ރައީސް މުއިއްޒު ދިއްދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ދިއްދޫ ރައްޔިތުންނަށް ރައީސް ދެއްވީ އެއާޕޯޓްގެ ޔަގީންކަން

އެއާޕޯޓު މަޝްރޫއަކީ ދިއްދޫ އަށް މުހިއްމު ޕްރޮޖެކްޓެއް ކަމަށާއި މަޝްރޫއުތަކުގެ ވާހަކަ ދައްކަވަނީ ހަމައެކަނި ރައްޔިތުން ހިތްހަމަޖައްސައިދޭން ނޫން ކަމަށް ރައީސް ވިދާޅުވި

ހއ. ދިއްދޫ ގައި އެއާޕޯޓެއް އެޅުމަށް އެ ރަށު ރައްޔިތުން ދެކޭ ހުވަފެން ހަގީގަތަކަށް ހަދައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - އުތުރުގެ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގައި ދިއްދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެއާޕޯޓަކަށް ދިއްދޫ ރައްޔިތުން ކުރާ އުއްމީދު ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ތަފްސީލް - ކޮންމެ ދަތުރުފުޅެއްގައި ވެސް އެއާޕޯޓު އަޅާ ވާހަކަ ވިދާޅުވަނީ ރާއްޖެ އުފެދިފައިވާ ގޮތުން، ގައުމު ތަރައްގީކުރާއިރު ރައްޔިތުން ބޭނުންވާ ގޮތަށް އެ މަސައްކަތް ކުރައްވަން ކަމަށެވެ.

"ރައްޔިތުން ބޭނުންވާ ކަމެއް އެއާޕޯޓް އެޅުމަކީ. ބައެއް ތަންތަނުގައި އިންޓަނޭޝަނަލް އެއާޕޯޓް، ބައެއް ތަންތަނުގައި ޑޮމެސްޓިކް އެއާޕޯޓް. އެއާޕޯޓު އަޅަން ޖެހޭ. އަޅުގަނޑު ވައުދު މިވަނީ އެކަން ކުރަން ޖެހޭ ކަމަށް ގަބޫލު ކޮށްގެން،" ރައީސް ވިދާޅުވި އެވެ.

އެފަދަ ވާހަކަ ދައްކަވަނީ ރައްޔިތުން ހިތްހަމަ ޖައްސައިލުމަށް އެކަނި ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެއާޕޯޓް މަޝްރޫއަކީ މި ރަށުގައި ކުރިއަށް ގެންދަން ޖެހޭ މަޝްރޫއެއް ކަމަށް ގަބޫލު ކުރަނީ. އެއާ އެކީގައި އެކަން ކުރިއަށްދާއިރު ރަށަށް ބޭނުންވާ އިތުރު ބިން ވެސް ހިއްކަން ޖެހޭނެ،" އެއާޕޯޓުގެ މަޝްރޫއު ކުރިއަށް ގެންދަވާނީ ދިއްދޫ އިން ބިން ހިއްކައިގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ދިއްދޫ އަށް ކޮށްދެއްވާނެ ކަމަށް ރައީސް އިތުރަށް ވިދާޅުވި ކަންކަމަކީ: 

  • ގެދޮރުވެރިކަން ފޯރުކޮށްދިނުން

  • ރަށުގެ ރައްޔިތުން ބޭނުންވާ ފެންވަރުގައި އަތޮޅަށް ފައިދާވާނެ ފެންވަރު ރަނގަޅު ހޮސްޕިޓަލް އިމާރާތެއް އަޅައި ހިދުމަތްތައް ރަނގަޅުކޮށްދެއްވާނެ ކަމަށް

  • ފުޓްބޯޅަ ދަނޑު އަޅައިދެއްވާނެ ކަމަށް

ފާހަގަ ކުރެވޭ ކަމެއް - ދިއްދޫ އެއާޕޯޓަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރިޔާސީ އިންތިހާބުގެ ތެރޭ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ދިއްދޫ ގައި އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް 2022 ވަނަ އަހަރު ތެރޭ ދިއްދޫ އަށް ވަޑައިގެން އެ ރަށުގެ ފަޅު ހިއްކައިގެން އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް (1)

އިބްރާހީމް

25 ފެބްރުއަރީ 2024
މަ ހަމަ ކޮސްވެެއްޖެ. ތި އެއަރޕޯޓް އެޅިދާނޭ ރާއްޖޭގެ އިޤްތިޞާދު ހަމަޔަކަށް އަޅުވާފައި ވެސް. ވަރަށް ހިތާމަޔާއެކު ދަންނަވަން ޖެހޭނީ ރައީސް ޢިލްމީ ގޮތުން ކިތަންމެ މޮޅަސް، ހިންގުމުގެ ހުނަރު ނެތްކަން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް