އިސްމާލް އަދި ދިވެހި މާއްދާ، ބޭރުގައި ތިބޭ ދިވެހި ދަރިވަރުންނަށް ކިޔަވައިދިނުމަށް ފެށި 'ރިވެލި' ޕްރޮގްރާމް އިފްތިތާހު ކުރުމަށް ޔޫއޭއީގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު އަދި އެޑިއުކޭޝަން މިނިސްޓަރު ޝަފީއު

މިނިސްޓަރުގެ ގޮވާލުން: ބޭރުން ކިޔަވައިގެން ރާއްޖެ އައިސް ހިދުމަތް ކޮށްދީ

އެކި ސްކޯލާޝިޕްތަކުގައި ބޭރުން ކިޔަވައިގެން ދިވެހި ދަރިވަރުން އެނބުރި ގައުމަށް ހިދުމަތް ކުރުމަށް ނާންނާތީ އެކަމާ މިނިސްޓަރު ކަންބޮޑުވުން ފާޅު ކުރެއްވި

ރާއްޖެއިން ބޭރުން ތައުލީމް ހާސިލް ކުރަމުންދާ ދިވެހި ދަރިވަރުން ވެސް، ކިޔަވައި ނިމިގެން ރާއްޖެ  އައިސް ގައުމަށް ހިދުމަތް ކުރުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރޭ އިލްތިމާސް ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - މިނިސްޓަރު ޝަފީއު މިގޮތަށް އިލްތިމާސް ކުރެއްވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ދިރިއުޅޭ ދިވެހި ދަރިންވަރުންނަށް އަމާޒުކޮށް އިސްލާމް އަދި ދިވެހި މާއްދާ އޮންލައިންކޮށް ކިޔަވައިދިނުމަށް ސަރުކާރުން ފެށި ޕައިލެޓް ޕްރޮގްރާމް، 'ރިވެލި' އިފްތިތާހު ކުރުމަށް ދުބާއީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.

ތަފްސީލު - ތާޖް ދުބާއީ ހޮޓެލްގައި ބޭއްވި މި ރަސްމިއްޔާތުގައި އެ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވުމުގެ ކުރިން ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ މި ޕްރޮގްރާމަކީ ޔޫއޭއީގައި ދިރިއުޅޭ ބެލެނިވެރިންގެ އެދުމުގެ މަތިން ފެށި ކަމަކަށްވާއިރު، އޭގެން ދައްކުވައި ދެނީ އެ ބެލެނިވެރިން ވެސް ދަރިވަރުން ތަރުބިއްޔަތު ކުރަން ބޭނުން ވަނީ  "ދިވެއްސެއްގެ ގޮތުގައި" ކަމަށެވެ. އިސްލާމީ ރިވެތި އުސޫލުން ގައުމަށް ލޯބި ޖެހިފައިވާ ދަރިންތަކެއް ތަރުބިއްޔަތު ކުރަން ބޭނުންވާކަން ބެލެނިވެރިންގެ އެ އެދުމުން އެނގޭ ކަމަށް ޝަފީއު ވިދާޅުވި އެވެ.

"ކޮންމެ ކުއްޖަކަށް ވެސް ރާއްޖޭގެ ތާރީހު، ދިވެހި އަބްތޯލުންގެ އަގުހުރިމއަގުބޮޑު ޒިކުރާ އަދި ދިވެހި ދިދައިގެ ފުން މާނަތައް ކޮންމެ ދަރިވަރަކަށް ވެސް އެނގުމަކީ މުހިންމުކަމެއް،" އެއީ، ކޮންމެ ގައުމެއްގައި ދިވެހިން ވަޒަންވެރިވެގެން ތިބި ނަމަވެސް އުގެނެން ޖެހޭ ކަންކަންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވި އެވެ.

ޔޫއޭއީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝަފީއު ވާހަކަ ދައްކަވަނީ (ފޮޓޯ/ ދައުރު)

އެއާއެކު ޝަފީއުގެ އޮތް ކަންބޮޑުވުން އޭނާ ހިއްސާ ކުރެއްވި އެވެ. އެއީ އެކި އެކި ސްކޮލާޝީޕްތަކުގައި ރާއްޖެއިން ބޭރުން ކިޔެވުމަށް ފަހު ދިވެހި ދަރިވަރުން ދިވެހި ގައުމަށް ހިދުމަތް ނުކުރާ މައްސަލަ އެވެ.

"ވަރަށް ގިނަ ދަރިވަރުން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕްގައި، ހައި އެޗީވާޒް ސްކޮލަޝިޕްގައި އަދި އެހެނިހެން ދައުލަތުގެ ސްކޮލިޝަޕްތަކުގައި ވެސް މަތީ ތައުލީމް ހާސިލްކޮށްގެން ރާއްޖެއަށް އަނބުރާ ނާދޭ. މިއީ، ވަރަށް ބޮޑު ދެރައެއް. ވަރަށް ބޮޑު ގެއްލުމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

"ބޭރު ދުނިޔެއިން ވެސް ތަޖުރިބާ އާއި ތައުލީމް ހާސިލުކުރުމަށް ފަހު ރާއްޖެއަށް އެނބުރި އައިސް، ރާއްޖެއަށް ހިދުމަތް ކުރުމަކީ ކޮންމެ ކުއްޖެއްގެ އަޒުމެއް ކަމުގައި، ފަހުރެއް ކަމުގައި ކަނޑައަޅަން ޖެހޭ."

ޔޫއޭއީގައި ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: 300އެއްހާ ދިވެހި ވަޒަންވެރިން އެތަނުގައި ދިރިއުޅެމުންދޭ

މިނިސްޓަރުގެ ވާހަކައަށް ފަހު، 'ރިވެލި' ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ. މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު މުސާ ޒަމީރާއި ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާފައި ހުންނެވި ސަފީރު، އެމްބަސަޑާ އެެޓް ލާޖް އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް ވެސް ވަހަކަ ދެއްކެވި އެވެ.

މިނިސްޓަރު ޒަމީރުގެ ވާހަކައިގައި، މި ހިދުމަތް އެހެން ގައުމުތަކުގައި ބޭއްވުމަށް ޕްރޮގްރާމް ފުޅާ ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް އޭނާ ރޭ އިއުލާން ކުރެއްވި އެވެ.

ކޮމެންޓް (4)

1407

18 ފެބްރުއަރީ 2024
ޑިގްރީ އާއި މާސްޓާސް ވެސް މި ހެދުނީ ސަރުކާރުގެ ލޯނުގައި. އުމުރުން 40 ވަނީ. ބަލަހައްޓަންޖެހޭ އާއިލާއެއް އެބަ އޮތް. ސަރުކާރަށް 16 ވަރަކަށް އަހަރާއި ގާތަށް ޚިދުމަތް ކުރެއްވިއްޖެ. ގެޔަށް ގެންދަން ކިރިޔާ 20،000 ރ މިި ލިބެނީ. އެކަމަކު ކިޔަވައި ނިމުނު އިރު މިހުރީ ބައި މިލިޔަން ރުފިޔާ އިން ސަރުކާރަށް ދަރައިފައި. މި ދަރަނިތައް އަދާކޮށް ނިމޭ އިރު މަހުންނާއި 50 އަހަރުވާން ކުޑަތަންވެފައި. ދެން ބޮޑު ލާރީގައި ހުނިޖަހައިގެން ކިޔަވައިފައި ގައުމަށް ޚިދުމަތް ކުރީމާ ލިބޭ އުފަލެއް ކޮބާ؟ ބަޔެއް މީހުން 5 އަހަރުގެ ދައުރެއް ނިމޭ އިރު ވިހިތިރީސް ބުރިޔަށް ގެ ހިއްލައި، ހަޔެއްކަހަތެއްކަ އެޕާންޓުމަންޓު ބަނޑުއަޅައި، ތިބެނީ މިލިޔަނަރުންނަށް ވެފައި.
1 0

ނާނު

15 ފެބްރުއަރީ 2024
މިހާ ޑޮލަރު ތާށިއިރު ހިތްވަރުދޭންވީ ބޭރުން ވަޒީފާތައް ހޯދައިގެން ރާއްޖެއަށް ޑޮލަރު ރެމިޓަންސް ފޮނުވާކަަށް ނޫންތަ؟
3 0

މޭން

15 ފެބްރުއަރީ 2024
ރާއްޖެއަށް ހިދުމަތްކޮށްދޭށޭ ބުނާއިރު، ބޭރަށް މަތީ ތައުލީމް ހާސިލް ކުރަން ދާން ޖެހެނީ ސަލާން ޖަހައިގެން ސަރުކާރުގެ އެއްވެސް އެހީ އެއް ނެތި. ރާއްޖޭގެ ވަޒީފާގެ މާހައުލު ސަރުކާރުން ރަނގަޅު ކުރުން މާ ކުރިން ކުރަން ޖެހޭ ކަމެއްކަން ހަމަ ނޭނގެނީތޯ؟ ކޮރަޕްޝަން ހުރި ލެވެލް ހަމަ ނޭނގެނީތޯ؟ ފުރަތަމަ ރާއްޖެ ރަނގަޅު ކުރުން މާ މޮޅު.
3 0

ޢަލީ

15 ފެބްރުއަރީ 2024
@މޭން ވަރަށް ރަނގަޅު ވާހަކައެއް. ކިޔެވި ލެވެލް އާ އެކަށީގެންވާ މަގާމު ލިބޭނެބާ؟ ކޮމްޕެޓިބަލް މުސާރަ ލިބޭނެބާ. ބޭރުން އަންނަ މީހާޔަށް ލިބޭ ބެނެފިޓްސް ދިވެހި ދަރިޔަށް ލިބޭނެބާ. އިންޓަރނޭޝަނަލް މާކެޓާ އެއްވަރަށް ޕެކޭޖް ދެވޭނެބާ. ފުރަތަމަ ރީޒަން އެއް ދައްކަބަލަ މިނިސްޓަރު ރާއްޖެއަށް ދާން. ކަމެއް ވެގެން ދޯ ބޭރުން ވަޒީފާ ލިބުމުން އެވީ މޮޅެއް ކަމަށް ދެކެވެނީ، ދެކެން ބޭނުން ވަނީ ރާއްޖެއިން ވަޒީފާ ލިބުމަކީ މޮޅެކޭ ބުނެވޭ ދުވަސް
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް