އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ނޫސްވެރިންނާ ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ މުހައްމަދު އަމާން)
2019ގައި ލިބުނު ވަރަށް، ނުވަތަ އެއަށް ވުރެ އިތުރަށް ގޮނޑި ލިބޭނެ: ފައްޔާޒް
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް 2019ގެ މަޖިލިސް އިންތިހާބުގައި ގޮނޑި ލިބުނު އަދަދަށް ނުވަތަ އެއަށް ވުރެ ވެސް ގިނައިން ގޮނޑި ނެގޭނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ ޓިކެޓުގައި މަޖިލިސް އިންތިހާބަށް ކުރިމަތިލައްވާ ކެންޑިޑޭޓުން މިއަދު ގެންދަވަނީ އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ފޯމު ހުށަހަޅުއްވަމުންނެވެ. އެ ސަރަހައްދުގައި އެމްޑީޕީގެ އިސް ބޭފުޅުންނާއި މިދިޔަ ސަރުކާރުގައި މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ވެސް ހަރަކާތްތެރިވަމުންދެ އެވެ.
ބުނީ ކީކޭ؟ - ފޯމު ލުމުގެ ކަންކަން ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެ ސަރަހައްދުގައި ހުންނެވި ފައްޔާޒް މީޑިއާއާ ވާހަކަދައްކަވަމުން ވިދާޅުވީ:
-
އެމްޑީޕީން މަސައްކަތް ކުރާނީ އެ ޕާޓީން ކުރިމަތިލާ ހުރިހާ ގޮނޑިއެއް ވެސް ކާމިޔާބު ކުރަން ކަމަށް
-
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި 2019ގައި ލިބުނު ނަތީޖާ ނުވަތަ އެއަށް ވުރެ ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް ބެލެވޭ
ތަފްސީލް - "ސަރުކާރާ ދޭތެރޭގައި އޮތް އިތުބާރު މި ދެމަހެއްހާ ދުވަސް ތެރޭގައި ވަނީ ގެއްލިފައި. ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް މުޅި ދިވެހިރާއްޖޭގައި އެބަ ފެނޭ ރައްޔިތުން އެކަމާ ކަންބޮޑުވާތަން،" އެކަމުގެ ސަބަބުން އެމްޑީޕީއަށް ވޯޓު ގިނަވާނެކަން ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވި އެވެ.
ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ "ވާ ވައުދުތައް އެއްކޮޅުން އަނެއްކޮޅަށް ޖަހާފައި"، ވައުދުތައް މުޅިން ބަދަލުކުރެއްވުމަށް ފަހު، ކުރިން ވެސް ހުރި ގޮތަށް ހުންނެވި ކަމަށް ރައީސް ވިދާޅުވަމުންދާ ކަމަށް ވެސް ފައްޔާޒް ތުހުމަތު ކުރެއްވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި:
-
މި ސަރުކާރަކީ ދޮގުތައް ހަދައިގެން އޮޅުވާލައިގެން ވެރިކަމަށް އައި ސަރުކާރެއް، ނަމަވެސް ސަރުކާރުގެ ދޮގުތައް މިހާރު ދަނީ ހާމަ ވަމުން
-
މަޖިލިސް ސަރުކާރަށް ލިބިއްޖެއްޔާ އަނިޔާވެރި ވެރިކަމެއް ފެނިގެންދާނެ ކަން ރައްޔިތުންނަށް ވެސް ސާފުވޭ؛ މިހާރު ވެސް "އޮބި އެޅިފައި" އޮތީ މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓީ ނެތީމަ
-
އަނިޔާވެރި މަގަކުން ސަރުކާރު ދިޔަ ނުދިނުމަށްޓަކައި ރައްޔިތުން އެމްޑީޕީއަށް ރަނގަޅު އަދަދެއްގެ ވޯޓު ދޭނެ
"އަޅުގަނޑަށް ފެންނަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް އުނދަގޫ، ދަތި ހާލަކަށް ރައްޔިތުން ދާތަން. އެހެންވީމަ، މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ކުރުވަން ސަރުކާރާ އިދިކޮޅު ބައެއް ނެތް ކަމަށް ވެއްޖެއްޔާ ރައްޔިތުން ވަރަށް ނިކަމެތި ވެގެން ގޮސްދާނެ،" ފައްޔާޒް ވިދާޅުވި އެވެ.
އޭނާ ގަބޫލުކުރައްވާ ގޮތުގައި، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ އޮތް ކަމަށްވަންޏާ، 'މި ނާގާބިލު ސަރުކާރަށް މަޖިލީހުގެ ތެރެއިން ވެސް ގާބިލުކަން ގެނެވޭނެ މަސައްކަތް ކުރެވޭނެ' އެވެ.
ކޮމެންޓް (3)
ފަޔާ
ދިއާސް
ބޮޱު މާލެ