ގުޅީފަޅުން ބިން ހިއްކުމުގެ މަސައްކަތް ބޮސްކާލިސްއިން މީގެ ކުރިން ކުރިއަށްގެންދަނީ: އެ މަޝްރޫއު ވަނީ މަޑުޖެހިފައި (ފޮޓޯ/އޯޝަނޮހޯލިކްމޯލްޑިވްސް)

ގުޅިފަޅު ބަނދަރު

ޕޯޓްގެ ބޮޑު މަޝްރޫއުގައި ބުރަކި ޖެހިފައި؛ އަނެއްކާ ވެސް ހިއްކަނީ

ގުޅީފަޅު ޕޯޓްގެ މަޝްރޫއަކީ މިވަގުތަށް އިގްތިސާދަށް އެންމެ މުހިންމު މަޝްރޫއު ކަމަށް އެމްޕީއެލް އިން ބުނޭ

މުހިންމު ނުކުތާތައް

ލޯނު ދޭ އިންޑިއާގެ އެގްޒިމް ބޭންކުން ވެސް ބުނަނީ މަޝްރޫއު ލަސްވެއްޖެ ކަމަށް

ބޮސްކާލިސްއާ ހިއްކަން ހަވާލުކުރި ބައި ނުނިމޭ

ބިން ހިއްކަން މި މަހުގެ ތެރޭގައި އަނެއްކާ ވެސް ބަޔަކާ ހަވާލުކުރަނީ

ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު މާލެއާ ގުޅާލަން އަޅާ ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖާ އެކު އެކީ ކަހަލަ ގޮތަކަށް ހިންގަން ނިންމާފައިވާ މާލޭގެ މައި ވިޔަފާރި ބަނދަރު ގުޅީފަޅުގައި ގާއިމްކުރުމުގެ ބޮޑު މަޝްރޫއަކީ މުޅި މާލޭ ސަރަހައްދުގެ މޫނުމަތި ބަދަލުކޮށްލާނެ އެންމެ ބޮޑު މަޝްރޫއު އެވެ. އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ އިއްޔެ ވެސް ވިދާޅުވި ގޮތުގައި، މިއީ މި ވަގުތު އިގްތިސާދަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެންމެ މުހިންމު މަޝްރޫއު އެވެ.

އެކަމަކު މި ސަރުކާރުން ބޮޑު އުއްމީދަކާ އެކު ފެށި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް ދާ ތަނެއް މިހާރަކު ނުފެނެ އެވެ. ސަރުކާރުން އެ ވާހަކަ ނުވެސް ނުދައްކަ އެވެ.

މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަޝްރޫއަށް ބޭނުންވާ 300 މިލިއަން ޑޮލަރު (5 ބިލިއަން ރުފިޔާ)ގެ ލޯނު ދޭ އިންޑިއާގެ އެގްޒިމް ބޭންކުން ވެސް ބުނަނީ އެންމެ މަޑު ދުވެލީގައި ކުރިއަށްދަނީ ގުޅީފަޅު ޕޯޓްގެ މަޝްރޫއު ކަމަށެވެ. ކޮންމެވެސް ސަބަބުތަކަކާ ހުރެ އެ މަޝްރޫއަށް ސަރުކާރުގެ އަހަންމިއްޔަތެއް ނެތްކަން އެ ބޭންކުގެ އޮފިޝަލުންގެ ވާހަކަތަކުން ވެސް އެނގެ އެވެ. އެ މަޝްރޫއު އޮތީ ގާތްގަނޑަކަށް ހުއްޓިފަ އެވެ.

މި ސަރުކާރުގެ ވަރަށް ކުރީކޮޅު، 2019ގެ ތެރޭގައި ގުޅީފަޅު ޕޯޓްގެ މަޝްރޫއު ރޭވުމާއި މަޝްރޫއު ފަށަން ކުރަން ޖެހޭ މަސައްކަތްތަކަށް ގިނަ ހަރަދުތަކެއް ކުރި އެވެ. އާންމުކޮށްފައި ހުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، އެ މަސައްކަތްތަކަށް 842 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކޮށްފައިވެ އެވެ.

ގުޅީފަޅުން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ (ފޮޓޯ/އޯޝަނޮހޯލިކްމޯލްޑިވްސް)

ގުޅީފަޅު ޕޯޓް މަޝްރޫއުގެ ޓައިމްލައިން:

  • 19 ސެޕްޓެމްބަރު 2019 - ބަނދަރުގެ މާސްޓާޕްލޭން ހަދަން ސިންގަޕޫރުގެ އެޗްކިޔު ކުންފުންޏަށް؛ 10 މިލިއަން ރުފިޔާ 

  • 30 ސެޕްޓެމްބަރު 2019 - ބަނދަރުގެ މަޝްރޫއުގެ ކޮންސަލްޓެންޓަކަށް ޑެންމާކްގެ ނީރާސް އާއި ހޮލެންޑުގެ މެރިޓައިމް އެންޑް ޓްރާންސްޕޯޓް ގުޅިގެން އުފައްދާފައިވާ ޖޭވީ ކުންފުންޏަކާ ހަވާލުކުރި؛ 15 މިލިއަން ރުފިޔާ

  • 22 އޮކްޓޯބަރު 2019 - ގުޅީފަޅުން 6 މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމަށް ބޮސްކާލިސްއާ ހަވާލުކުރި؛ 817.26 މިލިއަން ރުފިޔާ

  • 28 މޭ 2020 - ގުޅީފަޅުން ބިން ހިއްކަން ފެށި

ބޮޑެތި ގިނަ ހަރަދުތަކެއް ހިނގުމުގެ އިތުރުން މަސައްކަތްތަކެއް ވެސް ކޮށްފައިވާ އިރު އިގްތިސާދަށް އެހާ މުހިންމު ބިޔަ މަޝްރޫއަކަށް މިހާރު ވެގެން މި އުޅެނީ ކިހިނެއް ހެއްޔެވެ؟ 

ބިން ހިއްކުން ނުނިމޭ؛ އަނެއްކާވެސް ހިއްކަނީ

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އިއްޔެ 'ދައުރު'އަށް ވިދާޅުވީ ޕޯޓް މަޝްރޫއު ލަސްވެގެން އުޅެނީ ޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ލަސްވެގެން ކަމަށެވެ. ބޮސްކާލިސް އިން އެ މަސައްކަތް ފެށި ނަމަވެސް ނިންމާނުލެވުނީ ކޮވިޑާ ގުޅިގެން ކުރިމަތިވި ކަންތައްތަކާ ހެދި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިއީ ހައުސިން މިނިސްޓްރީގެ ދަށުން ހިންގާ މަޝްރޫއަކަށް ވާތީ އެމްޕީއެލްއަކަށް ވެސް މުޅި މަޝްރޫއުގެ އެންމެ ފަހުގެ ތަފްސީލްތަކެއް ނޭނގެ އެވެ. 

ބޮސްކާލިސް އިން ހިއްކީ ކިހާ ވަރެއްގެ ސަރަހައްދެއް ކަމެއް ވެސް ސާފުވާ ގޮތެއް ނުވި އެވެ. ނަމަވެސް ސަރުކާރުން ބޮސްކާލިސްއާ އެކު އެއްބަސްވުން ހަދާފައި އޮތީ ހަ މަސްދުވަހުގެ ތެރޭގައި 6 މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމަށެވެ.

ޝާހިދު ވިދާޅުވީ ޕޯޓްގެ މާސްޓާ ޕްލޭންގައިވާ ގޮތުން ޕޯޓް ހެދުމަށް 80 ހެކްޓަރުގެ ބިން ބޭނުންވާ ކަމަށެވެ.

ބޯޓެއް އެމްޕީއެލް ބަނދަރާ ކައިރިކޮށްފައި (ފޮޓޯ/އެމްޕީއެލް)

އިތުބާރުހުރި ބައެއް މަސްދަރުތަކުން އެނގިފައިވާ ގޮތުގައި، ބޮސްކާލިސް އިން ބިން ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލީ ގުޅީފަޅުން ހިއްކަން ކަނޑައެޅި ސަރަހައްދު ފުންކަމުން އެގްރިމަންޓްކުރި އަދަދަށް ވުރެ އެކަމަށް ހިނގާ ހަރަދު ބޮޑުވާތީ އެކަމާ މެދު ހިޔާލު ތަފާތު ވެގެންނެވެ. ނަމަވެސް ސަރުކާރުން އެކަން ރަސްމީކޮށް ޔަގީންކޮށެއް ނުދިނެވެ.

ބިޑަކާ ނުލައި ބޮސްކާލިސްއާ ބިން ހިއްކަން ހަވާލުކުރި އިރު ގުޅީފަޅުގެ ބައެއް ހިސާބުތައް ފުންކަމުން ހަރަދު ބޮޑުވާނެކަމަށް، ދާއިރާގެ ބައެއް ތަޖުރިބާކާރުން ގެންދިޔައީ ބުނަމުންނެވެ.

ސަރުކާރުގެ ބައެއް އިސް އޮފިޝަލުން ޔަގީންކަން ދެއްވި ގޮތުގައި، އެ މަޝްރޫއު އަނެއްކާވެސް ވަރަށް އަވަހަށް، ބާރު ދުވެލީގައި ފެށޭނެ އެވެ. އެގޮތުން ބަނދަރު ހަދަން ބޭނުންވާ ބިން ހިއްކަން މި މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުގެ އޮފިޝަލަކު ދެއްވި އެވެ.

މަޝްރޫއަށް ބައެއް ބަދަލުތައް

ސަރުކާރުން މިހާރު ނިންމާފައި ވަނީ ގުޅީފަޅުން މާލޭގެ ރައްޔިތުންނަށް 1،200 ގޯތި ދިނުމަށެވެ. ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ސަރުކާރުގެ ބައެއް އޮފިޝަލުން ވިދާޅުވި ގޮތުގައި އެކަމާ ގުޅިގެން ގުޅީފަޅު ޕޯޓްގެ މަޝްރޫއަށް ބައެއް ބަދަލުތައް ގެންނަން މިހާރު ވަނީ ނިންމައިފަ އެވެ. އެގޮތުން:

  • ބަނދަރަށް ބޭނުންވާ ބައެއް ތަންތަން ތިލަފުށީގައި ހެދުން

  • ހާއްސަ ގޮތެއްގައި މުދާ ކުލިއާ ކުރުމަށް ފަހު ބަހައްޓާ ގުދަން ފަދަ ތަންތަން ތިލަފުއްޓަށް

  • އެގޮތަށް ނިންމި ސަބަބަކީ ބަނދަރަށް ހިއްކަން ޖެހޭ ބިމުގެ ސައިޒު ކުޑަކޮށް، ރަނގަޅު ފެންވަރުގެ ބަނދަރެއް ހެދުމަށް މަގުފަހި ކުރުން ކަމަށް އޮފިޝަލް ވިދާޅުވި

ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ދަނީ: އެ މަޝްރޫއު ހުއްޓުވަން ސިވިލް ކޯޓަށް މައްސަލައެއް ވަނީ ހުށަހަޅައިފައި (ފޮޓޯ/ މިވެށި)

ބަނދަރު މަޝްރޫއު މިހާރުވެސް ލަސްވެއްޖެ

ގުޅީފަޅަށް ބަނދަރު ބަދަލުކުުރުމުގެ މަޝްރޫއު ނުނިމި ލަސްވުމަކީ އެމްޕީއެލްގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމެވެ. އެތައް އަހަރުތަކެއް ކުރިން ހަދާފައިވާ ބަނދަރެއް އަދިވެސް ބޭނުން ކުރަން ޖެހުމުގެ ނަތީޖާއަކީ މުދާ ކްލިއާ ކުރުން ލަސްވުމާއި މުދަލުގެ އަގު ބޮޑުވުމުގެ ސަބަބަކަށް އެކަން މެދުވެރިވުމެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ރާއްޖެ ތަރައްގީވި މިންވަރާއި ތަކެތި އެތެރެ ކުރުން އިތުރުވި އަދަދާ އަޅާބަލާއިރު އެއްވެސް ވަރަކަށް ބަނދަރު ތަރައްގީކޮށްފައެއް ނުވެ އެވެ. އެހެންވެ މިހާރު ބަނދަރުގެ އޮޕަރޭޝަންތައް ހިންގަން ޖެހެނީ ވަރަށް ދަތީގައި ކަމަށް އޭނާ ވިދާޅުވި އެވެ. 

އޭގެ ތަފްސީލްތައް ދެއްވަމުން ޝާހިދު ވިދާޅުވީ:

  • 1-

    މިހާރު އޮތް ބަނދަރުގެ ފާލަމާ ގާތް ކުރެވެނީ ފަހަރަކު ބޯޓެއް

  • 2-

    އެހެންވުމުގެ ސަބަބުން މުދާ ކުލިއާކުރުން އެތައް ދުވަހަކަށް ލަސްވެގެންދޭ

  • 3-

    ބާކީ ހުންނަ ބޯޓްތަކުގެ މުދާ ބާލަން ޖެހެނީ ފަޅުތެރޭގައި ބާއްވައިގެން ބާޖްތައް ބޭނުންކޮށްގެން ކަމަށް ވާތީ މުދާ ކުލިއާ ކުރުމުގެ އަގު ބޮޑުވޭ

  • 4-

    ކޮންޓެނިއަރު ބަހައްޓާނެ ސަރަހައްދު ކުޑަވެ، ބޯޓްތަކުން މުދާ ކުލިއާ ކުރުން ވަނީ އުނދަގޫ މަސައްކަތަކަށް ވެފައި

"މިހާރު އަޅުގަނޑުމެންނަށް އެއް ފަހަރާ 250 ކޮންޓެއިނަރަށް ވުރެ ގިނައިން ކޭޓާ އެއްވެސް ނުކުރެވޭ. ބޮޑު ޕޯޓެއް އެބަ ބޭނުންވޭ މިހިރަ ލޯޑަށް ކޭޓާ ކުރަން. [އެހެންވެ] މިވަގުތަށް އެންމެ މުހިންމު އެއް މަޝްރޫއު އެއީ،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އާ ބަނދަރާ އެކު އެންމެ ލަސްވެގެން 24 ގަޑިއިރު ތެރޭގައި ބޯޓަކުން މުދާ ކުލިއާ ކުރެވޭނެ އެވެ. އަދި ކުލިއާ ކޮށްފައި ހުންނަ ކޮންޓެއިނަރު ބެހެއްޓުމާއި މުދާ ކުލިއާކުރަން ވަކި ހާއްސަ ސަރަހައްދުތައް އާ ބަނދަރުގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެންމެ ބޮޑު ފަސޭހައަކަށް ވާނީ، އޭނާ ފާހަގަކުރެއްވި ގޮތުގައި، އާ ބަނދަރުގެ ފާލަމާ އެއް ފަހަރާ ތިން ބޯޓް ކައިރިކޮށް މުދާ ކްލިއާ ކުރެވޭ ގޮތަށް އެ ބަނދަރު ފަރުމާކޮށްފައިވުމެވެ.

"އޭރުން ޕޯޓްގެ އޮޕަރޭޝަންތައް އެތައް ގުނައެއް އަވަސް ވެގެންދާނެ. އެހެންވެ ޕޯޓްގެ މަޝްރޫއު އެހާ މުހިންމު ވަނީ ވެސް. މި އޮޕަރޭޝަންތައް ކިރިޔަކިރިޔާ މި ގެންދެވެނީ މިހާރު،" ޝާހިދު ވިދާޅުވި އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި، ގުޅީފަޅުގައި ހަދާ ޕޯޓާ އެކު އަހަރަކު 400،000 ކޮންޓެއިނަރު ބަނދަރަށް ބޭލޭނެ އެވެ.

އެކަމަކު ސަރުކާރުގެ މި މުހިންމު މަޝްރޫއު މި އޮތީ ހުއްޓިފަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ދައުރު ނިމޭއިރު ވެސް އެ ބަނދަރު ހުޅުވޭނެ ކަމަކަށް، މިހާރު އޮތް ހިސާބަށް ބަލާ ނަމަ، ލަފައެއް ނުކުރެވެ އެވެ.

ކޮމެންޓް (5)

ފަޅުކުނިތިލަ

10 ޖޫން 2022
ތިޔަފަޅުގައި ބަޔަކު ބިންހިއްކިޔަސް ތިލަފުށިން އަރުވާ ދުމުގެ ސަބަބުން ބަޔަކަށް ތިޔަބިމުގައި ނޭވާލައިގެން އުޅެވޭނެބާ؟
1 0

ޝައުނާ

12 ޖޫން 2022
@ފަޅުކުނިތިލަ މިހާރު ދުމެއް ނާރާނެ ތިލަފުއްޓަކުން
0 0

ޔާމޯން

10 ޖޫން 2022
މީ ބުރެކި ސަރުކާރެއް މި ސަރުކާރުގަ ހުރިހާ ކަމެއް ވެސް ބުރެކި ޖެހިފަ
7 1

ރަންނަ

10 ޖޫން 2022
@ޔާމޯން ނަސީބެއްތާ އެވަރުވެސް ވާކަން. ކޮވިޑް ލައްވާލިއިރު ޕޕ ކުދިން ތޮބިނަމަ އެކްސިޑެންޓްވެ ބޮޑު ކާރިސާއަކަށް ވާނެ. މިހާރު ނަމަ ބުރެކި ޖެހި ކޮންޓްރޯލްވޭތާ
1 4

ޙާޙާޙާ

11 ޖޫން 2022
@ރަންނަ ޜުހުމުގެ ލޮލަކަަށް !!!!!!!!!!!!!!!!!!!!!!!!
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް