ޗައިނާގެ ރީސާޗު އުޅަނދު ޝިއަންގް ޔެންގް ހޮންގް 3.

ޗައިނާ

ޗައިނާގެ އުޅަނދެއް ރާއްޖެ އަންނާތީ އިންޑިއާއިން ފޯރިމަރަން ފަށައިފި

މިއީ އަސްކަރީ އުޅަނދަކަށް ނުވިޔަސް، މި އުޅަނދުން ހަދާ ދިރާސާތައް އަސްކަރީ ކަންކަމުގައި ބޭނުންކުރެވޭނެ ކަމަށް ބުނެ އިންޑިއާއިން ކަންބޮޑުވޭ؛ މި އުޅަނދު ރާއްޖޭގައި ބަނދަރުކުރާނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ މަހުގެ 8ގައި

ދިރާސާތަކަށް ބޭނުންކުރާ ކަމަށް ބުނާ ޗައިނާގެ އުޅަނދެއް ކަމަށްވާ 'ޝަންގް ޔަންގް ހޮންގް 3' ރާއްޖެ އަންނާތީ އިންޑިއާއިން މި ސަރަހައްދުގައި ފޯރިމަރަން ފަށައިފި އެވެ. އިންޑިއާއިން ސިފަކުރާ ގޮތުގައި މިއީ ޗައިނާގެ 'ސްޕައި' ބޯޓެކެވެ.

ވީ ކިހިނެއް؟ - ކަނޑު އުޅަނދުފަހަރުގެ މޫވްމަންޓް ބަލާ 'ވެސެލްފައިންޑާ' ވެބްސައިޓުން ދައްކާ ގޮތުގައި، މީގެ 22 ގަޑިއިރު ކުރިން އެ ބޯޓު އޮތީ އިންޑޮނީޝިއާގަ އެވެ. އަދި މިހާރު ދަތުރުކުރަމުން ދަނީ ރާއްޖެއަށް ކަމަށާއި އަންނަ މަހުގެ 8ގައި އެ ބޯޓު މާލޭގައި ބަނދަރުކުރާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

ތަފްސީލު - އިންޑިއާގެ އަސްކަރީ އޮފިޝަލަކާއި މިނިވަން ދިރާސާކުރާ ފަރާތަކާ ހަވާލާދީ ރޮއިޓާސްއިން ބުނީ ޗައިނާގެ މި އުޅަނދުގެ މޫވްމަންޓާ މެދު އިންޑިއާއިން ކަންބޮޑުވެދާނެ ކަމަށެވެ. އެގޮތުން:

  • މީގެ ކުރިން، 2022 ވަނަ އަހަރު ސްރީ ލަންކާއަށް މި އުޅަނދު ވަނުމަށް ވެސް އިންޑިއާއިން ދެކޮޅު ހެދި؛ އެއާ ގުޅިގެން ލަންކާ އިން އެ ބޯޓަށް ހުއްދައެއް ނުދޭ

  • މިދިޔަ ހަފްތާގައި ވެސް އެ އުޅަނދު ވަންނަން އުޅުމުން ލަންކާއިން އެ ކަމަށް ހުއްދަ ނުދިނީ އިންޑިއާއިން ދެކޮޅު ހެދުމުން

ޝަންގް ޔަންގް ހޮންގަކީ ސީދާ އަސްކަރީ އުޅަނދަކަށް ނުވި ނަމަވެސް، ރޮއިޓާސްއިން ބުނާ ގޮތުގައި އެ އުޅަނދުގެ ދިރާސާތައް އަސްކަރީ ކަންކަމުގައި ބޭނުންކުރެވެ އެވެ. އިންޑިއާއިން މި އުޅަނދާ މެދު ކަންބޮޑުވާ މައިގަނޑު ސަބަބަކީ އެއީ އެވެ.

ޗައިނާގެ މި އުޅަނދު ދަތުރުކުރަމުންދާ މިސްރާބު ބަރާބަރަށް ބަލަމުން އަންނަ ކަމަށް، އިންޑިއާގެ އަސްކަރީ އޮފިޝަލު ވަނީ ރޮއިޓާސްއަށް ކަށަވަރުކޮށްދީފަ އެވެ.

އެނގުން މުހިންމު - އަވަށްޓެރި ލަންކާ އިން ހުއްދަ ނުދިން ޗައިނާގެ ބޯޓެއް ރާއްޖެއަށް ދަތުރުކުރަމުން އަންނައިރު، މި ސަރުކާރުން ބޮޑަށް ގުޅުން ބާއްވަނީ ޗައިނާއާ އެކު އެވެ. އެގޮތުން، ރައީސް މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ފުރަމާނަ ދަތުރުފުޅެއްގައި ވަނީ ވެސް ޗައިނާ އަށެވެ.

އިންޑިއާއާ އެކު އޮންނަ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި ވާއިރު، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަންނަ 15 މާޗުގެ ކުރިން ބާލަން ވެސް ރާއްޖޭން ވަނީ އަންގާފަ އެވެ. އަދި ރާއްޖޭގެ ކަނޑުތަކުގެ ދިރާސާ ހަދަން އިންޑިއާއާ އެކު މިދިޔަ ސަރުކާރުން އެކުލަވާލި އެއްބަސްވުން ވެސް މި ސަރުކާރުން ވަނީ އާ ނުކުރަން ނިންމާފަ އެވެ.

ކޮމެންޓް (1)

އަޔޯދްޔާ

23 ޖެނުއަރީ 2024
އަޖާއިބު އަންތަރީސް. އިންޑިއާއިން ރާއްޖެ ސަރަހައްދުގެ ހައިޑްރޯގްރަފީ ސާވޭތައް ހެދި އިރު ޗައިނާ އިން ނޫޅޭ މޭ ކަރާވަރުން. ގައިމު އެ ސާވޭތަކުން އެއްކުރެވޭ މައުލޫމާތަކީ ވެސް އަސްކަރީ ގޮތުން އިންޑިއާ އަށް ބޭނުން ހިފޭނެ މައުލޫމާތު
5 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް