ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، 1 ނޮވެމްބަރު 2021 (ދައުރު ފޮޓޯ/އަނާމް އަޒްމީލް)

މޯލްޑިވިއަން

ޖާބިރަށް ވަގުތީ ގޮތުން ދަތުރުކުރުން މަނާކޮށް، މައްސަލަ ފުލުހަށް

މޯލްޑިވިންއައިން ބުނީ، އެކުންފުނީގެ އެންމެ އިސްކަމެއް ދޭ ކަމަކީ ކްރޫއިންނާއި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަަވަރުކުރުން ކަމަށާއި ޖާބިރުގެ އަމަލުތައް ބަލައިނުގަނެވޭ ކަމަށް

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މޯލްޑިވިއަންގެ ޕައިލެޓަކާއި ކްރޫންނާ ދިމާއަށް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް، އެމީހުންގެ ސަލާމަތަށް ނުރައްކާވާ ގޮތަށް އިއްޔެ އަމަލު ކުރި މައްސަލާގައި އެ ކުންފުނީގެ ފްލައިޓުތަކުން އޭނާއަށް ވަގުތީ ގޮތުން ދަތުރު ނުކުރެއްވޭ ގޮތް ހެދުމަށް އެ ކުންފުނިން ނިންމައިފި އެވެ. އަދި އެ މައްސަލަ އެ ކުންފުނީގެ ފަރާތުން މިހާރު ވަނީ ފުލުހަށް ވެސް ހުށަޅައިފަ އެވެ.

ވީ ކިހިނެއް؟ - މޯލްޑިވިއަންގެ ސީޕްލޭންގެ ޕައިލަޓަކާއި އެހެން ކްރޫންނަށް ވަރަށް ހުތުރުކޮށް ޖާބިރު މުއާމަލާތްކޮށް، އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އުނިކަން އަންނަ ގޮތަށް އަމަލު ކުރެއްވި ވީޑީއޯއެއް އިއްޔެ ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ.

ތަފްސީލު - މޯލްޑިވިއަންގެ އޮފިޝަލަކު މިއަދު 'ދައުރު'އަށް ވިދާޅުވީ ޖާބިރުގެ އަމަލުތަކުގެ ސަބަބުން އެދުވަހު އެ ބޯޓުގެ ޕައިލެޓާއި ކްރޫއިންގެ ސަލާމަތާއި ރައްކާތެރިކަން 'ކޮންޕްރޮމައިޒް'ވެފައިވާ ކަމަށެވެ. އަދި އެއީ އެ ކުންފުނިން އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެެ އެންމެ ބޮޑު ޕްރިއޯރިޓީ އަކީ [އިސްކަމެއް ދޭ ކަމަކީ] ކްރޫއިންނާއި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން. މިފަދަ ހާލަތްތަކުގައި އަމަލު ކުރާނެ ޕްރޮސީޖާއެއް އޮވޭ. އޭގެ ދަށުން އެ މައްސަލަ މިހާރު ވަނީ ފުލުހަށް ހުށަހަޅާފައި،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އެ ކުންފުނިން އެ މައްސަލަ ވަކިން ވެސް ބަލަމުން އަންނަ ކަމަށާއި ތަހުގީގުތައް ނިމެންދެން ޖާބިރަށް މޯލްޑިވިއަންގެ އެއްވެސް ފްލައިޓަކުން ދަތުރު ނުކުރެއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ، ޓެމްޕޮރަރީ ބޭންއެއް [ހިފެހެއްޓުމެއް]. ފިޔަވަޅު އަޅާނީ މައްސަލަ ތަހުގީގުކޮށް ނިމުމުން،" އޭނާ ވިދާޅުވި އެވެ.

ޝޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑީއޯއިން ފެންނަ ގޮތުގައި ސީޕްލޭނަށް އަރާ ޕްލެޓްފޯމް މަތީގައި ވަރަށް ބޮޑަށް ޖާބިރު ކޯފާވެ، ޕައިލެޓަށް އެކި އިންތިޒާރުދެއްވުމުގެ އިތުރަށް، ހުތުރު ބަހުރުވައިން ވާހަކަ ދައްކަވާ މަންޒަރު ފެނެ އެވެ. ޖާބިރު ވިދާޅުވެފައިވާ ގޮތުން އެ ޕައިލެޓް ހައްޔަރު ކުރަން ޖެހެ އެވެ. ޖާބިރު އެގޮތަށް އަމަލު ކުރެއްވި އިރު، ޕައިލެޓާއި ކްރޫއިން ކިޔަމެންތެރިކަމާ އެކު އެއްވެސް ރައްދެއް ނުދީ ތިބޭތަން ވެސް ފެނެ އެވެ.

މިކަމާ ގުޅިގެން ޖާބިރުގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް އޭނާގެ ބަހެއް އަދި ނުލިބެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާއަށް އިތުރު ދައުރަކަށް ވާދަ ކުރުމަށް ވެސް ޖާބިރު ވަނީ ނިންމާފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށް، އެޕާޓީގެ ޓިކެޓް ވެސް ޖާބިރު ކާމިޔާބު ކުރެއްވި އެވެ. ނަމަވެސް އޭގެ ފަހުން، އެ ޕާޓީން ވަނީ ޓިކެޓް އަތުލައި، ޕާޓީން އޭނާ ވަކިކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް