އިލެކްޝަންސް ކޮމިޝަންގެ ލަފާދޭ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން އެ ކޮމިޝަންގެ މެންބަރުން. (ދައުރު ފޮޓޯ/ މުހައްމަދު އަމާން)

އިންތިހާބުގެ ތާރީހު ބަދަލުކުރާނީ، ރައީސް ބިލު ތަސްދީގުކުރުމުން: އީސީ

ރޯދަމަހު އިންތިހާބު ނުބޭއްވޭ ބިލް ރައީސް ތަސްދީގުނުކުރައްވާ ނަމަ، ތާރީހަށް ބަދަލު ގެނައުމުގެ ވިސްނުމެއް ކޮމިޝަންގެ ނެތް

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ރޯދަމަހު ނުބާއްވާ ގޮތަށް ބަދަލުކުރަނީ، މަޖިލީހުން އެކަމާ ގުޅިގެން ފާސްކުރި ބިލު ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މަޖިލިސް އިންތިހާބު މިހާރު ބާއްވާ ތާރީހު ކަމަށްވާ 17މާޗު (ރޯދަ މަހުގެ ހަތް ވަނަ ދުވަސް)ގެ ބަދަލުގައި، އެ މަސް ނިމިގެން 10 ދުވަސް ފަހުން އެ އިންތިހާބު ބާއްވަން އިންތިހާބުތަކާ ބެހޭ ގާނޫނަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި އިސްލާހު ދެވަނަ ފަހަރަށް އިއްޔެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެގޮތުން:

  • އެ ބިލު އެންމެ ފުރަތަމަ މަޖިލީހުން ފާސްކުރީ މި މަހު 11 ވަނަ ދުވަހު؛ ނަމަވެސް ރައީސް މުއިއްޒު ވަނީ އެމަނިކުފާނަށް ގާނޫނުއަސާސީން ލިބިދޭ އިހްތިޔާރުގެ ދަށުން ތަސްދީގުނުކުރައްވައި މިދިޔަ ހޯމަ ދުވަހު އަނބުރާ މަޖިލީހަށް ފޮނުވާލައްވާފައި

  • ގާނޫނުއަސާސީގައިވާ ގޮތުން ދެވަނަ ފަހަރަށް އެ ބިލް މަޖިލީހުން އެއްވެސް ބަދަލެއް ނުގެނެސް ފާސްކޮށްފި ނަމަ، އެ ބިލު ތަސްދީގުކޮށް ގެޒެޓްގައި ޝާއިއުކުރަން ޖެހޭ

  • ނަމަވެސް ރައީސް މިއަދު ވަނީ ބިލު މަޖިލީހުން ފާސްކުރުމުގައި ގާނޫނީ މައްސަލަތަކެއް ހުރުމުން ބިލު ތަސްދީގުކުރެއްވުމާ މެދު ބަންޑާރަނައިބުގެ ލަފައަށް އެދިވަޑައިގެންފައި؛ ރައީސް ވިދާޅުވީ ބިލު ތަސްދީގު ކުރައްވާނީ އެ ލަފައަށް ފަހު ކަމަށް

  • އިއްޔެ އެމްޑީޕީން ވަނީ ދެވަނަ ފަހަރަށް ބިލު ފާސްކުރި ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވެސް އަމަލުކުރަން ގޮވާލާފައި

ތަފްސީލު - އެ ބިލު ދެވަނަ ފަހަރަށް ފާސްކުރުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އެކަމާ ގުޅޭ ގޮތުން ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު އިސްމާއިލް ހަބީބު ވިދާޅުވީ ކޮމިޝަނުން އަމަލުކުރާނީ ގާނޫނާ އެއްގޮތަށް ކަމަށާއި ރައީސް ތަސްދީގުނުކުރައްވާހާ ހިނދަކު މަޖިލިސް އިންތިހާބުގެ ތާރީހަށް ބަދަލެއް ނާންނާނެ ކަމަށެވެ. 

"އަދި އޮތީ މަޖިލީހުން ފާސްކޮށްފައިވާ ބިލެއް، އެއަށް އަމަލު ކުރުން ލާޒިމެއް ނުވޭ. ނަމަވެސް ރައީސް ބިލު ތަސްދީގުކޮށް، ގެޒެޓްގައި ޝާއިއުކުރާ ހިސާބުން އަޅުގަނޑުމެން އެކަމުގައި [ތާރީހާ މެދު] ގޮތެއް ނިންމާނަން،" ހަބީބު ވިދާޅުވި އެވެ.

ކުރިން ވެސް ނިންމި ތާރީހަށް އިންތިހާބު ބާއްވަން ކޮމިޝަނުން ބާރު ސްޕީޑްގައި މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ. އެގޮތުން:

  • މިއަދު ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު އާންމުކުރާނެ

  • މިއަދު ވޯޓު ކަރުދާސް ޗާޕް ކުރަން ދޭނެ

  • ވޯޓުލާ މަރުކަޒުގައި ތިބޭ އޮފިޝަލުންނަށް ތަމްރީން ދިނުމުުގެ ޕްރޮގްރާމްތަކުގެ ބޮޑު ބައި މިހާރު ވަނީ ނިމިފައި؛ އާދިއްތައަށް އެއްކޮށް ނިންމާލެވޭނެ

"އެހެންކަމުން އިންތިހާބާ ގުޅިގެން ކުރަން ޖެހޭ ހުރިހާ ކަމެއް ގާތްގަނޑަކަށް ނިމިފައި މިހުރީ. އެހެން ނަމަވެސް ރައީސް މިއަދު ވެސް އެ ބިލު ތަސްދީގުކުރައްވައިފި ނަމަ، މިއަދު ވެސް [މަޖިލިސް އިންތިހާބުގެ] ތާރީހު ބަދަލުކުރުމަށް ކޮމިޝަންގެ ޖަލްސާއެއް ބާއްވައިގެން އެއަށް އަމަލު ކުރާނެ،" ހަބީބު ވިދާޅުވި އެވެ.

ބިލު ރައީސް ތަސްދީގު ނުކުރައްވާ ނަމަ، ތާރީހަށް ބަދަލު ގެނައުމުގެ ވިސްނުން ކޮމިޝަންގެ މެންބަރުންގެ ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް