މަމްދޫހު މިއަދު ހައިކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޭނާގެ ވަކީލު ޝާހް އާއެކު

މަމްދޫހުގެ މުދާތައް ހިފަހައްޓަން ކުރި އަމުރު ބާތިލުކުރެވޭކަށް ނެތް: ހައި ކޯޓް

ހަންބޯ މޯލްޑިވްސް ކުންފުނި ބޭނުންކޮށްގެން އެ ކުންފުނީގެ ކުރީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)، ކޭ-ޕާކްގެ ފްލެޓްތައް މަކަރާއި ހީލަތުން ނުއަގުގައި ވިއްކައިގެން ހޯދާފައިވާ ކަމަށް ބެލެވޭ، މުދާތަކެއް ހިފަހައްޓަން ހުޅުމާލެ ކޯޓުން ނެރެފައިވާ އަމުރު ބާތިލުކުރެވޭނެ ތަނެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މިގޮތަށް ނިންމީ، އެ އަމުރު ބާތިލުކޮށްދިނުމަށް އެދި މަމްދޫހުގެ ފަރާތުން ހައި ކޯޓުގައި ކޮށްފައިވާ އިސްތިއުނާފް މައްސަލާގައި މީގެ ކުޑައިރުކޮޅެއް ކުރިން ކުރި ހުކުމުގަ އެވެ.

މިދިޔަ ނޮވެމްބަރުގެ ތެރޭގައި ހުޅުމާލެ ކޯޓުން ނެރުނު މުދާ ހިފެހެއްޓުމުގެ އަމުރު މަމްދޫހުގެ ފަރާތުން އެންެމެ ފުރަތަމަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެއީ އެ ކޯޓަށް ބަލައިގަނެވޭނެ މައްސަލައެއް ނޫން ކަމަށެވެ. އެކަމަކު ރަޖިސްޓްރާގެ ނިންމުން މަމްދޫހުގެ ފަރާތުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރުމުން، އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިދިޔަ މަހު ވަނީ އެ މައްސަލަ ބަލައިގަންނަން ނިންމައިފަ އެވެ. 

ބުނީ ކީކޭ؟ - އެ މައްސަލަ ހައި ކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ރިޔާސަތު ފަނޑިޔާރު އަބްދުލްމާނިއު ހުސައިންގެ ރައުޔުގައި ވިދާޅުފައިވަނީ:

  • މަމްދޫހުގެ ފަރާތުން ފާހަގަކުރާ ކަންކަން ދަށު ކޯޓަށް ހުށަހަޅައި އެކަންކަމާ މެދު ގޮތެއް ނިންމައިދިނުމަށް އެދުމުގެ ފުރުސަތު އޮތަސް އެކަން އެގޮތަށް މަމްދޫހުގެ ފަރާތުން ކޮށްފައެއް ނުވޭ

  • ހައި ކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ދިފާއުތަކާއި ހެކިތަކަށް ބަލައިގެން 

  • އެކަމަކު އެ މައްސަލާގައި މަމްދޫހް ފާހަގަކުރާ ކަންކަމަކީ ދަށު ކޯޓަށް ހުށަހަޅައި ގޮތް ނިންމާފައިވާ ކަންކަން ނޫންކަމުން، ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފްގައި ފާހަގަކުރާ ނުކުތާތައް ބަލައި ވަޒަންކޮށް މި ކޯޓަށް ގޮތް ނިންމި ދާނެ ކަމަކަށް ނުދެކެން

"ބަޔާންވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން ހުށަހެޅިފައި މިވާ އިސްތިއުނާފަށް ބިނާކޮށް، ހުޅުމާލެ ކޯޓުގެ އަމުރު ބާތިލުކުރާނެ ތަނެއް ނެތްކަން ކަނޑައަޅަން ފެނޭ،" ފަނޑިޔާރު އަބްދުލްމާނިއުގެ ރައުޔުގައި ވިދާޅުވި އެވެ.

މި ރައުޔުއަށް އެ މައްސަލަ ހައި ކޯޓުގައި ބެއްލެވި ބެންޗުގައި ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު ހުސެއިން މަޒީދު ތާއިދުކުރެއްވި އެވެ.

މި އަމުރު ނެރެފައިވަނީ، މަނީ ލޯންޑްރިން އަދި ޓެރަރިޒަަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ނެރެފައިވާ އަމުރެކެވެ.

ޓެރަރިޒަަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 51 ވަނަ މާއްދާ އަކީ، ވަގުތީ ފިޔަވަޅު އެޅުމާއި ފައިސާ ނުވަތަ މުދަލުން މުއާމަލާތުކުރުން ހުއްޓުވުމާއި ހިފެހެެއްޓުމުގައި އަމަލުކުރާނެ ގޮތެވެ. އެގޮތުން، އެ މާއްދާގައި ބުނަނީ: 

  • އެ ގާނޫނުގެ ދަށުން ދައުލަތަށް ނެގިދާނެ ފައިސާ ނުވަތަ މުދަލާ މެދު ވަގުތީ ފިޔަވަޅުތައް އެޅުމުގެ ބާރު، ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިގެންވޭ 

  • އެ ވަގުތީ ފިޔަވަޅުތަކުގެ ތެރޭގައި ކޯޓު އަމުރެއްގެ ދަށުން އެ ފައިސާއެއް ނުވަތަ މުދާ ވަކި މުއްދަތަކަށް ހިފެހެއްޓުމާއި އެ ފައިސާ ނުވަތަ މުދަލުން މުއާމަލާތްކުރުން ހުއްޓުވުން ހިމެނޭ

ގުޅުންހުރި ކަމެއް - މަމްދޫހުގެ މުދާތަކުގެ ތެރެއިން ހިފެހެއްޓި ތަކެތީގެ ތެރޭގައި އޭނާ އާއި އޭނާގެ އަންހެނުން ދިރިއުޅެމުންދާ ގާތްގަނޑަކަށް 8 މިލިއަން ރުފިޔާގެ އަގުހުރި ޕެންޓްހައުސް ވެސް ހިމެނެ އެވެ.

ތަހުގީގުގައި އެ ތަނުން ހޯދި ތަކެތީގެ ތެރޭގައި:

  • 200 ސެންޓު ފުޅި

  • 40،000 - 50،000ރ.ގެ އަގުހުރި އަތްދަބަސްތަކެއް 

  • 10،000 - 25،000 ޑޮލަރުގެ އަގުބޮޑު ގަހަނާތަކެއް

އެންމެ ފަހުން ޕީީޖީ ހުސެއިން ޝަމީމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މަމްދޫހު އިސްކޮށް ހުރެ، ކޭޕާކުގެ 41 އެޕާޓްމަންޓް 107 މީހުންނަށް ވިއްކާފައިވާ ކަމަށާއި އެ އަދަދުތަކަށް ބަލާއިރު އެއް އެޕާޓްމަންޓް އެތައް ބަޔަކަށް ވިއްކައި ފައިސާ ނަގާފައިވާ ކަމަށެވެ.

މި މައްސަލާގައި އޭނާގެ މައްޗަށް 200 އަށް ވުރެ ގިނަ ދައުވާ ކޮށްފައިވާއިރު، މަމްދޫހުގެ މައްޗަށް އެކަނިވެސް 100 އަށް ވުރެ ގިނަ ދައުވާ ކުރަން މިމަހުގެ 13ގައި ކްރިމިނަލް ކޯޓަށް ޕީޖީ އޮފީޙުން ވަނީ ހުށަހަޅާފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް