ގުޅީފަޅުން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ. (ފޮޓޯ/ސޭވް މޯލްޑިވްސް)

ސުޕްރީމް ކޯޓު

ގުޅިފަޅު ހިއްކުން ކުރިއަށް ގެންދެވޭ ގޮތަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފި

ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޭން ނިންމައިގެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކ. ގުޅީފަޅު ހިއްކުން މަޑުޖައްސާލަން ހައިކޯޓުން އިއްޔެ ނެރުނު އަމުރު ހުއްޓުވައި، މަސައްކަތް ކުރިއަށް ގެންދަން ވަގުތީ އަމުރެއް ސްޕްރީމް ކޯޓުން މިއަދު ނެރެފި އެވެ. 

ސްޕްރީމް ކޯޓުން ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ، އެ މަސައްކަތް ހުއްޓުވައިފިނަމަ ދައުލަތަށް އިއާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ވުމުގެ ފުރުސަތު ބޮޑުކޮށް ފެންނަން އެބައޮތް ކަމަށެެވެ. އެހެންވެ، އެޓާނީ ޖެނެރަލްގެ އޮފީހުން އިސްތިއުނާފުކޮށްފައިވާ ހައިކޯޓުގެ އަމުރުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން މަސައްކަތް ހުއްޓާލަން ނެރުނު އަމުރަށް އަމަލުނުކުރުމަށް އަންގާ ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ. 

ވީ ކިހިނެއް؟ - ގުޅީފަޅު ހިއްކުން މަޑުޖައްސާލަން، ހައި ކޯޓުން އިއްޔެ އަމުރުކުރީ، އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ބުނެ، އެ މަޝްރޫއު ހުއްޓުވައި ދިނުމަށް އެދި ސިިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި، ނެރެދޭން އެދުނު ވަގުތީ އަމުރު އެ ކޯޓުން ނެރެ ނުދިނުމުން، އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ.

  • ހައުސިން މިނިސްޓްރީއާ ދެކޮޅަށް މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ ހުމައިދާ އަބްދުލްގަފޫރު 

ސިވިލް ކޯޓުގައި އޮތް މައުލޫއީ މައްސަލާގައި ގޮތެއް ކަނޑައެޅެންދެން ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހުއްޓާލަން އިއްޔެ ހައި ކޯޓުން އަަމުރުކުރި ސަބަބެއް ކަމަށް ބުނީ، އެ މަޝްރޫއަކީ، އީއައިއޭގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް ތިމާވެއްޓަށް އިންތިހާއަށް ގެންލުން ލިބޭގޮތަށް ހިނގަމުންދާ މަޝްރޫއުއެއް ކަމަށް ފެންނާތީ، އެ މަސައްކަތް މިވަގުތަށް ނުހުއްޓުވައިފި ނަމަ ތިމާވެއްޓަށް އިއާދަ ނުކުރެވޭ މިންވަރުގެ ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެންނާތީ ކަމަށެވެ. އަދި އެ ގެއްލުންތަކަކީ، އެ މަޝްރޫއު ނުހިނގާ އޮތުމުގެ ސަބަބުން ދައުލަތަށް ލިބޭނެ ގެއްލުމަށްވުރެ ބޮޑު ގެއްލުމެއް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުން މިއަދު މި މައްސަލާގައި ވަގުތީ އަމުރެއް ނެރެފައިވަނީ، ހައި ކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް އެދި، ބަންޑާރަ ނައިބު އަހްމަދު އުޝާމްގެ ފަރާތުން އެ ކޯޓަށް ހުށަހެޅުމުންނެވެ.

ސުޕްރީމް ކޯޓުގެ ބަސް - ހައި ކޯޓުގެ ހުކުމަށް އަމަލުކުރުން މަޑުޖައްސާލުމަށް އަންގައި މިއަދު ސުޕްރީމް ކޯޓުން އެ ވަގުތީ އަމުރު ނެރޭ ސަބަބެއް ކަމަށް ބުނެފައިވަނީ، ހައި ކޯޓުގެ ހުކުމަށް އަމަލުކުުރުން ފަސް ނުކޮށްފި ނަމަ، އޭގެ ސަބަބުން ދައުލަތަށް ލިބޭނެ ގެއްލުން އިންތިހާއަށް ބޮޑުވެގެން ދިއުމުގެ އިހުތިމާލު ފުޅާކަން ބޮޑުކޮށް ފެންނަން އޮތުމުން ކަމަށެވެ.

"ސުޕްރީމް ކޯޓުން ވަކި ގޮތަކަށް އަމަލުކުރުމަށް އަންގަންދެން ނުވަތަ މި މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން، ހައި ކޯޓުގެ ހުކުމް ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުގެ ގަވާއިދުގެ 21 ވަނަ މާއްދާގެ ދަށުން ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަންގައި އަމުރުކޮށްފީމެވެ." ސުޕްރީމް ކޯޓުގެ ވަގުތީ އަމުރުގައިވެ އެވެ.

މައްސަލައިގެ ހުލާސާ

ސިވިލް ކޯޓުގައި ހިނގަމުންދާ މި މައްސަލާގައި ހުމައިދާގެ ފަރާތުން ބުނެފައި ވަނީ އެ މަޝްރޫއުގެ ސަަބަބުން ވިލިމާލެ ހުޅަނގު ދެކުނު ފަރާތުގެ ފަޅަށާއި، ވަށައިގެންވާ ސަރަހައްދާއި ހިމާޔަތްކޮށްފައިވާ ކަނޑުއަޑީގެ ބައެއް ތަންތަނަށް އިއާދަ ނުކުރެވޭވަރުގެ ގެއްލުންތަކެއް ލިބޭނެ ކަމަށެވެ. 

އެ މަސައްކަތް ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ހުމައިދާގެ ފަރާތުން ހައިކޯޓުގައި އެދުނު ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ:

  • ފަޅުކޮނުމުގެ ސަބަބުން އުފެދޭ ސެޑިމެންޓޭޝަން (ކިސަޑު، ކިލަނބު އަދި ދެފެން ދޭތެރޭގައި ހިފެހެއްޓިފައި ހުންނަ ކުނޑި ބުނޑި)ގެ މިންގަނޑު އީއައިއޭ ޑޭޓާ ކަލެކްޝަން ގައިޑްލައިންގައި ކަނޑައަޅާފައިވާ މިންގަނޑުގައި ހިފަހައްޓާފައި ނުވާތީ

  • ސެޑިމެންޓޭޝަން ރޭޓު ހުންނަންޖެހޭ އެންމެ މަތީ މިންގަނޑަކީ ދުވާލަކަށް 15 އަކަމިލިގްރާމަށް އަދި، ސެޑިމެންޓޭޝަން ރޭޓުގެ ތްރެޝްހޯލްޑް ހިފެހެއްޓިފައި ހުންނަންޖެހޭނީ، މޮނިޓަރިން ހަރަކާތްތަކުގެ ޖުމްލަ %20 އަށްވުރެ މަތިނުވާ އަދަދަކަށް 

  • ނަމަވެސް، 20 މާޗު 2021 އިން 4 އެޕްރީލް 2021 އަށް މޮނީޓަކޮށް ތައްޔާރުކޮށްފައިވާ "ސެޑިމެންޓޭޝަން ރޭޓް މޮނިޓަރިން ރިޕޯޓް" އަށް ބަލާ އިރު ސެޑިމެންޓޭޝަން ރޭޓު ހުންނަން ޖެހޭ މިންގަނޑަށް ވުރެ މާބޮޑު އަދަދަކަށް އުފުލިފައިވާކަން އެނގެން އޮންނާތީ

  •  އެގޮތުން %50 އާއި %100 އަށް އަރާފައިވާކަން އެނގެން އޮންނާތީ

  •  މި މަޝްރޫއުގެ ކުރިއަށްއޮތް މަރުހަލާއަކީ، އިހުނަށް ވުރެ ތިން ގުނައަށް ވެލި ހޭދަކުރާނެ މަރުހަލާތަކެއްކަމުން، ސެޑިމެންޓޭޝަންގެ ނުރައްކާ އިންތިހާއަށް ބޮޑުވާނެ، އަދި އެ ސަރަހައްދުގެ ފަރުތަކަށް އިޔާދަނުކުރެވޭނެ ގެއްލުން ލިބޭނެ މަރުހަލާއެއް ނަމަވެސް، ތިމާވެއްޓަށް ކުރާނެ އަސާރާއި ގެއްލިދާނެ ގުދުރަތީ ވަސީލަތްތައް އަގުކޮށްފައިނެތުމުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް