ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު 'ދައުރު'އަށް އިންޓަވިއު ދެއްވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ގުޅީފަޅު ހިއްކުމުގެ އެއްބަސްވުން އެއީ ރާއްޖެއަށް ހެޔޮއެދޭ ބަޔަކު ކުރާނެ ކަހަލަ އެއްބަސްވުމެއް ނޫން: މުއްތަލިބު

ގުޅީފަޅު ހިއްކުމުގެ އެއްބަސްވުމަކީ ހެޔޮ އެދޭ ބަޔަކު އެއްބަސްވާނެ ގޮތަށް ވެފައި އޮތް އެއްބަސްވުމެއް ނޫންކަަމަށް ވިދާޅުވާ ސަަބަބެއް މުއްތިލު ވިދާޅެއްނުވޭ

ވިލިމާލޭގެ ހުޅަނގުން ޖެހިގެން ކަހަލަ ގޮތަކަށް އޮންނަ ގުޅީފަޅު ހިއްކުމަށް މިދިޔަ ސަރުކާރުގައި ހަދާފައިވާ އެެއްބަސްވުމަކީ، ރާއްޖެއަށް ހެޔޮ އެދޭ ބަޔަކު އެއްބަސްވުން ހަދާނެ ގޮތަކަށް ހަދާފައިވާ އެއްބަސްވުމެއް ނޫން ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ. 

ވީ ކިހިނެއް؟ - ޕޯޓް މަޝްރޫއުގެ ދަށުން ގުޅީފަޅު ހިއްކަން ފެށީ، 2020 ވަނަ އަަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. ރިޔާސީ އިންތިހާބާ ގާތްވެފައިވަނިކޮށް، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީ، މާލޭ މީހުންނަށް ގޯތި ދިނުމަށް ވެސް އެސަރަހައްދުން ބައެއް ހާއްސަކުރުމަށެވެ. މިހާރުގެ ސަރުކާރުން އެންމެ ފަހުން ބުނެފައިވާ ގޮތުގައި ގުޅީފަޅުން ހިއްކަން ހަމަޖެހިފައިވާ 150 ހެކްޓަރުގެ ތެރެއިން 100 ހެކްޓަރުގެ ބިން ހިއްކައި މިހާރު އޮތީ ނިމިފަ އެވެ. އެތަން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ބޮސްކާލިސްއާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

ގުޅީފަޅު ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް އިއާދަ ނުކުރެވޭ ގެއްލުންތަކެއް ލިބޭނެ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ވަކި ގޮތެއް ކަނޑައެޅެންދެން ގުޅީފަޅު ހިއްކުން މަޑުޖައްސާލަން ހައި ކޯޓުން އިއްޔެ ހުކުމް ކޮށްފައިވަނިކޮށް، ސުޕްރީމް ކޯޓުން މިއަދު ވަނީ ހައި ކޯޓުގެ އެ ހުކުމަށް އަމަލުކުރުން ހުއްޓުވައި، ގުޅީފަޅު ހިއްކުމުގެ ވަގުތީ އަމުރެއް ނެރެފަ އެވެ. 

ބުނީ ކީކޭ؟ - އެ އަމުރު ނެރެފައިވަނިކޮށް މިއަދު މުއްތަލިބު އޭނާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހައި ކޯޓުން މަސައްކަތް ހުއްޓާލަން އަމުރު ނެރުނީ ސަރުކާރުން ބޭނުން ވެގެން ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލަން މަސައްކުރި ފަރާތްތަކަކީ ދައުލަތަށް ގެއްލުންވާ ގޮތަށް އެގްރީމަންޓް ހެދި ފަރާތްތައް ކަމަށެވެ.

"ގުޅީފަޅު ހިއްކުމަށް ހެދި އެގްރީމަންޓަކީ ރާއްޖެއަށް ހެޔޮއެދޭ ބަޔަކު ކުރާނެ ކަހަލަ އެގްރިމަންޓެއް ނޫން." މުއްތަލިބުގެ ޕޯސްޓުގައިވެ އެވެ.

ނަމަވެސް އޭނާ އެހެން ވިދާޅުވާ ސަބަބެއްގެ ތަފްސީލެއް ނުދެއްވަ އެވެ. މިދިޔަ ސަރުކާރުން އެއްބަސްވުން ހަދާފައި އޮތީ، ދައުލަަތަށް ގެއްލުންވާ ގޮތަށް ކަމަށް ބުނާތީ، އެއީ ކޮން ގެއްލުމެއްތޯ ވިދާޅުވުމަށް ހައުސިން މިނިސްޓްރީގެ އޭރުގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ މުއްތަލިބާ ސުވާލު ވެސް ކުރައްވައިފަ އެވެ.

"ދައުލަތަށް ގެއްލުންވާ ގޮތަށް ހަދާފައިވާ އެގްރީމަންޓެއް ކަމަށް މަނިކުފާނު ވިދާޅުވާ އިރު އެއީ ކޮން ގެއްލުމެއްކަން ވިދާޅުނުވީ ރައްޔިތުންނަށް އޮޅުވާލެއްވުމަށް ގެއްލުންވާ ކަމެއް ނެތީމާ އެކަމެއް ފާހަގަނުކުރެއްވެވުނީ. ހާމަ ކޮށްދެއްވަންވީ ނޫންތޯ،" އަކްރަމް ކަމާލުއްދީންގެ އެ ޕޯސްޓަށް ކޮމެންޓުކޮށް ކުރެއްވި ސުވާލުގައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން މުއްތިލިބުގެ ބަހެއް ހޯދަން ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ގުޅީފަޅު ޕޯޓް މަޝްރޫއުގެ ޓައިމްލައިން:

  • 19 ސެޕްޓެމްބަރު 2019 - ބަނދަރުގެ މާސްޓާޕްލޭން ހަދަން ސިންގަޕޫރުގެ އެޗުކިޔު ކުންފުންޏަށް؛ 10 މިލިއަން ރުފިޔާ 

  • 30 ސެޕްޓެމްބަރު 2019 - ބަނދަރުގެ މަޝްރޫއުގެ ކޮންސަލްޓެންޓަކަށް ޑެންމާކްގެ ނީރާސް އާއި ހޮލެންޑުގެ މެރިޓައިމް އެންޑް ޓްރާންސްޕޯޓް ގުޅިގެން އުފައްދާފައިވާ ޖޭވީ ކުންފުންޏަކާ ހަވާލުކުރި؛ 15 މިލިއަން ރުފިޔާ

  • 22 އޮކްޓޯބަރު 2019 - ގުޅީފަޅުން 6 މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމަށް ބޮސްކާލިސްއާ ހަވާލުކުރި؛ 817.26 މިލިއަން ރުފިޔާ

  • 28 މޭ 2020 - ގުޅީފަޅުން ބިން ހިއްކަން ފެށި

  • އޭރުގެ ސަރުކާރުން ފަހުން ވަނީ ޕޯޓު މަޝްރޫއުއަށް ބަދަލުތަކެއް ގެނެސް، އެތަނުގައި މާލޭ މީހުންނަށް 2000 ގޯތި ހާއްސަކުރަން ނިންމާފައި

އެނގުން މުހިންމު - ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތަށް ފައިސާ ހޯދާފައި ވަނީ ނ. ދިގުފަރުފަޅާއި އެ ތަނާ ކައިރީގައި އޮންނަ ރަށެއް ކަމަށްވާ ދެކެނަންފަރު 27 މިލިއަން ޑޮލަރު (416 މިލިއަން ރުފިޔާ) އަށް ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ވިއްކާލައިގެންނެވެ.

ބިޑަކާ ނުލައި ބޮސްކާލިސްއާ ބިން ހިއްކަން ހަވާލުކުރި އިރު ގުޅީފަޅުގެ ބައެއް ހިސާބުތައް ފުންކަމުން ހަރަދު ބޮޑުވާނެ ކަމަށް، ދާއިރާގެ ބައެއް ތަޖުރިބާކާރުން ގެންދިޔައީ ބުނަމުންނެވެ.

މި ސަރުކާރުން ވެސް ވަނީ ގިރާވަރު ފަޅުން އިތުރު 50 ހެކްޓަރު އަދި ގުޅިފަޅުން އިތުރު 85 ހެކްޓަރު ހިއްކަން ނިންމައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް