ނަބީލް ޒަމީލް (ފޮޓޯ/ފޭސްބުކް)
މިލަންދޫ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރާ ނަބީލަށް ޑެޕިއުޓީ މިނިސްޓަރުކަން
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ށ. މިލަންދޫ ދާއިރާ އަށް ޕީއެންސީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި ނަބީލް ޒަމީލް އަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަން ދީފި އެވެ.
ވީ ކިހިނެއް؟ - ޕީއެންސީގެ ޓިކެޓު ހޯދަން ޕްރައިމަރީގައި ވާދަކޮށް ބަލިވުމުން ނަބީލް ވަނީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ނިންމައިފަ އެވެ.
ތަފްސީލް - ނަމަވެސް އޭނާ ފޭސްބުކްގައި ބުނެފައިވަނީ އަމިއްލަ ގޮތުން ވާދަ ކުރުމުން ވޯޓުތައް ބެހި އިދިކޮޅު ޕާޓީ އަށް ގޮނޑި ލިބިދާނެތީ ޕީއެންސީގެ ކެންޑިޑޭޓު ހަސަން މުފީދަށް ތާއީދު ކުރަން ނިންމާފައިވާ ކަމަށެވެ.
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމުގެ ކުރިން ނަން އަނބުރާ ގެންދިޔުމުގެ ފުރުސަތު ދިނުމުން ނަބީލްގެ ނަން ނަގާފައެއް ނުވެ އެވެ. އިލެކްޝަންސް އިން އާންމުކޮށްފައިވާ ކެންޑިޑޭޓުންގެ ލިސްޓުގައި އޭނާގެ ނަން އެބައޮތެވެ.
އެނގުން މުހިއްމު - ނަބީލް އަށް ޑެޕިޔުޓީ މިނިސްޓަރު ކަން ދިން އިރު ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ހާއްސަ ހާލަތްތަކުގައި ނޫނީ ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ނުކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ރޭވުމަކީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓިނިވި މިންގަނޑަކަށް ދަރަނި އަދި ފިސްކަލް ހާލަތު ގެނައުމަށް ސިޔާސަތުތަކެއް އެކަށައެޅުން ކަމަށެވެ.
"ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އިސްތިސްނާ ހާލަތްތައް ފިޔަވާ ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން އަޅުގަނޑު ނިންމާފައިވާ ވާހަކަ ދަންނަވާލަން،" ރައީސް ވިދާޅުވި އެވެ.
ފާހަގަ ކުރެވޭ ކަމެއް - މި ސަރުކާރުގެ މިނިސްޓްރީތަކަށް ނައިބު މިނިސްޓަރުންނާއި ސްޓޭޓު މިނިސްޓަރުންގެ އިތުރުން ސިޔާސީ ކޯޑިނޭޓަރުން އައްޔަނު ކުރާ މިންވަރު ގިނަ އެވެ. އެކަމާ އާންމުންގެ ފާޑުކިޔުންތައް އަމާޒު ވެފައިވާއިރު، ސިޔާސީ މަގާމުތަކުގެ ސީދާ އަދަދެއް އަދި ކަށަވަރެއް ނުވެ އެވެ.
ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު700 އަށް ވުރެ ގިނަ ނުކުރައްވާނެ ކަމަށް ރައީސް ވަނީ ރިޔާސީ އިންތިހާބުގެ ތެރޭގައި ވައުދުވެ ވަޑައިގެންފަ އެވެ.