ކުރިއަށް އޮތް މަޖިލިސް އެމްޑީޕީގެ ޓިކެޓު ކަށަވަރުވެފައިވާ ކެންޑިޑޭޓުންނާއެކު އެމްޑީޕީގެ ލީޑާޝިޕުން ބޭއްވި ބައްދަލުވުމުގެ ތެރެއިން(ފޮޓޯ/އެމްޑީޕީ)

ކާމިޔާބު ނުވާނެ ކަމަށް ބެލެވޭ މަޖިލީހުގެ 4 ދާއިރާއަކަށް ވާދަ ނުކުރަން އެމްޑީޕީން ނިންމައިފި

އެމްޑީޕީން އެ ދާއިރާތަކަށް ވާދަނުކުރިނަމަވެސް، އެ ދާއިރާތަކަށް އެމްޑީޕީން ތާއީދުކުރާ އަމިއްލަ ކެންޑިޑޭޓުންތަކެއް ވާދަ ކުރާނެތީ ތާއީދު އެ މީހުންނަށް ދޭނެ ކަމަށް އެމްޑީޕީން ބުނޭ

ކުރިމަތި ލިޔަސް ކާމިޔާބު ނުވާނެ ކަމަށް ބެލެވޭ ހަަތަރު ދާއިރާއަކަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަނުކުރާން އެމްޑީޕީން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ 93 ދާއިރާއަށް ވެސް ވާދަކުރައްވާނެކަން މީގެ ކުރިން އެމްޑީޕީން އޮތީ ހާމަކޮށްފަ އެވެ. ނަމަވެސް، މިހާރު އެ ޕާޓީން ނިންމާފައިވަނީ ހަތަރު ދާއިރާއަކަށް ކުރިމަތިނުލާ، އެ ޕާޓީން ތާއީދުކުރާ އަމިއްލަ ކެންޑިޑޭޓަށް އެ ދާއިރާތައް ދޫކޮށްލާށެވެ.

އެމްޑީޕީން ކުރިމަތިނުލާން ނިންމާފައިވާ ދާއިރާތަކަކީ:

  • ވ. ފުލިދޫ ދާއިރާ

  • ފ. ނިލަންދޫ ދާއިރާ

  • ތ. ގުރައިދޫ ދާއިރާ

  • ފުވައްމުލަކު އުތުރު ދާއިރާ

ބުނީ ކީކޭ؟ - އެމްޑީޕީގެ ޑެޕިއުޓީ ޗެއަޕާސަން އިބްރާހިމް ވަހީދު (އިބްރޭ) މިއަދު "ދައުރު" އަށް ވިދާޅުވީ، އެ ދާއިރާތަކަށް ކުރިމަތި ނުލާން ނިންމީ، އެ ދާއިރާތަކަށް ޕާޓީގެ ފަރާތުން ކުރިމަތިލާން ހުށަހަޅާފައިވާ މީހުންނަށް އެ ދާއިރާތަކުން އެވަރުގެ ތާއީދެއް ނެތް ކަމަށް ފާހަގަކުރެވޭތީ ކަމަށެވެ.

"މި ޕާޓީގެ ޓިކެޓުގައި ކުރިމަތިލާން ހުށަހަޅާފައިވާ މީހުންނަށް ވުރެ ތާއީދު ބޮޑު އަމިއްލަ ކެންޑިޑޭޓުންތަކެއް އެބައުޅޭ އެ ދާއިރާތަކަށް ކުރިމަތިލާ. އެހެންވީމަ، އަޅުގަނޑުމެން ނިންމާފައި މިހާރު ވަނީ އެ ދާއިރާތަކުން ވާދަނުކުރަން،" އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

އެ ދާއިރާތަކަށް ވާދަކުރާ އަމިއްލަ ބައެއް ކެންޑިޑޭޓުންނަކީ، އެ ޕާޓީގެ ތާއީދު އޮތް މީހުން ކަމުން މަޖިލިސް އިންތިހާބުގައި އެ ދާއިރާތަކުން އެމްޑީޕީން، އެ ކެންޑިޑޭޓުންނަށް ތާއީދުކުރުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް ވެސް އިބްރާހިމް ވަހީދު ވިދާޅުވި އެވެ. ނަމަވެސް އެކަމާ މެދު ރަސްމީ ނިންމުމެއް ޕާޓީން އަދި ނުނިންމާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ނިންމުން ނިމުމުން ތާއީދުކުރާ ކެންޑިޑޭޓުންގެ ނަންތައް ރަސްމީކޮށް ހާމަކުރާނެ އެވެ.

އެނގުން މުހިންމު - އެމްޑީޕީން ހަތަރު ދާއިރާއަކަށް ވާދަނުކުރަން ނިންމުމުން މަޖިލިސް އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނީ 89 ދާއިރާއަކަށެވެ. އެއީީ:

  • ޕްރައިމަރީއަކާ ނުލާ ޓިކެޓު ކަށަވަރުވި 49 ދާއިރާގެ ކެންޑިޑޭޓުން

  • ޕްރައިމަރީން ޓިކެޓު ކަށަވަރުކުރި 40 ދާއިރާގެ ކެންޑިޑޭޓުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް