ޗައިނާގެ ރީސާޗް އުޅަނދު ޝިއަންގް ޔެންގް ހޮންގް 3.
ޗައިނާގެ ބޯޓު އަންނަނީ ހުއްދަ ނަގައިގެން؛ ދިރާސާއެއް ނުކުރާނެ: މިނިސްޓްރީ
ދިރާސާތަކަށް ބޭނުންކުރާ ކަމަށް ބުނާ ޗައިނާގެ އުޅަނދެއް ކަމަށްވާ 'ޝަންގް ޔަންގް ހޮންގް 3' ރާއްޖެއަށް އަންނަނީ ދިރާސާއެއް ކުރަން ނޫން ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ޗައިނާގެ މި އުޅަނދު ރާއްޖެއަށް މިސްރާބު ޖެހުމާ އެކު އިންޑިއާއިން އަންނަނީ އެ ބޯޓުގެ ރާސްތާ ބަލަމުންނެވެ. އިންޑިއާއިން ތުހުމަތުކުރާ ގޮތުގައި އެއީ ޗައިނާގެ 'ސްޕައި' ނުވަތަ ޖާސޫސްކުރާ ބޯޓެކެވެ.
ކަނޑު އުޅަނދުފަހަރުގެ މޫވްމަންޓް ބަލާ 'ވެސެލްފައިންޑާ' ވެބްސައިޓުން ދައްކާ ގޮތުގައި، މީގެ 22 ގަޑިއިރު ކުރިން އެ ބޯޓު އޮތީ އިންޑޮނީޝިއާގަ އެވެ. އަދި މިހާރު ދަތުރުކުރަމުން އަންނަނީ ރާއްޖެއަށް ކަމަށާއި އަންނަ މަހުގެ 8ގައި އެ ބޯޓު މާލޭގައި ބަނދަރުކުރާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
މިދިޔަ ހަފްތާގައި މި ބޯޓު ސްރީ ލަންކާގައި ވެސް ބަނދަރުކުރަން އުޅުނެވެ. ނަމަވެސް އިންޑިއާއިން އެކަމާ ދެކޮޅު ހަދަން ފެށުމުން ލަންކާއިން ހުއްދައެއް ނުދިނެވެ.
ބުނީ ކީކޭ؟ - މިކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އުޅަނދު ރާއްޖެއަށް އައިސް ޕޯޓް ކޯލެއް ކުރަން ޗައިނާ ސަރުކާރުގެ ފަރާތުން ޑިޕްލޮމެޓިކް ރިކުއެސްޓެއް ފޮނުވި ކަމަށެވެ.
އެ ދަތުރުގެ ބޭނުމަކީ، ފޮރިން މިނިސްޓްރީން ބުނި ގޮތުގައި؛
-
ސްޓޮކް އާކުރުން
-
ފަޅުވެރިން ބަދަލުކުރުން
ތަފްސީލު - ފޮޮރިން މިނިސްޓްރީން ބުނީ އެކުވެރި ގައުމުތަކުގެ މަދަނީ އަދި އަސްކަރީ އުޅަނދުފަހަރަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަމުން އަންނަ ކަމަށެވެ. އަދި މިފަދަ ޕޯޓް ކޯލްތަކުގެ ސަބަބުން ރާއްޖެ އާއި އެހެން ގައުމުތަކާ ދެމެދު އޮންނަ ބައިލެޓްރަލް ގުޅުން ބަދަހިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ބަޔާނުގައި ބުނީ މިފަދަ ކަންކަމުގައި ރާއްޖެއިން އަބަދުވެސް ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްތަކާއި މެރިޓައިމް ގާނޫނުތަކާ އެއްގޮތަށް އަމަލުކުރާ ކަމަށެވެ.
އެނގުން މުހިންމު - ޗައިނާގެ ޝަންގް ޔަންގް ހޮންގަކީ ސީދާ އަސްކަރީ އުޅަނދަކަށް ނުވި ނަމަވެސް، ރޮއިޓާސްއިން ބުނާ ގޮތުގައި އެ އުޅަނދުގެ ދިރާސާތައް އަސްކަރީ ކަންކަމުގައި ބޭނުންކުރެ އެވެ. އިންޑިއާއިން މި އުޅަނދާ މެދު ކަންބޮޑުވާ މައިގަނޑު ސަބަބަކީ ވެސް އެއީ އެވެ.
ޗައިނާގެ މި އުޅަނދު ދަތުރުކުރާ މިސްރާބު ބަރާބަރަށް ބަލަމުން އަންނަ ކަމަށް، އިންޑިއާގެ އަސްކަރީ އޮފިޝަލު ވަނީ ރޮއިޓާސްއަށް ކަށަވަރުކޮށްދީފަ އެވެ.
ކޮމެންޓް (1)
ތެފައާސާ.