޝަރު ކުރުން އެންމެ ރަނގަޅެއް ނޫން
6 ފެބްރުއަރީ 2024

ގެވެށި އަނިޔާ ތަހައްމަލު ކުރާ މީހާ އެ ގުޅުމެއްގައި ދެމިހުންނަ ސަބަބު ދެނެގަތުމަށް އެހެން މީހުންނަށް އުނދަގޫ ވެދާނެ އެވެ. އެހެން ނަމަވެސް، ދުޅަހެޔޮ ނޫން އަދި އަނިޔާވެރި ގުޅުމެއްގައި މީހުން ދެމިތިބުމަށް މެދުވެރިވާ ބައިވަރު ސަބަބުތައް ހުރެ އެވެ. "ވަކިވާށޭ" ބުނެލަން ފަސޭހަވިޔަސް އެކަން ކުރުން ފަސޭހައެއް ނޫނެވެ. ސަބަބަކީ އެކަކުގެ ފަރާތުން އަނެކަކުގެ މައްޗަށް އޮންނަ ބާރާއި ނުފޫޒު ބޮޑުކަމުންނެވެ.

އދ. ކުނބުރުދޫ އަތިރިމަތީގައި ހުރި ޖޯލިތަކެއްގައި އަންހެނުންތަކެއް އިށީނދެގެން: ރާއްޖޭގައި ކޮންމެ ތިން އަންހެނަކުން އެކަކު ގެވެށި އަނިޔާއާ ކުރިމަތިލާ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ތިމާއަށް އެފަދަ ގުޅުމަކުން ސަލާމަތްނުވެވިގެން އުޅޭ ނަމަ މިއީ ތިމާގެ އެކަނި ތަޖުރިބާއެއް ނޫނެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދިވެހިރާއްޖޭގައި 18 އަހަރާއި 59 އަހަރާ ދެމުދު ކޮންމެ ތިން އަންހެނުންގެ ތެރެއިން އެކަކީ ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާއާ ކުރިމަތިލާ މިީހެކެވެ.

ބައިވެރިޔާގެ ކިބައިން ޖިސްމާނީ އަދި ޖިންސީ އަނިޔާ ލިބުނު ކަމުގައިވިޔަސް ބައިވެރިޔާ ދޫކޮށްލަން ވަރަށް ގިނަ މީހުންނަށް އުނދަގުލެވެ.

ކިތަންމެ އަނިޔާއެއް އަދި ވޭނެއް ތަޖުރިބާކުރަން ޖެހުނަސް ބައިވެރިޔާއާ ވަކިނުވެ ތިބުމަށް މެދުވެރިވާ ބައެއް ސަބަބުތައް ތިރީގައި މިވަނީ އެވެ.

1. އަނިޔާއަށް އިންސާފެއް ނުލިބޭ

ގެވެށި އަނިޔާ ލިބުމުން އެކަމުން ސަލާމަތްވުމަށް ގިނަ މީހުން މަސައްކަތް ކުރެ އެވެ. އަނިޔާ ކުރާ މީހުންގެ މައްސަލަ ތަކުރާރުކޮށް ރިޕޯޓް ވެސް ކުރެ އެވެ. ނަމަވެސް މުއައްސަސާތަކުގެ ފަރާތުން އެންމެ އެކަށީގެންވާ އެއްބާރުލުން ނުލިބި ދެ އެވެ. ރައްކާތެރިކަން ކަށަވަރެއް ނުވެ އެވެ. ރިޕޯޓް ކުރުމުން، ލިބޭ އަނިޔާ އިތުރުވާ ފަހަރު ވެސް އާދެ އެވެ. އަނިޔާ ކުރާ މީހުން ގާނޫނުގައި އޮންނަ ކޮންމެވެސް ބާގަނޑަކުން ސަލާމާތްވުމަކީ ވެސް ވަރަށް ގިނަ ފަހަރަށް ފެންނަ މަންޒަރެކެވެ. ލިބެންވާ ރައްކާތެރިކަން ނުލިބުމަކީ އަނިޔާވެރި ގުޅުންތަކާ ދުރުވާން އެޅޭ ހުރަހެކެވެ.

ރަށެއްގައި ތުއްތު ކުއްޖަކާ އެކު އަންހެނަކު ގެއިން ނެރެލާފައި ހުންނަތާ އެތައް އިރެއްވީއިރު ވެސް ކަމާބެހޭ އިދާރާތަކުން އަޅާލާފައި ނުވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މީގެ ކުރިން އާއްމުކުރި ފޮޓޯއެއް (ފޮޓޯ/ސޯޝަލް މީޑިއާ)

2. ލިބެނީ އަނިޔާކަން އިހްސާސްނުވުން

ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހެއްގެ ވާހަކަ ބުނެފި ނަމަ އެންމެ ފުރަތަމަ ވެސް ބޮލަށް ވަންނަނީ ރުޅިގަދަ ފިރިހެނަކު އޭނާގެ އަންހެނުން ގައިގައި ތަޅާ އަނިޔާ ކުރުމެވެ. ނުވަތަ އޭނާއާ ދިމާލަށް އެއްޗެހި އުކައި ޖިސްމާނީ ގެއްލުމެއް ދޭން އުޅުމެވެ. ނަމަވެސް، ހުރިހާ އަނިޔާ އަކީ މިފަދައިން ހިނގާ ކަންކަމެއް ނޫނެވެ.

ޒުވާން އަންހެންކުއްޖަކު ރަށެއްގެ ފާލަން މަތީގައި މަސް ބާނަނީ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ބައިވެރިޔާގެ ކިބައިން ލިބެނީ އަނިޔާކަން ބައެއް މީހުންްނަަކަށް ނޭނގެ އެވެ. ސަބަބަކީ ކުރީގެ ބައިވެރިން އެފަދައިން އަމަލުކޮށްފައިވުމެވެ. އަދި ބައެއް އަނިޔާތަކަކީ އާދައިގެ ކަމެއް ކަމުގައި ހީވެފައި އޮވެދާނެ އެވެ.

3. އެއްވެސް ގޮތެެއް ނެތްހެން އިހްސާސް ކުރެވުން

ދެ މީހެއްގެ ދެމެދުގައި އޮންނަ ގުޅުމެއްގައި އެކަކު އަނެކަކުގެ މައްޗަށް ބާރާއި ނުފޫޒު ފޯރުވުން މިއީ އެއްވަރަކަށް ބެހިފައި އޮންނަ ކަމަކަށް ނުވެދާނެ އެވެ. އެކަކު އަނެކަކުގެ މައްޗަށް ފޯރުވާ ބާރުން ކަންކަން ކޮންޓްރޯލް ކުރެ އެވެ. ކަންކަން އޮލުވާލައި ނުފޫޒު ގަދަ ކުރެ އެވެ. އަނެކާއަށް ތިމަންނާ އަކީ އެއްވެސް ބާރެއް ނެތް މީހެއް ކަމުގައި އިހްސާސް ކުރެވެ އެވެ. އަދި އެ ގުޅުމުން ވަކިވުމަކީ އުނދަގޫ ހާލަތެއް ކަމުގައި ވިސްނެ އެވެ.

އަަންހެނަކު މަގުމަތީގައި ކާރެެއް ހުއްޓުވަން މަސައްކަތް ކުރަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މީގެ އިތުރުން، އަނިޔާ ދޭ ބައިވެރިޔާ ކިބައިން ސަލާމަތްވުމަށް ބޭނުންވާ އެހީތެރިކަން ނުލިބުމަކީ ވެސް އަނިޔާއާ ދުރަށް ދާން ކުރިމަތިވާ ހުރަހެކެވެ. މިސާލަކަށް، އަނިޔާ ލިބޭ މީހާއަށް އޭނާގެ ފައިސާ ހޭދަ ކުރުމަށް ހުރަސްތައް ހުރުން ނުވަތަ އެއްވެސް އާމްދަނީއެއް ނުލިބި ބައިވެރިޔާއަށް ބަރޯސާވާ މީހަކު ނަމަ އެ ގުޅުމަކާ ދުރުވާން އުނދަގުލެވެ. މާލީ ދަތިތަކާ ހުރެ، ވަކި ވިޔަސް އުޅެނޭ ތަނެއް ނެތުން މިއީ ވަރަށް އާއްމުކޮށް މެދުވެރިވާ ކަމެކެވެ.

ހާލަތުގެ ގޮތުން ބައެއް މީހުންނަށް އަނިޔާއާ ދުރުވާން ފަސޭހައެއް ނޫން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެކަކުގެ މައްޗަށް އޮންނަ ބާރާއި ނުފޫޒު ވަރުގަދަވުމަށް މެދުވެރިވާ ބައެއް ސަބަބުތައް:

  •  ބައިވެރިޔާއާ އެކު ދިރިއުޅުމެއް ފަށައި އާއިލާއެއް ބިނާކޮށް ދަރިން ތިބުން

  • މާބަނޑުވުން

  • ނުކުޅެދުންތެރިކަމެއް ހުރުން

  • އާއިލާ އާއި ރައްޓެހިންގެ ފަރާތުން ލިބެންވާ އެއްބާރުލުން އެއްވެސް ވަރަކަށް ނުލިބުން

  • މަސްތުވާތަކެއްޗަށް ދެވިހިފާފައި ހުރުން އަދި ބައިވެރިޔާއާ އެކު މިކަން ކުރުން

  • ދިރިއުޅޭ ގައުމުގެ ސަބަބުން، އިމިގްރޭޝަން ހާލަތާ ހުރެ ބައިވެރިޔާއަށް ބަރޯސާވާން ޖެހުން

4. އަނިޔާ އަބަދު ދެމިގެން ނުދިއުން

އަނިޔާ ލިބޭ ކޮންމެ ގުޅުމެއްގައި އަބަދު އޮންނަނީ ހަމަނުޖެހުމެއް ނޫނެވެ. ދެ މީހުންގެ ދެމެދުގައި އަރާރުންވުމެއް ނެތި ހަމަޖެހިގެން އުޅޭ ދުވަސްތައް ވެސް ދެ އެވެ. އަނިޔާ ކުރާ ބައިވެރިޔާ މާފަށް އެދޭ ފަހަރު ވެސް އާދެ އެވެ.

މި ދުވަސްކޮޅަށް "ހަނީމޫން ފޭސް"އޭ ކިޔަ އެވެ. އަދި ބައިވެރިޔާ ދެކެ އިންތިހާއަށް ލޯބިވާ ކަމަށް ދައްކައި "ލަވް ބޮމް" ކުރެ އެވެ. އަގުބޮޑެތި ހަދިޔާ ދީ، އާދަޔާހިލާފަށް ތައުރީފުކޮށް، އަޅާލުން ދީ ހަދަ އެވެ. މިއީ އަސްލު އަނެކާ ކޮންޓްރޯލް ކުރުމަށް ކުރާ ކަންކަމެވެ. އަދި މިގޮތަށް އަމަލު ކުރުމުން ހުރިހާ ކަމެއް ހެޔޮވީ ކަމަށް ނިންމަ އެވެ.

އަނިޔާވެރި ގުޅުމަކުން ވަކިވާން އުނދަގޫ އެއް ސަބަބަކީ އަނިޔާއަކީ ތާއަބަދު ލިބޭ އެއްޗަކަށް ނުވުން (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

މީގެ އިތުުރުން މަސްތުވާ އެއްޗެއް ނުވަތަ ބަނގުރާ ބޭނުން ކުރާ މީހަކު ނަމަ ހަމައިން ނެއްޓިފައި ހުންނަ ގަޑީގައި ބައިވެރިޔާއަށް އަނިޔާ ކުރުން ބޮޑެވެ. އަދި ބައިވެރިޔާ އަކީ ނަފްސާނީ ބައްޔެއް ހުރެ، މެނިކް ފޭސްއަށް ދާ މީހެއް ނަމަ މިފަދަ ހިނދުކޮޅެއްގައި ބައިވެރިޔާއަށް އަނިޔާކުރުމުގެ ފުރުސަތު ބޮޑުވެ އެވެ.

މިފަދަ ހާލަތްތައް އެއީ އުޒުރެއް ކަމުގައި ހަދާފާނެ އެވެ. ޒިންމާ ނުނަގައި އޭނާގެ ކުށް ގަބޫލުނުކުރުމަށް މި ކަންކަން ބޭނުން ކުރެ އެވެ. އަނިޔާ ތަޖުރިބާ ކުރާ މީހާއަށް ބައިވެރިޔާ ފުށުން އަނިޔާ ލިބެނީ މިފަދަ ހާލަތްތަކެއްގައި ނަމަ، އެކަން އަބަދަކު ނުވެޔޭ ބުނެ، މަސްތުގެ ހާލަތުގައި ނުވަތަ ނަފްސާނީ ހާލަތުގައި ކުރިމަތިވާ ކަންކަން ކަމުގައި ވުމުން އޭނާއާ ދުރުވާން އުނދަގޫވެ އެވެ.

5. ޓްރޯމާ ބޮންޑިން

އަނިޔާއަށް ފަހު އާދަޔާހިލާފަށް ބައިވެރިޔާގެ ފަރާތުން ލޯބި ލިބުމަކީ އަނިޔާ އިން އަރައިގަތުމަށް އުނދަގޫވާ ކަމެއް (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ޓްރޯމާ ބޮންޑިން އަކީ އަނިޔާ ލިބޭ މީހާ އާއި އަނިޔާ ކުރާ މީހާއާ ދެމެދު އިމޯޝަނަލް އެޓޭޗްމަންޓެއް އުފެދުމެވެ.

މިފަދަ ހާލަތްތަކުގައި މިސާލަކަށް އަނިޔާކޮށްފައި ލޯބި ދިނުމުން (މާފަށް އެދި، ހަދިޔާ ދީ ހަދާ ނަމަ) އަނިޔާ ދިނަސް ބައިވެރިޔާ މާ ބޮޑަށް ގާތްވާ ކަމުގެ އިހްސާސް ކުރެވެ އެވެ.

ޓްރޯމާ ބޮންޑެއްގެ އަލާމާތްތަކުގެ ތެރޭގައި ތިރީގައި މިވާ ކަންކަން ހިމެނޭ:

  • ބައިވެރިޔާގެ އަމަލުތަކަށް އުޒުރު ދައްްކަން މަސައްކަތް ކުރުން

  • އާއިލާ އާއި ރައްޓެހިންނަށް ބައިވެރިޔާގެ އަނިޔާތަކާ ގުޅޭ ގޮތުން ދޮގު ހެދުން

  • ބައިވެރިޔާގެ އަނިޔާވެރި އަމަލުތަކަށް ތިމާގެ އަމިއްލަ ނަފްސު ކުށްވެރިކުރުން

6. ވަކިވުން ނުރައްކާ ބޮޑު

ގެވެށި އަނިޔާ ކުރިމަތިވާ މީހުން ގުޅުމުން ވަކިވާން މަސައްކަތް ކުރާ ނަމަ ލިބޭ ނުރައްކާ ބޮޑު (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ގިނަ ފަހަރަށް، އަނިޔާ ކުރާ ބައިވެރިއެއްގެ ފުށުން ސަލާމަތްވުން އެއީ އެންމެ ނުރައްކާ ބޮޑުވާ ވަގުތެވެ. އަނިޔާވެރި ބައިވެރިޔަކާ އެކު އުޅޭ ނަމަ އަދި ވަކިވާން މަސައްކަތް ކުރާ ނަމަ ވަކިން ބޮޑަށް ބައިވެރިޔާ ކޮށްފާނެ ކަމަކަށް، ލިބިދާނެ އިތުރު ބޮޑެތި އަނިޔާ އަދި ޒަހަމްތަކަށް ބިރުގަނެ އެވެ. އެހެންކަމުން، ދަންނަ މީހަކަށް ގެވެށި އަނިޔާ ކުރިމަތިވާ ނަމަ އޭނާއަށް އަވަހަށް ބައިވެރިޔާގެ ކިބައިން ވަކިވުމަށް ޕްރެޝާ ކުރުން އެންމެ ރަނގަޅެއް ނޫނެވެ.

ދެން އޮތީ މުހިއްމު ސުވާލެކެވެ. ބައިވެރިޔާގެ ކިބައިން ލިބޭ އަނިޔާ އިން ސަލާމަތްވާނީ ކިހިނެއް ހެއްޔެވެ؟

1. އަނިޔާ އަކީ ތިމާގެ ކުށެއް ނޫންކަން ގަބޫލުކުރުން

އަނިޔާ އިން ސަލާމާތްވުމަށް އެންމެ ފުރަތަމަ، އަނިޔާ އަކީ ތިމާގެ ކުށް ނޫންކަން ގަބޫލު ކުރަންޖެހޭ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެންމެ ފުރަތަމަ ކަމަކަށް ބައިވެރިޔާގެ ކިބައިން ލިބޭ އަނިޔާ އަކީ ތިމާގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމުގައި ގަބޫލު ކުރުމަކީ ހެދޭ ގޯހެކެވެ. އެއްވެސް މީހަކަށް ތިމާއަށް އެއްވެސް ޒާތެއްގެ އަނިޔާ ދިނުމުގެ ހައްގެއް ނޯވެ އެވެ. އަދި ބައިވެރިޔާ ތިމާ ކޮންޓްރޯލްކޮށް، ތިމާ އަކީ އެއްވެސް ބާރެއް އިހްތިޔާރެއް ނެތް މީހެއްގެ ގޮތުގައި ހެދުމުގެ ހައްްގެއް ނެތެވެ. ދުޅަހެޔޮ ލޯބީގެ ގުޅުމެއްގައި އެއްވެސް ޒާތެއްގެ އަނިޔާއެއް ނުހިމެނެ އެވެ. އެހެންކަމުން ތިމާއަށް އަނިޔާ ލިބުމަކީ ވެގެން ވާނެ ކަމެއް ނޫންކަން ގަބޫލު ކުރުމަކީ ފުރަތަމަ މަރުހަލާ އެވެ.

2. ރައްކާތެރިކަމުގެ ޕްލޭނެއް މުހިއްމު

ބައިވެރިޔާގެ ފުށުން އަނިޔާއެއް ލިބިފައިވާ ނަމަ އެންމެ ބުއްދިވެރި އެއް ގޮތަކީ ރައްކާތެރިކަމުގެ ޕްލޭނެއް ހަދާފައި އޮތުމެވެ. ރައްކާތެރިކަމެއްގެ ޕްލޭނެއްގައި ހިމެނެނީ އަނިޔާވެރި ގުޅުމަކުން ސަލާމަތްވާން ބޭނުން ނަމަ ކުރަންވީ ކަންކަމެވެ. ޕްލޭންގައި އަންނަނިވި ކަންކަން ހިމެނުން މުހިއްމެވެ.

ގެވެށި އަނިޔާ ލިބޭ ނަމަ ރައްކާތެރި ކަމުގެ ޕްލޭނެއް އޮތުން މުހިއްމު (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
  • އަނިޔާ ލިބެމުން ދާ ނަމަ އެކަން އާއިލާ އާއި ރައްޓެހިންނަށް އެންގުމަށް ބޭނުން ކުރާނެ ކޯޑެއް ނުވަތަ ލަފުޒެއް

  • ބައިވެރިޔާގެ އަނިޔާ އިން ރައްކާތެރިވާން ބޭނުންވެއްޖެ ހިނދެއްގައި ދާނެ ތަނެއް ނިންމާފައި އޮތުން

  • ގެންދަން ބޭނުންވާ ތަކެތީގެ ލިސްޓެއް ނުވަތަ އިމަޖެންސީ ދަބަހެއް ހުރުން

  • މިފަދަ ދަނޑިވަޅެއްގައި އެހީތެރިކަން ހޯދިދާނެ އަދި ބަރޯސާވެވޭނެ ކަހަލަ ގާތް ބަޔަކު ހޯދާފައި ހުރުން

  • ރައްކާތެރި ތަނަކަށް ދާނެ ގޮތެއް، ޓެކްސީ ފައިސާ، ފެރީ ފައިސާ ނުވަތަ ސައިކަލެއް ހޯދާފައި ހުރުން

  • ތިމާގެ އަމިއްލަ ފައިސާއަށް އެކްސެސް ވެވޭނެ ގޮތް ހުރުުން. މިސާލަކަށް ކޭޝް ކާޑު ބައިވެރިޔާ އަތުގައި ނުބޭއްވުން އަދި ލިބޭ ހުރިހާ ފައިސާއެއް ޖޮއިންޓް އެކައުންޓަކަށް ނުލުން

3. ނަފްސާނީ  އެހީތެރިކަން ހޯދުން

ގެވެށި އަނިޔާ އިން އަރައިގަތުމަށް ނަފްސާނީ އެހީތެރިކަން ހޯދިދާނެ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އަނިޔާ ކުރާ ބައިވެރިޔަކާ ވަކިވުމަކީ ފަސޭހަ ކަމެއް ނޫނެވެ. މީހާއަށް މިފަދަ ހާލަތެއްގައި ނަފްސާނީ ގޮތުން  އެހީތެރިކަން ދޭނެ މީހަކު ހުރުން މުހިއްމެވެ. އަނިޔާއިން އަރައިގަތުން ވެސް ފަސޭހައެއް ނޫނެވެ. އެކަމަށް ވަގުތު ބޭނުންވެ އެވެ.

މިފަދަ ގުޅުމެއްގައި އުޅޭ ނަމަ އަދި މިފަދަ ގުޅުމަކުން ސަލާމަތްވުމަށް ފަހު ވެސް ނަފްސާނީ ގޮތުން މީހާއަށް ބޭނުންވާ ހަމަޖެހުން ހޯދުމަށް ތެރަޕިސްޓެއްގެ އެހީ ހޯދިދާނެ އެވެ.

ގާތް މީހަކަށް ގެވެށި އަނިޔާ ކުރިމަތިވާ ނަމަ ހަދާނީ ކިހިނެއް؟

ގާތް މީހަކު ގެވެށި އަނިޔާއާ ކުރިމަތިލާ ނަމަ އޭނާއަށް ޕްރެޝަރު ކުރުމުގެ ބަދަލުގައި ބާރުވެރި ކުރުވަންވީ (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

އެއްވެސް މީހަކަށް އަނިޔާއެއް ލިބޭ ތަން ބަލަން ހުރުން އެއީ ފަސޭހަ ކަމެއް ނޫނެވެ. މިފަދަ ހާލަތެއް ތިމާ ދަންނަ މީހަކަށް ކުރިމަތިވެއްޖެ ނަމަ ކަމެއް ނުކޮށް ހުރުން ވެސް ގޯހެވެ.

ތިރީގައި މިވަނީ އެހީތެރިވުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަން:

1. ކެތްތެރިވާންވީ

އަނިޔާ ލިބޭ މީހާއަށް އެ ފަދަ ގުޅުމަކުން ސަލާމާތްވާން ވަގުތު ބޭނުންވެ އެވެ. ހާއްސަކޮށް ރައްކާތެރިކަމާ އެކު އެކަމުން ސަލާމަތްވާން ވަގުތު ބޭނުންވެ އެވެ. ތަޖުރިބާކާރުން ބުނަނީ އަނިޔާވެރިއެއްގެ ވަކިތަކުން ދާއިމީކޮށް ސަލާމަތްވާން އެވްރެޖްކޮށް ހަތް ފަހަރު ނަގާ ކަމުގަ އެވެ. 

ގާތް މީހަކު މިފަދަ ގުޅުމަކުން ސަލާމަތްވާން މަސައްކަތް ކުރާ ނަމަ ކެތްތެރިވާށެވެ. އޭނާއަށް އިމޯޝަނަލް ސަޕޯޓް ބޭނުންވެ އެވެ. އަދި މުޅި ދިރިއުޅުން އެކީގައި ބިނާކުރި ބައިވެރިޔާއާ ދުރުވާން ބައެއް ކަހަލަ ކަންކަން ހުންނަންވާނީ ރޭވި ނިމިފަ އެވެ. މިސާލަކަށް އުޅޭނެ ތަނެއް ހޯދުން ކަހަލަ ކަންކަމެވެ. އެހެންކަމުން ޕްރެޝާ ނުކުރާށެވެ. ހިތްވަރުދޭށެވެ.

2. އެހީތެރިވާންވީ

ގާތް މީހަކު ގެވެށި އަނިޔާއާ ކުރިމަތިލާ ނަމަ އެހީތެރިވާންވީ (ދައުރު ފޮޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

އަނިޔާވެރި ގުޅުމަކުން ނިކުންނަން މަސައްކަތް ކުރާ މީހާ ބައެއް ކަހަލަ އެހީތެރިކަން ބޭނުންވެ އެވެ. ތިމާއަށް ވެވުނު މިންވަރަކުން އެހީތެރިވާށެވެ.

މާލީ ގޮތުން އެހީތެރިވެވިދާނެ އެވެ. ހުންނާނެ ތަނެއް ހޯދައި ހަމަޖައްސާދެވިދާނެ އެވެ. ދަރިން ބެލުމުގައި އެހީތެރިކަން ފޯރުކޮށްދެވިދާނެ އެވެ. ރައްކާތެރިކަމުގެ ޕްލޭނެއް ހަދަން އެހީތެރިވެވިދާނެ އެވެ.

3. އަނިޔާ ލިބޭ ފަރާތް ކުށްވެރި ނުކުރާންވީ

އަންހެނުންތަކެއް ދުވަނީ: ގާތް މީހަކަށް އަނިޔާއެއް ލިބޭ ނަމަ ބަލަންވީ ބާރުވެރިކުރެވޭތޯ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ގެވެށި އަނިޔާގެ ކޭސްތަކުގައި ވަރަށް ގިނަ ފަހަރަށް ވިކްޓިމް ނުވަތަ އަނިޔާ ލިބޭ ފަރާތް ކުށްވެރި ކުރާތަން ފެނެ އެވެ. އަނިޔާވެރި ގުޅުމެއްގައި ދެމިހުންނަ ސަބަބު ތިމާއަށް ނުވިސްނިދާނެ އެވެ. އެކަމަކު ވިކްޓިމް ބްލޭމް ނުކުރާށެވެ. ހޭލުންތެރިވާށެވެ. އަދި ގާތް މީހާގެ ކުށް ހޯދުމުގެ ބަދަލުގައި ބާރުވެރިކުރަން މަސައްކަތް ކުރާށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް