ޗައިނާގެ ރީސާޗް އުޅަނދު ޝިއަންގް ޔެންގް ހޮންގް 3: މި ބޯޓު މި ހަފުތާގައި ރާއްޖެ އަންނާނެ ކަމަށް ބެލެވޭ

ރާއްޖެ-ޗައިނާ

ރާއްޖެ އަންނަ ޗައިނާ ބޯޓުގެ މައްސަލަ ބައިނަލްއަގުވާމީ ރާޑަރަށް ވެސް އަރައިފި

އިންޑިއާއިން ދެކޭ ގޮތުގައި ޗައިނާގެ 'ޝަންގް ޔަންގް ހޮންގް 3' ގެ މަސައްކަތަކީ ކުރިމަގުގައި އިންޑިއާ ކަނޑުގައި ސަބްމެރިންގެ އޮޕަރޭޝަންތަކަށް މަގުފަހިކުރުން
5 ފެބްރުއަރީ 2024
6

ދިވެހި ސަރުކާރުން ބުނާ ގޮތުގައި ޗައިނާގެ 'ޝަންގް ޔަންގް ހޮންގް 3' ރާއްޖޭގައި ބަނދަރުކޮށްފައި އޮންނަ އިރު އެއްވެސް ކަހަލަ ދިރާސާއެއް ނުކުރާނެ އެވެ. ނަމަވެސް މި ބޯޓު ރާއްޖެ އަންނަން ހުއްދަ ދިނުމާ އެކު އިންޑިއާ ވަނީ ރުޅިއައިސްފަ އެވެ. އަދި މިހާރު މި ބޯޓުގެ މައްސަލަ ބައިނަލްއަގުވާމީ މައުލޫއަކަށް ވެސް ވެއްޖެ އެވެ.

މިއަދު ބީބީސީގައި ޖެހި ރިޕޯޓެއްގައި ސިފަކުރި ގޮތުން ނަމަ ޗައިނާގެ ބޯޓު ރާއްޖެ އަންނަން ދިން ހުއްދައާ އެކު ޗައިނާ އާއި އިންޑިއާ އަދި ރާއްޖެއާ ދެމެދު މި އޮތީ ހޫނު މައްސަލައެއް ފެންމަތިވެފަ އެވެ.

މިދިއަ މަހު ފަހުކޮޅު ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ ޝަންގް ޔަންގް ހޮންގް 3 ރާއްޖޭގައި މަޑުކުރަނީ ފަޅުވެރިން ބަދަލުކުރާށާއި ބޯޓަށް ބޭނުންވާ ކާނާ އެރުވުމަށް ކަަމަށެވެ. އަދި ރާއްޖެ އަންނަނީ ދިރާސާއެއް ހަދަން ނޫން ކަމަށް ވެސް، އެ ބަޔާނުގައި ބުންޏެވެ.

ނަމަވެސް ޗައިނާގެ އަސްކަރީ ނުފޫޒު އިންޑިއާ ކަނޑަށް ފެތުރިދާނެތީ އަބަދުވެސް ޖެހިލުންވާ އިންޑިއާއިން ދެކޭ ގޮތް ތަފާތެވެ. އިންޑިއާއިން ގަބޫލުކުރަނީ ޗައިނާގެ އުޅަނދުގެ މަގުސަދަކީ އިންޑިއާ ކަނޑުގައި ޗައިނާގެ ސަބްމެރިންތައް ބޭނުންކުރާނެ މައުލޫމާތު އެއްކުރުމެވެ.

އިންޑިއާ އާއި ހުޅަނގުގެ ގައުމުތަކުން ބަލަނީ ޝަންގް ޔަންގް ހޮންގް 3 ފަދަ ދިރާސާ ބޯޓުފަހަރުން ޖާސޫސްކުރާ ކަމަށެވެ.

ރައީސް މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ޝީ ޖިންޕިން ރާއްޖޭގެ ވަފުދާ ބައްދަލުކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

މިއަދު އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން ރައީސް މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލިހުގައި އިއްވަވާނެ އެވެ. އެކަމަކު ބައިނަލްއަގުވާމީ ރާޑަރަށް ރާއްޖެ އަރާފައި މި އޮތީ ކުރިއަށް އޮތް އަހަރު ރާއްޖޭގެ ކުރިއެރުމުގެ އުއްމީދީ ވާހަކަތަކާ ގުޅިގެންނެއް ނޫނެވެ. އެއަށް ވުރެ ބައިނަލްއަގުވާމީ ގޮތުން ނާޒުކު މައްސަލަގަނޑެއްގެ ތެރެއަށް ރާއްޖެ ވަދެފައި އޮތް ހަބަރެވެ. 

"އިންޑިއާ ކަނޑުގައި ޗައިނާގެ ބޯޓުތަކުން ސައިންޓިފިކް ދިރާސާތައް ކުރިއަށް ގެންދޭ. އެ ކަނޑުގައި އެ ކުރާ ދިރާސާތަކަކީ އެއްވެސް މައްސަލައެއް ނޫން،" ޗައިނާގެ އަސްކަރީގައި ކާނަލެއްގެ މަގާމު ފުރުއްވި އަދި މިހާރު ޗައިނާގެ ޔުނިވަސިޓީއެއްގައި ދިރާސާގެ މަސައްކަތްކުރައްވާ ޒޫ ބޯ، ބީބީސީއާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ކުރިން މި ބޯޓު ދާން އޮތީ ސްރީ ލަންކާއަށެވެ. ނަމަވެސް އިންޑިއާގެ ބާރުއެޅުމުގެ މަތިން ލަންކާއިން ވަނީ ފަހު ވަގުތު ހުއްދަ ނުދީފަ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިދިއަ މަހު 23ގައި ބުނީ ރާއްޖެއިން އެ ބޯޓަށް ހުއްދަ ދިނީ ޗައިނާއިން އެދުނު ރަސްމީ އެދުމެއްގެ މަތިން ކަމަށެވެ. ޗައިނާގެ އެ އެދުން އައީ ރައީސް މުހައްމަދު މުއިއްޒު ބޭރު ގައުމަކަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅު ޗައިނާއަށް ކުރެއްވިތާ މާ ގިނަ ދުވަހެއް ނުވެ އެވެ.

މިހާރު ބެލެވޭ ގޮތުގައި ޗައިނާގެ ބޯޓު އަންނަ ބުރާސްފަތިދުވަހު މާލޭގައި ބަނދަރުކުރާނެ އެވެ. އެ ބޯޓު މިދިއަ މަހު 22ގައި ވަނީ އިންޑޮނީޝިއާއިން ފުރައިފަ އެވެ.

ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާގެ ބޮޑެތި ބައެއް ކުންފުނިތަކުގެ ވެރިންނާ ބައްދަލުކުރައްވަނީ (ފޮޓޯ/ ރައީސް އޮފީސް)

ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސަތަކީ އިންޑިއާއަށް ވުރެ ޗައިނާއާ ގާތް ގުޅުން ބޭއްވުންކަން އެނގެ އެވެ. ބީބީސީން ރިޕޯޓްކުރި ގޮތުގައި އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހު އިންޑިއަން ހައި ކޮމިޝަނުން މާލޭގައި ބޭއްވި ރަސްމިއްޔާތަކަށް ސަރުކާރުގެ މަތީ އެއްވެސް ވެރިޔަކު ވަޑައިނުގަތުމަކީ ވެސް، އިންޑިއާގެ ހިތްހަމަނުޖެހުމެކެވެ.

މިދިއަ ބުދަދުވަހު އުތުރުން ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ރާއްޖޭގެ ދޯނިތަކަކަށް އިންޑިއާގެ ކަނޑުގެ ސިފައިން އެރި އެވެ. އެކަމާ މެދު އިންޑިއާއިން ރަސްމީކޮށް ލިއުމުން ޖަވާބުދޭން ރާއްޖެއިން އެދުނު އެދުން އަދިވެސް އޮތީ އިންޑިއާ ފަޅީގަ އެވެ.

އިންޑިއާގެ މި އަމަލަކީ ޗައިނާގެ ބޯޓު ރާއްޖެއަށް ބަނދަރުކުރަން ދިން ހުއްދައާ ގުޅިފައި އޮތް ހިތްހަމަނުޖެހުމެއްގެ ގޮތުގައި ބެލެވިދާނެ އެވެ.

އިންޑިއާ ސިފައިން މިދިޔަ ބުދަދުވަހު ދިވެހި މަސްދޯންޏަކަށް އަރާ ބާލާ ފާސްކުރުމުގެ ތެރެއިން

ތަޖުރިބާކާރުން ބުނާ ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް އިންޑިއާ ކަނޑަށް ޗައިނާގެ ދިރާސާ ބޯޓުތައް ދަތުރުކުރާނެ އެވެ. އޭގެ އެންމެ ބޮޑު ބޭނުމަކަށް ވަނީ އިންޑިއާ ކަނޑުގައި ޗައިނާގެ ވިޔަފާރީގެ މަސްލަހަތުތައް ހިމާޔަތްކުރުމެވެ. ނަމަވެސް އިންޑިއާއިން އަބަދުވެސް އޮތީ ޗައިނާއަށް ފާރަވެރިވެގެންނެވެ. އެހެންކަމުން އެފަދަ ބޯޓުތަކުގެ ދަތުރުތަކުގެ އަސްލު ނިޔަތަކީ އަސްކަރީ ގޮތުން އިންޑިއާ ކަނޑުގައި ޗައިނާގެ ނުފޫޒު ވަރުގަދަކުރުން ކަމަށް ދެކެ އެވެ.

ރާއްޖެއަށް އޮތް ނުރައްކަލަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު އަދި އިގުތިސާދީ ގޮތުން ވެސް އެހާމެ ނުފޫޒު ގަދަ ދެ ގައުމެއްގެ މި ތެޅުމުގެ ތެރެއަށް އެނގިގެންނާއި ނޭނގި ނަމަވެސް ވަނުމެވެ. ޝަންގް ޔަންގް ހޮންގް 3އާ މެދު ދިވެހި ސަރުކާރުން އާދައިގެ ގޮތަކަށް ބެލިކަމުގައި ވިޔަސް ބައިނަލްއަގުވާމީ ނަޒަރިއްޔާތު ވަރަށް ތަފާތެވެ.

ކޮމެންޓް (6)

ރާއްޖެ

6 ފެބްރުއަރީ 2024
ބައިނަލްއަޤުވާމީ ރާޑަރަށް އަރަންވީ ރާއްޖޭގެ ސަރަހައްދަށް ބޭރުގެ ސިފައިން ވަދެ ރާއްޖޭގެ މީހުނަށް ބިރުދައްކާވާކަ
8 1

ރެއްކަބޭ

6 ފެބްރުއަރީ 2024
ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެއްކަމުގައިވިޔަސް ރާއްޖެއަކީ އަނގަޔާއި ައަތާއި ދިމާނުވާ ގައުމެއްކަން ދަންނަންޖެހޭނެ. އަމިއްލަ ފައިމައްޗަށް ނުތެދުވެ ދުނިޔޭގެ ގައުމުތަކުން ދިނީމައި ކައިގެން ބޮއެގެން އުޅޭގައުމެއްް ދުނިޔޭން ބުނާގޮތާއި އިދިކޮޅަށް އުޅުނީމަ ނަތީޖާ ވަރަށް ހިތިވާނެ.
4 6

ޤައުމު

6 ފެބްރުއަރީ 2024
@ރެއްކަބޭ ޢަސްތަޣުފިރުﷲ، ތިފަދައިން ބުނުން ހުއްދަވެގެން ނުވޭ. އެހެނީ ތިމާއަށް ރިޒްޤު ދެއްވާ ގަރާތަކީ ﷲ ސުބްހާނަހޫ ވަތަޢާލާ ނޫން ފަރާތެއް ކަމުގައި ޤަބޫލްކޮށްފިމީހާގެ ކިބައިން އީމާންކަން ނަފީވެގެންވެއެވެ. ތިބާ ތިޔަބިނީ ހަމަޔަޤީނުންވެސް ބާތިލު ބަހެކެ. ތިބާ ﷲ އަށް ތައުބާވުމަށް ނަސޭހަތްތެރިވަމެވެ.
7 0

އަލީ

5 ފެބްރުއަރީ 2024
މިފަހަރު ތިބޯޓް ގެންނަން ޖެހޭނެ ކޮންމެ ގޮތެއް ހަދާފަ ނަމަވެސް. އިންޑިޔާ ސިފައިން ދިވެހި ދޯނިތަކަށް އަރައި ބުލީކޮށް ބޭނުންހައި ކަމެއް ކުރާއިރު ދިވެހިންނަށްވެސް އިންޑިޔާ ސައިޒް ކުރެވޭނެކަން އަންގާލަންވެއްޖެ
7 1

ރަދުން

5 ފެބްރުއަރީ 2024
ޗައިނާ ބޯޓު ރާއްޖެ އައިސް ކޮންމެ ދިރާސާއެއް ކުރިޔަސް އެއީ އިންޑިއާ އާ ބެހޭ ކަމެއް ނޫން. ރާއްޖެ އަކީ މިނިވަން މުސްތަޤިއްލު ގައުމެއް. ރާއްޖޭގެ ސަރަހައްދާ ގުޅޭ ކަންކަން ނިންމާނީ ރާއްޖެއިން. އެކަމާ ބޮޑާހާކާ ދިވެހި ކަނޑަށް ހުއްދަނެތި ވަދެ މަސްވެރިންނަށް ބިރު ދެއްކުމަކީ އިންޑިއާގެ ދެފުއް ދެގޮތް ކަން.
26 2

ޢަލީބެ

5 ފެބްރުއަރީ 2024
ތިކިޔާ ބައިނަލް އަގުވާމީ ނަޒަރިއްޔާތު ފަލަސްތީނުން ވަރަށް ރަނގަޅަށް ފެނޭ.
26 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް