ރައީސް މުއިއްޒު މިއަދު ކެނދިކުޅުދޫގައި ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

އިންތިހާބާ ބެހޭ ބިލު ތަސްދީގު ކުރާނީީ އޭޖީގެ ލަފާ ލިބުމުން: ރައީސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ގުނުމާ ގުޅޭ ގޮތުން މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ސުޕްރީމު ކޯޓުން މިއަދު ވަނީ ކަނޑައަޅާފައި

ރޯދަ މަހު އިންތިހާބު ނުބޭއްވުމަށް ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ދެ ވަނަ ފަހަރަށް ފާސްކޮށްފައި ވަނީ ޖުމްލަ މެންބަރުގެ އަދަދު 80 އިން ބަލައިގެން ކަމަށާއި އެ ބިލު ތަސްދީގުކުުރައްވާނީ އެޓާނީ ޖެނެރަލް (އޭޖީ)ގެ ލަފާ ލިބުމުން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާ ހަވާލާާދީ، ރައީސް ވިދާޅުވީ ޖުމްލަ މެންބަރުންގެ އަދަދު 80 އިން ނުގުނޭނެ ކަމަށެވެ. ނަމަވެސް އިންތިހާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ދެ ވަނަ ފަހަރަށް އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަަދަދު 87 އިން ބެލި ނަމަވެސް ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު އަގުލަބިއްޔަތުގެ ތާއީދާ އެކު އެވެ.

އިއްްޔެ އެ ބިލް ފާސްކުރީ 47 މެންބަރުންގެ ވޯޓުންނެވެ.

ވީ ކިހިނެއް ؟ - ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޖުމްލަ އަދަދު ގުނުމަށް މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ސުޕްރީމު ކޯޓުން މިއަދު ވަނީ ކަނޑައަޅައިފަ އެވެ.

ނަމަވެސް މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނައި މާއްދާތައް މަޖިލީހުން ބާތިލުކޮށްފައިވުމުން އެކަމުގައި ހޯދައިދެވޭނެ ގާނޫނީ ހަލެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.

މަޖިލީހުގެ ހަތް މެންބަރަކު އާ ސަރުކާރުގެ މަގާމުތަކާ ހަވާލުވުމަށް އިސްތިއުފާ ދެއްވުމުން، އެ ގޮނޑިތައް ނުހިމަނާ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު 80 އިން ގުނާ ގޮތަށް މިދިޔަ 18 ޑިސެމްބަރުގައި މަޖިލީހުގެ ގަވައިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ)އަށް ގެނައި އިސްލާހުތައް ބާތިލުކޮށްދިނުމަށް ބަންޑާރަނައިބުގެ ފަރާތުން ހުށަހެޅި މައްސަލައިގައި، އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުުން ނިންމީ، އެ އިސްލާހުތައް ގާނޫނުއަސާސީއާ ހިލާފު ކަމަށެވެ.

ތަފްސީލް - އުތުރުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ނ. ކެނދިކުޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފު އެއްވެސް ކަމެއް އެމަނިކުފާނު ނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ގާނޫނުއަސާސީއާ ކުޑަ ތަންކޮޅެއް ވެސް ހިލާފެއް ނުވާނަން. ގާނޫނުއަސާސީއާ އެއްގޮތަށް ކަން ހިނގަންޏާ އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ،" ރައީސް ވިދާޅުވި އެވެ.

"މިއަދު ކުޑަ އިރުކޮޅެއް ކުރިން ސުޕްރީމު ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އެ ނިންމީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު 80 ކަމަށް ކަނޑައަޅައިިގެން މަޖިލީހުން ނިންމާ ކޮންމެ ނިންމުމަކީ ގާނޫނު އަސާސީ އާ ހިލާފު ނިންމުމެއް ކަމަށް... 80 މެންބަރުންނަށް ބަލައިގެން މަޖިލީހުން ނިންމާ ކޮންމެ ނިންމުމެއް އެހެންވީމާ ގާނޫނު އަސާސީއާ ހިލާފުވާނެ." 

ރައީސް ވިދާޅުވީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަލައިގެން ސުޕްރީމު ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުންތަކާ މެދު ވެސް ގާނޫނީ ސުވާލު އުފެދޭ ކަމަށެވެ.

"ދެން ކޮންމެއަކަސް މަޖިލީހުގެ އަދަދަކީ 87 ކަމަށް ސުޕްރީމު ކޯޓުން މި ނިންމީ. އެހެންވީމާ މިކަމުގައި އަޅުގަނޑަށް ކުރިއަށް ދެވޭނީ މި ދެންނެވިހެން ގާނޫނު އަސާސީއާ އެންމެ ތަންފުކެއް ވެސް ހިލާފެއް ނުވާނަން. އެހެންވީމާ ބަންޑާރަ ނައިބުގެ ގާނޫނީ ލަފަޔަށް މިހާރު ވާނީ ދަންނަވާފައި. އެއީ މިކަހަލަ ނިންމުމެއް ނިންމީމާ ސުވާލު އެބަ އުފެދޭ 80 މެންބަރުންނަށް ބަލައިގެން އިއްޔެގެ މައްސަލަ އާއި އޭގެ ކުރިން ވެސް މައްސަލަ ނިންމާފައި ހުރިއްޔާ އެ ހުރިހާ މައްސަލަތަކުގެ ގާނޫނީ ހައިސިއްޔަތާ މެދުގައި،" ރައްޔިތުންގެ މަޖިލީހުގެ އަދަދަކީ 80 ކަމަށް ބަލައިގެން ކުރިއަށް ދިޔުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ތަކުރާރުކޮށް ރައީސް ވިދާޅުވި އެވެ.

"އިއްޔެ ނެގި ވޯޓުގައި ލިބުނު ކަންނޭނގެ 47 ވޯޓު. އެކަމަކު އެ ބޭފުޅުން ބެއްލެވީ 80 ކަމަށް މަޖިލީހުގެ ޖުމްލަ އަދަދަކީ. އެހެންވީމާ މި ކަމުގައި ބަންޑާރަ ނައިބު އަޅުގަނޑަށް ގާނޫނީ ލަފައެއް ދެއްވީމާ އަޅުގަނޑު ކުރިއަށް ދާނަން. އެއީ އެތައް ރައްޔިތުންގެ ހައްގެއް މީގައި އެބަ އެކުލެވޭ."

ރައީސް މުއިއްްޒުގެ ކެބިނެޓަށް ރުހުން ދިނުމުގައި ވެސް ރައްޔިތުންގެ މަޖިލީހުން އެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާފައިވަނީ 80 ކަމަށް ބަލައިގެންނެވެ.

ރައީސް ވިދާޅުވީ ރޯދަމަހުގެ ކުރިން އިންތިހާބު ބޭއްވުމަށް މީގެ ކުރިން ދެންނެވި ކަމަށާއި ނަމަވެސް އެގޮތަށް އެއްބަސްނުވީ މަޖިލީހުން ކަމަށެވެ.

"މިހާރު އޮތް މަޖިލީހުން އެއްގޮތަކަށް ވެސް އެއްބަސް ނުވީ ރޯދައިގެ ކުރިއަށް އިންތިހާބު ބޭއްވުމަށް ގާނޫނު އިސްލާހު ކޮށްދޭން،" އެގޮތަށް ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުގެ މެންބަރުން އެއްބަސްވެ ވަޑައިނުގަތް ސަބަބު ހާމަކޮށްދެއްވަން ރައީސް އެދިވަޑައިގެންނެވި އެވެ.

"އަބަދުވެސް މި އަޑު އިވެނީ ރޯދައިގެ ތެރޭގައި ބޭއްވީމާ ރައްޔިތުންނަށް އުނދަގޫވާނެޔޭ. އެހެންވީމަ ކީއްވެތޯ އަވަސްކޮށްލަ ނުދިނީ؟ އަވަސްކޮށްލި ނަމަ އެ މައްސަލަ ހައްލުވާނެ ނޫންތޯ؟ އަޅުގަނޑު ބޭނުމެއް ނޫން ރޯދަ މަސް ތެރޭ އިންތިހާބު ބާއްވާކަށް،" އަޅުކަން ކުރުމަށް ވަގުތު ދިނުމަށް ރޯދަ މަހުގެ ފަހު 10 ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ.

"ދެން މިހާރު އަޅުގަނޑު ވީ ފަހު 10 އަޅުކަމަށް ހާއްސަކޮށް، ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅައިގެން އިންތިހާބުގެ ކެމްޕޭނުގައި އުޅެންތޯ؟"

ގާނޫނުއަސާސީއާ ހިލާފުނުވާ ނަމަ ރޯދައިގެ ކުރިއަށް އިންތިހާބު ބާއްވައިދޭން މީގެ ކުރިން ނުރަސްމީކޮށް އިލެކްޝަންސް ކޮމިޝަނުގައި އެދިވަޑައިގެންނެވި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެކަން އެގޮތަށް ކުރަން އީސީ އިން މަޖިލީހުގައި އެދުމުން އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން އެކަން އެގޮތަށް ކުރަން ބޭނުން ނުވި ކަމަށް ރައީސް ވިދާޅުވި އެވެ.

"އެބޭފުޅުންނަށް ބާރު ހިންގާ އެބޭފުޅުން އޮޕަރޭޓު ކުރާ އެހެން ފަރާތެއް އެބަ އޮތް. ޖޮއިސްޓިކް އޮތީ އެހެން ފަރާތެއްގައި. އެ ޖޮއިސްޓިކް އަނބުރާ ގޮތަކަށް ޕަޕެޓުތަކެއް ގޮތަށް އެނބުރެމުން މިދަނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން،" ރައީސް ވިދާޅުވި އެވެ.

"[އޭޖީ]ގެ ލަފާ ލިބެނީ އިއްޔެ ނިންމި ނިންމުން، ސުޕްރީމު ކޯޓުން އެގޮތަށް 80 މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ އަދަދު ނޫންކަމަށް، އޮރިޖިނަލީ އޮންނަ 87 އަށް ކަމަށް ނޫން ގޮތަކަށް އިއްޔެ ނިންމި ނިންމުން ވެސް އެއީ ތަސްދީގު ކުރަން ޖެހޭ އެއްޗެއް ކަމަށް ލަފާ ލިބިއްޖެއްޔާ ހަމަ ވަގުތުން ތަސްދީގު ކޮށްލާނަން." 

ރައީސް ވިދާޅުވީ ކޯޓުތަކުގެ ނިންމުމަށް އިހުތިރާމު ކުރައްވާނެ ކަމަށާއި ކޯޓުތައް ހިނގަމުންދަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި ކަމަށެވެ.

ކޮމެންޓް (3)

މަރުދުރު

29 ފެބްރުއަރީ 2024
ބަލަ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަކީ ބާތިލު އިސްލާހެއް ކަމަށް ވިއަސް، ދެ ވަނަ ފަހަރަށް އެ ބިލް ފާސް ކުރީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގެ ދެބައިކުޅައެއްބަޔަށް ވުރެ ބޮޑު އަގުލަބިއްޔަތަކުން، 47 މެންބަރުންގެ ވޯޓަކުން ނޫންތަ؟ ދެން ކޮން ބަހަނާއެއް ދައްކާކަށް. ތަސްދީގު ކުރޭ. އިތުރަށް ޑެމެޖޭޖުވާ ވަރު ބޮޑުވުން ނޫން ކަމެއް ނުވާނެ.
1 0

ހނައ

29 ފެބްރުއަރީ 2024
ތިއީ މީހެއްގެ ލަފާ ހޯދާ ފަރާތެއްތަ.
0 0

ތެފައާސާ.

29 ފެބްރުއަރީ 2024
ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނަނީ، ރައްޔިތުންގެ މަޖިލީހަށް ރައީސް އަނބުރާ ފޮނުވާ ބިލެއް އެއްވެސް ބަދަލެއް ނުގެނެސް މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ "އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާންވާނެ" ކަމަށް. މަޖިލީހުން ދެވަނަ ފަހަރަށް އެ ބިލް ފާސްކުރީ 47 މެމްބަރުންގެ ވޯޓުން. މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަކީ 87 ކަމަށް ބެލިއަސް އަގުލަބިއްޔަތަކީ 44 ވޯޓު. ފާސްކުރީ 47 ވޯޓުން. މިއީ ވަރަށް ސާފުކޮށް އޮތް މައްސަލައެއް. ބަންޑާރަނައިބުގެ ލަފައެއް ހޯދަނީއޭ ކިޔައިގެން ކާކަށް ކޯއްޗެއް އޮޅުވާލަންތޯ ތި އުޅުއްވަނީ؟؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް