އޮގަސްޓު 26، 2023: އިރުއޮއްސެމުން ދިޔަ ވަގުތު ރާއްޖޭގެ ރަށެއްގެ ގޮނޑުދަށުގައި ކުޑަކުއްޖަކާއި މަންމައަކު މަޑުކޮށްލައިގެން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޖުޑިޝަރީ

ގެވެށި އަނިޔާއާ ގުޅޭ އަމުރެއް ހޯދަން ދެން ފައިސާ ދައްކާކަށް ނުޖެހޭނެ

ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރަކަށް ހުށަހަޅާ މީހާގެ އަތުން މީގެ ކުރިން 25ރ ނަގާ؛ އެ ފީ ކަނޑާލަން ނިންމީ އޭނާ ހުންނާނެ ނިކަމެތި ހާލަތަށް ވިސްނާއިރު އެކަމަކީ އުނދަގޫ ކަމަކަށް ވާނެތީ

ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރަކަށް އެދޭއިރު އާންމުންގެ އަތުން ކުރިން ނަގަމުން އައި ފީ ދައްކަން ނުޖެހޭ ގޮތަށް ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ގެވެށި އަނިޔާ ތަހަންމަލު ކުރާ މީހެއްގެ ފަރާތުން އެ އަނިޔާއިން ރައްކާތެރިވުމުގެ އަމުރެއް ހޯދުމަށް އެދި ހުށަހަޅާ އިރު، ފެމިލީ ކޯޓުން އެ މައްސަލައެއް ބަލައިގަތުމަށް މީގެ ކުރިން 25ރ.ގެ ފީއެއް ނަގަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން، މި ފީ ނުނަގާ ގޮތަށް ފެމިލީ ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ. ޝަރުއީ ނިޒާމުގެ ގަލާއީ އާ އަހަރާ ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމްގެ ބްލޮގުގައި މިކަމާ ގުޅޭ ބައެއް ތަފްސީލުތައް ހިމަނުއްވާފައިވެ އެވެ.

ބުނީ ކީކޭ؟ - ޝަމީމްގެ ބްލޮގުގައި ލިއުއްވާފައިވާގޮތުގައި:

  • ޕީޖީ އޮފީހުގެ މަސައްކަތުގެ މިއަހަރުގެ އެއް އަމާޒަކީ، ކުށުގެ ސަބަބުން އަނިޔާ ލިބޭ މީހުންނަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް ހަރުދަނާކުރުން

  • އަނިޔާލިބޭ މީހުންނަށް ހިދުމަތްތައް ހޯދުމުގައި ހުރި ދަތިތައް ފިލުވައިދީ، ހުރިހާ އިދާރާތައް ގުޅިގެން، ދުނިޔޭގެ ފެންވަރުގެ ވިކްޓިމް ސަޕޯޓް ނިޒާމެއް ގާއިމުކުރުން

  • މިކަން ކުރިއަށް ގެންދާނެ ގޮތަކާބެހޭ ގޮތުން ދައުލަތުގެ އިދާރާތަކާއި އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކާ އެކު ނިމިދިޔަ އަހަރުގެ ތެރޭގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައި، އަމަލީ ގޮތުން ކަންތައްތަކެއް ކުރުމަށް އެއްބަސްވެފައިވޭ

ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރެއް ހޯދުމަށް އެދި ހުށަހަޅާއިރު، ފެމިލީ ކޯޓުން އެމައްސަލައެއް ބަލައިގަތުމަށް 25ރ.ގެ ފީއެއް ދައްކަންޖެހޭ މައްސަލަ އެ ބައްދަލުވުމަށް ހުށަހެޅުނު ކަމަށް ޝަމީމް ވިދާޅުވި އެވެ.

" އެ ފީ ދައްކާންޖެހެނީ ވެސް ބަނޑޭރި ޕޯޓަލް މެދުވެރިކޮށްކަމަށްވާތީ، އެކަމަށް އިންޓަނެޓާއި އެނޫންވެސް ވަސީލަތްތައް ބޭނުންވެ އެވެ. ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރެއް ހޯދުމަށް އެދި ހުށަހަޅާ މީހާ، އާންމުކޮށް ހުންނާނެ ނިކަމެތި ހާލަތަށް ވިސްނައި، މި 25 ރުފިޔާ ނުދައްކާ ގޮތަށް ބަދަލުކުރުމުގެ މުހިންމުކަމެއް ކަމަށް ހުރިހާ އިދާރާތަކަށް ވެސް ފެނުނެވެ. މިކަމާ ފެމިލީ ކޯޓަށް ހިނގުމާ ހަވާލުވީ އަޅުގަނޑާ އެވެ،" ޝަމީމުގެ ބްލޮގުގައި ލިޔުއްވާފައި ވެއެވެ.

ޝަމީމް ލިއުއްވާފައިވާ ގޮތުން އެކަމާ ބެހޭގޮތުން ފެމިލީ ކޯޓާ ވާހަކަ ދެއްކިއިރު، 25ރ.ގެ މައްސަލަ ކޯޓުގެ ސަމާލުކަމަށް އައިސްގެން ފަނޑިޔާރުންގެ މަޖިލީހުން އޮތީ އެ ފީ ކަނޑާލަން މާކުރިން ނިންމައިފަ އެވެ. އެގޮތުން ގެނެސްފައިވާ ބަދަލުތަކަކީ:

  • މިދިޔަ ބުރާސްފަތި ދުވަހު އެކޯޓުން އާންމު ކުރި ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދި ހުށަހަޅާ ފޯމުގައި 25ރ. ދެއްކުމުގެ ވާހަކައެއް ނެތް

  •  ކުރިން 14 ސަފްހާއަށް އޮތް ފޯމު، މިހާރު އޮތީ ފަސޭހަކޮށްދީ، 6 ސަފްހާއަށް މަދުކޮށްފައި

  •  ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުމެއް ނެތްނަމަ ފޯމު ބަލައިނުގަންނަ ގޮތަށް އޮތްއޮތުމަށް ބަދަލު ގެނެސް ހުރިހާ ލިޔެކިއުމެއް ނެެތަސް ފޯމު ބަލައިގަންނަ ގޮތަށް މިހާރު ވަނީ ހަދާފައި

  • މިހާރު ގެނެސްފައިވާ ބަދަލަކީ އެފޯމާއެކު ހުށަހަޅަންޖެހޭ ލިޔުމެއް ހުށަހެޅެން ނެތް ނަމަ، އެކަމެއް ކޯޓުގެ ސަމާލުކަމަށް ގެނައުން

ޝަމީމް ލިއުއްވާފައިވާ ގޮތުން، ހުށަހަޅަންޖެހޭ ލިޔެކިއުންތައް ނެތަސް ފޯމު ބަލައިގަންނަ ގޮތަށް ހެދުމަކީ ގާނޫނުގައި ތަސައްވަރުކުރާ ގޮތަށް، އަނިޔާލިބޭ މީހާއަށް ފަސޭހަ ނިޒާމެއް ގާއިމުކުރެއްވުމަށް ފެމިލީ ކޯޓުން އެޅުއްވި މުހިންމު ފިޔަވަޅެކެވެ. އެއީ ގެވެށި އަނިޔާގެ ރައްކާތެރިކަމަށް އެދޭ މީހާ، އެވަގުތު ހުންނާނެ ހާލަތަށް ރިއާޔަތްކުރާއިރު، ބައެއްފަހަރު ހުރިހާ ލިޔުންތައް އޭނާގެ އަތުގައި ނެތިދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށްވާތީ ކަމަށް ޝަމީމް ލިއުއްވާފައި ވެއެވެ.

އަނިޔާލިބޭ މީހާއަށް އިތުރަށް ފަސޭހަކޮށްދިނުމަށްޓަކައި، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމު، ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލްގެ ތެރެއިން ފުރޭނޭ ގޮތް ދާދި އަވަހަށް ހަމަޖައްސާނެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ. އެ ހިދުމަތަށް ވަދެވޭނީ އީފާސް މެދުވެރިކޮށް ކަމަށްވާތީ، ފޯމުގައި ފުރަންޖެހޭ ގިނަ ބައިތައް ހުންނާނީ އޮޓޮމެޓިކުން ފުރާފަކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި އަމިއްލައަށް ފުރަންޖެހޭނީ މަދު ބައިތަކެއް ކަމަށް ވިދާޅުވި އެވެ.

"އަނިޔާލިބޭ މީހާ، ރައްކާތެރި ތަނަކަށް ދެވުމުން، އޮންލައިން ފޯމު ފުރާލުމަށް ފަހު، ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލްގެ ތެރެއިން ފޮނުވާލުމުން، އޭނާ އެދޭ ކޯޓެއްގެ އީމެއިލަކަށް އަޅުގަނޑުމެން އެ ފޯމު ފޮނުވައި ދިނުމުގެ ހިދުމަތް ފޯރުކޮށްދޭނަމެވެ. އޭރުން، އަނިޔާލިބޭމީހާ އެ ފޯމު ހިފައިގެން ކޯޓު ދޮށަށް ހިނގަންޖެހުން އެއްކޮށް ނިމުމަކަށް އަންނާނެއެވެ. އަމުރު ހޯދުމަށް އެދުމުގެ ކަންކަން އިންތިހާއަށް ފަސޭހަކޮށްދެވޭނެއެވެ،" ޝަމީމް ލިއުއްވާފައިވެ އެވެ.

"އަޅުގަނޑުމެން މިކުރާ މަސައްކަތުން، އަނިޔާލިބޭ ހަމަ އެންމެ އިންސާނަކަށް ވެސް ފަސޭހަތަކެއް ލިބި، ޤާނޫނުގެ ރައްކާތެރިކަން ލިބިއްޖެ ނަމަ، މިކުރާ މަސައްކަތުގެ އަގު ލިބުނީކަމަށް އަޅުގަނޑު ދެކެމެވެ." 

ފާހަގަކޮށްލެވޭ ކަމެއް - ޖެންޑަ މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 47 މައްސަލަ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެ ވުޒާރާއަށް ހުށަހެޅިފައި ވެއެވެ.

މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލައެވެ. އެގޮތުން:

  • ޖިސްމާނީ އަނިޔާގެ 25 މައްސަލަ

  • ނަފްސާނީ އަނިޔާ ކުރުން ނުވަތަ އަނގަ ބަހުން ކުރެވޭ އަނިޔާގެ 17 މައްސަލަ

  • ޖިންސީ އަނިޔާގެ 4 މައްސަލަ

  • ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 2 މައްސަލަ

  • ޖިންސީ ހާނިއްކަ ކުރުމުގެ 2 މައްސަލަ

  • ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ 1 މައްސަލަ ހުށަހެޅި 

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 131 މައްސަލަ ނޮވެމްބަރު މަހު ރިޕޯޓުކޮށްފައިވާއިރު، މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން ވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލަ އެވެ. އެގޮތުން މިބާވަތުގެ 16 މައްސަލަ ހުށަހަޅާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް