އިންޑިއާ ހައި ކޮމިޝަނަރު މުނޫ މަހާވަރު (ވ) 'އަޅާލުން' ކެމްޕޭނު އިއްޔެ އިފްތިތާހު ކޮށްދެއްވަނީ (ފޮޓޯ/ބްރިޖިން ދަ ކޮމިޔުނިޓީސް މޯލްޑިވްސް)

އަނިޔާ ލިބޭ އަންހެނުންނަށް ހިލޭ އެހީތެރިކަން ފޯރުކޮށްދޭން ދެ އަހަރު ދުވަހުގެ ކެމްޕޭނެއް ފަށައިފި

އަމިއްލަ ޖަމިއްޔާ ބްރިޖިން ދަ ކޮމިއުނިޓީސް މޯލްޑިވްސްއަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން، އަނިޔާ ލިބެމުންދާ އަދި ރައްކާތެރިކަން ބޭނުންވާ އަންހެނުންނަށް ސިއްހީ، ގާނޫނީ އަދި ނަފްސާނީ އެހީތެރިކަން ހޯދައިދޭނެ

އަންހެނުންނަށް ހަމަހަމަކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް، އަމިއްލަ ޖަމިއްޔާއަކުން 'އަޅާލުން'ގެ ނަމުގައި ދެ އަހަރު ދުވަހުގެ ކެމްޕޭނެއް ފަށައިފި އެވެ.

ތަފްސީލް - ބްރިޖިން ދަ ކޮމިޔުނިޓީސް މޯލްޑިވްސް އިން މިއަދުން ފެށިގެން 7 މާޗު 2026އާ ހަމައަށް ކުރިއަށް ގެންދާ މި ކެމްޕެއިންގައި، އެ ޖަމިއްޔާއަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން، އަނިޔާ ލިބެމުންދާ އަދި ރައްކާތެރިކަން ބޭނުންވާ އަންހެނުންނަށް ހިލޭ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

ވީ ކިހިނެއް؟ - މިއަދު ފާހަގަކުރާ އަންހެނުންގެ ދުވަހާ ގުޅުވައިގެން މި ކެމްޕޭނު އިފްތިތާހުކޮށްދެއްވީ، އިއްޔެ ދަ ސަމާސެޓް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި، އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އެވެ.

ބްރިޖިން ދަ ކޮމިއުނިޓީސް މޯލްޑިވްސް އިން ބުނިގޮތުގައި މި ކެމްޕެއިންގައި:

  • އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު ހިލޭ ހަމަޖައްސައިދޭނެ

  • ގާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދޭނެ

  • ކައުންސެލިންގެ ހިދުމަތް ހިލޭ ފޯރުކޮށްދޭނެ

  • ވަކި ޖިންސެއްގެ މީހަކަށް ވީތީ ލިބޭ އަނިޔާ އާއި އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މަސައްކަތް ކުރާނެ

  •  މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދާނެ

ފާހަގަކޮށްލެވޭ - 'އަޅާލުން' ކެމްޕޭންގެ ލޯގޯގައި ހިމެނެނީ ކާލިގަނޑު މިޔަރެކެވެ. ރާއްޖޭގެ ކަނޑުގެ އެކި ސަރަހައްދުތަކުން ފެންނަ މި މިޔަރަކީ ހާއްސަ ސިފަތަކެއް ލިބިގެންވާ މަހެކެވެ. އޭގެ ތެރޭގައި މިޔަރުގެ އެހެން ގިނަ ބާވަތްތަކަށް ވުރެ ލޯ އަލިވުމާއި ފެނުމުގެ ބާރު ގަދަވުމާއި ފޮރުވިފައިވާ ތަކެތި ދެނެގަތުމުގެ ސެންސަރީ ބާރު ލިބިފައިވުން ހިމެނެ އެވެ.

ބްރިޖިން ދަ ކޮމިޔުނިޓީސް މޯލްޑިވްސް އިން ބުނިގޮތުގައި 'އަޅާލުން' ކެމްޕޭންގެ މަގުސަދަކީ ވަކި ޖިންސެއްގެ މީހަކަށް ވީތީ ލިބޭ އަނިޔާ އާއި އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ އެންމެ ފުނަށް ފީނައި، މައްސަލަތައް ނުކުތުމަށް މެދުވެރިވާ ސަބަބުތައް ދެނެގަނެ، ކޮންމެ މައްސަލައަކަށް ވެސް އެންމެ ފުރިހަމަ ހައްލު ހޯދުމަށް މަސައްކަތްކުރުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް