މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއްގައި ރޮޒޭނާ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ރޮޒައިނާ ނާކާމިޔާބީއަށް ފަހު ބުނީ ހައްގު ބަސް ބުނަން ގޮނޑިއެއް ބޭނުން ނުވާކަމަށް
ހައްގުބަސް ބުނަން 'ގޮނޑިއެއް ބޭނުމެއް ނުވާ' ކަމަށް ވިދާޅުވެ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމަށް ޓިކެޓި ގެއްލުނު އައްޑޫ މީދޫ ދާއިރާގެ މިހާރުގެ މެންބަރު ރޮޒައިނާ އާދަމް ފާޑުކިޔާ މީހުންނަށް ރައްދު ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ރޮޒައިނާ ވާދަކުރެއްވީ ފޭދޫ އުތުރު ދާއިރާއަށެވެ. އެ އިންތިހާބުން ރޮޒައިނާ އަށް ވީ ނާކާމިޔާބެވެ.
ތަފްސީލް - ޕްރައިމަރީގައި ރޮޒައިނާއަށް ލިބުނު ނާކާމިޔާބީ އާ ގުޅިގެން ފާޑުކިޔާ މީހުންނަށް ރައްދު ދެއްވާ އޭނާ މިއަދު 'އެކްސް' ގައި ވިދާޅުވީ، ސިޔާސީ މަސައްކަތް ކުރައްވަނީ ކުރާހިތުން ކަމަށާއި އެއީ އޭނާ ކާންބޯން ކުރާ މަސައްކަތެއް ނޫން ކަމަށެވެ.
"ހައްގު ބަސް ބުނާކަށް ގޮނޑިއެއް ބޭނުމެއް ނުވޭ. އެމްޑީޕީގައި ސާބިތުކަމާއެކު ހުރެ ބުނަން ޖެހޭ އެއްޗެއް ދެން ވެސް ބުނާނަން،" މީގެ ކުރިން18 ވަނަ މަޖިލީހުގައި ވެސް މީދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އަދި އޭގެ ކުރީ މަޖިލީހުގައި ތުލުސްދޫ ދާއިރާގެ މެންބަރުކަން ކުރެއްވި ރޮޒައިނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އަންހެނަކަށް ފުރައްސާރަކޮށް އެހާވަރު ބަޔަކު އަރުވާލައިގެން އުޅުމުން އެނގެނީ އޭނާއާ މެދު ބަޔަކު ޖެހިލުންވާ މިންވަރާއި ހިތުގައި އޮތް ނަފުރަތާއި ރުޅިވެރިކަމާއި ހަސަދަވެރިކަން ކަމަށެވެ.
"އެކަމަކު ސިޔާސީ ހަޔާތުގައި އެއްވެސް މީހަކާ ޒާތީ ގޮތުން އެއްޗެއް ބުނެފަ ނޯންނާނެ. ނުވެސް ބުނާނަން،" ރޮޒައިނާ ވިދާޅުވި އެވެ.
އެނގުން މުހިއްމު - ރޮޮޒައިނާ އާ ވާދަކުރައްވާ ފޭދޫ އުތުރު ދާއިރާގެ އެމްޑީޕީ ޓިިކެޓު ކާމިޔާބު ކުރެެއްވީ އަހުމަދު ޝަރީފް އެވެ.