ހައި ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗު: މެދުގައި ފަނޑިޔާރު މުހައްމަދު ނިޔާޒް

ހައި ކޯޓު

ފަނޑިޔާރުގެ ރުޅި މަޑު، ދައުލަތަށާއި އެންމެންނަށް ބޮޑު މެސެޖެއް

ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ސުވާލުތައް އައީ މަސްތުވާތަކެތީގެ މައްސަލާގައި އުމުރަށް ޖަލަށް ލާފައި ހުރި މީހަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މައާފު ދެއްވުމުގެ މައްސަލާގައި

މުހިންމު ނުކުތާތައް

ހުސެއިން ޒަހީންގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުުކުމެއް އިއްވީ 2021ގައި

މިދިއަ އަހަރު ކުރީގެ ރައީސް ވަނީ އޭނާއަށް މައާފުދީ މިނިވަންކުރައްވާފައި

ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް އެއްސެވީ އެގޮތަށް މައާފު ދެންޏާ ހުކުމް ކުރުމުގެ ބޭނުމަކީ ކޮބައިތޯ

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށް ލާފައިވަނިކޮށް އެންމެ ތިން އަހަރު ދުވަހުގެ ތެރޭގައި މިދިޔަ ސަރުކާރުން މީހަކު މިނިވަންކޮށްފައި ވާތީ، ހައި ކޯޓުގެ ފަނޑިޔާރުން ކަންބޮޑުވުމާއި، ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

މައްސަަލައިގެ ފެށުން - ޖެނުއަރީ 2020ގައި މާލޭގެ ހަ ގެއެއް ބަލައި ފާސްކޮށް، ޑައިމޯފިން ޓްރެފިކް ކުރުމުގެ ތުހުމަތުގައި ހަ މީހަކު ހައްޔަރުކުރި އެވެ. ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުން އެ މައްސަލާގައި ކުށް ސާބިތުވެގެން 25 އަހަރުގެ ޖަލު ހުކުމެއް އިއްވި ދެ މީހުންގެ ތެރެއިން އެކަކީ، ހުސެއިން ޒަހީން، މަތަރެސްމާގެ/ލ.ކަލައިދު އެވެ. މިއީ މަސްތުވާތަކެތީގެ ވިޔަފާރީ ކުރަނިކޮށް 2016ގައި ވެސް ހައްޔަރުކުރި މީހެކެވެ. އެ މައްސަލާގައި ވެސް އޭނާގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. 

ރާއްޖެއިން އަތުލާފައިވާ މަސްތުވާތަކެތި: މި ވިޔަފާރީގައި އުޅޭ މީހުންނަށް ހުކުމް އިއްވިޔަސް ބައެއް މީހުން ސަލާމަތްވޭ (ފޮޓޯ/ ޕޮލިސް)

ވީ ކިހިނެއް؟ - ޒަހީންގެ މައްޗަށް 2021ގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ، މއ. ސީބްްރީޒްގޭގެ އެޕާޓުމަންޓުގެ އެކި ތަންތަނުން ފެނުނު މަސްތުވާތަކެއްޗާ ގުޅިގެން ދައުލަތުން ދައުވާކުރުމުންނެވެ. ހަމަ އެ މައްސަލާގައި އޭނާގެ އަތުން ފެނުނު ތަޅުދަނޑިއަކުން ހުޅުވި ސައިކަލުގެ މަޑިދަށުގައި ހުރި މަސްތުވާތަކެތީގެ މައްސަލާގައި ވެސް ދައުލަތުން ދައުވާކުރި އެވެ. ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުވީ ހަމައެކަނި ސީބްރީޒްގޭގެ އެޕާޓުމަންޓުން ފެނުނު މަސްތުވާތަކެތީގެ މައްސަލައިގަ އެވެ. އެހެންވެ، ދައުލަތުން ވަނީ އެ ގަޒިއްޔާގައި ކުށް ސާބިތުނުވި ބައި ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. 

ތަފްސީލް - އެ މައްސަލާގައި އިއްޔެ ހައި ކޯޓުގައި އޮތް އަޑުއެހުމުގައި ދައުލަތުން އިސްތިއުނާފީ ނުކުތާތައް އިއްވަމުން ބުނީ އުމުރު ދުވަހުގެ ޖަލު ހުކުމް ޒަހީންގެ ފަރާތުން އިސްތިއުނާފް ކުރުމަށް ފަހު އަނބުރާ ނަގާފައިވާ ކަމަށެވެ. އެހެންވެ ފަނޑިޔާރު ސުވާލުކުރެއްވީ އެ ހުކުމް ތަންފީޒުކޮށް ނިމިފައިވޭތޯ އެވެ. އެ ސުވާލުގެ ޖަވާބުގައި ދައުލަތުން ބުނީ ހުކުމް ތަންފީޒުކޮށް ނިމިފައިވާކަން އެނގިފައިނުވާ ކަމަށެވެ.

އެއަށް ފަހު ފަނޑިޔާރު ހަމަ އެ ސުވާލު ޒަހީންއާ ވެސް ކުރެއްވި އެވެ. އޭނާ ބުނީ އޭނާއަކީ މިދިޔަ ސަރުކާރުގައި ރައީސް މައާފު ދެއްވުމުން މިނިވަންވެފައި ހުރި މީހެއް ކަމަށެވެ. ފަނޑިޔާރުގެ ސުވާލުތައް ޕީޖީއާ އަމާޒުކޮށް ހިތްހަމަނުޖެހުން ފާޅުކުރެއްވީ އެ ޖަވާބާ ގުޅިގެންނެވެ.

"ކޯޓަށް އައިސް ކޮން ކަމެއްތޯ ތިކުރަނީ؟ އަޅުގަނޑުމެން ލައްވާ ކޮން ކަމެއްތޯ ތިކުރަން އުޅެނީ؟ 25 އަހަރަށް ޖަލަށް ހުކުމްކުރިއިރު ޑްރަގް ޓްރެފިކިން ކުށުގައި. ކޮބާ ނަތީޖާއަކީ؟،" ފަނޑިޔާރު މުހައްމަދު ނިޔާޒް ހިތްހަމަޖެހިވަޑައިނުގެން ދައުލަތާ ސުވާލުކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ:

  • ފަނޑިޔާރުގެ ކަންބޮޑުވުން ދައުލަތަށް ވެސް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، ބަލައިގަންނަ ކަމަށް

  • ނަމަވެސް ދައުލަތުގެ އެހެން ބާރަކުން ކުރާ ކަމަކީ ދައުވާ ކުރާ ފަރާތެއްގެ ހައިސިއްޔަތުން، ޕީޖީގެ ބަހެއް އަދި ބާރެއް އޮންނަ ކަމެއް ނޫން

އެއަށް ފަހު ދައުލަތުން ވާހަކަ ކުރިއަށް ގެންދަން އުޅުމުން، ދައުލަތުގެ ވާހަކަ މެދުކަނޑާލެއްވުމަށް ފަހު ފަނޑިޔާރު ވަނީ ޑްރަގް ޓްރެފިކިން ފަދަ ބޮޑެތި ކުށްތަކުގައި ރައީސްއަށް އަފޫ އާންމު ނުވަތަ ލުއިދެވެނީ ހުުކުމުން ކިހާ މުއްދަތެއް ތަންފީޒުކޮށް ނިމުމުންތޯ ސުވާލުކުރައްވައިފަ އެވެ.

ޖަވާބުގައި ދައުލަތުން ބުނީ ހުކުމްގެ ހަތަރުބައި ކުޅަ އެއްބައި ފުރިހަމަކުރުުމުން ކަމަށާއި، ރައީސްއަށް ލިބޭ ބާރުގެ ދަށުން ޒަހީން މިނިވަންކުރެއްވީ ކޮން މިންގަނޑަކުން ބަލައިގެން ކަން ބުނަން ނޭނގޭ ކަމަށެވެ. އެކަމަކު އިންސާނިއްޔަތަށް ބަލައިގެން ދޫކޮށްލެވޭ ގޮތަށް ވެސް އޮންނަކަން ދައުލަތުން ފާހަގަކުރި އެވެ.

އެކަމަކު 2021ގައި ކުރި 25 އަހަރުގެ ހުކުމަކަށް 2023ގައި ލުއިދިނުމަކީ ކޮން ގޮތަކުން ހަމަޖެހޭ ކަމެއްތޯ ސުވާލުކޮށް ފަނޑިޔާރު އަނެއްކާވެސް ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ. އަދި ޒަހީން އުމުރު ދުވަހަށް ޖަލަށް ލާފައި ހުރީ އިންސާނިއްޔަތަށްޓަކައި މައާފް ދެވޭ ފަދަ ކުށެއްގައިތޯ ވެސް ފަނޑިޔާރު ސުވާލުކުރެއްވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެބިނެޓް ބައްދަލުވުމެއްގައި: ބޮޑެތި ބައެއް ކުށްވެރިންނަށް އެންމެ ފަހު ވަގުތު މައާފު ދެއްވި (ފޮޓޯ/ރައީސް އޮފީސް)

"އަޅުގަނޑުގެ ކަންބޮޑުވުމަކީ ޕީޖީން ދައުވާކޮށްގެން ރާއްޖޭގެ މަސްތުވާތަކެތި އެތެރެކުރާ މީހުން ޕްރޮސިކިއުޓް ކުރަންވެގެން ކޯޓުތަކުން ދައުވާތަކެއް ސާބިތުކުރީމައި، ހުކުމް ތަންފީޒުނުކުރެވޭ ކަމަށްވަންޏާ މިއީ ކީއްކުރަން ކުރާ ކަމެއްތޯ؟ އަޅުގަނޑުމެން މިއީ ކީއްކުރަން ކުޅޭ ޑްރާމާއެއްތޯ؟ ބޮޑު ސިންގާ ދައުލަތަކުން، ގާނޫނުތަކެއް ހަދައިގެން،" ފަނޑިޔާރު ނިޔާޒް ހިތްހަމަނުޖެހުމާ އެކު ވިދާޅުވި އެވެ.

އުމުރަށް ޖަލަށް ލާފައި ހުއްޓާ، ރައީސްއަށް ލިބޭ ބާރުގެ ދަށުން މާފްދިނީ ކަމަށް ބުނެ، އޭނާ ދޫކޮށްލައިގެން ތިބުމަށް ފަހު، ހަމަ އެ މައްސަލައިގެ އެހެން ބައެއް ހިފައިގެން އިސްތިއުނާފީ ކޯޓަށް އައުމުގެ ބޭނުމަކީ ކޮބައިތޯ ވެސް ފަނޑިޔާރު ސުވާލު ކުރެއްވި އެވެ. އަދި މިހާރު އިސްތިއުނާފީ ކޯޓުގައި ހިނގާ އެ މައްސަލަ ވެެސް އަނބުރާ ގެންދަންވީ ނޫންތޯ ވެސް ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ވަރަށް ބޮޑު ކަންބޮޑުވުމެއް ފަނޑިޔާރުންގެ ގޮތުގައި ތިބެ ހުކުމް ކޮށްފައި ހުކުމް ތަންފީޒެއް ނުވޭ. ދެން މި ގޮތަށް ވަންޏާ ކީއްކުރަންތޯ މިކަން މިކުރަނީ؟ އަޅުގަނޑުމެން ލަދުގަންނަން ޖެހޭނެ ނޫންތޯ ދައުލަތެއްގެ ހައިސިއްޔަތުން. ކިހިނެއްތޯ މިވަނީ؟،" ފަނޑިޔާރު ނިޔާޒް ވިދާޅުވި އެެވެ.

ފަނޑިޔާރުގެ ނުރުހުން ތަކުރާރުކޮށް އަމާޒުވާން ފެށުމުން، ދައުލަތުން ބުނީ ބަންދުކުރާ މީހާ އަނެއް ދުވަހު ދައުލަތާ ދިމާލަށް 'އެއްޗެއް ބުނެ ނުކުމެގެން ދާތަން ފެނުމުން ޕީޖީގެ ހިތަށް ވެސް ދަތިވޭ' ކަމަށެވެ. 

މި ވާހަކަތަށް މިގޮތަށް ދެކެވެން ފެށުމުން ފުރުސަތަކަށް އެދި ޒަހީން ބުނީ އޭނާގެ އުމުރު  ދުވަހުގެ ޖަލު ހުކުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މައާފް ދެއްވީ ޕްރޮގްރާމެއް ފުރިހަމަކުރުމުން ކަމަށެވެ. ދެން ވެސް ފަނޑިޔާރު ތަކުރާރުކުރެއްވީ މައާފް ލިބުނީ ގާނޫނުގައި ބުނާ މުއްދަތު ހަމަވެގެންތޯ އެވެ. 

ޖަވާބުގައި ޒަހީން ބުނީ އޭނާ ދޫކޮށްލާފައި ހުރީ ޝަރުތުތަކެއް ކޮށްފައި ކަމަށެވެ. އެ ޝަރުތުތަކަކީ ކޮބައިތޯ އާއި އުޅޭ ނޫޅޭ ގޮތް ކަރެކްޝަނުން ބަލަނީ ކިހާ ވަރަކަށްތޯ ފަނޑިޔާރު ސުވާލުކުރެއްވި އެވެ. ޖަވާބުގައި ޒަހީން ބުނީ އެކަން ބަލާ މިންވަރު އޭނާއަށް ނޭނގޭ ކަމަށެވެ. އެކަމަކު އޭނާ ހުންނަނީ ކަރެކްޝަނުން ގުޅުމުން ޔޫރިން ދިނުން ފަދަ ކަންކަމަށް ދެވޭ ގޮތަށް ކަމަށް ބުންޏެވެ.

އެނގުން މުހިންމު - މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު ބުނާ ގޮތުން 14 ގްރާމަށް ވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތީގެ މައްސަލަތަކުގައި އުމުރަށް ޖަލަށް ލާ މީހުންނަށް މައާފެއް ނުދެވޭނެ އެވެ. ނަމަވެސް ވަކި މިންގަނޑުތަކެއް ފުރިހަމަވާ ނަމަ އަދަބު ލުއިކޮށްދެވިދާނެ ކަމަށް އެ ގާނޫނު ބުނެ އެވެ. އެގޮތަށް ވެސް އަދަބު ލުއިކޮށްދެވޭނީ އިއްވާފައިވާ ހުކުމެއްގެ ހަތަރުބައިކުޅަ އެއްބައި ތަންފީޒުކޮށްފައިވާ ނަމަ އެވެ.

ޒަހީންގެ މައްސަލާގައި އޭނާއަށް ލުއި ދެވިދާނެ ހާލަތެއް އެ ގާނޫނުގައި ނެތެވެ.

ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ ސަރުކާރުގެ ފަހުކޮޅު އޭރުގެ ރައީސް ސޯލިހް ވަނީ ބޮޑެތި އެހެން ކުށްތައް ސާބިތުވެފައިވާ މީހުންނަށް ވެސް މައާފު ދެއްވައި ނުވަތަ އަދަބު ލުއިކޮށްދީގެން މިނިވަންކުރައްވައިފަ އެވެ. އޭގެ ތެރޭގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އެންމެ ބޮޑު އެކަކު ކަމަށްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް ހިމެނެ އެވެ.

ކޮމެންޓް (4)

ޙަބީބީ

5 މާރިޗު 2024
ތިޔަ ކޯޓުގެ ވާހަކަ ދެއްކޭކަށް ނެތޭ ރަޖިސްޓަާރ ބޭނުން ގޮތަކަށް ގާނޫނު ތަށް މާނަކޮށް ހިތުހުރި މައްސަލައެއް ބަލާއިގަނެ ހިތްޕުޅާ ނުވާ މައްސަލަތަށް ބޭރު ކުރާއިރު ތިޔަ ފަޑިޔާރުން ހައްޕު ކިޔައިގެން ތިބެ ތި ކުޅެނީ ކޮން ކުރު ފިލުމެއް ތޯއެވެ.
1 1

ކޮސް

5 މާރިޗު 2024
ތިޔަ މައްސަލައިގާ ރައީސް ޞާލިޙު ހާޒިރުކުރަންޖެހޭ.
7 1

ވާނުވާ

5 މާރިޗު 2024
މަސްތުވާތަކެތީގެ މައްސަލަތަކުގަ ކުށް ސާބިތުވަނީ ވަރަށް އުނދަގުލުން. އުުރަށް ޖަލަށް ލާފައި ހުރި މީހަކު، ރައީސަށް މާފު ދެވޭ މުއްދަތުވެސް ހަމަ ނުވަނީސް ދޫ ކޮށްލީމަ އިބޫގެ ނަޒާހާތްތެރިކަން އެބަ ހާމަ ވޭ
5 1

އަލްބަހާރު

5 މާރިޗު 2024
އެމްޑީޕީ މީހުންގެ ފިލޯސަފީ އަކީ އެމީހުނަށް ވެރިކަމަށް ނާދެވެންޏާ މުޅި ގައުމުވެސް ފައްތާލަން އޯކޭއޭ.
6 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް