ގުޅިފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ (ފޮޓޯ/އޯޝަނޮހޯލިކްމޯލްޑިވްސް)

ހައި ކޯޓު

ގުޅީފަޅު ހިއްކުން މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފި

އެ މަޝްރޫއު ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެފައި މި ވަނީ ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ ހުމައިދާ އަބްދުލްގަފޫރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަގުތީ އަމުރު ނެރެ ނުދިނުމުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ކުރި ހުކުމުގައި

ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޭން ނިންމައިގެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކ. ގުޅީފަޅު ހިއްކުން މަޑުޖައްސާލަން އަންގާ ހައި ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.

ވީ ކިހިނެއް؟ - މި ވަގުތީ އަމުރު ނެރެފައި ވަނީ ގުޅީފަޅު ޕޯޓު މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ގުޅީފަޅު ހިއްކުމުގެ މަސައްކަތް މިދިޔަ ސަރުކާރުން 2020ގެ ޖޫންގައި ފެށުމުން، އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ބުނެ، އެ މަޝްރޫއު ހުއްޓުވައިދިނުމަށް އެދި ސިިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި، ނެރެދޭން އެދުނު ވަގުތީ އަމުރު އެ ކޯޓުން ނެރެ ނުދިނުމުން، އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ.

  • ހައުސިން މިނިސްޓްރީއާ ދެކޮޅަށް މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ ހުމައިދާ އަބްދުލްގަފޫރު 

ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން މިއަދު ކުރި ހުކުމުގައި ވަނީ ސިވިލް ކޯޓުގައި އެދުނު ވަގުތީ އަމުރާ މެދު ނިންމި ނިންމުން ބާތިލުކޮށް ސިވިލް ކޯޓުގައި އޮތް މައްސަލައިގައި ގޮތެއް ކަނޑައަޅަންދެން ގުޅީފަޅު ބިން ހިއްކުމާ ގުޅޭ އެންމެހާ މަސައްކަތް ހުއްޓާލަން އަމުރުކޮށްފަ އެވެ.

ބުނީ ކީކޭ؟ - ހައި ކޯޓުން ބުނީ:

  • ވަގުތީ އަމުރު ނެރުމަކާނުލައި ސިވިލް ކޯޓުގެ ދައުވާ ލަސްވެގެން ހިނގައްޖެ ނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތްކަމުގައި ބުރަވެވޭ؛ އެއީ ސެޑިމެންޓޭޝަން ނުވަތަ ހިއްކުމަށް ބޭނުންކުރާ ވެލިން ފަރުތަކުގެ ދިރުންތަކަށް އިންތިހާއަށް ގެއްލުން ލިބޭނެތީ

  • ވަގުތީ އަމުރަށް އެދި ހުށަހަޅާފައިވާ ހެކިތަކުން ސެޑިމެންޓޭޝަންގެ ސަބަބުން ފަރުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް އީއައިއޭގައި ފާހަގަކޮށްފައިވާ ފިޔަވަޅުތައް އަޅަމުން ނުދާކަން އެނގޭ

  •  އެ ކަންކަން އެގޮތަށް ހިނގުމަށް ދޫކޮށްލައިފި ނަމަ ޕްރޮޖެކްޓް ހިނގާ ސަރަހައްދުގެ ވަށައިގެންވާ ފަރުތަކަށް އެކަމުން ގެއްލުން ލިބި، ފަރުތަކުގެ ދިރުންތައް ނެތި ފަނާވެ ގޮސްދާނެކަމުގެ ބިރު އޮތުމުގެ މައްޗަށް ބަލައި، ލިބިދާނެ ގެއްލުމުގެ މިންވަރަކީ ކޮބައިކަން މި މަރުހާލާގައި ދެނެގަނެވެން ނެތް 

  • ނަމަވެސް އެފަދަ ކަންކަމުން ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން ދުރާލާ ފިޔަވަޅު އެޅުމުގެ އުސޫލަށް ރިއާޔަތްކޮށް މިހާލަތުގައި ވަގުތީ އަމުރެއް ނެރެންޖެހޭ

  • އެފަދަ އަމުރެއް ނުނެރޭ ނަމަ އެކަމުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން އިޔާދަނުކުރެވޭ ގެއްލުމެއް ލިބިދާނެކަމުގެ ބިރު އެކަމުގައި އޮތްކަމުގައި ބުރަ ވެވޭ 

  • ޕްރޮޖެކްޓް ހިނގާ ސަރަހައްދުގެ ވަށައިގެންވާ ފަރުތަކުގެ ދިރުންތައް ނެތިގެން ދިއުމަކީ އާންމު ރައްޔިތުންނަށާއި އަންނަން އޮތް ޖީލުތަކަށް އިގްތިސާދީގޮތުން، އެފަދަ ފަރުތަކުން ލިބެމުން އަންނަ އަދި ލިބިދާނެ މަންފާ އާއި އިޖުތިމާއީ ގޮތުން ރަނގަޅު ހެޔޮ ރައްކާތެރި ވެއްޓެއްގައި އުޅުމުގެ ފުރުސަތު ގެއްލިގެންދާނެ ކަމެއް

މައްސަލައިގެ ހުލާސާ

މި މައްސަލައަކީ، ބޮސްކާލިސްއާ ހަވާލުކޮށް ބިން ހިއްކުމުގެ މަސައްކަތް ޖޫން 2020ގައި ފެށުމުން ހުށަހެޅި މައްސަލައެކެވެ. ސިވިލް ކޯޓުގައި ހިނގަމުންދާ މި މައްސަލާގައި ހުމައިދާގެ ފަރާތުން ބުނެފައި ވަނީ އެ މަޝްރޫއުގެ ސަަބަބުން ވިލިމާލެ ހުޅަނގު ދެކުނު ފަރާތުގެ ފަޅަށާއި، ވަށައިގެންވާ ސަރަހައްދާއި ހިމާޔަތްކޮށްފައިވާ ކަނޑުއަޑީގެ ބައެއް ތަންތަނަށް އިއާދަ ނުކުރެވޭވަރުގެ ގެއްލުންތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން: 

  • އެ މަޝްރޫއުއަކީ ތިމާވެށީގެ ގެއްލުން އިންތިހާއަށް ބޮޑު ރާއްޖޭގެ ގުދުރަތީ ވެއްޓާއި، ދިރުންތަކުގެ މުއްސަނދިކަމުން ހޯދާ އިގްތިސާދާއި އިޖްތިމާއީ ނަފާ ހީނަރުކޮށްލައި އިއާދަނުކުރެވޭ މިންވަރަށް ގެއްލުން ބޮޑު މަޝްރޫއެއް

  • ލާމަރުކަޒީ ނިޒާމާއި ދިމާ އިދިކޮޅު މަޝްރޫއެއް 

  • އެއީ މުޅި ދުނިޔެ އިގްތިސާދީ ހީނަރުކަމާއި ކުރިމަތިލާފައިވާ ވަގުތެއްގައި މާލީގޮތުން ދެކޮޅުނުޖެހޭ ދަރަނި ބޮޑު އަދި ގާނުއަސާސީއާ ހިލާފު މަޝްރޫއުއެއް 

އެ ސަބަބުތަކާ ހުރެ ހުމައިދާ އެދިފައި ވަނީ އެ މަޝްރޫއު ހުއްޓުވައި ދިނުމަށެވެ.

ކޮމެންޓް (1)

އީ.އައި

14 ފެބްރުއަރީ 2024
ކޮބާތަ ހިއްކަން ފެށުމުގެ ކުރިން ކުރި އީއައިއޭ ސާވޭ ރިޕޯޓު. ސާވޭ ނުހަދާތަ ހިއްކަންފެށީ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް