އިލެކްޝަންސް ކޮމިޝަންގެ ލަފާދޭ ކޮމިޓީގެ ބައްދަލުވުމެއް. (ދައުރު ފޮޓޯ/ މުހައްމަދު އަމާން)

އިންތިހާބާ ގުޅޭ މަޝްވަރާތަކަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް އިލެކްޝަންސް ކޮމިޝަން ހާޒިރުކުރަނީ

މިހާރު ކަންކަން އޮތް ގޮތުން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ބޭނުންވާ ގޮތަށް އިންތިހާބު ރޯދަމަހުގެ ފަހަށް ބޭއްވުމުގެ ފުރުސަތު ކުޑަ
29 ފެބްރުއަރީ 2024

ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވާ ގޮތާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.

ތަފްސީލު - މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ބައްދަލުވުމަށް ދައުވަތު ދީ، އިލެކްޝަނަށް ފޮނުވި ސިޓީއެއް އެ ކޮމެޓީގެ މުގައްރިރު، މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް ވަނީ އާންމުކުރައްވާފަ އެވެ.

އެ ސިޓީގައިވާ ގޮތުން އެ ބައްދަލުވުން ތާވަލުކޮށްފައިވަނީ އަންނަ ހޯމަ ދުވަހުގެ މެންދުރު 11 ޖަހާއިރަށެވެ.

މަޝްވަރާކުރާނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދެ ވަނަ ފަހަރަށް މަޖިލީހުން ފާސްކުރުމާ ގުޅިގެން އިންތިހާބު ބާއްވަން ހަމަޖެހިފައިވާ ގޮތާ ބެހޭ ގޮތުންނެވެ.

އެނގުން މުހިންމު - މަޖިލިސް އިންތިހާބު މިހާރު ބާއްވަން އޮތް ތާރީހު ކަމަށްވާ 17މާޗު (ރޯދަ މަހުގެ ހަތް ވަނަ ދުވަސް)ގެ ބަދަލުގައި، އެ މަސް ނިމިގެން 10 ދުވަސް ފަހުން އެ އިންތިހާބު ބާއްވަން އިންތިހާބުތަކާ ބެހޭ ގާނޫނަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި އިސްލާހު ދެވަނަ ފަހަރަށް އިއްޔެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

  • އެ ބިލު އެންމެ ފުރަތަމަ މަޖިލީހުން ފާސްކުރީ މި މަހު 11 ވަނަ ދުވަހު؛ ނަމަވެސް ރައީސް މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނަށް ގާނޫނުއަސާސީން ލިބިދޭ އިހްތިޔާރުގެ ދަށުން ތަސްދީގުނުކުރައްވައި މިދިޔަ ހޯމަ ދުވަހު އަނބުރާ މަޖިލީހަށް ފޮނުވާލައްވާފައި

  • ގާނޫނުއަސާސީގައިވާ ގޮތުން ދެވަނަ ފަހަރަށް އެ ބިލް މަޖިލީހުން އެއްވެސް ބަދަލެއް ނުގެނެސް ފާސްކޮށްފި ނަމަ، އެ ބިލު ތަސްދީގުކޮށް ގެޒެޓްގައި ޝާއިއުކުރަން ޖެހޭ

  • ނަމަވެސް ރައީސް އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ ވިސްނުން ހުރި ގޮތުން އެ ބިލް ތަސްދީގުކުރެއްވުމުގެ ފުރުސަތު ވަރަށް ކުޑަ

  • އީސީން ބުނަނީ ބިލް ތަސްދީގު ނުކުރާހާ ހިނދަކު އެ ކޮމިޝަނުން ކުރިއަށް ދާނީ 17 މާޗުގައި އިންތިހާބު ބާއްވަން ކަމަށް

  • އިއްޔެ އެމްޑީޕީން ވަނީ ދެވަނަ ފަހަރަށް ބިލު ފާސްކުރި ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވެސް އަމަލުކުރަން ގޮވާލާފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް