ވަޒީފާއާ ބެހޭ ގާނޫނުގެ މެންޑޭޓްތައް ބަހާލި ދެ މިނިސްޓްރީގެ މިނިސްޓަރުން (ކ-ވ): ހާޔާ އެޑިއުކޭޝަން މިނިސްޓަރު މާރިއާ އަދި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާން

ބިދޭސީންނާ ގުޅޭ މެންޑޭޓް ދެ މިނިސްޓްރީއެއްގައި އޮތުމުން މަޖިލީހަށް މައްސަލައެއް

ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ކަންކަން ހޯމްލޭންޑް ސެކިއުރިޓީގައި އޮތް އިރު، ވަޒީފާއާ ބެހޭ ގާނޫނާ ބެހޭ ގަވައިދުތައް ހެދުން ހަވަލާކޮށްފައި އޮތީ ހަޔާ އެޑިއުކޭޝަންއާ

ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ މެންޑޭޓް ދެ މިނިސްޓްރީއަކަށް ބަހާލާފައި ވާތީ، އެއީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ސަރުކާރުން އަމަލުކުރުން ކަމަށް ބުނެ، މަޖިލީހަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - މިއަދުގެ މަޖިލިސް ޖަލްސާއަށް މި މައްސަލަ އެމްޑީޕީގެ ފަރާތުން ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެވެ. 

ތަފްސީލު - އެ މައްސަލަ ބަލައިގެންފައި ވަނީ، 23 މެންބަރުންގެ ވޯޓާ އެކު އެވެ. ހަ މެންބަރަކު މައްސަލައާ ދެކޮޅަށް ވޯޓު ދެއްވި އެވެ.

ކުރިން އިކޮނޮމިކް މިނިސްޓްރީގެ ދަށުގައި އޮތް ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ  މެންޑޭޓް މި ސަރުކާރުން ކެބިނެޓް އެކުލަވާލިއިރު، ހަވާލުކޮށްފައި ވަނީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ދިވެހިރާއްޖޭގައި މަސައްކަތްކުރަން ބިދޭސީން ގެނައުމުގެ ކޯޓާ ދޫކުރުމާއި، ބިދޭސީން ގެނައުމަށް ހުއްދަ ދިނުމާއި، އެކަމާ ގުޅިގެން ކުރަން ޖެހޭ ކަންތައްތައް ރާވައި ހިންގުން.

އެކަމަކު ވަޒީފާއާ ބެހޭ ގާނޫނު ތަންފީޒުކުރުމަށްޓަކައި، ހަދަން ޖެހޭ ގަވައިދުތައް ހަދައި ހިންގުމުގެ މެންޑޭޓް މި ސަރުކާރުން ހަވާލުކޮށްފައި ވަނީ ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކްލިސް ޑިވެލޮޕްމަންޓް މިނިސްޓްރީއާ އެވެ.

އެ ދެ މެންޑޭޓް އެގޮތަށް ބަހާލާފައި ވާތީ، އެކަމުގެ ކަންބޮޑުވުން ހިސާން ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ވަޒީފާއާ ބެހޭ ގާނޫނުގެ 96 ވަނަ މާއްދާގައި އެ ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ހާލަތެއްގައި އެ ގާނޫނު ހިންގަން ހަދަން ޖެހޭ ގަވައިދުތައް ހަދާނީ މިނިސްޓަރުކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން:

  • ވަޒީފާއާ ބެހޭ ގާނޫނުގެ 97 ވަނަ މާއްދާގައި 'މިނިސްޓަރު'ކަމަށް ބުނެފައި އެވަނީ އެ ގާނޫނުގައި ވަޒީފާއާ ބެހޭ ކަންތައްތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެވަގުތަކު ހަވާލުކުރެވިފައިވާ މިނިސްޓްރީއެއް ހިންގުމާ ހަވާލުވެ ހުންނެވި ވަޒީރު ނުވަތަ އޭނާ ތަމްސީލުކުރާ ފަރާތަށް ކަމަށް ބަޔާންކޮށްފައިވޭ

  • އަދި މިނިސްޓްރީ ކަމަށް ބުނެފައި ވަނީ، ވަޒީފާއާ ބެހޭ ކަންތައްތައް ރެގިއުލޭޓް ކުރުމުގެ މަސްއޫލިއްޔަތު އެވަގުތަކަށް ހަވާލުކުރެވިފައިވާ މިނިސްޓްރީއަށް ކަމަށް ބުނެފައިވޭ

"ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، އެ ގާނޫނުގެ ދަށުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތެއް ދެ މިނިސްޓްރީ ދެމެދު ބަހާލައިގެން އަދައެއްނުކުރެވޭނެ،" ހިސާން ވިދާޅުވި އެވެ.

"ވަޒީފާއާ ބެހޭ ކަންތައްތައް ރެގިއުލޭޓްކުރުމުގެ މަސްއޫލިއްޔަތު އެވަގުތަކަށް ހަވާލު ކުރެވިފައިވާ މިނިސްޓްރީއަށާއި މިނިސްޓަރަށް ގާނޫނުން ދީފައިވާ ބާރު އެހެން މިނިސްޓްރީއަކަށް ނުވަތަ މިނިސްޓަރަކަށް ރައީސުލްޖުމްހޫރިއްޔާއަށް ހަވާލެއް ނުކުރެވޭނެ."

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ހިސާން (ފޮޓޯ/މަޖިލިސް)

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ހިސާން ދެކެވަޑައިގަންނަވާ ގޮތުގައި ވަޒީފާއާ ބެހޭ ގާނޫނުގެ ގަވައިދުތައް އެކުލަވާލައި ތަންފީޒުކުރުމުގެ ބާރު ދީފައިވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަަށް ކަމަށް ވުމުން، އެ މިނިސްޓްރީ ފިޔަވައި، އެހެން މިނިސްޓްރީއަކަށް އެ ގާނޫނުގެ ދަށުން ނިންމަން ޖެހޭ އެއްވެސް ނިންމުމެއް ނުނިންމޭނެ އެވެ.

"މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއަށް ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ބާރު ލިބިގެން ނިންމަން ޖެހޭ ނިންމުމެއް ނުވަތަ ހަދަން ޖެހޭ ގަވައިދެއް ނުހެދޭނެ،" މިހާރު ދެ މިނިސްޓްރީއާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު ފުށުއަރާކަން ހާމަކުރައްވަމުން ހިސާން ވިދާޅުވި އެވެ.

ކޮމެންޓް (1)

މުހައްމަދު

8 ފެބްރުއަރީ 2024
ވަޒީފާ އާއި ބެހޭ ގާނޫނު ތަންފީޒުކުރަން ހަވާކުރަންވީ މިނިސްޓްރީ އޮފް ފިނޭންސް އާއި. ހިންގުމުގެ ނިޒާމު ފުރިހަމަވާނީ އެއިރުން. ރައްޔިތުންގެ މަޖުލިސް މެމްބަރުން ކަންކަމާއިމެދު ފުންކޮށް ވިސްނާ ފިކުރުކޮށް ރައްޔިތުންނަށް ފަސޭހަވާގޮތަށް ގައުމުގެ ނިޒާމްތައް ބަދަލުކުރަން އެބަޖެހޭ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް